ޝާއިއު ކުރެވުނީ: ޑިސެމްބަރ 29, 2023 ލިޔުނީ: ޑރ. އުބައިދު ކޮމެންޓްތައް: 0

ބަލިވެގެން ޑޮކްޓަރ އަކަށް ދެއްކުމަށް ހޮސްޕިޓަލަށް ނުވަތަ ކްލިނިކަށް ދާއިރު ހުސްއަތާ ގޮސް ވަންނަ މީހުން ވަރަށް ގިނައެވެ. އުމުރުން ގިނަދުވަސްވެފައި ތަފާތު ގިނަބަލިބައްޔަށް ބޭސްފަރުވާކޮށްފައިވާ މީހަކަށްވިއަސް އަދި ފަރުވާ ކުރަމުންދާ މީހަކު ކަމުގައި ވިއަސް ގިނަފަހަރަށް އެމީހުންގެ ފަރުވާ އާއި ބެހޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ ރެކޯރޑެއް ރައްކާނުކުރެއެވެ. މިކަން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ރާއްޖެއިން ބޭރުން އެކި ބަލިބައްޔަށް ފަރުވާ ހޯދުމަށް ދާ ބަލިމީހުންނާއި އެކި އޮޕެރޭޝަންތަކަށް ބޭރަށްދާ މީހުންގެ ކިބައިންނެވެ. ވަރަށްގިނަ ބަލިމީހުން އެމީހުންގެ ބައްޔާބެހޭގޮތުން ސުވާލު ކުރުމުން މިވެނި މިވެނި އޮޕަރޭޝަނެއްކޮށްފީމޭ ނުވަތަ މިވެނި ބައްޔަކަށް ބޭސްކޮށްފީމޭ ބުނެއެވެ. ނަމަވެސް ޑޮކްޓަރގެ ލިޔުން ކޮބައިތޯ ސުވާލުކުރުމުން ލިބޭޖަވާބަކީ އެޑޮކްޓަރ އެއްވެސް ލިޔުމެއް ނުދެއްވައޭ، ނޫނީ މިދިޔަ ސުނާމީގައި ހުރިހާ ލިޔުންތައްވަނީ ގެއްލިފައޭ ފަދަ ޖަވާބުތަކެވެ. މިއީ ވަރަށް ހިތާމަހުރި އަދި ބައެއްފަހަރު ވަރަށް ނުރައްކާތެރި ކަމެއްވެސް މެއެވެ.

އަމިއްލަ ސިއްހީ ރެކޯރޑް ތަކަކީ ކޯއްޗެއް؟

އެއްވެސް ސަބަބަކާހުރެ ހޮސްޕިޓަލަކަށް ނުވަތަ ސިއްޙީ ޚިދްމަތް ދެވޭ ތަނަކަށްގޮސް ޑޮކްޓަރއަކަށް ދެއްކުމުން އެޑޮކްޓަރ ބަލިމީހާގެ ސިއްހީ ތާރީޚު އަހައި ނޯޓުކުރައްވާނެއެވެ. އަދި އެއަށްފަހު ބަލިމީހާ ބައްލަވައި ލިބުނު މައުލޫމާތުވެސް ލިއުއްވާނެއެވެ. އަދި އެއަށްފަހު ހަދަންފެންނަ ޓެސްޓެއްވާނަމަ އެވާހަކަވެސް ލިއުއްވާނެއެވެ. އެއަށްފަހު ބޭހެއްދޭނަމަ އެބޭހުގެ ނަމާއި ބެނުންކުރާނެގޮތާއި އަދި މުއްދަތުވެސް ލިއުއްވާނެއެވެ. ވުމާއެކު ޓޮކްޓަރ ދެއްވާ ސިޓީ އަކީ ހަމައެކަނި އޭގައި ބޭސް ލިޔެފައިވާ ސިޓީއެއް ނޫނެވެ. އެއީ ކުރިން މިއިޝާރާތް ކުރެވުނު ގިނަ މައުލޫމާތު އެކުލެވޭ ސިއްހީ ރެކޯޑެކެވެ. ޓެކްނޮލޮޖީގެ ރޮގުން އިންސާނުން ކުރިއަށްދިޔަވަރަކުން ސިއްހީ މައުލޫމާތު ރައްކާތެރިކުރުމުގައި އެމީހުންގެ ހުނަރު އިތުރުވެފައި ވެއެވެ. މިގޮތުން މިހާރުގެ ކުރިއަރާފައިވާ ހޮސްޕިޓަލު ތަކުގައި ބަލިމީހުންގެ ސިއްހީ ރެކޯރޑްތަކަކީ ނެޓްވޯކަކަށް ލެވިފައިވާ އެއްޗެކެވެ. އޭގެ ސަބަބުން ބަލިމީހާ އެކިފަހަރު މަތިން ޑޮކްޓަރުންނަށް ކޮށްފައިވާ ޒިޔާރަތްތަކުގެ ރެކޯރޑް މަދު ސިކުންތުކޮޅެއްގައި ބަލައިލެވެއެވެ. އަދި ހަދާފައިވާ ޓެސްޓް ތަކުގެ ރިޕޯރޓް ތަކާއި ކޮށްފައިވާ އޮޕަރޭޝަންތަކާއި އޭގެ ނަތީޖާ ދަނެގަނެވެއެވެ. ނަމަވެސް މިފަދަ ވަސީލަތެއް ނެތް ތަންތަނުގައި ބަލިމީހާއަށް ހަވާލުކުރެވޭ ސިޓީ އަކީ ވަރަށް މުހިއްމު ލިޔުމެކެވެ. ބަލިމީހާގެ  ސިއްހީ ރެކޯރޑް ތައް ހުރެއްޖެނަމަ އޭނައަށް ކުރާ ފަރުވާ ތައް ކުރިއަށް ލަފާ ކުރުމާއި ދަނެގަތުމުގައި އެހީތެރިވެދެއެވެ. އަދި ފަރުވާ ކުރުމުގައި ބައިވެރިވާ ޓީމު ކަމުގައިވާ ނަރުހުންނާއި ޑޮކްޓަރުންނާއި އަދި އެނޫންވެސް މީހުން ބައްޔާމެދު މަޝްވަރާކޮށް ގޮތްތަކެއް ކަނޑައެޅުމުގައި އެހީތެރިވެދެއެވެ. އަދި އެއީ މައްސަލައެއް ޖެހިއްޖެ ހާލަތެއްގައި ކޯޓަށްވެސް ހުށަހެޅިދާފަދަ ދަލީލެކެވެ. އަދި ހަމައެއާއެކު އެއީ ފައިސާ ދައްކާފައިވާ ޚިދްމަތްތަކެއް ދެވިއްޖެ ކަމުގެ ހެކިވެސް މެއެވެ. ވުމާއެކު މިފަދަ މުހިއްމު އެއްޗެއް ގެއްލުވާލުމަކީ ވަރަށްބޮޑު ގެއްލުމެކެވެ.

ކުރިއަރާފައިވާ ގައުމުތަކުގައި ވަޒީފާތަކަށް މީހުން ހޮވާއިރުއާއި އަދި ޔުނިވަރސިޓީއާއި އަދި އެހެންވެސް ތަންތަނަށް މީހުން ހޮވާއިރު އަމިއްލަ މައުލޫމާތު އެކުލެވޭ ފައިލެއް ހަދަން ޖެހެއެވެ. އެއަށް ކަރިކިޔުލަމް ވައިޓާ ނުވަތަ ރެޒިޔުމް ފަދަ ނަންތައް ކިޔެއެވެ. ހަމައެފަދައިން އެފަދަ ގައުމުތަކުގައި ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ހެލްތް ރެކޯރޑްއެއްހެދުމަށް ބާރު އަޅައެވެ. މިއީ ކޮންމެހެން އެމީހުންގެ ހޮސްޕިޓަލުތަކުގައާއި އަދި ކްލިނިކު ތަކުގައި މިފަދަ މައުލޫމާތު ރައްކާކޮށްފައި ނުހުންނާތީ ނޫނެވެ. މިފަދަ މައުލޫމާތު އެއްތަނެއްގައި ފުރިހަމައަށް ނުހުންނާތީއެވެ. މީގެ މާނައަކީ އެކިފަހަރު އެކި ޑޮކްޓަރުންނަށް އެކި ކްލިނިކު ތަކަށްގޮސް ދައްކާއިރު އެމީހުންގެ ރައްކާކުރާ މައުލޫމާތު އެއީ ވަކި ކަންކަމަށް ޚާއްޞަ ޑޮކްޓަރުން ލިއުއްވާ މައުލޫމާތު ތަކަށްވާތީ އެއީ އެންމެ ފުރިހަމަ ސިއްހީ ރެކޯރޑްތަކެއްގެ ގޮތުގައި ނުބެލެވެނެއެވެ. އަދި އެމައުލޫމާތު ހުންނާނީ އެކި ހޮސްޕިޓަލު ތަކުގައާއި ކްލިނިކުތަކުގައާއި އަދި ބައެއް ބޭރު ގައުމުތަކުގެ ހޮސްޕިޓަލު ތަކުގައިވެސް މެއެވެ. ވުމާއެކު ކުރިއަރާފައިވާ ގައުމުތަކުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ޝަޚްޞީ ހެލްތް މައުލޫމާތު ތަކެއް އެއްފައިލެއްގެ ތެރެއިން ފެންނަން ހުންނަ ގޮތަކަށް ’ހެލްތް މައުލޫމާތު ފައިލެއް“ ތައްޔާރު ކުރުމަށް ބާރު އަޅައެވެ. މިގޮތުން އެމެރިކާގެ ބައެއް ހެލްތް އޮގަނައިޒޭޝަން ތަކުން އަމިއްލަ މީހުންގެ ހެލްތް ރެކޯރޑްތައް ހެދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ފޯމުތައް އެކުލަވާލުމާއި އަދި އެފަދަ ރެކޯރޑްތައް ރައްކާކޮށްފައި ބަހައްޓާނެ ގޮތްތައް ދަސްކޮށްދެއެވެ. ޑޮކްޓަރ އަށް ދެއްކުމަށްދާއިރު މި ރެކޯރޑްތައް ގެންދިއުމަށް ނަސޭހަތްތެރި ވެއެވެ. އަމިއްލައަށް، އަމިއްލަ ހެލްތް ރެކޯރޑް ހެދުމުގެ އަނެއް ފައިދާ އަކީ ޑޮކްޓަރުންނަށް ބަލިމީހާ އާއި ބެހޭގޮތުން ނޭގޭ ކުދި ކުދި ތަފްޞީލު ބަލިމީހާ ހަދާ މިފަދަ ރެކޯރޑެއްގައި މާ ފުރިހަމަ އަށް އެކުލެވޭނެކަމަށް ވާތީއެވެ.

އަމިއްލަ ހެލްތް ރެކޯރޑެއްގައި އެކުލެވިދާނެ މުހިއްމު މައުލޫމާތު:

  • އަމިއްލަ ނުވަތަ ޝަޚްޞީ މައުލޫމާތު: މި ބައިގައި ނަމާއި އެޑްރެހާއި އުފަންވި ދުވަހާއި އުފަންވި ތަނުގެ މައުލޫމާތު ލިއުން މުހިއްމެވެ.
  • ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ގުޅާނެ ފަރާތާއި ބެހޭ މައުލޫމާތު: މީގައި އެފަރާތެއްގެ ނަމާއި ގުޅޭނެ ނަމްބަރު ތަކާއި ހުރި ގާތްކަން ބަޔާންކުރުން މުހިއްމު ވަނެއެވެ.
  • ބަލިވެގެން ބޭސްކުރާ ކަމަށްވާނަމަ ނުވަތަ ބޭސްކޮށްފައިވާނަމަ ބޭސްކުރެއްވި ޑޮކްޓަރ ގެ ނަމާއި ހޮސްޕިޓަލް ނުވަތަ ކްލިނިކުގެ ނަމާއި ފޯން ނަމްބަރު ނުވަތަ މޮބައިލް ނަމްބަރު
  • ވަކި ހެލްތް އިންޝުއަރެންސް ކުންފުންޏަކުން ޚަރަދުތައް ދޭންހަމަޖެހިފައިވާނަމަ އެކަންވެސް މި ރެކޯރޑްގައި ހިމެނުން ރަގަޅުވާނެއެވެ.
  • ބޮޑުބައްޔަކަށް ބޭސްކުރާނަމަ ނުވަތަ އޮޕަރޭޝަނެއްކޮށްފައިވާނަމަ އެކަމަކާބެހޭ މައުލޫމާތު.
  • މިހާރު އެއްވެސް ބޭހެއް ބޭނުންކުރަމުން ދާކަމަށްވާނަމަ އެބޭހުގެ ނަމާއި އޭގެ މިންވަރު .
  • ލިބިފައިވާ ވެކްސިންތަކާއި އޭގެ ތާރީޚުތައް
  • އެލަރޖީ ހުންނަ ބޭސްތަކާއި އަދި ކާނާގެ ބާވަތްތަކާއި އެނޫންވެސް ތަކެތި.
  • ސިއްހީގޮތުން މުހިއްމު ދުވަސްތަކާއި، އާއިލާގެ މެމްބަރުންގެ ތެރޭގައި ވާރުތަވަމުން އަންނަ ބައްޔެއްވާނަމަ އެކަން.
  • އެންމެ ފަހުގެ މެޑިކަލް ޗެކްއަޕް ގެ މައުލޫމާތާއި ރިޕޯރޓް ތައް.
  • ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިޔާލު
  • އަމިއްލަ ސިއްހަތާ ބެހޭގޮތުން ހިމަނާލުމަށް ފެންނަ އެހެނިހެން މައުލޫމާތު.

މިފަދަ ރެކޯރޑްތައް ހަދައި ރައްކާކުރަނީ ކިހިނެއް؟

އަމިއްލައަށް ސިއްހަތާބެހޭ ރިޕޯރޓެއް ހެދުމަށްޓަކައި ކުރީގައި ކޮށްފައިވާ ފަރުވާ އާއި އަދި އެއީ ކޮންބައްޔެއްކަމާއި އޭގެ ނަތީޖާ ތައް އެއްކުރުމަކީ މުހިއްމު ކަމެކެވެ. މިގޮތުން ކުރީގެ ބޭސްސިޓީތައް ގެއްލިފައިވާނަމަ ބޭސްކުރި ޑޮކްޓަރ އާ ބައްދަލުކޮށް ވާހަކަ ދައްކައި އެކުރި ބޭހާއި ނުވަތަ ކުރި އޮޕަރޭޝަން އާ ބެހޭގޮތުން މައުލޫމާތު އެއްކުރެވިދާނެއެވެ. މިފަދަ މައުލޫމާތު އެއްކުރުމަށްފަހު ފައިލެއްގެ ސިފައިގައި މި އެއްޗެހި ރައްކާ ކުރެވިދާނެއެވެ. ނޫންނަމަ ކޮމްޕިއުޓަރ ގައި އެމައުލޫމާތު ތަރުތީބު ކުރުމަށްފަހު ޕެންޑްރައިވް އެއްގައި ނަމަވެސް ރައްކާ ކުރެވިދާނެއެވެ. ނޫންނަމަ ސީޑީއެއްގެ ސިފައިގައިވެސް ގެންގުޅެވިދާނެއެވެ. ޑޮކްޓަރއަށް ދައްކަން ދާކަމަށްވާނަމަ މިފަދަ ލުއި އެއްޗެއް ހިފައިގެން ދިއުމަކީ އުދަގޫކަމަކަށް ނުވާނެއެވެ. މިހާރުގެ ހުރިހާ ކްލިނިކްތަކެއްގައާއި އަދި ހޮސްޕިޓަލް ތަކެއްގައިވެސް ކޮމްޕިޔުޓަރ ސިސްޓަމްތައް ހުރެއެވެ. ވުމާއެކު އެފަދަ ރިޕޯރޓެއް ބަލާލުމަކީ ޑޮކްޓަރ އަށް މާއުދަގޫ ކަމަކަށް ނުވާނެއެވެ.

މަތީގައި މި އިޝާރަތް ކުރެވުނު ފަދަ ހެލްތް ރެކޯޑެއް ހެދުމަކީ އަހަރެމެންގެ ތެރެއިން ކޮންމެ ކޮންމެ މީހަކަށް އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. ނަމަވެސް އެއީ ކުރެވިއްޖެނަމަ އެއިން ވަރަށް ބޮޑު ފަސޭހަތަކަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެކެވެ. މިފަދަ ކަމެއް ނުކުރެވޭ މީހުންވެސް އެމީހުންނަށް ޑޮކްޓަރ ދެއްވާފައި ހުންނަ ބޭސް ސިޓީއާއި އަދި ޓެސްޓްތަކުގެ ރިޕޯރޓްތައް ފަދަ މުހިއްމު ލިޔުންތައް ރައްކާތެރިކަމާއެކު ފައިލެއްގެ ތެރޭގައި ނަމަވެސް ގެންގުޅުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އަދި ކޮންމެ ފަދަ ކަމެއްދިމާވެގެން ޑޮކްޓަރ އަށް ދެއްކުމަށް ދިޔަކަމުގައިވިޔަސް މި މުހިއްމު މައުލޫމާތު ފައިލް ގެންދިޔުމަކީ ވަރަށްގިނަ ބައެއްގެ އަގުހުރި ވަގުތާއި ވަރަށްގިނަ ފައިސާއެއް ސަލާމަތްވެ ބަލިމީހާއަށް އެކަށީގެންވާ އިތުބާރު ހުރި ސިއްހީ ޚިދްމަތެއް ފޯރުކޮށްދިނުމުގައި އެހީތެރިވާނެ ކަމެއްކަން ޔަގީނެވެ.

Leave a Comment