ޝާއިއު ކުރެވުނީ: މާރޗް 16, 2024 ލިޔުނީ: ޑރ. އުބައިދު ކޮމެންޓްތައް: 0

މުސްލިމުން ރޯދަހިފަނީ އެކަމުން ދުނިޔަވީ ފައިދާތަކެއް ލިބިގަތުމަށްޓަކައެއް ނޫނެވެ. މުސްލިމުން ރޯދަހިފަނީ އެއިން ގަދަކީރިތިވަންތަ ﷲގެ ރުއްސެވުމާއި ޘަވާބު ލިބިގަތުމަށްޓަކައެވެ. މާތް ﷲގެ ރަސްކަންފުޅަށްޓަކައި އިޚުލާޞްތެރިކަމާއެކު ކުރެވޭ އަޅުކަމެއްގެ ގޮތުގައެވެ. ނަމަވެސް އިސްލާމްދީނުގެ ކޮންމެ އަޅުކަމެއްގެ ފަހަތުގައިވެސް ވަރަށް މަތިވެރި ހިކްމަތްތަކެއް، އަޅުގަނޑުމެންނަށް އެކަން އެގުނަސް އަދި މިހާތަނަށް ނޭގުނުކަމުގައިވިޔަސް ލައްވާފައިވާކަން ކަށަވަރެވެ. އޭގެ ތެރޭގައި ނަފްސާނީ ހިތްހަމަޖެހުމާއިއަރާމުގެ އިތުރަށް މާއްދީ ނުވަތަ ފިޒިކަލް ފައިދާތައްވެސް ވެއެވެ. ރޯދައަކީ މިގޮތުން ބަލާއިރު ވަރަށް ފުރިހަމަ އަޅުކަމެކެވެ. އޭގައި އިންސާނާގެ އިހުސާސްތަކާއި ވަސްވާސްތައް ކޮންޓްރޯލްކޮށް ނަފްސު ތަހުޒީބު ކުރުމުގެ އިތުރަށް ހަށިގަނޑުގެ ތަފާތު އެކި ގުނަވަންތަކުން ކުރާމަސައްކަތްތަކަށް ރަގަޅު އިސްލާހުތަކެއް ގެނެސްދެއެވެ. މުޅިއަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ދިރިއުޅުން ވަކި ވައްތަރަކަށް ބައްޓަންވެ އެއްގޮތެއްގައި ދަނިކޮށް ރޯދަމަސް އައުމުން ދިރިއުޅުމަށް ބަދަލުތަކެއް އާދެއެވެ. ކާގަޑިތަކާއި، ނުކައިހުންނަ ގަޑިތަށް ތަފާތުވެ ނިދުމާއި ހޭލާހުންނަ ވަގުތުތަފާތުވެއެވެ. މީގެ ސަބަބުން އަޅުގަނޑުމެންގެ ހަށިގަނޑުގެ ތެރޭގައިވާ ބަޔޮލޮޖިކަލް ގަޑީގެ އެބުރުން ބަދަލުވެ އެތެރޭގެ ސިސްޓަމްތަކަށް ބޮޑެތި ބަދަލު އާދެއެވެ. މުޅިންވެސް ރަގަޅު ބަދަލުތަކެވެ. އެއީ ކޮން ބަދަލުތަކެއް ބާވައެވެ؟

ނުކައި ނުބޮއި ހުރުމާއި ފަރުވާ

މުސްލިމުންގެ ރޯދައާއި ކެއުން ބުއިމުން ދުރުވެ ހުރުމާއި ތަފާތެވެ. މުސްލިމުން، ރެއާދުވާލުގެ ވަކިވަގުތެއްގައި ކެއުން ބުއިމުން ދުރުވެ ތިބެނީ ވަކި ނިޔަތެއް ގަނެ ވަކި ފަރާތަކަށް ހިތްނިޔަތް ޚަލާޞް ކޮށްގެންނެވެ. އަދި އެއާއެކު ނަފްސުގެ ދުނިޔަވީ ގޮވުންތަކަށް ބީރު ކަންފަތެއް ދޭން ޖެހެއެވެ. ތިމާގެ އަމިއްލަ ނަފްސު ވަކި އަޚުލާގީ މިންގަޑެއްގައި ހިފަހައްޓަން ޖެހެއެވެ. މީގެ އިތުރުން ހަށިގަނޑަށް ލިއްބައިދޭ ފިޒިކަލް ފައިދާތަކެއް ވެއެވެ. މި ޒަމާނުގެ ކުރިއަރާފައިވާ މެޑިކަލް ސައިންސްގެ ހޯދުންތަކަށް ބަލާއިރު ކުޑަދުވަސްކޮޅަކަށްނަމަވެސް ގޮހޮރަށް އަރާމުދީ ކެއުން މެދުކަނޑާލައިފިނަމަ އެއިން ލިބިގަނެވޭނެ ފައިދާ ތަކެއް ވެއެވެ. ވުމާއެކު ބައެއްބަލިތަކުގެ ފަރުވާއެއްގެ ގޮތުން ހޮސްޕިޓަލުތަކުގައި އެދުމަތި ކުރެވިފައިވާ މީހުންނަށްވެސް ކެއުން މަނާކުރެވޭ ހާލަތްތައް އާދެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ފިތުގައި ހިލައުފެދި ފިތް ދުޅަވެފައިވާ މީހުންނަށް ފަރުވާ ކުރާއިރު ފުރަތަމަ 24ގަޑިއިރު ނުވަތަ 48ގަޑިއިރުގެ ތެރޭގައި ގޮހޮރަށް އަރާމުދިނުމަށްޓަކައި އެއްޗެއްނުދީ ބާއްވައެވެ. އަދި ހަމައެފަދައިން އިންސުލިން އުފައްދާ ގްލޭންޑް ކަމުގައިވާ ޕެންކްރެއަސް ދުޅަވުމުންވެސް ގޮހޮރަށް އަރާމުދޭން މަޖްބޫރުވެއެވެ. ވަކިވަރަކަށް ހާލަތު ރަގަޅުވުމުން އަނެއްކާވެސް ކެއުމުގެ ކަންތައް މަޑުސްޕީޑެއްގައި ފަށަންޖެހެއެވެ.

މިޒަމާނުގެ ފަރުވާތަކަށް ބަލާއިރު ކެއުން ކޮންޓްރޯލްކޮށްގެން ދެވޭ ފަރުވާތައް ވަރަށްގިނައެވެ. އެގޮތުން ބަރުދަން ލުއިކުރުމަށާއި، ލޭގެ ޕްރެޝަރ ކޮންޓްރޯލްކުރުމާއި، ކޮލެސްޓްރޯލް މަދުކުރުމަށާއި ލޭހޮޅިތަކާއި ހިތުގެ ބަލިތަކުގެ ފަރުވާއެއްގެ ގޮތުންވެސް ކެއުން ކޮންޓްރޯލް ކުރެވެއެވެ. ނުވަތަ ރޯދަ ހިފުމަށް ނަސޭހަތް ދެވެއެވެ. ހަމައެފަދައިން ހަކުރު ކޮންޓްރޯލް ކުރުމާއި ކިޑްނީއާއި ފުރަމޭގެ ބަލިތަކުގައިވެސް ކެއުމަށް ބަދަލުގެންނަން ޖެހެއެވެ. ނަމަވެސް މިފަދަ ޑައެޓް ޕްރޮގްރާމަކީ އިސްލާމީ ރޯދަހިފުމާއި މުޅިންތަފާތު އެއްޗެކެވެ. މިފަދަ ޕްރޮގްރާމެއްގައި ބަލިމީހާއަށް ވަކި އިރެއްގައި ވަކި އެއްޗެއް ނުކެއުމަށް އަމުރުކުރެވެއެވެ. ނުވަތަ ވަކިއެއްޗެއް ކެއުން މުޅިން މަނާކުރެވެއެވެ. އިސްލާމީ ރޯދައަކީ އެމީހެއްގެ އިޚުތިޔާރުގައި ކުރާކަމެކެވެ. ކެއުން މަނާވަނީ ވަކި ގަޑިތަކެއްގައެވެ. ކާއެއްޗެހި އިޚުތިޔާރު ކުރުމަކީ އެމީހެއްގެ އަމިއްލަ ކަމެކެވެ.

ރޯދައިގެ ސިއްހީ ފައިދާ

މުސްލިމުން ރަމަޟާންމަހު ހިފާރޯދައިގައި އެކުލެވިފައިވާ ފައިދާތަކާއި ބެހޭގޮތުން މުސްލިމު ގައުމުތަކުގަޔާއި އަދި ބައެއް މުސްލިމް ނޫން ގައުމުތަކުގެ ޔުނިވަރސިޓީތަކުގައި ދިރާސާތައް ކޮންމެވެސް ވަރަކަށް ހެދިފައިވެއެވެ. ރޯދައިގެ ފައިދާތަކާބެހޭގޮތުން ކީރިތި ގުރްއާނުގައިވާ މާތްﷲގެ ވަހީބަސްފުޅުތަކާއި އެކަލާގެ ނަބިއްޔާގެ ހަދީޘް ބަސްފުޅުތައް އެކަނިވެސް މުސްލިމުންނަށް ފުދެއެވެ. އަދި މީގައި ފިޒިކަލް ފައިދާތަކެއް ހަށިގަނޑަށް ކުރޭތޯ ބެލުމަކީ މުސްލިމުންނަށް އެހާ މުހިއްމު ކަމެއް ނޫނެވެ. ނަމަވެސް މިފަދަ އަޅުކަމެއްގައި މާތްﷲލައްވަވާފައިވާ ހިކްމަތްތައް އެނގުމަކީ މުސްލިމުންގެ އީމާންތެރިކަން ވަރުގަދަވެ އެނޫންމީހުންނަށް މިދީނުގެ މަތިވެރިކަން ފާޅުވެގެންދާނެ ކަމެއްކަން ޔަގީނެވެ. ތިރީގައި މި ހުށަހަޅާލަނީ ރޯދައިގައި އެކުލެވިފައިވާ ފައިދާތަކާއި ބެހޭގޮތުން މުސްލިމުންނާއި މުސްލިމްނޫން މީހުން ކޮށްފައިވާ ބައެއްދިރާސާތަކުން ނެގިފައިވާ މައުލޫމާތެވެ. މި މައުލޫމާތު ތަކަކީ ފަހަރެއްގައި ސައިންޓިފިކް ނަޒަރަކުން ބަލާނަމަ އެހާ ބޮޑު ބަރުދަނެއްހުރި ދިރާސާތަކަކަށް ނުވެހިގައިދާނެއެވެ. ނަމަވެސް މިއީ ކުރެވިފައިވާ ދިރާސާތަކެކެވެ. މިކަންކަން އިތުރަށް ޔަގީންކުރުމަށް އިތުރު ދިރާސާތައް ކުރުމަކީ ބޭނުންތެރި ކަމެކެވެ.

  • ނޯރވޭ ގައި ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ހުޅުދުޅަވާ ބަލިމީހުން (ރެއުމަޓޮއިޑް އަރތްރައިޓިސް) ގެ ތެރެއިން ފަރުވާދެވެމުން ދިޔަ ދުވަސްވަރު ހަފްތާއަކު އެއްދުވަހު ރޯދައަށް ތިބި މީހުންގެ ހުޅުތަކުގެ ދުޅަތިރިވެ ތަދު ކެނޑުނުކަމަށްވެއެވެ. އަދި ހަތަރު ހަފްތާގެ ރޯދަހިފުމަކަށްފަހު ކެއުން ބަދަލުކޮށް ވެޖެޓޭރިއަން ކެއުމަށް ބަދަލުވި މީހުން އެއް އަހަރުދުވަސް ވީއިރު އެމީހުންގެ ހުޅުދުޅަވުން މުޅިން ފަސޭހަވިކަމަށް ވިއެވެ. ވުމާއެކު މި ސްޓަޑީގެ ޚުލާޞާއެއްގެ ގޮތުން ލިޔެފައިވަނީ ރޯދަހިފުމަކީ އަރތްރައިޓިސް ބައްޔަށް ފަރުވާއެއްގެގޮތުގައި ބޭނުންކުރެވިދާނެ ކަމެކޭއެވެ.
  • ޕާކިސްތާނުގެ ޔުނިވަރސިޓީ ތަކުގައި މުސްލިމުންގެ ރޯދައާއި ބެހޭގޮތުން ދިރާސާކުރެވިފައި ވެއެވެ. މިދިރާސާތަކުން ދައްކާގޮތުގައި ރޯދަމަހުގެ ރޯދައިގެ ސަބަބުން ހަށިގަނޑުގައި ހިމެނޭ ސަރުބީގެ މިންވަރު މަދުކޮށްދެއެވެ. އަދި ލޭގެ ޕްރެޝަރ ދަށްކުރުމާއި، ކޮލެސްޓްރޯލް ދަށްކޮށްދިނުމުގެ އިތުރަށް ހަށިގަނޑަށާއި ސިކުނޑިއަށް ހަމަޖެހުންގެނެސްދެއެވެ.
  • މުސްލިމުންގެ ރޯދައާއި ބެހޭގޮތުން ލެބަނަންގެ ޔުނިވަރސިޓީއެއްގައި ހަދާފައިވަ ސްޓަޑީއަކުން ދައްކަނީ ހަށިގަނޑުގައި ހިމެނޭ ކޮލެސްޓެރޯލްގެ ތެރެއިން ހައިޑެންސިޓީ ލިޕޮޕްރޮޓިން (ރަގަޅު ކޮލެސްޓްރޯލް) ގެ މިންވަރު ރޯދައިގެ ސަބަބުން އިތުރުކޮށް ދިނުމާއެކު ލޯ ޑެންސިޓީ ލިޕޮޕްރޮޓިން (ނުރަގަޅު ކޮލެސްޓްރޯލް) ގެ މިންވަރު ހަށިގަނޑުން މަދުކޮށްދެއެވެ.
  • ރޯދަ ހިފުމުގެ ފައިދާ ބަޔާން ކުރަމުން އެހެން ދިރާސާއެއްގައި ފާހަގަކޮށްފައިވާގޮތުގައި ރޯދައިގެ ސަބަބުން އެކި އެއްޗިއްސަށް ދެވިހިފާފައި ތިބޭމީހުން އެކަންކަމުން ދުރުވެ އާއްމު ދިރިއުޅުމަށް އައުމަށް ނަގާމުއްދަތު ކުރުވެއެވެ. މިސާލަކަށް ދުންފަތުގެ އިސްތިއުމާލުކުރުން، މަސްތުވާ ތަކެއްޗާއި އަދި ސަޔާއި ކޮފީ އާއި މިނޫންވެސް މިފަދަ އާދަތަކުން ސަލާމަތްވުމަށް ރޯދައިގެ ސަބަބުން މަގުހުޅުވައިދެއެވެ.
  • އަންހެނުންގެ ރަހިމުގައި ނަގާ ދުޅައެއްކަމަށްވާ ފައިބްރޮއިޑްސް އާއި އޯވަރީގެ ސިސްޓް ފަދަ ބަލިތަކުން ސަލާމަތްވުމަށްޓަކައި ރޯދައަކީ ރަގަޅު ފަރުވާއެއްކަމަށް ދިރާސާތަކުން ދައްކައެވެ. އާއްމުގޮތެއްގައި މިފަދަ ބަލިތަކަކީ ރަހިމުނެގުން ނުވަތަ އޯވަރީ ނެގުންފަދަ އޮޕަރޭޝަނަކުން ނޫނީ ރަގަޅުވާ ބައްޔެއް ނޫނެވެ. ނަމަވެސް ރޯދަހިފުމުން މިފަދަ ދުޅަތައް ތިރިވެ އެފަދަ ފަރުވާއެއް ކުރުމަކާ ނުލައި ރަގަޅުވާ ކަމަށް ވެއެވެ.
  • ވަރަށް ފަހުން ކޮށްފައިވާ ދިރާސާތަކަކުން އެނގޭގޮތުގައި ހަށިގަނޑަށް އެތެރެ ކުރެވޭ ކެލޮރީގެ މިންވަރު މަދުކުރެވޭނަމަ އަލޫގަނޑުމެންގެ ހަށިގަނޑުގެ ތެރޭގައި ހިގަމުންދާ ވިހަތައް ބޭރުކޮށް މަދުކުރުމުގައި ވަރަށްބޮޑު އެހީތެރިކަމެއް ލިބެއެވެ. މީގެ ސަބަބުން ހަށިގަނޑުގެ ސެލްތައް އަވަހަށް މުސްކުޅިވުން ހުއްޓެއެވެ. ވުމާއެކު ރޯދަ ހިފުމަކީ މީހާގެ ޒުވާންކަން ހިފަހައްޓައިދީ ހަށިގަނޑުގެ ރީތިކަން ގިނަދުވަހަށް ދަމަހައްޓާނެ ކަމެކެވެ.
  • ލެބޯރޓެރީ ތަކުގައި ހެދިފައިވާ ޓެސްޓްތަކުން އެގޭގޮތުގައި ކުރުމުއްދަތެއްގައި ދިރިއުޅޭ ސޫފިތަކަށް ދެވޭ ކެލޮރީގެ 30%-40% ވަރު މަދުކޮށްލެވިއްޖެނަމަ އެތަކެތީގެ އުމުރު ކުރިއަށްވުރެ ދެތިންގުނަ އިތުރުވެއެވެ.

ކޮންމެއަކަސް ރޯދައިން ލިބޭ މިފަދަ ފައިދާތަކަކީ ރޯދަހިފުމުން ލިބޭ ޘަވާބެއްގެ ގޮތުގައި އަޅުގަނޑުމެން މުސްލިމުންނަށް މާތްﷲ ތައްޔާރު ކުރައްވާފައިވާ މަތިވެރި ނިއުމަތްތަކާ އަޅާބަލާއިރު ބަޔާންކުރަންވެސް ދަތި ކުޑަކުޑަ ފައިދާތަކެކެވެ. ވުމާއެކު ރޯދަމަހާއި ރޯދައިގެ ހަގީގީ ފައިދާއަކީ އެކަމުގައި އެކުލެވިފައިވާ ނަފްސުގެ ތަހުޒީބެވެ. އީމާން ކަމުގެ ރަހައެވެ. ނަރަކައިން މިންޖުވުމުގެ އުފާވެރި ކަމެވެ. ސުވަރުގޭގެ ދާއިމީ ނިއުމަތުގެ އުފާވެރި ޚަބަރެވެ.

Leave a Comment