ޝާއިއު ކުރެވުނީ: ޑިސެމްބަރ 29, 2023 ލިޔުނީ: ޑރ. އުބައިދު ކޮމެންޓްތައް: 0

ލަކުނަކީ ހަންގަނޑަށް ލިބޭ އަނިޔާއަކަށްފަހު ފާރުހިކޭ އިރު އުފެދޭ އެއްޗެކެވެ. އޭގައި ހުންނާނީ ކުރިންހުރި ހަމުގެ ސެލްތަކުގެ ބަދަލުގައި ފައިބަރސް ސެލްތައް ގިނައިން ހިމެނޭ ޓިޝޫ ތަކެކެވެ. ލަކުނު އުފެދެނީ ހަށިގަނޑު އަމިއްލައަށް އެއަށް ލިބޭ ގެއްލުން މަރާމާތުކޮށް ބިނާކުރުމުގެ މަސައްކަތް ކުރަމުން ދާއިރުއެވެ. ވުމާއެކު ލަކުނު ލުމަކީ ތަބީއީކޮށް އޭގެ ޒާތުގައި ވާ ކަމެކެވެ. ހަމަށްލިބޭ ވަރަށް ކުޑަކުޑަ އަނިޔާތައް ފިޔަވައި އެހެންހުރިހާ ގެއްލުންތަކުން ލަކުނު ލާނެއެވެ. އޭގެ ތެރޭގައި ހަމަށް ޖެހޭ އެކިބަލިތަކާއި އެކްސިޑެންޓް ތަކުގައި ލިބޭ ގެއްލުންތަކާއި އޮޕަރޭޝަންތަކުގައި ފަޅާލެވޭ ތަންތަން ހިމެނެއެވެ.

ތާރީޚަށް ބަލާއިރު ލަކުނަކީ ބައެއްގަބީލާތަކުގެ މީހުން، ގަބީލާގެ މީހުން ވަކިކުރުމަށްޓަކައި އަމިއްލައަށްވެސް ލައްވަމުން ގެންދާ އެއްޗެކެވެ. އަދި ވަކިގޮތަކަށް ހަމުގައި ލައްވާލެވޭ ލަކުނުތަކަކީ ބައެއްމީހުންނަށް ވަރަށް ރީތި އެއްޗެއްވެސް މެއެވެ. އެފްރިކާގެ ބައެއް ގަބީލާތަކުގެ އަންހެނުންނާއި ފިރިހެނުންގެ މޭމައްޗާއި ބަނޑުގައި ވަކިގޮތަކަށް ލެވޭ ލަކުނުތަކަކީ އެމީހުންގެ ރީތިކަން އިތުރުކޮށްދީ ހިތްދަމައިގަތުމުގެ ސަބަބެއްކަމަށްވެސް ދެކެއެވެ. ނަމަވެސް ލަކުނަކީ އެންމެން އެހާ ހިތްހަމަޖެހޭ އެއްޗަކަށް ނުވެއެވެ. މިހާރުގެ ގިނަ އޮޕަރޭޝަންތައް ކުރަމުން ގެންދަނީ ވީހާވެސް ކުޑަ ލަކުނެއްލާނެފަދަ ގޮތަކަށެވެ. އޭގެ ތެރޭގައި ލިބުނު އެއްމެ ބޮޑު ކުރިއެރުމަކީ ފަޅާނުލައި ކެމެރާ ލައްވައިގެން ކުރެވޭ އޮޕަރޭޝަންތައް ތައާރަފް ވުމެވެ. އަދި އޮޕަރޭޝަނަކަށްފަހު ފަޅާލެވިފައިވާތަން ފަހާއިރު ވީހާވެސް ބޮޑަށް ލަކުނު ކުޑަކުރުމަށްޓަކައި ތަފާތު ޓެކްނިކްތައް ބޭނުން ކުރެވެއެވެ. ކޮންމެއަކަސް އޮޕަރޭޝަންކުރާ ޑޮކްޓަރުންގެ ގާތުގައި ލަކުނަކީ އެމީހުން ކުރި އޮޕަރޭޝަންގެ ހަމައެކަނި ފެންނަން އިންނަ ނިޝާނެވެ.

ލަކުނު ފުއްޕުން

ބައެއްމީހުންގެ ގައިގެ ބައެއްތަންތަނުގައިލާ ލަކުނު ދުވަސްވީ ވަރަކުން ފުފި ބޮޑުވާ ގޮތްވެއެވެ. މިއީ ބައެއްފަހަރު ހަށިގަނޑުގެ ފެންނަ ހިސާބުގައިވާ ލަކުނެއްނަމަ ވަރަށް ހިތްހަމަނުޖެހޭ އަދި ލަދުގަންނަ ގޮތް ދިމާވާ ކަމެކެވެ. ލުކުނު ފުއްޕުން ނުވަތަ (ހައިޕަރ ޓްރޮފިކްސްކަރ) އުފެދެނީ ފާރު ހިކެމުން އަންނައިރު އޭގެ ތެރޭގައި އުފެދެންޖެހޭ ކޮލަޖެން ފައިބަރ ތައް އުފެދުމާއި އަދި އެ ފައިބަރ ތައް ފިލައިގެން ދިއުމާމެދު އޮންނަ ބެލެންސް ގެއްލުމުންނެވެ. މީގެ ސަބަބުން ލަކުނު އިތުރަށް ދުޅަވެ އުފުލިފައި ހުންނަ ގޮތްވެއެވެ. ނަމަވެސް މި ދުޅަހުންނާނީ ލަކުނުގެ ސަރަހައްދުގައެވެ. އޭގެ އިތުރު ތަންތަނަށް ފެތުރިގެން ނުދާނެއެވެ. ލަކުނު ފުއްޕާގޮތް ދިމާވަނީ ބައެއް އާއިލާތަކުގެ މީހުންނަށެވެ. މީގެ މާނައަކީ ވާރުތަވަމުން އަންނަ ޖީންއެއްގެ ސަބަބުން ދިމާވާ ކަމެކެވެ. މިމައްސަލަ ގިނައިން ދިމާވަނީ ކަޅުމީހުންނަށްވުރެ ގިނައިން ދޮން މީހުންނަށެވެ. އަދި ބޮޑެތިމީހުންނަށްވުރެ ބޮޑަށް ކުޑަކުދިންނަށެވެ. މިވައްތަރުގެ ލަކުނު ހުންނާނީ ރަތްކުލައިގައި އަދި ފުފިގެން މައްޗަށް އަރާފައެވެ. އަދި ހިރުވުމަކީ ވަރަށް އެކަށީގެންވާކަމެކެވެ. މި މައްސަލަތައް ފާހަގަ ކުރެވޭނީ ލަކުނު ލާތާ 2ހަފްތާއާއި ދެމަހާއި ދެމެދުއެވެ. އޭގެ ފަހުން މަޑުމަޑުން ދުޅަތިރިވެއެވެ. ވުމާއެކު ލަކުނު ލުމުގެ 6މަސްފަހުން އެތަންފުއްޕާނަމަ އެއީ ހައިޕަރޓްރޮފިކް ސްކަރ އެކޭ ނުބުނެވޭނެއެވެ. އެއަށް ކިޔަނީ ކިލޮއިޑް އެވެ.

ކިލޮއިޑް

މިއީވެސް ލަކުނު ފުއްޕުމުގެ ވައްތަރަކަށް ކިޔާ ނަމެކެވެ. ނަމަވެސް މިވައްތަރާއި ހައިޕަރޓްރޮފިކް ސްކަރ އާއި ހުރިތަފާތަކީ މިވައްތަރުގައި ލަކުނުން ބޭރަށްވެސް ދުޅަވެ ފެތުރިގެން ދިއުމާއި ލަކުނު އުފެދޭތާ 6މަސްފަހުންވެސް ފުއްޕާލުން ފާހަގަވެގެން ދިއުމެވެ. ކިލޮއިޑްވެސް އުފެދެނީ ބައެއް އާއިލާތަކުގެ މީހުންގެއެވެ. މިކަންދިމާވާ މީހުންގެ ކިތަންމެ ކުޑަކުޑަ ލަކުނެއް ލި ކަމުގައި ވިޔަސް އެލަކުނު ދުވަސްކޮޅެއްފަހުން ފުއްޕާލަން ފަށައެވެ. ގިނައިން ފާހަގަ ކުރެވެނީ އެފްރިކާ އާއި އަދި އޭޝިޔާމީހުންގެ ގައިންނެވެ. ނަމަވެސް ހުރިހާ ނަސްލެއްގެ މީހުންނަށްވެސް މިކަން ދިމާވެއެވެ. މިފަދަ ލަކުނުތައް ލަނީ ހަންގަނޑު ވާންކޮށްހުންނަ އަދި ޕްރެޝަރ ކުރާ އޭރިއާތަކުގައެވެ. އެގޮތުން އެކިނަސްލުގެ މީހުންގެ މިފަދަ ލަކުނުތައް ލާ ތަންތަން ތަފާތެވެ. މިސާލަކަށް ދޮންމީހުންގެ އެންމެގިނައިން ކިލޮއިޑް އުފެދޭ ތަންތަން ތަރުތީބުން ލިޔާނަމަ ފުރަތަމަ އަންނާނީ މޫނާއި ކޮލެވެ. ދެން ދެއަތާއި އަތްތިލައެވެ. އެއަށްފަހު މެމައްޗާއި ކަރާއި ދެފަޔާއި އަދި އެންމެ ފަހުން ބަނޑެވެ. ނަމަވެސް އެފްރިކާގެ ކަޅު މީހުންނަށް ބަލާއިރު އެންމެ ފުރަތަމަ އަންނާނީ ކަންފަތުގެ ފޫޅެވެ. ދެން މޫނާއި ކަރެވެ. އެއަށްފަހު ފަޔާއި މޭމައްޗާއި ބުރަކަށްޓާއި ބަނޑެވެ. އޭޝިޔާ މީހުންގެ މިފަދަ ލަކުނު އެންމެ ގިނައިން ލަނީ ކަންފަތު ފޫޅުގައެވެ. ދެން ދެއަތާއި އަތްތިލައެވެ. އެއަށްފަހު މޭމައްޗެވެ.

ލަކުނު ހުތުރުވުމުގައި ބައިވެރިވާ ސަބަބުތައް

ކުރިންވެސް އިޝާރާތް ކުރެވުނު ފަދައިން ލަކުނު ފުއްޕުމަކީ ވިރާސީގޮތުން ހަށިގަޑުގައި ހިމެނޭ މައުލޫމާތު ތަކެއްގެ ސަބަބުން ވާ ކަމެކެވެ. ނަމަވެސް މިފަދަ ކަމެއްނެތް މީހުންގެ ގައިގައި ލާ ލަކުނު ހުުތުރުވުމުގައި ސަބަބުތަކެއް ވެއެވެ. އެންމެ ފުރަތަމަ ކަމަކީ ލަކުނު ލާ ތަނެވެ. ހަށިގަނޑުގެ ވާންވެ ހަރަކާތް ކުރާ ތަންތަނުގައި ލަކުނެއްލައިފިނަމަ ފުއްޕުމުގެ ފުރްޞަތު ބޮޑެވެ. މިސާލެއްގެ ގޮތުން ކޮނޑުހުޅުމައްޗާއި މޭމަތި އަދި ކަކުލު ހުޅުގެ އޭރިޔާއެވެ. ވުމާއެކު ލަކުނަށް ވާންވާކަމަށް ވާނަމަ އެލަކުނު ފުއްޕާލުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން ތަނެއް ކަނޑައިގެން ދިޔައިރު އެތަނުގައިވާ ބައެއް މަސްކޮޅާއި ޓިޝޫ ބޮޑަށް ހަލާކުވެ ބައެއް އުނިވެފައިވާނަމަ ލަކުނު ބޮޑުވެ ހުތުރުވާނެއެވެ. ހަމައެފަދައިން އަނިޔާވެފައިވާ ހިސާބު ގޭނި އެހިސާބުގެ ހަންގަނޑު އުނިވެ މަސްގަނޑު ހަލާކުވެފައިވާނަމަ އެއީވެސް ލަކުނު ބޮޑުވާނެ ކަމެކެވެ. އަދި މިކަންކަމުގައި ބަލިމީހާއަށްވެސް އަދި ޑޮކްޓަރއަށްވެސް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެއެވެ. ނަމަވެސް ލަކުނުލުން ކުޑަކުރުމުގެ ގޮތުން ކުރެވިދާނެ ބައެއްކަންތައްތަކަކީ ޑޮކްޓަރުންގެ ކޮންޓްރޯލްގައިވާ ކަންތައްތަކެވެ. އޭގެ ތެރޭގައި ހަލާކުވެފައިވާ މަސްގަޑާއި ހަން ފާރުގަނޑުތެރެއިން ނަގައި ސާފުކުރިވަރަކުން ލަކުނުލުން ކުޑަވެ އެތަން ދޮސްގަތުންވެސް ކުޑަވާނެއެވެ. އަދި ފާރުގަނޑުގެ ތެރޭގައިވާ ވެއްޔާއި އެހެނިހެންވެސް ހަށިގަޑާއި ނުގުޅޭ ބީރައްޓެހި ތަކެތި ނެރެ ސާފުކުރެވިދާނެއެވެ. އަދި ފުންކޮށް ކަނޑައިގެން ގޮސްފައިވާ ފާރުގަނޑު ފަހާއިރު އެތެރޭގައި ހުސްތަން ނުއޮންނާނެފަދައިން ގިނަ ފަށަލަތަކަށް ބަންދު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ހަމައެފަދައިން ފާރުގަނޑު ފެހުމަށް ބޭނުންކުރާ ރޮދީގެ ވައްތަރާއި ސައިޒުތަކަކީ ވެސް ލަކުނު ލުމުގައި އިސްދައުރެއް އަދާ ކުރާ އެއްޗިއްސެވެ. އަދި ފަހާފައިވާ ރޮދި ކޮށާލެވުނީ އޮޕަރޭޝަން ކުރިފަހުން ކިހާ މުއްދަތެއްގެ ތެރޭގައިތޯވެސް ބަލަންޖެހެއެވެ. މިއީ ހައްތާވެސް ޑޮކްޓަރުންގެ ކޮންޓްރޯލްގައިވާ ކަންކަމެވެ. މި ކަންކަމަށް ސަމާލުކަން ދެވިއްޖެނަމަ ހުތުރު ލަކުނު ލުން މަދުކުރެވޭނެކަން ޔަގީނެވެ.

ފުއްޕާފައިވާ ލަކުނަށް ކުރެވިދާނެ ފަރުވާތައް:

ފާއިތުވެދިޔަ 20އަހަރުގެ ތެރޭގައި ފުއްޕައި އައިބުވެފައިވާ ލަކުނުތަކަށް ކުރެވިދާނެ ފަރުވާ އާ ބެހޭގޮތުން އެތައް ދިރާސާތަކެއް ކުރެވިފައިވެއެވެ. އަދި އެކަށީގެންވާ ފަރުވާތަކެއް މި ރޮގުގައި ތައާރަފް ކުރެވިފައިވެއެވެ. ނަމަވެސް މިފަދަ އައިބުވެފައިވާ ލަކުނުތަކަށް މީގެ ތިންހާސް އަހަރުކުރިން ފަރުވާ ކުރެވުނުކަމަށް ގަދީމީ މިސްރުގެ ޕަޕައިރަސްތަކުން ފެންނަން އެބަހުއްޓެވެ. ވުމާއެކު ރީތިވުމާއި ރީތިކަމަށް ލޯބިކުރުމަކީ އިންސާނުންގެ ތަބީއަތެވެ. ގަދީމީ އާދައެކެވެ.

ލަކުނުފުއްޕާކަން ފާހަގަ ކުރެވޭ އާއިލާ ތަކުގެ މިހުންނަށް ކޮންމެހެން ބޭނުންނުޖެހޭ އޮޕަރޭޝަންތައް ނުކުރުމަކީ މިފަދަ ލަކުނުތައް ލުން މަދުކުރެވޭނެ ކަމެކެވެ. ހަމައެއާއެކު އަނިޔާއެއް ވެފައިވާތަން ފަހާއިރު ކުރިން އިޝާރަތް ކުރެވުނު ފަދައިން ރަގަޅަށް ފަހައި ބަންދު ކުރުމަކީ ހުތުރު ލަކުނު އުފެދުން މަދުވާނެ ކަމެކެވެ. ހަމައެފަދައިން އޮޕަރޭޝަނެއް ކުރުމަށްޓަކައި ކަފާލެވޭ ތަންތަން ހުޅުހުޅާއި އަދި މޭމަތި ފަދަ ތަންތަން ހުރަސްކޮށް ނުކެފުންވެސް މުހިއްމެވެ.

އޮޕަރޭޝަން ނޫން އެހެންފަރުވާތައް:

ފުއްޕާފައިވާ ލަކުނު އޮޕަރޭޝަން ނުކޮށް އެހެންކަހަލަ ފަރުވާ އެއް ލިބުމަކީ ވަރަށް ގިނަބައެއްގެ ހިތްހަމަޖެހޭނެ ކަމެއްކަން ޔަގީނެވެ. މިގޮތުން ތިންވައްތަރެއްގެ ފަރުވާއެއް ޓެސްޓް ކުރެވިފައިވެއެވެ. ފުރަތަމަ ކަމަކީ ސިލިކޯން ޖެލް ނުނީ ކޯޑްރާން ޓޭޕް ފަދަ އެއްޗެއް ބޭނުންކޮށްގެން އެތާގައި ބޭސްގަޑެއް އެޅުމެވެ. މިހެންހެދުމުން ކޮންމެވެސްވަރެއްގެ ރަގަޅުވުމެއް ފެންނަކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. ދެވަނަ ކަމަކީ ލަކުނު މަތީގައި ލާރިފޮއްޗެއް ނަމަވެސް ނުވަތަ ގޮށެއް ފަދަ ހަރުއެއްޗެއް އަޅައި ފިއްތާލުމެވެ. ނަމަވެސް މިއީ އެއްދުވަހުން ނުވަތަ ދެދުވަހުން ރަގަޅު ކުރެވޭނެ ކަމެއް ނޫނެވެ. މި ފިއްތުން 5މަސް 6މަސް ވަންދެން ކުރިއަށް ގެންދަން ޖެހެއެވެ. ތިންވަނަ ކަމަކީ ލަކުނު ތެރެއަށް ކޯރޓިކޯސްޓިރޮއިޑް ފަދަ އިންޖެކްޝަނެއް ޖެހުމެވެ. މީގެ ސަބަބުން ލަކުނު ތެރޭގައި އުފެދޭ ލަކުނުބޯކުރާ ޓިޝޫ ކަމަށްވާ ކޮލަޖެން ފައިބަރސް ތައް މަދުވެ އުފެދިފައިވާ ފައިބަރސް ތައް މަޑުވެއެވެ. އޭގެ ސަބަބުން ލަކުނު ކުރިއަށްވުރެ ފުއްޕުން ކުޑަވެ ދުޅަ ތިރިވެއެވެ. މިއީ ވަރަށް ކާމިޔާބު ފަރުވާ އެއްކަމުގައި ވަނީ ބެލެވިފައެވެ. މި އިންޖެކްޝަން ތަކުރާރު ކުރަންޖެހޭނީ ކޮންމެ 6ހަފްތާ އަކުން އެއްފަހަރު 3އިންޖެކްޝަން ހަމަވަން ދެންނެވެ. މިރޮގުގައި ފާހަގަ ކުރެވޭ އެންމެ ފަހުގެ ފަރުވާ ތަކަށް ބަލާއިރު ލަކުނުތެރެއަށް ޖަހާލެވޭ އިންޓަރފޭރޯންއާއި 5ފްލޯރޯ ޔޫރާސީލް އަދި ޑޮކްސޯރޫބިސިން، ޓަމޮކްސިފިން ފަދަ ކެންސަރ އާ އިދިކޮޅަށް ދެވޭ ބޭސްވެސް ހިމެނެއެވެ. ނަމަވެސް މިފަދަ ފަރުވާ ތައް އަދިވަނީ ތަޖުރިބާކުރުމުގެ މަރުހަލާގައެވެ.

އޮޕަރޭޝަން ފަރުވާ:

ލަކުނު ފުއްޕުމުގެ ފަރުވާއެއްގެ ގޮތުން އޮޕަރޭޝަން ކުރުމަކީ އެހާ ކާމިޔާބު ފަރުވާއެއްކަމުގައި ނުބެލެވެއެވެ. އެއީ އޮޕަރޭޝަނަށްފަހުގައިވެސް ލަކުނު ފުއްޕުމުގެ މައްސަލަ ތަކުރާރުވުމުގެ ފުރްޞަތު ބޮޑުކަމުންނެވެ.

  • ކްރަޔޯތެރަޕީ: މިއީ ދިޔާ ނައިޓްރޯޖެން ބޭނުންކޮށްގެން ލަކުނު ފިނިކޮށްލުމެވެ. މިހެންހެދުމުން ލަކުނުގެ ސެލްތަކަށް ލޭ ގެނެސްދޭ ހޮޅިތައް ބަންދުވުމުގެ ސަބަބުން ލޭނުލިބުމުގެ ސަބަބުން ލަކުނުގެ ސެލްތައް މަރުވެ އޮބިގެން ދެއެވެ. މިފަރުވާ ލަކުނު ރަގަޅުވަންދެން މަހަކު އެއްފަހަރު ތަކުރާރު ކުރަން ޖެހެއެވެ. ސްޓަޑީ ތަކުން ދައްކާގޮތުގައި މިފަރުވާ އަށްފަހު ދެން އެލަކުނު ފުއްޕުގެ ފުރްޞަތު އޮންނާނީ 51% އާއި 74% އާ ދެމެދުއެވެ. ވުމާއެކު މިއީ އެހާ ކަމިޔާބު ފަރުވާއެކޭ ނުބުނެވޭނެއެވެ.
  • ދުޅަވެފައިވާ ލަކުނު ކަފައި ނެގުން: ދުޅަވެ ފުއްޕާފައިވާ ލަކުނު ވަށައިގެން އައްސިކުރުމަށްފަހު ކަފައި އެތަނުން ނަގައި އަނެއްކާވެސް އެތަން ރީއްޗަށް ފަހައި ބަންދު ކުރެވެއެވެ. ނަމަވެސް މި ފަރުވާ އެކަނި މިއީ އެހާ ކަމިޔާބު ފަރުވާއެއް ނޫނެވެ. ނަމަވެސް މިފަރުވާ އާއި އެކީގައި ލަކުނުގެ ތެރެއަށް އިންޖެކްޝަން ޖެހުންފަދަ އެހެންފަރުވާތައް ކުރިއަށް ގެންދެވިއްޖެނަމަ މިއީ ކާމިޔާބު ފަރުވާއެއްކަމަށް ތަޖުރިބާކާރުން އެއްބަސްވެއެވެ. ހަމައެކަނި އޮޕަރޭޝަންކޮށް ލަކުނު ނަގަކަމަށްވާނަމަ އަލުން ލަކުނު ފުއްޕާލުމުގެ ފުރްޞަތު އޮންނާނީ 45%އާއި 100% ދެމެދުއެވެ. ނަމަވެސް އެހެން ފަރުވާތަކާއި އެއްކޮށް ކުރެވޭނަމަ މިރޭޓް 50%އަށް ތިރިވެއެވެ.

ލޭޒަރ ފަރުވާ: ލޭޒަރ ބޭނުންކޮށްގެން ކުރެވޭ އޮޕަރޭޝަންތަކަކީ ކަފާލެވޭ ހިސާބުގައިވާ އެހެން ޓިޝޫތަކަށް އަނިޔާނުވެ ސަލާމަތުން ބަހައްޓާވަރަށް ކަމިޔާބު އޮޕަރޭޝަންތަކެއް ކަމުގައި ބެލެވެއެވެ. ވުމާއެކު ލަކުނު ފުއްޕުމުގެ މައްސަލަ ހުންނަ މީހުން މިފަދަ އޮޕަރޭޝަންތަކާއި ދިމާލަށް ގޮސްފައި ވެއެވެ. މިގޮތުން ލޭސަރ ގެ ހަތަރު ވައްތަރެއް ބޭނުންކޮށްގެން ލަކުނު ކަފައި ނެގެއެވެ. އެއީ ކާރބަންޑައިއޮކްސައިޑް ލޭޒަރ އާއި، އާރގޮން ލޭޒަރ އާއި އަދި ޕަލްސްޑް ޑައި ލޭޒަރއާއި އެންޑީ ޔެގް ލޭޒަރެވެ. މީގެ ތެރެއިން އެންމެ ކާމިޔާބު ވައްތަރަކީ ޕަލްސްޑް ޑައި ލޭޒަރއެވެ. ނަމަވެސް މި އޮޕަރޭޝަނަށްފަހުވެސް ލަކުނު ފުއްޕާލުމުގެ ފުރްސަތު 34%އާއި 100% އާއި ދެމެދުގެ ރޭޓެއްގައި އޮވެއެވެ. ވުމާއެކު މިއީވެސް އެންމެ ރަގަޅު ފަރުވާއެކޭ ބުނެވޭކަށްނެތެވެ.

Leave a Comment