ޝާއިއު ކުރެވުނީ: މެއި 22, 2024 ލިޔުނީ: ޑރ. ޝިފާން ކޮމެންޓްތައް: 0

ތައާރަފް

އުރަމަތީގެ ކެންސަރު ގެ ފަރުވާގެ ބައެއްގެ ގޮތުގައި ގިނަފަހަރު ކިހިލިފަތް ދޮށުގައިވާ ގޮށް ތަކުގެ (ބޮޑު) ބައެއް ނަގައެވެ. މިފަދަ ފަރުވާއަކަށް ފަހު އަތް ދުޅަވުން ދިމާވެއެވެ. އަދި ކިހިލިފަތަށާއި، އުރަމައްޗަށް ރޭޑިއޭޝަން ދިނުމުން މިފަދަ އިން އަތް ދުޅަވުން އިތުރުވެދެއެވެ. މިމައްސަލަ އަކީ ދާއިމީ ކަމެކެވެ. އެއްކޮށް ހައްލުކުރުމަށް ދަތި މައްސަލައެކެވެ. ނަމަވެސް މިފަދަ ކަމެއް ފެށުނަނުދިނުމަށް އެޅިދާނެ ފިޔަވަޅު ތަކެއް ހުރެ އެވެ. އަދި ފެށިއްޖެނަމަ މި މައްސަލަ އިތުރަށް ގޯސްވިޔަ ނުދީ ބެލެހެއްޓުމަށް އެޅިދާނެ ފިޔަވަޅު ތަކެއް ވެއެވެ. ކުރީކޮޅުގައި އަޅާނުލެވިއްޖެނަމަ، ”ލިންފްއެޑީމާ“ އިތުރަށް ގޯސްވެދެއެވެ.

”ލިންފެޓިކް ސިސްޓަމް“ އަކީ ކޮބާ؟

މިއީ ގޮށްތަކަކާ އެކު ކުދިކުދި ލޭހޮޅީތަކަކުން އެކުލެވޭ ނިޒާމެކެވެ. މިއީ މައިގަނޑު ގޮތެއްގައި ހަށިގަނޑުގައި ލޭދައުރުކުރުމާ އެކު ދިފާއީ މުހިއްމުރޯލެއްއަދާކުރާ ނިޒާމެކެވެ. އަދި ހަށިގަނޑުގެ އެކިހިސާބުން ތަޣައްޔަރުވެފައިވާ މާއްދާތައް ހަށިގަނޑުން ސާފުކުރާ ”ފިލްޓަރެއްގެ“ މުހިއްމު ރޯލުވެސް މި ނިޒާމުން އަދާކުރެއެވެ.

އަތްދުޅަވާންދިމާވާ ސަބަބު:

އުރަމަތީ ގެ ކެންސަރު ގެ އޮޕަރޭޝަން ކުރުމުގައި، ޓިއުމަރ ނެގުމަށް ފަހު އެންމެކައިރީގައިވާ ގޮށްތައް ނަގައެވެ. މިފަދަ އިން ކަންކުރުމުން ދައުރުކުރަމުން ދިޔަ“ލިންފް“ ގެ މަގަށް ހުރަސް އެޅި، މި ދިޔަ ޖަމާވެއެވެ. ބޭރުފުށުން ދުޅައެއްގެ ސިފައިގަ ފެންނަން ފަށައެވެ. މިފަދައިން ދުޅަ އަތުގަ(ބައެއްފަހަރު ދެއަތުގަ)، ފައިގަ(ބައެފަހަރު ދެފައިގަ)، ކަރާ މޫނުގެ ހިސާބުތަކުގައި، އުކުޅުވަޅު އަދި ބަނޑުގެ ހިސާބުތަކުން ފެނުން އެކަށީގެން ވެއެވެ. ދުޅަ އިތުރުވެ، ދުޅަވެފައިވާ ހިސާބުތަކުގައި ފާރުކޮޅު ޖަހައެވެ. އަދި ފަރުވާ ނުލިބިއްޖެނަމަ މިފަދަ ފާރުކޮޅުތަކުގައި ޖަރާސީމުއަށަ ގަނެއެވެ.

ގިނަފަހަރު އުރަމަތީގެ ކެންސަރުގެ ފަރުވާގެ ބައެއްގެ ގޮތުގައި، އުރަމައްޗައް އަދި ކިހިލިފައްޗަށާ ވަށައިގެން ވާހިސާބަށް ”ރޭޑިއޭޝަން“ ދިނުން ހިމެނެއެވެ. މިފަދައިން ރޭޑިއޭޝަން ދިނުމުން އިތުރަށް، ”ލަކުނުލައި“ ”ލިންފް“ ގެ ދައުރުވުމަށް އިތުރަށް ހުރަސްއެޅެ އެވެ. އެހެން ކަމުން ބޭރުފުށުން ފެންނަވަރަށް ދުޅަވެ އެ ދުޅަ އިތުރަށް ބޮޑުވެއެވެ. މިފަދަ އަލާމާތް ތައް ބައެއްފަހަރު އޮޕަރޭޝަނަށް ފަހު ނޫނީ ރޭޑިއޭޝަނަށް ފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައިފެނެއެވެ. އަދި ބައެއް ފަހަރު އެތައް ދުވަހެއް ނޫނީ އަހަރެއް ފަހުންވެސް ފެނިދާނެއެވެ.

މައިގަނޑުގޮތެއްގައި ބެހެވިގެން ދާ ބައިތައް:

  • ފުރަތަމަ ވައްތަރު : އޮޕަރޭޝަން ކުރާތާ ކުޑަމުއްދަތެއްގެތެރޭގައި ވަރަށް ކުޑަކޮށް ދުޅައަރާ، ކުޑަ މުއްދަތެއްގެތެރޭގައި އަމިއްލަޒާތުގައި ރަނގަޅު ވުން.
  • އޮޕަރޭޝަން ނޫނީ ރޭޑިއޭޝަން ދޭތާ އެއްމަސް ނޫނީ ދޮޅުމަހެއްހާދުވަހުގެ ތެރޭގައި ދުޅައައިސް، ވަގުތާއެކު އެކަންއަމިއްލައަށް ހައްލުވުން.
  • އެންމެ އާންމު ވަށްތަރަކީ އޮޕަރޭޝަންކުރާތާ ދޮޅު އަހަރާ ދެ އަހަރާ ދޭތެރޭ އަރާދުޅައެވެ. މިއީ ގިނަފަހަރު ތަދަކާނުލާ އަންނަ ދުޅައެކެވެ. އަދި ފަރުވާއަކާ ނުލާ ލުޔެއް ނުލިބޭ ވައްތަރެކެވެ.

ނޯޓް؛ އޮޕަރޭޝަން ނޫނީ ރޭޑިއޭޝަނަށް ފަހު މި ދުޅަ ފާޅުވުމަށް ވަކި މުއްދަތެއް ނޯވެއެވެ. ބައެއްފަހަރު ވަރަށް އަވަހަށްވެސް އަދި ބައެއްފަހަރު ވަރަށް ލަހުންވެސް ދުޅަ ފާޅުވެދާނެއެވެ. މިއީ އެއްކޮށް ފަސޭހަނުވިކަމުގައި ވިޔަސް އިތުރަށް ގޯސްވިޔަނުދީ ބެލެހެއްޓިދާނެ ދުޅައެކެވެ. މިފަދައިން ދުޅައަންނާނީ ކާކަށް ކަމެއްފަރުވާގެކުރިން ބުނެދިނުމަކީ އުނދަގޫކަމެކެވެ. ނަމަވެސް މިފަދަ އިން ދުޅައައުން ދުރުކުރުމަށް  ކުރެވިދާނެކަންކަން ހުރެއެވެ.

މިފަދަ ދުޅަވުން ހުއްޓުވިދާނެ ތޯ:

ފަރުވާއަށް ފަހު ހަންގަނޑު ރަނގަޅަށް ބަލަ ހައްޓާ އަދި ފަރުވާއަށް ފަހު ކަސްރަތު ކުރާމީހުންނަށް މިފަދަ ގޮތަކަށް ދުޅައައުން ދުރުވެއެވެ. ސީދާ ހުއްޓުވޭނެ ގޮތެއް ހޯދިފައެއްނުވެއެވެ. އޮޕަރޭޝަން ކުރުމުގައި ބޭނުން ކުރާ ވަސީލަތްތަކަށް ޒަމާނާއެކު އައި ހެޔޮބަދަލާއެކު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ އޮޕެރޭޝަންތަކަށްފަހު މިފަދަ ދުޅައައުން މަދުކަމަށް ދިރާސާތަކުން ދައްކައެވެ.

އަލާމާތް ތައް:

އުރަމަތީ ގެ ކެންސަރަށް ކުރާ އޮޕަރޭޝަންއަށް ފަހު ލިންފްއެޑީމާ އުފެދޭ މީހުންގެ މައިގަނޑު ޝަކުވާތަކަކީ، ކިހިލިފަތުން ގޮށް ނެގިފަރާތުގެ އަތް ދުޅަވުމެވެ. އަދި މިފަދަ އިން ދުޅަވާ މިންވަރު ދޭދޭ މީހުންގެތެރޭގައި ތަފާތު ވާނެއެވެ. އެހެންކަމުން ދެއަތުގެ ވަށަމިނުގެ ތަފާތުގައި ބޮޑެތި ފަރަގު ހުރުން އެކަށީގެން ވެއެވެ.

ބައެއް އެހެނިހެން އަލާމާތް ތައް:

އަތާއި ކިހިލިފަތް (ދުޅައެއް ނެތި) ބަރުވެފައި ހުންނަ އިހްސާސް އެއްވުން

ކުރިން އަތަށް ހެޔޮވަރު ގަހަނާފަދަ ތަކެތި ބާރުވުން

މޭމަތީގައި ދުޅައިތުރުވެ، އަޅަމުންދިޔަ ބްރާ ބާރުވާކަމުގެ އިހްސާސް ވުން

އަތް ވަރުބަލި ވުމުގެ އިހްސާސްވުން

އިނގިލިތައް ބާރުވެ، ލެންބުމަށް އުނދަގޫވުން

ހަންގަނޑު ބޯވެ ބަދަލުތަކެއް އައުން

ރައްކާތެރިވުން :

އޮޕަރޭޝަން ކޮށްފައިވާ ފަރާތުގެ އަތަށް ރައްކާތެރިވުމަކީ އެންމެ މުހިއްމު އެއްފިޔަވަޅެވެ. މިފަދަ ފަރުވާއަކަށް ފަހު ”ލިންފް“ ދައުރުކުރުމުގައި ހުރަސްތަކެއް ހުރުމަކީ އެފަރާތުގައި ޖަރާސީމު އަށަ ގަތުމާ ފަސޭހައިން އަނިޔާ ވުމަށް މަގުފަހި ވާކަމެކެވެ. އެހެންކަމުން:

ލޭނެގުމާއި އިންޖެކްޝަން ފަދަ ކަންކަން ފަރުވާކުރެވުނު އަތުން ނުކުރުން މުހިއްމުވާނެއެވެ

ލޭގެ ޕްރެޝަރު ބެލުން ވެސް އަނެއް އަތަށް ( ފަރުވާ ކުރިއަތް ނޫން) ބަދަލު ކުރުން މުހިއްމުވާނެއެވެ

ބޭނުންކުރާ އަންނައުނުގައި އަތް ކުރި ދޫކޮށް ހުރުން މުހިއްމުވާނެއެވެ. (ބާރު ރަބަރު ލައިފައި ހުންނަ އަތުކުރި ބޭނުން ނުކުރުން)

ބަރު ދަބަސް ނޫނީ އެފަދައިން ކޮނޑުގައިއުފުލާ ދަބަސް އަނެއްއަތަށް ބަދަލުކުރުން

ސާފު ރޭޒަރު ބޭނުން ކުރުން (ކިހިލިފަތުގައި ހުންނަ އިސްތަށި ބޭލުމަށް )

ވަރަށް ހޫނު މާހައުލަކަށް އަތް ނޫނީ ހަންގަނޑު ހުށަ ނޭޅޫން

ކިޔައި ދެވިފައިވާ ލުއި ކަސްރަތުތައް ކުރުން

މިންހެޔޮ ލޮނުމަޑު ކޮށް ކެއުން ބުއިން ބެހެއްޓުން

ފަރުވާ:

ފަރުވާ ބެހިގެންވާނީ މައިގަނޑުގޮތެއްގައި އަލާމާތްތައް ހުންނަމިންވަރަށް ބަލާފައެވެ. އަދި ފަރުވާގެތެރޭގައި ތިރީގައި ބަޔާންކުރާ ކަންކަން ހިމެނޭ ނެއެވެ.

  • ކަސްރަތު: ކަސްރަތު ކުރުމުން ”ލިންފް“ ދައުރުކުރުމަށްއެހީވެދެއެވެ. ފަރުވާކުރާ ޓީމުގެ ޑޮކްޓަރު ނޫނީ ފިޒިކަލް ތެރަޕިސްޓް ވަކި ކަސްރަތުތަކެއް ކިޔައިދޭނެއެވެ.
  • ބެންޑޭޖެއް ބޭނުން ކުރުން : ދެމޭ ބެންޑޭޖެއް ނޫނީ ހާއްސަ ”ކޮމްޕްރެސިވް ސްލީވް“ އެއް ބޭނުން ކުރުމުން ޖަމާވާ ލިންފް ޖަމާވިޔަނުދީ ދައުރު ކުރުމަށް އެހީވެދެއެވެ.
  • މިންހެޔޮ ކެއުމެއް އަދި ބަރުދަން ހެޔޮ މިންވަރެއްގަ ބެލެހެއްޓުން: އާންމު ފަރުވާގެ ތެރޭގައި މިންހެޔޮ ކެއުމެއް އަދި ހަށިގަނޑުގެ ބަރުދަން ވަކިމިން ގަނޑަކަށް ބެހެއްޓުމަކީ މުހިއްމު ކަމެކެވެ.
  • އަތް އުފުލާފައި ބޭއްވުން: އަތް އެމީހެއް ގެ ހިތް އިންނަ މިނައް ވުރެ މައްޗައްއުފުލުމުން ”ގްރެވިޓީ“ ގެ ބާރުން ތިރިޔަށް ދަމަން އެހީވެދެއެވެ. އެފަރާތް އަތްމައްޗައް ނިދަން އޮށޯވެ ނުއޮތުން. އަދި ނިދާއިރު ކުޑަބާލީ ހެއް އެ އަތް ދަށަށް ލެއްވުން.
  • ޖަރާސީމް އަށަގަތަ ނުދިނުން: ދުޅަވެފައިވާ ހިސާބުގެ ހަންގަނޑަށް ހާއްސަ ސަމާލުކަމެއްދިނުމަކީ މުހިއްމުކަމެކެވެ. ކިތައްމެ ކުޑަކޮށް ހަންގަނޑު ހަލާކުވިނަމަވެސް ޖަރާސީމު އަށަގަނެ ފަސޭހަކުރުމުގައި އިތުރު ހުރަސް ތަކެއް މެދުވެރި ވެއެވެ.
  • މަސާޖް/ ތެޔޮދެމުން: މިކަމުގެ ހާއްސަ ތަމްރީން ލިބިފާ ވާ މީހެއްގެ އެހީހޯދުން މުހިއްމުވާނެއެވެ.

އިންފެކްޝަނަކުން ނޫނީ އަނިޔާ އިންސަލާމަތް ވުން:( އެންމެ މުހިއްމު އަސާސް)

އުރަމަތީގެ އޮޕަރޭޝަނަކަށް ފަހު އެފަރާތުގެ އަތް ހާއްސަސަމާލުކަމެއްދީ  ރައްކާތެރިކޮށް ގެންގުޅުމަކީ މުހިއްމުކަމެކެވެ. ލިންފް ދައުރުކުރުން ލަސްވުމަކީ ވެސް އިންފެކްޝަނަށް ހުށެހެޅުންގާތްވާ ކަމެކެވެ. އަދި އަތަށް ޕްރެޝަރު އިތުރުވާ ކަން ކަން (އަތަށް ބާރު އަންނައުނު) ނުކުރުމަށް ސަމާލުވާންޖެހެއެވެ. ލިންފް ދައުރުކުރުން ދަށްވުމަކީ އަތުގެ ހިއްސު(ފިނި ހޫނު މިނުގެ އިހްސާސް ) ދައްވާކަމެކެވެ. އެހެންކަމުން ތިރީގައިބަޔާން ކޮށްފައިވާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިއްމުކަމެކެވެ.

  • ލޭނެގުމާ އިންޖެކްޝަން ފަދަ ކަންކަމަށް އަނެއް އަތް ބޭނުން ކުރުން.
  • ލޭގެ ޕުރެޝަރު ބެލުން ފަދަ ކަން ކަން އަނެއް އަތުން ކުރުން .
  • އަންނައުނު ބޭނުން ކުރުމުގައި، އަތުކުރި ނޫނީ އަތައް ބާރު އަންނައުނު ހިޔާރުނުކުރުން.
  • ބަރުދަބަސް ފަދަ ތަކެތި އަނެއް އަތުން އުފުލުން.
  • ކިހިލި ފަތުގައި ހުންނަ އިސްތަށި ބޭލުމަށް ސާފު ރޭޒަރު ތިލަ ބޭނުން ކުރުން.
  • އިރުގެ ހޫނުން އެއަތް ރައްކާތެރި ކުރުން. އަދި އުނދުނުގެ ހޫނު (އަލިފާން) ފަދަގޮތްގޮތަށް ފިހުނަ ނުދީރައްކާ ތެރިކުރުން.
  • މަސައްކަތެއް ކުރަނީނަމަ އަންގިލައްވައިގެން މަސައްކަތް ކުރުން. (މިސާލަކަށް ގޭތެރެ ސާފުކުރުން ފަދަ ކަންކަމުގައި އުޅޭއިރު)
  • އޮޕަރޭޝަން ކޮށްފައިވާ އަތް މަދުވެގެން ދުވާލަކު އެއް ފަހަރު ދޮވެހިއްކުމަށް ފަހު ”މޮއިސްޗަރައިޒަރ“ އެއްލައިފާ ބެހެއްޓުން
  • މިކަމަށް ހާއްސަވެފާވާ ކަސްރަތުތައް، ކަނޑައެޅިފައިވާ ގޮތަށް، އާދަވެ ކުރުން.
  • ކެއުމުގައި ލޮނުމަދު، މިންހެޔޮ ކެއުމެއް ހިޔާރުކުރުން
  • އެއްވެސް ހާލަތެއްގައި އިންފެކްޝަނެއްގެ ފުރަތަމަ އަލާމާތް ތަކާއެކު (ތަދުވެ، ދުޅަވެ، ހޫނުވެ، އަދި ހުންއަންނަނަމަ)، ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން މުހިއްމުވާނެ އެވެ.

ފަހުބަސް:

ނޯޓް؛ މަތީގައި ބަޔާން ކުރެވިފައިވާ ފަދަ އޮޕަރޭޝަނެއް ނޫނީ ފަރުވާއެއްކޮށްފައި ވާނަމަ، އާންމުދިރިއުޅުމުގައި ކުރެވޭނެކަންކަމާ، އަތުގެ ބޭނުން ހިފޭނެވަރާމެދު، ފަރުވާކުރާ ޓީމުގެ ޑޮކްޓަރުންނާ ސުވާލުކުރާށެވެ. އަދި އެލަފާ ތަކަކީ ކޮންމެދުވެހެއްގެ އާދަކާދައިގައި ހިމަނަންޖެހޭ މުހިއްމު ކަންކަން ކަމުގައި ގަބޫލުކޮށް އެގޮތަށް އަމަލުކުރުމަކީ ހަޔާތުގެ މުހިއްމު އަސާސެއް ކަމުގައި ހަދާށެވެ.

Leave a Comment