ޝާއިއު ކުރެވުނީ: ޑިސެމްބަރ 29, 2023 ލިޔުނީ: ޑރ. އުބައިދު ކޮމެންޓްތައް: 0

އޮޕަރޭޝަނެއް ކުރަން ޖެހުމަކީ އަޅުގަޑުމެންގެ ހަޔާތުގައި މަދުންނަމަވެސް ދިމާވެދާނެ ކަމެކެވެ. އަދި އެއީ ބައެއް މީހުންނަށް ކުރިމަތިލުމަށް އެހާ ފަސޭހަ ކަމެއްނޫނެވެ. ސަބަބަކީ ހަށިގަޑުން ތަންކޮޅެއް ކަފާލުމަކީ ބިރުވެރި ކަމަކަށްވުމާއި، އޮޕަރޭޝަން ކުރުމަށްޓަކައި އިރުކޮޅަކަށްނަމަވެސް ހޭނައްތަން ޖެހޭތީއެވެ. ހޭނެއްތުމަކީވެސް އޭގައި އިތުރުމައްސަލަތަކެއް ބައެއްމީހުންނަށް ކުރިމަތިވާ ކަމަކަށްވެފައި އެއްވެސް މީހަކު އިރުކޮޅަކަށްނަމަވެސް ހޭނެތެން ބޭނުން ނުވާނެތީއެވެ. ވުމާއެކު އޮޕަރޭޝަނެއް ކުރުމުގެ ކުރިން އޮޕަރޭޝަން ކުރައްވާ ޑޮކްޓަރއާއި ވާހަކަދައްކައި ކުރަން އުޅޭ އޮޕަރޭޝަން އާއި ބެހޭގޮތުން ވީހާވެސް ގިނަ މައުލޫމާތު އޮޅުން ފިލުވުމަކީ އިތުރު ހިތްހަމަ ޖެހުމެއް ލިބޭނެ ކަމެއްކަން ޔަގީނެވެ. ތިރީގައި މިހުށަހަޅާލަނީ އޮޕަރޭޝަން ކުރުމުގެ ކުރިން ޑޮކްޓަރ އާއި ކޮންމެހެންވެސް ކުރަންޖެހޭ ދިހަ ސުވާލެވެ. ކުރަން ހަމަޖެހިފައިވާ އޮޕަރޭޝަން އަކީ ކޮންމެކަހަލަ އޮޕަރޭޝަން އަކަށްވިއަސް މި ސުވާލުތައް ކުރުމަކީ މުހިއްމު ކަމެކެވެ.

  • ކުރަން ލަފާ ދެއްވާ އޮޕަރޭޝަން އަކީ ކޮބައިތޯއެވެ؟

ތިމާއަށް އޮޅުންފިލާފަދަ އާދައިގެ އިބާރާތުން، ކުރަންއުޅޭ އޮޕަރޭޝަންއަކީ ކޮބައިކަން އޮޅުން ފިލުވާށެވެ. އަދި އޮޕަރޭޝަންގެ ނަމާއި ކުރާނެގޮތް އޮޅުންފިލުވާށެވެ. އަދި މި އޮޕަރޭޝަން ކޮންމެހެން ކުރަންޖެހެނީ ކީއްވެކަމާއި އަދި  މިނޫންގޮތަކަށްވެސް  މި އޮޕަރޭޝަންކުރެވިދާނެތޯ އާއި މިގޮތަށް މިކުރަނީ ކޮންސަބަބަކާހެދިތޯވެސް އޮޅުންފިލުވާށެވެ. އޮޅުން ނުފިލާނަމަ ކުރެހުމާއި ފޮޓޯ ދައްކައިގެން ނަމަވެސް އޮޅުންފިލުވައި ދެއްވުމަށް ޑޮކްޓަރަށް ދަންނަވަންވާނެއެވެ.

  • މި އޮޕަރޭޝަން ކުރުމުގައި ޑޮކްޓަރ ގެ ތަޖްރިބާ އަކީ ކޮބައިތޯއެވެ؟

މި އޮޕަރޭޝަނަކީ  ގިނައިން ނުވަތަ މަދުން ކުރެވޭ އޮޕަރޭޝަނެއްތޯ އާއި ކިހާވަރެއްގެ ކާމިޔާބު ރިކޯޑެއް މި އޮޕަރޭޝަންގައި ޙާޞިލުވެފައި ވޭތޯ އޮޅުންފިލުވާށެވެ. މި އޮޕަރޭޝަން ކުރެވޭ ހޮސްޕިޓަލުގެ ނަރުހުންނާއި އޮޕަރޭޝަން ތިއޭޓަރގެ ސްޓާފުންނަކީ މި އޮޕަރޭޝަން ކުރެވޭ ބަލިމީހުންނަށް ޚިދްމަތްކުރުމުގެ ތަޖްރިބާ ލިބިފައިވާ ބައެއްތޯ އޮޅުންފިލުވާށެވެ.

  • މި އޮޕަރޭޝަން އަކީ މިވަގުތު ކޮންމެހެން ކުރަންޖެހޭ އަޮޕަރޭޝަނެއްތޯ؟

މިއޮޕަރޭޝަން މިހާރު ކުރަންޖެހޭ ސަބަބު އޮޅުންފިލުވާށެވެ. މި އޮޕަރޭޝަން ކުރަނީ ތަދުކެޑުވުމާއި އަދި އެނޫންވެސް އުދަގޫތައް ދުރުކުރުމަށްތޯ ނުވަތަ ބަލިހާލަތު އިތުރަށް ދެނެގަތުމަށްތޯއެވެ. ނޫންނަމަ މިއީ މިހާރުން މިހާރަށް ކޮންމެހެން ކުރަންޖެހޭ އޮޕަރޭޝަނެއްތޯ އޮޅުންފިލުވާށެވެ.

  • މި އޮޕަރޭޝަން މިހާރު ނުކުރާކަމަށްވާނަމަ ދެން ހުރި އިޚްތިޔާރު ތަކަކީ ކޮބައިތޯ؟

މި އޮޕަރޭޝަން މިހާރުނުކޮށް ބޭސްދީގެން ރަގަޅުނުކުރެވޭނެތޯ ޑޮކްޓަރ އާ ސުވާލުކޮށް އޮޅުންފިލުވާށެވެ. މި އޮޕަރޭޝަން މިހާރު ނުކޮށްފިނަމަ ދިމާވެދާނެ މައްސަލަ ތަކަކީ ކޮބައިތޯ އޮޅުންފިލުވާށެވެ. އަދި މިހާރު މިއޮޕަރޭޝަން ނުކޮށް ތަންކޮޅެއްފަހުން މި އޮޕަރޭޝަން ކުރެވިދާނެތޯ އޮޅުންފިލުވާށެވެ. އަދި އޮޕަރޭޝަން ނުކުރާނަމަ އަދި ފަހުންކުރުމަށް ލަސްކޮށްލައިފިނަމަ ދިމާވެދާނެ މައްސަލަތަކަކީ ކޮބައިތޯ އޮޅުންފިލުވާށެވެ.

  • މި އޮޕަރޭޝަނުން ނުކުންނާނެކަމަށް ލަފާކުރެވޭ ނަތީޖާ އަކީ ކޮބައިތޯ؟

މި އޮޕަރޭޝަން ކުރުމުގެ ސަބަބުން ލިބޭނެ ފައިދާ ތަކަކީ ކޮބައިތޯ އާއި އެފައިދާ ތައް ލިބިގަތުމަށް އޮތީ ކިހާވަރެއްގެ ފުރްޞަތެއްތޯ އޮޅުން ފިލުވާށެވެ.

  • މި އޮޕަރޭޝަން ކުރުމަށްޓަކައި ބޭނުންކުރަން ޖެހޭނީ ހޭނެއްތުމުގެ ކޮން ވައްތަރެއްތޯ؟

މި އޮޕަރޭޝަން ކުރުމަށްޓަކައި މުޅިން ހޭނައްތަން ޖެހޭނެތޯ އާއި، ނޫންނަމަ އޮޕަރޭޝަން ކުރާ ހިސާބު އައްސިވާކަހަލަ އިންޖެކްޝަން ޖަހައިގެން ނުކުރެވޭނެތޯ އޮޅުންފިލުވާށެވެ. އޮޕަރޭޝަން ކުރުމުގެ ކުރިން ނިދޭކަހަލަ ނުަވަތަ ތަދުކަޑުވާކަހަލަ އެއްވެސް ވައްތަރެއްގެ ބޭހެއް ބޭނުންކުރަން ޖެހޭނެތޯ އަހާށެވެ. އޮޕަރޭޝަން ކުރުމަށްޓަކައި ދެވޭ ހޭނެއްތުމުގެ ވައްތަރަކީ މިކަމަށް އެންމެ އެކަށޭނަ ވައްތަރުތޯއާއި އޭގެ ސަބަބުން ކުރިމަތިވެދާނެ މައްސަލައެއް އޮންނާނެ ތޯ އޮޅުންފިލުވާށެވެ.

  • މި އޮޕަރޭޝަންގައި ކުރިމަތިލާން ޖެހިދާނެ ރިސްކް ތަކަކީ ކޮބައިތޯ؟

މި އޮޕަރޭޝަން ކުރުމުގެ ތެރޭގައި އާއި އަދި ކުރުމަށްފަހުގައިވެސް ދިމާވެދާނެ މައްސަލަ ތަކަކީ ކޮބައިތޯ އޮޅުންފިލުވާށެވެ. އަދި އެފަދަ މައްސަލަ ދިމާވާ އިންސައްތައަކީ ކިހާވރެއްތޯއާއި އެފަދަ މައްސަލައެއްދިމާ ވެއްޖެނަމަ އެކަންތައް ހައްލު ކުރުމަށްޓަކައި ކުރަން ޖެހޭނީ ކޮންކަމެއްތޯވެސް އަހާށެވެ. ހޮސްޕިޓަލުގައި ބާއްވަންޖެހޭ މުއްދަތު އިތުރުވާނެތޯ އާއި ނޫންނަމަ އެމައްސަލަ ގޭގައި ހުރެގެންވެސް ހައްލު ކުރެވިދާނެތޯ އޮޅުންފިލުވާށެވެ.

  • މި އޮޕަރޭޝަނާ ބެހޭގޮތުން ދެވަނަ މީހެއްގެ ޚިޔާލު ހޯދާލުން ކިހިނެއްވާނެތޯ؟

ކުރަން ހަމަ ޖެހިފައިވާ އޮޕަރޭޝަން އަކީ އިމަރޖެންސީ އޮޕަރޭޝަނެއް ނޫން ކަމަށްވާނަމަ އޮޕަރޭޝަން އަށް ޚާއްޞަ އެހެން ޑޮކްޓަރެއްގެ ޚިޔާލު އަހާލުމަކީ ވަރަށް ރަގަޅު ކަމެކެވެ. އަދި އޮޕަރޭޝަން ކުރާ ޑޮކްޓަރުން އެކަމާ ހިތްބުރަކޮށްގެން ވާނެ ކަމެއްވެސް ނޫނެވެ. ދެވަނަ މީހެއްގެ ޚިޔާލު ލިބުމުން ބަލި މީހާގެ ހިތުގައިވާ ވަރަށްގިނަ ޝައްކުތައް ފިލައި އޮޕަރޭޝަނާ މެދު ހިތަހަމަ ޖެހުން ލިބިގެންދާނެއެވެ. ވުމާއެކު ދެވަނަމީހެއްގެ ޚިޔާލު ހޯދާލަންތޯ ޑޮކްޓަރ ގެ ކިބައިން ސުވާލު ކުރަން ވާނެއެވެ.

  • އޮޕަރޭޝަން ކުރުމަށްފަހު ފަސޭހަވުމަށް ކިހާ މުއްދަތެއް ނަގާނެތޯ؟

ތަފާތު އޮޕަރޭޝަން ތަކަކީ އުފެދޭ ފާރުގަޑު ހިކުމަށް އެކި މުއްދަތު ނަގާ ކަމަކަށްވާތީ އޮޕަރޭޝަނަށްފަހު ކަންތައްތައް ކުރައްވާނެ ގޮތުގެ ތަފްޞީލު ޑޮކްޓަރ ގެ ފަރާތުން ކުރިއާލައި އޮޅުން ފިލުވުމަކީ މުހިއްމު ކަމެކެވެ. ތަދުކަޑުވަން ބޭސްބޭނުންކުރަންޖެހޭނެތޯ އާއި އިތުރު ކަސްރަތު ޕްރޮގްރާމެއް ފަދަ ކަމެއް ބޭނުންވާނެތޯ އާއި އަދި ކިހާ މުއްދަތެއްގައި ކަން އޮޅުންފިލުވަން ވާނެއެވެ.

  • މި އޮޕަރޭޝަން ކުރުމަށްޓަކައި ދާނެ އަންދާޒާ ޚަރަދާއި އަދި ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ ގޮތަކީ ކޮބައިތޯ؟

މިފަދަ ސުވާލުތަކުގެ ފުރިހަމަ ޖަވާބު ޑޮކްޓަރަށް ނޭގުމަކީ ވަރަށް އެކަށީގެންވާކަމެކެވެ. ނަމަވެސް ސުވާލުގެ ޖަވާބު އެގޭ މީހަކާ ހަމައަށް ފޮނުވައި ދިނުމަކީ ޑޮކްޓަރއަށް ކުރެވިދާނެ ކަމެކެވެ.

މި ސުވާލުތަކަކީ އޭގެ ޖަވާބު ބަލިމީހާއަށް ކޮންމެހެން އެގެންޖެހޭ ސުވާލު ތަކެކެވެ. ނަމަވެސް އަޅުގަޑުމެންގެ ރާއްޖޭގައި މަސައްކަތްކުރައްވާ ގިނަ ޑޮކްޓަރުންނަކީ ބިދޭސީންނަށްވުމާއެކު މިފަދަ ސުވާލު ތަކުގެ ޖަވާބު ހޯދަން އުޅޭ ބަލިމީހަކަށްވެސް ގިނަފަހަރަށް އޮންނަނީ ނުލިބިއެވެ. އިންކާރު ކުރެވެން ނެތް އަނެއް ހަގީގަތަކީ އަޅުގަޑުމެންގެ ތެރެއިން ގިނަ ބަލިމީހުންނަކީ މިފަދަ ސުވާލުތަށް ކުރުމަށް އެހާ ޝައުގުވެރިކަން ހުންނަބަޔަކަށްވެސް ނުވާކަމެވެ.

Leave a Comment