ޝާއިއު ކުރެވުނީ: ޑިސެމްބަރ 29, 2023 ލިޔުނީ: ޑރ. އުބައިދު ކޮމެންޓްތައް: 0

ފުރަގަސްފަރާތުގައި އުފެދޭ ފިސްޓުލާގެ އެންމެ މުހިއްމު ފަރުވާއަކީ އުފެދިފައިވާ މަގު ނެގުމަށްޓަކައި އޮޕަރޭޝަން ކުރުމުވެ. ނަމަވެސް މި ބައްޔަށް ދޭ އޮޕަރޭޝަން ފަރުވާގެ ވަރަށް ގިނަ ތަފާތު ވައްތަރުތައް ފާހަގަ ކުރެވެއެވެ. މި ފަރުވާތައް އާއްމުކޮށް ބައްޓަން ކުރެވެމުންދަނީ ބަލީގެ ވައްތަރާއި އަދި ގިންތީގެ މައްޗަށެވެ. އަދި ފިސްޓުލާ އުފެދުނު ސަބަބު ހޯދައި އެކަމަށް ފަރުވާކުރުންވެސް މުހިއްމެވެ. ނަމަވެސް ދިރާސާތަކުން ދައްކާގޮތުގައި ފިސްޓުލާއަކީ އެކީގައި ފަސޭހަވެ މުޅިން އެއިން ސަލާމަތްވުމަށް ވަރަށް އުދަގޫ ބައްޔެކެވެ. މި ފަރުވާތަކުގެ ކާމިޔާބުގެ އިންސައްތަ އެއް ކަމަށް ބެލިފައިވަނީ 50 އިން ސައްތައެވެ.

އޮޕަރޭޝަނަށް ތައްޔާރުކުރުން:  

ބަލިމީހާގެ ތައްޔާރީތައް:

މިއީ ފުރަގަސްފަރާތު ދޮރުގައި ކުރެވޭ އޮޕަރޭޝަނަކަށް ވުމާއެކު ގޮހޮރު ހުސްކޮށް އޮޕަރޭޝަނަށް ތައްޔާރު ކުރުމަށް ބަވަލް ޕްރެޕަރޭޝަން އޭ ކިޔައެވެ. މީގެ މާނައަކީ އޮޕަރޭޝަންގެ 24 ގަޑިއިރު ކުރިން ހަރު އެއްޗެހި ކެއުމުގެ ބަދަލުގައި ހަމައެކަނި ދިޔާއެއްޗެހި ބުއިމަކީ ގޮހޮރު ހުސްކޮށްލުމަށް ފަސޭހަވާނެ ކަމެކެވެ. އަދި ލޭ ދިޔާކުރަން ބޭސް ބޭނުންކުރަމުން އަންނަ ނަމަ އެ ބޭސް 5 ވަރަކަށް ދުވަސް ކުރިން ހުއްޓާލުމަށް ނަސޭހަތްތެރި ވާނެއެވެ. އަދި ހޮސްޕިޓަލުގައި ބޭއްވުމަށްފަހު ގޮހޮރު ހުސް ކުރުމަށްޓަކައި އެނެމާދިނުމާއި އަދި ބައެއް ބޭސް ބޭނުންކުރަން ބުނުންވެސް އެކަށީގެންވެއެވެ. މީގެ ބޭނުމަކީ އޮޕަރޭޝަން ކުރާ ވަގުތު އެ ތަން ނަޖިހުން ސަލާމަތްކުރުމެވެ.

ހޭނެއްތުން ނުވަތަ އައްސިކުރުން:

ފޫޅުން ތިރީގެ އޮޕަރޭޝަނަކަށް ވުމާއެކު އައްސިކޮށްގެން ކުރުމަކީ އެއްމެ އެކަށީގެންވާ ގޮތެވެ. ނަމަވެސް ބަލިމީހާ ބޭނުންވާގޮތާއި، އަދި ހޭނައްތާ ޑޮކްޓަރުގެ ލަފާ މިކަމުގައި ހޯދާނެއެވެ. އޮޕަރޭޝަންގެ ކުރިން ހޭނައްތާ ޑޮކްޓަރަށް ދައްކާއިރު މިކަންކަމާ މަޝްވަރާކޮށް ގޮތެއް ނިންމުމުގެ ފުރްޞަތު ބަލިމީހާއަށް ނުވަތަ ހަވާލުވާ ފަރާތަށް ލިބިގެންދާނެއެވެ.

ފިސްޓުލާ އޮޕަރޭޝަންގެ ތަފާތު ވައްތަރުތައް:

  • ފިސްޓުލާ މަގު ހުޅުވާލުން: (ފިސްޓުލޮޓޮމީ)

މިއީ އެންމެ ގިނައިން ކުރާ ފިސްޓުލާ އޮޕަރޭޝަނެވެ. އަދި މިކަމަށް ކުރާ އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ ކާމިޔާބު ކަމަށް ފާހަގަ ކުރެވިފައިވާ އޮޕަރޭޝަންވެސް މެއެވެ. ފިސްޓިއުލޮޓޮމީގެ މާނައަކީ ފުރަގަސްފަރާތު ދޮރުން ބޭރުގައި އިންނަ ފިސްޓުލާގެ ލޯވަޅުން ފެށިގެން ދޮރުގެ އެތެރޭގައި އިންނަ ފިސްޓުލާގެ ލޯވަޅާ ހަމައަށް އެތަން ކަފާލައި ހުޅުވާލުމެވެ. އަދި ފިސްޓުލާގެ އެތެރޭގައިވާ ތަކެތި ނަގައި ރަގަޅަށް ސާފުކޮށް އެތަން ބޭސްއަޅައި ރަގަޅުކުރުމެވެ. އެހެންނަމަވެސް މި އޮޕަރޭޝަން ކުރަން އެންމެ ރަގަޅުވާނީ އެހާ ފުންކޮށް މަގު އުފެދިފައި ނެތް ތަންކޮޅެއް ތިލަފަށުގައި އުފެދިފައިވާ ފިސްޓުލާއަށެވެ. މާ އެތެރެއިން އެކްސްޓަރނަލް ސްފިންކްޓަރ ގެ ބޮޑު އިންސައްތައެއް ފޫއަޅުވާފައިގޮސް ބޮޑުކަމުދާ ހޮޅީގެ ތަންކޮޅެއްމަތިން ހުޅުވޭ ފިސްޓުލާއެއް ނަމަ މިގޮތަށް އޮޕަރޭޝަންކުރުމުން ބޮޑުކަމުދިއުން ކޮންޓްރޯލް ނުވެ ގަޔަށް ދެވުން ފަދަ މައްސަލަތައް ދިމާވުމުގެ ފުރްޞަތު އިތުރުވެއެވެ.

މިއޮޕަރޭޝަން ކުރުމުގެ ކުރިން ފިސްޓުލާ މަގު ފާހަގަ ކުރުމަށްޓަކައި ކުލަޖެހޭ ކަހަލަ މާއްދާއެއް ފުރަގަސްފަރާތު ދޮރުން ބޭރުގައިވާ ލޯވަޅުން އެތެރެއަށް ފޮނުވާލާނެއެވެ. މީގެ ބޭނުމަކީ ފުރަގަސްފަރާތު ދޮރުގެ އެތެރޭގައިވާ ލޯވަޅު ފާހަގަ ކުރުމާއި އިތުރު އެހެން މަގުތަކެއް މިއާ ގުޅިފައި ހުރިތޯ ބެލުމެވެ. އަދި ފިސްޓުލާ ދަތުރުކުރާ މަގާއި ސްފިންކްޓަރ މަސްފަށަލަތަކާއި ހުރި ގުޅުންވެސް ބެލުމެވެ. އާއްމުގޮތެއްގައި ކުރަން ގަސްދު ކުރާ އޮޕަރޭޝަންގެ ވައްތަރު ކަނޑައަޅަނީ މި ޓެސްޓް ހެދުމަށްފަހު އެވެ.

ފިސްޓުލޮޓޮމީ އަކީ ކަފާލާފައި ނުވަތަ ހުޅުވާލާފައިވާ ފާރުގަނޑަކަށް ވުމާއެކު އޮޕަރޭޝަނަށްފަހު އަންނަ ދުވަސްކޮޅަކީ ބަލިމީހާއަށް އެހާ ފަސޭހަ ދުވަސްކޮޅަކަށް ނުވެއެވެ. ބޮޑުކަމުދާ ކޮންމެ ފަހަރަކު ބޭސް އަޅަންޖެހުމާއި އަދި ފާރުކޮޅު ރަގަޅުވުމަށް ނަގާ މުއްދަތު ދިގުވުމަކީ ބަލިމީހުންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭ ދުވަސްކޮޅެކެވެ. އަދި ބަލިފަސޭހަވުމަށް ނަގާ 4-6 ހަފްތާގެ ތެރޭގައި ގޭގައި ފާރުކޮޅު ސާފުކުރުމާއި އަދި ބޭސްއަޅައިދިނުމަށް ރަގަޅު އެހީތެރިއެއްގެ ބޭނުންޖެހޭނެވެސް މެއެވެ.

  • ފިސްޓުލާ މަގުގެ ތެރެއަށް ނައިލޯނު ރޮއްޖެއް ލެއްވުން (ސެޓޯން ޓެކްނިކް)

ފިސްޓުލާ މަގު އުފެދިފައިވަނީ ފުރަގަސްފަރާތު ދޮރުގެ ވަށައިގެންވާ މަސްފަށަލަ (ސްފިންކްޓަރ) ތަކުގެ ތެރެއިން އެއްމެ ބޭރަށްވާ ގޮތަށް އިންނަ އެކްސްޓަރނަލް ސްފިންކްޓަރ ގެ ބޮޑުބައެއް އޭގެ ތެރޭގައި ހިމެނޭ ގޮތަށް ކަމަށްވާނަމަ، އެތަނުގައި ފިސްޓުލޮޓޮމީ ހެދުމަށް (ފިސްޓުލާ މަގު އެކީގައި ހުޅުވާލާފައި ބޭއްވުމަށް) އޮޕަރޭޝަން ޑޮކްޓަރުން ލަފާ ނުދޭނެއެވެ. ސަބަބަކީ އެގޮތަށް ކަފާލައިފިނަމަ ބޮޑުކަމު ދިއުން ކޮންޓްރޯލް ނުކުރެވުމުގެ ފުރްޞަތު އޮތުމެވެ. މި ހާލަތުގައި އެންމެ ރަގަޅު ޕްރޮސީޖަރ އަކަށް ވާނީ ސެޓޯން ޕްރޮސީޖަރ އެވެ.

ސެޓޯން އަކީ އޮޕަރޭޝަންކުރުމުގައި ފަހަން ބޭނުންކުރާ ވިރިގެން ނުދާ ރޮދިކޮޅެއް ފިސްޓުލާ އެއް ވިދުގެ ތެރެއިން ލައްވައިގެން ގޮސް އެތެރޭގައިން ވިދުގެ ތެރެއިން ނެރެ އައްސާލާފައި ބޭންދުމެވެ. މީގެ ބޭނުމަކީ ފިސްޓުލާގެ ތެރޭގައި އުފެދޭ ދިޔަތައް ނެރުމާއި އަދި މި ރޮދިފަށް ވާން ކުރަމުން ދިޔަވަރަކަށް ފިސްޓުލާގެ މަގު ކެނޑެމުން ބެދެމުން ދިއުމެވެ. ވުމާއެކު މިއީ ތަންކޮޅެއް ލަސްލަހުން ދިޔަނަމަވެސް ސްފިންކްޓަރ ގެ މަސައްކަތް ރައްކާތެރިކަމާއެކު ދެމެހެއްޓުމާއެކު ފިސްޓުލާ މަގުވެސް ފަސޭހަ ކުރެވިދާނެ ގޮތެކެވެ.

މި އޮޕަރޭޝަންގެ ސަބަބުން ދުވަސްތަކެއްވަންދެން ބަލިމީހާ އުދަގުލުގައި އުޅެންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ފުރަގަސްފަރާތު ދޮރުގައި ރޮދިފަށެއް އިނުމާއި މި ރޮދިފަށަށް ވާންކުރާ ކޮންމެ ފަހަރަކު ތަދުވެގެން އުޅެން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފެކެވެ.

  • ދޮރުގެ އެތެރެއިން އެޅިފައިވާ ވިދު މަސްފަށަލައެއް އަޅައި ބަންދު ކުރުން (އެޑްވާންސްމެންޓް ފްލަޕް ޕްރޮސީޖަރ)

ފިސްޓުލާ މަގު އުފެދިފައިވަނީ ސްފިންކްޓަރ މަސްފަށަލަތައް ފޫއަޅުވާފައި ކަމަށްވާނަމަ އެ މަގު ނެގުމަށް ނުވަތަ ހުޅުވާލުމަށް ކަފާލުމަކީ ބޮޑުކަމުދިއުން ކޮންޓްރޯލް ނުކުރެވިދާނެ ކަމަށްވާތީ މިފަދަ ހާލަތްތަކުގައި ކުރަން ރަގަޅު އޮޕަރޭޝަނެއްގެ ގޮތުގައި އެޑްވާންސްމެންޓް ފްލަޕް ޕްރޮސީޖަރ ފާހަގަ ކުރެވިފައިވެއެވެ. މި ޕްރޮސީޖަރ ގައި އުފެދިފައިވާ ފިސްޓުލާމަގުގެ އެތެރެ ސާފުކުރުމަށްފަހު ހޮޅީގެ އެތެރެއަށް ހުޅުވިފައިވާ ލޯވަޅު، ފުރަގަސްފަރާތު ހޮޅިގެ އެތެރޭގެ ބިތުގެ ފަށަލައެއް ބޭނުންކޮގެން ބަންދުކޮށްލެވެއެވެ. ނަމަވެސް މިއީ އެހާ ކާމިޔާބު އޮޕަރޭޝަނެއްކަމަށް ފާހަގަކުރެވިފައި ނުވެއެވެ. އަނެއްކާވެސް އެތަނުގައި ފިސްޓުލާ އުފެދުމުގެ ފުރްޞަތު އެހެން ޓެކްނިކް ތަކާ އަޅާކިޔާއިރު މަތި ކަމަށް ދައްކައެވެ.

  • ސްފިންކްޓަރ މަސްފަށަލައިގެ ތެރެއިން ދަތުރުކުރާ ފިސްޓުލާ މަގު އައްސާލައި ބަންދުކުރުން (ލިފްޓް ޕްރޮސީޖަރ)

މި އޮޕަރޭޝަނަކީ ވެސް ސްފިންކްޓަރ މަސްފަށަލައިގެ ދޭތެރެއިން ދަތުރުކުރާ ފިސްޓުލާއަށް ރަގަޅު އޮޕަރޭޝަނެކެވެ. ޚާއްޞަކޮށް ފިސްޓުލާމަގު ކަފާލައިގެން ނެގުމަކީ ބޮޑުކަމުދިއުމަށް އޮންނަ ކޮންޓްރޯލް ގެއްލިދާނެ ފަދަ ހާލަތެއްކަމަށް ހީވާނަމަ މިފަދަ އޮޕަރޭޝަނަކަށް ޖާގަ ދިނުމަކީ އެންމެ ރަގަޅުގޮތެވެ.

ލިފްޓް ޕްރޮސީޖަރ ގައި ދެ ސްފިންކްޓަރ މަސްފަށަލައިގެ ދޭތެރެ ހުޅުވާލުމަށްފަހު ފިސްޓުލާ މަގު ފާހަގަކޮށް އެ މަގު ދެފަރާތުން އައްސައި އެމަގު ބައިކޮށްލެވެއެވެ. މީގެ ސަބަބުން ފުރަގަސްފަރާތު އެތެރެއާ ގުޅިފައިވާ މަގު އެކީގައި ބަނދުކޮށްލެވެއެވެ. ނަމަވެސް ސްފިންކްޓަރ މަސްފަށަލައަށް އޭގެ ސަބަބުން އަނިޔާއެއް ނުވެއެވެ. މި އޮޕަރޭޝަންވަނީ ކޮންމެވެސް ވަރެއްގެ ކާމިޔާބީތަކެއް ހާސިލު ކޮށްފައެވެ. މިއީ އަދި ވަރަށްފަހުން ތައާރަފްކުރެވުނު އޮޕަރޭޝަނަކަށް ވުމާއެކު ދިގުމުއްދަތެއްގެ ދިރާސާތަކެއް މި ޕްޮރސީޖަރގައި އަދި ޝާއިއުކޮށްފައި ނެތެވެ. ނަމަވެސް މިއީ ރަގަޅު އޮޕަރޭޝަނެއްކަމަށް އަންނަނީ ބެލެވެމުންނެވެ.

  • ފިސްޓުލާ މަގުގެ ތެރެއަށް ކެމެރާއެއް ލައްވައިގެން އެ މަގު ކަރަންޓުން ވިރުވާލުން (ވީޑިއޯ އެސިސްޓެޑް އެނަލް ފިސްޓުލާ ޓްރީޓްމެންޓް)

މި އޮޕަރޭޝަންގައި ފިސްޓުލާ މަގުގެ ތެރެއަށް ހިމަ ކެމެރާއެއް ލައްވައި އެ މަގު ސާފު ކުރުމަށްފަހު އެ މަގު ކަރަންޓުން ވިރުވާލައި ބަންދުކޮށްލުމަކީވެސް މިހާރު ކޮންމެވެސްވަރެއްގެ ކާމިޔާބު ކަމާއެކު ކުރަމުން އަންނަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ކަރަންޓުން ވިރުވާލުމުގެ ބަދަލުގައި ލޭޒަރ ބޭނުންކޮށްގެން ވިރުމާލުމަށް ލޭޒަރ ޓްރީޓްމެންޓްއޭވެސް ކިޔައެވެ. އަދި މި އޮޕަރޭޝަން ކުރިން އިޝާރާތް ކުރެވުނު ލިފްޓް ޕްރޮސީޖަރ އާ އެކީގައި ކުރުމުން ކާމިޔާބު ވުމުގެ ފުރްޞަތު އިތުރުކަމަށް ބެލެވެއެވެ. ނަމަވެސް މިފަދަ ޕްރްސީޖަރ ތަކަކީ ހަދަން ފެށިތާ މާގިނަ ދުވަސްވެފައިވާ ޕްރޮސީޖަރ ތަކަށް ނުވުމުން ކާމިޔާބު ވުމުގެ އިންސައްތައެއް އެހާ ޔަގީންކަމާއެކު ދަންނަވަން ނޭގެއެވެ.

  • ފައިބްރިން ގްލޫ ބޭނުންކޮށްގެން ފިސްޓުލާ މަގު ބަންދުކޮށްލުން (ފައިބްރިން ގްލޫ ސީލަންޓް)

މިއީ ބޮޑު އޮޕަރޭޝަނަކާ ނުލައި ފިސްޓުލާ މަގު ބަނދުކޮށްލެވޭ ހަމައެކަނި ގޮތް ކަމުގައި ފާހަގަކުރެވިފައިވެއެވެ. މި ޕްރޮސީޖަރ ގައި ފިސްޓުލާ މަގު ރަގަށް ސާފުކުރުމަށްފަހު ފައިބްރިން ގްލޫ ފިސްޓުލާގެ މަގުގެ ތެރެއަށް އަޅާލެވެއެވެ. މީގެ ސަބަބުން ފިސްޓުލާ މަގު ބެދި ފިސްޓުލާ ބެދި ރަގަޅުވެއެވެ. ނަމަވެސް ފިސްޓުލާ އަލުން އުފެދުމާއި އެތަން ދޮސްގަތުންފަދަ މައްސަލަތައް މި ޕްރޮސީޖަރ އާއި ގުޅިފައިވާ ކަމަށް ލަފާކުރެވިފައިވެއެވެ.

  • ހައިވާނުންގެ ޓިޝޫ ބޭނުންކޮށްގެން އުފައްދާފައިވާ އުނގުރިއެއް ޖެހުން (ބައޮ ޕްރޮސްތެޓިކް ޕުލަގް)

ބައޮލޮޖިކަލް މާއްދާތައް ބޭނުންކޮށްގެން އުފައްދާފައިވާ ޕްލަގް ބޭނުންކޮށްގެން ފިސްޓުލާ މަގު ބަންދުކޮށްލުމަކީވެސް މިހާރު ބައެއް ގައުމުތަކުގައި ދޭ ފަރުވާ އެކެވެ. މި ޕްލަގް ލައްވަނީ ފުރަގަސްފަރާތު ދޮރުގެ އެތެރެއަށް ހުޅުވޭ ވިދަށެވެ. މިއީ ބައިލޮޖިކަލް މާއްދާތަކުން ހަދާފައިވާ އެއްޗަކަށް ވުމާއެކު ހަށިގަނޑާ ނުގުޅުމުގެ ފުރްޞަތު ވަރަށް ކުޑަވެގެންދާނެއެވެ. ނަމަވެސް މިއީ އަދި އެހާ ކާމިޔާބު ޕްރިސީޖަރ އެއް ކަމަށް ނުބެލެވެއެވެ.

ފިސްޓުލާ އޮޕަރޭޝަންގެ ސަބަބުން ނިކުމެދާނެ ނޭދެވޭ ނަތީޖާތަކަކީ:

ކޮންމެ އޮޕަރޭޝަނަކީވެސް އެއާ ގުޅިފައިވާ ތަފާތު ނަތީޖާތައް ފާހަގަ ކުރެވިފައިވާ ޕްރޮސީޖަރ ތަކެވެ. އޭގެ ތެރޭގައި ނޭދެވޭ ނަތީޖާތައް ނުކުންނަ ފަހަރުވެސް މަދެއް ނޫނެވެ. ފިސްޓުލާ އޮޕަރޭޝަންގެ ތަފާތުވައްތަރު ތަކުން ނިކުންނަ ނޭދެވޭ ނަތިޖާ ވަރަށް ތަފާތެވެ. ނަމަވެސް މިއިން ކޮންމެ ޕރޮސީޖަރއެއްގައިވެސް ދިމާވެދާނެ ކަމަށް ލަފާކުރާ ކަންތައްތަކެއްވެއެވެ. މި އޮޕަޮރޭޝަންގެ ކުރުމުގެ ކުރިން ސޮއިކުރާ އެއްބަސްވުމުގައިވެސް މި ނުކުތާތަކަށް އަލިއަޅުވާލާފައިވާނެއެވެ. މި ގޮތުން އާއްމުކޮށް ދިމާވެދާނެ ރިސްކުތަކުގެ ތެރޭގައި އަންނަވި ކަންތައްތައް ހިމެނެއެވެ.

  • ޖަރާސީމު އަށަގަތުމާއި ދުޅަވުން
  • ތަކުރާރުކޮށް ފިސްޓުލާ އުފެދޭގޮތްވުން
  • ބޮޑުކަމުދިއުމުގެ ކޮންޓްރޯލް ގެއްލުން

މިފަދަ މައްސަލަތައް ދިމާވުމުގެ ފުރްޞަތު އިތުރުވެގެންދަނީ ފިސްޓުލާ ދަތުރުކުރަނީ ސްފިންކްޓަރ މަސްފަށަލައިގެ ކިހާ ހިސާބަކުން ކަމާއި، ފިސްޓުލާ ހޮޅީގެ ތެރެއަށް ހުޅުވެނީ ފުރަގަސްފަރާތުގެ ކޮން ހިސާބެއްގައި ކަމާއި، އެއްމަގަށްވުރެ ގިނަ މަގު އުފެދިފައިހުރުން ފަދަ ކަންކަމުގެ މައްޗަށެވެ. އޮޕަރޭޝަންކުރުމުގެ ގަރާރު ނެގުމުގެ ކުރިން މިފަދަ ހުރިހާ މައްސަލަތައް އޮޅުން ފިލުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ވުމާއެކު އޮޕަރޭޝަންޑޮކްޓަރާ ސުވާލުކޮށް ވިހާވެސް ގިނަ މައުލޫމާތު ލިބިގަތުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

Leave a Comment