ޝާއިއު ކުރެވުނީ: ޑިސެމްބަރ 29, 2023 ލިޔުނީ: ޑރ. އުބައިދު ކޮމެންޓްތައް: 0

ހިތުގެ ބަލިތަކަށް މަގުފަހިކޮށްދޭ ކަންތައްތައް

ތިރީގައި މިވާ ކަންތައްތަކަކީ ހިތުގެ ބަލިތަކަށް މަގުފަހިވެގެންދާނެ ކަމެކެވެ. ވުމާއެކު ދެވަނަފަހަރަށް ހިތުގެ ބަލިތަކުން ސަލާމަތްވެ ހުރުމަށްޓަކައި މިފަދަ ކަންތައްތަކުން ދުރުވެ ހުރުމަށް ނަސޭހަތްތެރި ވަމެވެ.

  • ދުންފަތުގެ އިސްތިއުމާލުކުރުން
  • ލޭމައްޗައް ދިއުން
  • ކޮލެސްޓްރޯލް މިންވަރު މައްޗަށް ދިއުން
  • ހާސްކަމާއި އަވަދިނެތި އުޅުން
  • ހަކުރުބަލި
  • ހިތާމަވެރި އެކަނިވެރި ދިރިއުޅުން
  • އެޗް ޑީ އެލް ކޮލެސްޓްރޯލްގެ މިންވަރު ދައްވުން
  • ބަރުދަން އިތުރުވުމާއި ފަލަވުން
  • އާއިލާގައި ހިތުގެ ބަލި ޖެހިފައިވާ މީހުން ތިބުން

ދަތުރު ފަތުރު ކުރާއިރު

  • ގަޔަށް ދޫ ހެދުމެއް ލައިގެން ހުރުން
  • ކަނދުރާ އަށް ސަޕޯޓް ކޮށްދޭފަދަ ބާލީހެއްނަމަވެސް ބޯދަށަށް ލެއްވުން
  • ފޮށްޓާއި އަތްދަބަސް އަމިއްލައަށް ނުއުފުލުން

އޮޕަރޭޝަނަށްފަހު އާދައިގެ ދިރިއުޅުމުގެ އާދަތަކަށް ދިއުމަށްޓަކައި

ކުރިން ވޭތުކުރަމުން ދިޔަފަދަ އާއްމު ދިރިއުޅުމުގެ އާދަތައް މަޑުމަޑުން ފެށުމަކީ އޮޕަރޭޝަން ކޮށްފައިވާ ހިތަށާއި އަދި ފަޅަލާފައިވާ މޭމަތިގެ ކަށިގަނޑަށް ވާންވުމާއި އަދި ބުރަކަން ލުއިކޮށްދޭނެ ކަމެކެވެ. އާދައިގެ ދިރިއުޅުމަށް އެބުރި ދާން ޖެހޭނީ މޭމަތިގެ ކަށިގަނޑު ރަގަޅަށް ބެދުމުންނެވެ. އެކަމަށް 6 ހަފްތާވަރު ނަގާނެއެވެ. އޮޕަރޭޝަނަށްފަހު ކުއްލިއަކަށް ހުރިހާ ކަމެއް ރަގަޅުވާނެކަމަށް ހީނުކުރާށެވެ. އަދި ކުރިން ކުރަމުން އައި ހުރިހާކަމެއް އެފެންވަރުގައި ކުރެވިދާނެ ކަމަށްވެސް ހީނުކުރަށެވެ. ވުމާއެކު އަރާމުކުރުމަށާއި ނިދާލުމަށް ވަގުތުދެމުން މެދުތެރޭގައި ކުޑަކޮށް ހަރަކާތްތެރިވެ އުޅުނަސް އެންމެ ރަގަޅުވާނެއެވެ. ބަލިވެ އެނދުގައި އޮށޯންނަން މަޖްބޫރުވާފަދަ ހާލަތެއް ދިމާވެ ދެހަފްތާއަށްވުރެ ގިނަދުވަހު އެނދުގައި އޮށޯންނަން ޖެހިއްޖެނަމަ އެއި ހިތުގެ ހަރަކާތްތައް މަޑުވާނެ ކަމެކެވެ. ވުމާއެކު އެފަދަ ހާލަތެއްގައިވެސް ކުއްލިއަކަށް ހުރިހާކަމެއް އެއްފަހަރާ ފަށައިގަތުން ރަގަޅުނުވާނެއެވެ. ވުމާއެކު ކުރީގައި ކުރަމުން އައި މަސައްކަތަށް އެބުރި ދިއުމުގެ ކުރިންނާއި، ގޭތެރޭގެ ދިރިއުޅުމަށް ފަށައިގަތުމުގެ ކުރިންނާއި ކާރުފަދަ ތަކެތި ދުއްވަކަމަށްވާނަމަ އެފަދަ ކަމެއް ކުރަންވާނީ ޑޮކްޓަރ އާއި މަޝްވަރާކުރުމަށްފަހު އެވެ.

ހަރަކާތްތައް ބަހައްޓަންވާނެ ގޮތްތައް

  • ފަސޭހަކަމާއެކު ކުރެވޭ ކަމަކަށްފަހު އުދަގުލުން ކުރެވޭ ކަމެއް ކުރާށެވެ. އުދަގޫކޮށް ކުރެވޭ ގިނަ ކަންތައްތައް ޖެހިޖެހިގެން އެއްފަހަރާ ނުކުރަށެވެ. އަދި ހަނދާންކޮށް މެދުތެރެއިން 15 މިނިޓް އާއި ބައިގަޑިއިރު އަރާމުކުރާށެވެ.
  • އަވަސްއަރައި ނުގަންނާށެވެ. ހުރިހާ ކަމަކަށްވެސް އެކަށީގެންވާ ވަގުތު ދޭށެވެ.
  • ކޮންމެ ރެއަކުވެސް އެކަށީގެންވާ ވަރަށް ނިދަންވާނެއެވެ. އެއިރުން ހެދުނު ހޭލެވޭއިރު ވަރަށް ހަމަޖެހިފައި ހުރިކަމުގެ އިހުސާސް ކުރެވޭނެއެވެ. ރޭގަނޑު ހޭލައިހުރެފައި އަނެއްރޭ އޭގެ ބާކީ ނިދި ހަމަކުރުމަށް ނުވިސްނާށެވެ.

ދުރުހެލިވާންވީ ކަންތައްތައް

  • މި އޮޕަރޭޝަނަށްފަހު ބާރަށް އަތުން އެއްޗެހި ކޮށްޕުމާއި، ދެމުމާއި، ބަނޑަށް ބާރުލުމާއި، އެއްޗެހި އުފުލުމަކީ މަނާ ކަމެކެވެ. މިފަދަ ހަރަކާތްތަކަކީ ފަޅާލާފައިވާ މޭމަތީގެ ކަށިގަޑަށް ބާރު ކުރުމާއިއެކު ހިތުން ކުރަންޖެހޭ މަސައްކަތްތައް ބުރަވެގެންދާނެ ކަންތައްތަކެވެ. ހަށިގަނޑުގެ މަތީބަޔާއި ދެއަތުން ކުރާމަސައްކަތްތައް ކުރަންވާނީ އޮޕަރޭޝަން ކުރާތާ 6 ހަފްތާ ފަހުންނެވެ.
  • ސިޑިން އެރުން: ސިޑިންމައްޗަށް އަރަން ފަށަންވަނީ ވަރަށް ލަސްލަހުންނެވެ.އަދި ކޮންމެހެން ކުރަންޖެހޭ ހާލަތުގައި އެކަންޏެވެ. ކޮންމެ ދެހަރުފަތަކަށް އެރުމަށްފަހު މަޑުކޮށްލަން ވާނެއެވެ. އެއަށްފަހު އަނެއްކާވެސް އަނެއް ދެ ހަރުފަތެވެ.
  • ފިނިހޫނުމިނަށް ބަލައިގެން އުޅުން: ގެއިންބޭރުގައި ކުރާ ކަންތައްތަކަށް ނުކުންނަންވާނީ ފިނިހޫނުމިނަށް ބެލުމަށްފަހުއެވެ. 32 ފެރެންހެއިޓް އަށްވުރެ ފިނިނަމަ ނުވަތަ 85 ފެރަންހެއިޓް އަށްވުރެ ހޫނުނަމަ މިކަހަލަ ކަންތައްތަކުގައި ބައިވެރިވުން ރަގަޅެއްނުވާނެއެވެ.
  • ދުއްވާ އެއްޗެހި: ކާރު ދުއްވަން ފަށަންވާނީ އޮޕަރޭޝަން ކުރާތާ 6 ހަފްތާފަހުންނެވެ. މޭމަތީގެ ކަށިގަނޑު ފަޅާލާފައިވާ ތަން ބެނދުމުންނެވެ. އޭގެ ކުރިން ޑޮކްޓަރ އާއި މަޝްވަރާކޮށް ހުއްދަ ހޯދަންވާނެއެވެ.
  • ޖިންސީގުޅުން ހިންގުން: ޖިންސީގުޅުން ހުއްޓިފައި އޮންނާނީ ހޮސްޕިޓަލުން ދޫކޮށްލެވޭއިރު ހުންނަ ހާލަތެއްގެ މައްޗަށެވެ. ނަމަވެސް އާއްމުކޮށް ދެވޭ ނަސޭހަތަކީ އޮަޕރޭޝަނަށް ފަހު ހަފްތާތަކެއްވަންދެން އެފަދަ ކަންކަމުން ދުރުވެހުރުމާއި އެފަދަގުޅުމެއް ހިންގާކަމަށްވާނަމަވެސް މޭމަތީގެ ކަށިގަޑަށް ބާރުލެވޭފަދަ ގޮތަކަށް އެކަން ނުކުރުމެވެ. އަދި ފުރަތަމަ 6 ހަފްތާވަންދެން މި ކަންކަމަށް ބަލައިގެން އުޅުން މުހިއްމެވެ. ޖިންސީ ގުޅުން ހިންގާއިރު ހިތުގެ ވިންދާއި، ލޭގެ ޕްރެޝަރ އާއި، ނޭވާލެވޭ މިންވަރު އަވަސްވެއެވެ. އަދި އެވަގުތު އެލެވޭ ބާރުގެ މިންވަރު ދެބުރި އިމާރާތަކަށް ސިޑިން އެރުމާއި އެއްވަރެވެ. ވުމާއެކު އެފަދަކަމެއް ކުރަންވަނީ އާއްމުހާލަތު މިފަދަ ދަރަޖައަކަށް ރަގަޅުވުމުންނެވެ.
  • ޖިންސީގުޅުން ހިންގުމާބެހޭ ބައެއް އިރުޝާދު:
    • އޮޕަރޭޝަނަށްފހު ޖިންސީގުޅުން ހިންގުމާމެދު އޮތް ބިރުހީވުންތަކާބެހޭގޮތުން ބައިވެރިޔާ އާއި ވާހަކަދައްކާށެވެ.
    • ބާރުލަން ނުޖެހޭފަދަ ގޮތަކަށް ތިބުމާއި، ކޮޓަރީގެ ފިނިހޫނުމިން އެކަށިގެންވާ މިނެއްގައި ބެހެއްޓުން
    • ރާފަދަ މަސްތުވާ ތަކެއްޗަކީ ހިތުގެ ވިންދު ދަށްކުރާ އެއްޗަކަށްވުމާއެކު ޖިންސީގުޅުން ހިންގުމުގެ ތިންގަޑިކުރިއްސުރެ އެފަދަ ބާވަތްތައް ބޭނުން ނުކުރާށެވެ.
    • ޖިންސީގުޅުން ހިންގަމުން ދަނިކޮށް މާބޮޑަށް ނޭވާކުރުވާގޮތްވެ ހިތްނުތަނަވަސްވާގޮތްވެއްޖެނަމަ ވަގުތުން އެކަން ހުއްޓާލުމަށްފަހު އެފަދަ އަލަމާތްތައް ރަގަޅުކުރުމަށް ދެވިފައިވާ އިރުޝާދުތަކަށް އަމަލުކުރަން ފަށަންވާނެއެވެ.

ފަރުވާ ކުރިއަށް ގެންދާނެގޮތްތައް:

އޮޕަރޭޝަން ކުރިތަނުގައިވާ ލަކުނު:

  • ކޮންމެދުވަހަކު ފެންވަރާއިރު އެތަން ސައިބޯނިލައިގެން ރަގަޅަށް ދޮންނަންވާނެއެވެ.
  • ތުވާލިކޮޅަކުން ރަގަޅަށް ފެންހިއްކާލާށެވެ.
  • އެތާގައި ތަލާއި ކްރީމްއާއި ލޯޝަންފަދަ ތަކެތި ނު އުނގުޅާށެވެ.
  • އެތަން ދޮސްގަންނަ ގޮތްވާނަމަ އަވަހަށް ޑޮކްޓަރ އާއި ވާހަކަދައްކާށެވެ.

ލަކުނުކައިރި އައްސިވުމާއި ތަފާތު އުދަނގޫތައް ވުން

  • ފާރުގަނޑު ހިކެމުންދާއިރު އެތާގެ ކައިރިގައި ބުނަންނޭގޭ ތަފާތު އިހުސާސްތަކެއް ކުރަމުން ދާނެއެވެ. އެކަމާ އެހާބޮޑަށް ކަންބޮޑުނުވާށެވެ. އެއީ ފާރު ހިކެމުންދާތީ ކުރެވޭ އިހުސާސް ތަކެކެވެ. ވުމާއެކު ހަށިގަނޑު ތެދުކޮށް ބެހެށްޓުމާއި އަބަދު އެއްގޮތަކަށް އެއް އަރިއަކަށް އިށީދެ ނުވަތަ އޮށޯވެ އޮތުމުން ދުރުހެލިވާށެވެ.

ކާނާ

  • ރަގަޅު ކާނާގެ ބާވަތްތައް ކެއުމަކީ އޮޕަރޭޝަންކޮށްފައިވާ ފާރުކޮޅު އަވަހަށް ފަސޭހަވުމަށާއި އަދި ހަށިގަޑު ރަގަޅުވުމަށް ބާރު އަޅައިދޭނެ އެއްޗެކެވެ.

އަމިއްލަ ނަފްސަށް އަޅާލުން

  • ޒިޔާރަތްކުރަން އަންނަމީހުންނާއި އަދި ތިމާގެ މީހުންގެ ސަބަބުން ފަރުވާއާއިމެދު ފަރުވާ ކުޑަނުކުރާށެވެ. ހަށިގަނޑު ރަގަޅުވެ ވަރުޖެހެންދެން އެހާގިނަމީހުން ޒިޔާރަތްކުރިއަ ނުދޭށެވެ.

ބަނޑުހަރުވުން

  • ފައިބަރ ހުންނަ ކާނާގެ ބާވަތްތައް ކާތަކެތީގައި ހިމެނުމަކީ ބަނޑުގެ އާދަތަށް ރަގަޅުގޮތެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި އޭގެ ސަބަބުން ބޮޑުކަމުދިއުމަށްޓަކައި ބާރުލާންވެސް ނުޖެހޭނެއެވެ. ބަނޑު ހަރުކޮށް ހުންނަނަމަ ބަނޑުދިޔާކުރުމަށްޓަކައި އެފަދަ ބޭހެއް ބޭނުންކުރާށެވެ.

 

އަމިއްލަ އިހުސާސްތައް:

އޮޕަރޭޝަނަށްފަހު ރަގަޅުވަމުން އަންނަ ދުވަސްވަރު ހިތްހަމަ ނުޖެހުމާއި ދެރަވެފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބޭނުންވާ ގިނަ ކަންތައްތަކެއް ކުރުމުގެ ހުއްދަ ލިބިފައި ނޯންނާތީ ފޫހިވެފައި ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ރަގަޅަށް ނިދިލިބި އެކަން ތަރުތީބުވާންފެށުމުން މި އިހުސާސްތައް ރަގަޅުވެއެވެ. ބައެއްފަހަރު މިގޮތަށް އޮޕަރޭޝަނަށްފަހު އަންނަ ދެރަވުމާއި ހިތްހަމަނުޖެހުން އެއަށްވުރެ ސީރިއަސްވެ ވަރަށްބޮޑު މައްސަލައަކަށްވެސް ވެއެވެ. މިގޮތުން ބައެއް ބަލިމީހުންގެ ކިބައިން ފެންނަ އަލަމާތްތަކުގެ ތެރޭގައި ކުރިގައި ދިރިއުޅެމުން އައި އުފާވެރި ދިރިއުޅުމަށް އަބުރާ ދާން ބޭނުންނުވުމާއި، އެހެންމީހުންގެ ލޯތްބާއި އިހުތިރާމް ނުލިބޭކަމުގެ އިހުސާސްކުރެވުމާއި، ތިމަންނައަކީ ބޭކާރު އަދި ދެން އެއްވެސް ކަމެއް ކުރުމުގެ ގާބިލުކަން ނެތް މީހެއްކަމުގެ އިހުސާސް ކުރެވުމެވެ. ގޭތެރޭގައޢައި އަދި މަސައްކަތްކުރާ ތަނުގައިވެސް އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކޮށް ހިފެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި މިގޮތަށް ކުރެވޭ އިހުސާސްތައް އެކަނިމާއެކަނި ހިތުގައި ލައިގެން ހުރުމުގެ ބަދަލުގައި އާއިލާގެ މެމްބަރުންނާއެކު މަޝްވަރާކޮށް އެމީހުން ބައިވެރިކުރުމުން ހިތަށްލިބޭ ފިނިކަން ބޮޑުވާނެއެވެ. އަދި މިފަދަ އިހުސާސްތައް ކުރެވޭ ދަނޑިވަޅުތައް ދަނެގަނެ އެފަދަ ކަންތައްތަކުން ދުރުވެ ހުރުން މުހިއްމެވެ. އަދި ހިތަހަމަޖެހޭފަދަ ކަންތައްތަކާއި މެދު ވިސްނައި އެފަދަ މީހުންނާއެކު ވަގުތު ހޭދަ ކުރާށެވެ.

އިންޒާރުގެ އަލާމާތްތައް

ތިރީގައި މިވާ އަލާމާތްތަކުގެ ތެރެއިން އެއްވެސް ކަމެއް ފާހަގަކުރެވޭނަމަ އަވަހަށް ޑޮކްޓަރ އަށް އެކަން އަންގަންވަނެއެވެ. އަރާމުކުރުމުންނާއި، އަދި ބޭސް ބޭނުންކުރުމުން އެފަދަ އަލާމާތްތައް ރަގަޅުވި ކަމުގައި ވިޔަސް އެފަދަ ވާހަކަ ޑޮކްޓަރ އާ ހަމައަށް ގެންގޮސް އޭނަގެ ޚިޔާލު ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އަވަހަށް އެމްބިޔުލާންސް އަށް ގުޅުމަށްވެސް ހަނދާން ބަހައްޓާށެވެ. އެ އަލަމާތް ތަކަކީ:

  • މޭގައި ރިއްސުން. ކުއްލިއަކަށް މޭގައި ރިއްސަންފަށައި އަދި އެރިއްސުން ބޭސް ބޭނުންކުރުމުންވެސް ރަގަޅުނުވުން. (ނައިޓްރޯ ގްލައިސެރިން/ އައިސޯރޑިލް)
  • ނޭވާކުރުވުން.. އަރާމުކުރުމުންވެސް ރަގަޅުނުވި ނަމަ
  • ބޯ އެބުރުމާއި، ތަންދޮރު ނޭގޭ ގޮތްވުމާއި ހޭ ހުސްވުން
  • ހިތުގެ ހިނގުން އިރުއިރުކޮޅާ އަވަސްވުން
  • ފާރުކޮޅެއްޖަހައި ފަސޭހަނުވުން.

ބޭސް

ހޮސްޕިޓަލުން ގެއަށް ފޮނުވަލެވޭއިރު ބެހާއި އަދި އިތުރު ބޭސްބެނުންޖެހޭ ކަމަށްވާނަމަ ބޭސް ސިޓީ ދެވޭނެއެވެ. މި ބޭސްތަކުގެ އިތުރުން އެހެންއެއްވެސް ބޭހެއް ބޭނުން ކޮށްގެން ނުވާނެއެވެ. އެހެން ބޭހެއް ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ޑޮކްޓައާއި މަޝްވަރާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ދެވިފައިވާ އެއްވެސް ބޭހަކަށް އެލަރޖީ ވާކަމަށްވާނަމަ ލަސްނުކޮށް ޑޮކްޓަރ އަށް އެކަން އަންގަންވާނެއެވެ.

Leave a Comment