ފުރަގަސްފަރާތުގެ ދެ މަސްކިބަ ބެދޭ ހިސާބު (Natal cleft) ގެ މެދުގައި ހޮރުތައް އުފެދުމަށް ޕައިލޯނީޑަލް ސައިނަސް އޭ ކިޔައެވެ. އަދި އެ ހޮރުތަކުން ޖަރާސީމު ވަދެ އެތަން ދޮސްގަތުމަށް ޕައިލޯނީޑަލް އެބްސެސް އޭ ކިޔައެވެ. މިއީ ރާއްޖޭގައި ވަރަށް ގިނައިން ފެންނަ މައްސަލައެކެވެ. ވަކިން ޚާއްޞަކޮށް ސްކޫލްތަކުގައި ކިޔަވާ ކުދިންނާއި އަދި ޒުވާން އުމުރުފުރައިގެ އަންހެނުންނާއި ފިރިހެނުންނަށް ދިމާވާ މައްސަލައެކެވެ. މީގެ ސަބަބުން އެކުދިންގެ ކިޔެވުމަށް އަދި އެ ޒުވާނުންގެ ވަޒީފާއަށް ވަރަށް ނޭދެވޭ އަސަރުކުރެއެވެ. އަދި މިއީ އެއްފަހަރު ފަރުކުރުމުންވެސް ތަކުރާރުވެދާނެ ބައްޔެކެވެ.
ކޮންބަޔަކަށް ދިމާވާ މައްސަލައެއް؟
ދިރާސާތަކުން ދައްކާގޮތުގައި، މި މައްސަލަ ދިމާވުމުގެ ފުރްޞަތު ކޮންމެ ސަތޭކަހާސް މީހުންގެ ތެރެއިން ސައްބީސް މީހަކަށް އޮވެއެވެ. އަދި މި ދިރާސާއިން ހާމަވާގޮތުގައި ޕައިލޯނީޑަލް ސައިނަސް މައްސަލަ އާއްމުކޮށް ދިމާވަނީ އުމުރުން 19 އަހަރުގެ ފިރހެނުންނާއި އަދި 21 އަހަރުގެ އަންހެނުންނަށެވެ. 45 އަހަރަށްވުރެ މަތީގެ މީހުންނާއި އަދި އުމުރުން ވަރަށް ހަގު ކުދިންނަށް މި މައްސަލަ ދިމާވުމުގެ ފުރްޞަތު ވަރަށް ކުޑައެވެ. ޕައިލޯނީޑަލް ސައިނަސް މައްސަލަ ދިމާވުމުގެ ފުރްޞަތު ބޮޑު ހާލަތްތަކަކީ:
- ހަށިގަނޑުގެ ބަރުދަން މަތިވުން ނުވަތަ ފަލަ ވުން
- ފުރަގަސްފަރާތުގެ ދެމަސްކިބަ ބެދޭ ހިސާބު ހިރުވުމާއި ކެހުން ނުވަތަ އެހިސާބަށް އަނިޔާއެއްވުން
- ހިތާމަވެރި ދިރިއުޅުމާއި އަދި ހަރަކާތެއްނެތި ގިނައިން އިށީދެއިނުން
- ނޭޓަލް ކްލެފްޓް ތަންކޮޅެއް އަޑިއަށް ވާގޮތަށް އިނުން
- އެ ހިސާބުގައި ގިނައިން ލޯލި ނުވަތަ އިސްތަށި ހުރުން
- ޢާއިލާގައި މި މައްސަލައަށް ފަރުވާކޮށްފައިވާ މީހުން ތިބުން
- ފުރަގަސްފަރާތާއި އަދި ބުޑުމަތީގެ ހުންނަ އިސްތަށި ވަރުގަދަކޮށް ތިބޭމީހުން
- އޯވަރީގައި ފެންކޮތަޅު ނޫނީ ސިސްޓް އުފެދޭ މީހުން
ކިހިނެއް ދިމާވާ މައްސަލައެއް؟
ޕައިލޯނީޑަލް ސައިނަސް ގެ ހަގީގީ ސަބަބު އެހާރަގަޅަށް ފާހަގަކުރެވިފައި ނެތް ކަމުގައި ވިއަސް އެކަން މެދުވެރިވެދާނެ ކަމަށް ދިރާސާވެރިންނަށް ފާހަގަ ކުރެވޭ ކަންތައްތަކެއް ވެއެވެ. ކުރިން އިޝާރާތްކުރެވުނުފަދައިން މި މައްސަލަ އެންމެ ގިނައިން ދިމާވަނީ ފުރާވަރަށް އަރާ ޒުވާން ކުދިންނަށް ކަމަށްވާތީ މިކަމާ، ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލާ ގުޅުމެއްވާކަމަށް ގަބޫލުކުރެވެއެވެ. ހަމައެފަދައިން އެ އޭރިޔާގައި ގިނައިން އިސްތަށިހުންނަ ކުދިން ގިނަ އިރު އިށީދެ އިނުމުގެ ސަބަބުން ދާހިއްލުމާއެކު ނޭޓަލްކްލެފްޓް އޭރިޔާ ގޭނި ކޭއްތުމުގެ ސަބަބުން ހަންފަށަލަ ކުރަކިވެ ކަނޑައިގެން ދެއެވެ. އަދި މީގެ ސަބަބުން ހިރުވުމާއި ކެހުމަކީ އެކަށީގެންވާ ކަމެއްވެސް މެއެވެ. ކެހުމުގެ ސަބަބުންވެސް ހަންފަށަލައަށް ލިބޭ ގެއްލުން ބޮޑުވެއެވެ. ގިނައިރު އިށީދެއިނުމުގެ ސަބަބުން އިސްތަށި ބުޑުތައް އެތެރެއަށް ފުންވެ ހޮރުތަކެއް އުފެދޭ ގޮތް ވެއެވެ. މި ހޮރުތައް ފުންވަމުންދިޔަވަރަކަށް އޭގެ ތެރެއަށް މަޑުކޮޅުތަކާއި އިސްތަށިގެ އެތިކޮޅުތައް ވަދެ އެ ހޮރުތައް އިތުރަށް ފުން ވެއެވެ. މި ގޮތަށް ހަންފަށަލައިގެ ތެރެއަށް ވަންނަ ތަކެއްޗާ މެދު ހަށިގަނޑު ދެކޭނީ ހަށިގަނޑާ ނުގުޅޭ ބީރައްޓެހި އެއްޗެއްގެ ގޮތުގައެވެ. ވުމާއެކު އެތަނުގައި ހަށިގަނޑުގެ ދިފާއީ ސިސްޓަމުން އުފައްދާ ދިފާއީ ހަރަކާތްތައް އުފައްދަން ފަށައެވެ. އޭގެ ސަބަބުން އެތަން ދުޅަވާ ގޮތްވެއެވެ. އަދި އޭގެތެރެއަށް ޖަރާސީމުވަދެ އިންފެކްޝަންވުމުން އެތަން ބޮޑަށް ދުޅަވެ ދޮސްގަންނަގޮތް ވެއެވެ.
ދެނެގަންނާނީ ކިހިނެތް؟
މިކަން ދެނެގަތުމަށްޓަކައި ހަދަންޖެހޭ މާ ގިނަ ޓެސްޓްތަކެއް ނުހުރެއެވެ. ނަމަވެސް ބަލިމީހާގެ ޝަކުވާ އާއި އަދި އެގްޒަމައިން ކުރުމުން ފެންނަ އަލާމާތަތްކުގެ މައްޗަށް ބަލައި ބަލި ދެނެގަނެވެއެވެ. މިގޮތުން ފާހަގަކުރެވޭ ކަންތައްތަކަކީ
- ތަނެއްގައި އިށީނުމުން ނުވަތަ ކޮޅަށް ހުރުމުން ތަދުވުން
- އުނަގަނޑާދިމާލުން ތިރީގައި ދުޅައެއް ހުރުން
- އެ ދުޅައިގެ ވަށައިގެން ރަތްވެ ކުލަބަދަލުވެފައި ހުރުން
- ނުބައި ވަސްދުވާ ދޮހާއި ލޭ އަންނަ ބިއްސެއް ނޭޓަލްކްލެފްޓްގައި ހުރުން
- ފަޅައިގެން ގޮސްފައިވާ އެ ބިހީގެ ތެރެއިން އިސްތަށީގެ އެތިކޮޅުތަކާއި އަދި އަދި އެނޫންވެސް ތަކެތި ނިކުތުން
- ނޭޓަލް ކްލެފްޓްގައި އެނޫންވެސް އެހެން ހޮރުތައް ފެންނަންހުރުން
ފަރުވާއަކީ ކޮބާ؟
މި ބައްޔަށް ކުރާ ފަރުވާ ވަރަށް ގިނަ ގޮތްގޮތަށް ރާވާލެވިފައިވެއެވެ. ބަލިމީހާގެ ޝަކުވާ ތަކާއި އަދި ބަލީގައި ހޭދަކޮށްފައިވާ މުއްދަތު މިފަރުވާ ބައްޓަންކުރުމުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރެއެވެ.
- ޕައިލޯނީޑަލް ސައިނަސް ހުރެފައި އެއްވެސް އުދަގުލެއް ނުވާ މީހުން:
- މި ބަލި ހުރިކަން ފާގަކުރެވިފައި އެކަމުގައި އެއްވެސް ޝަކުވާއެއް ކުރަން ނުޖެހޭ މީހުންނަށް އެއްވެސް ފަރުވާއެއްދޭންޖެހޭތޯ، މި ކަން ދިރާސާ ކުރުމުން ފާހަގަވެފައިވާ ކަމަކީ އެއްވެސް ޝަކުވާއެއް ނެތް މީހުންގެ އޮޕެރޭޝަންކުރުމުގެ ސަބަބަން ވަރަށްގިނަ އެހެން މައްސަލަތަކާ ކުރިމަތިލާންޖެހި ފާރުހިކުން ލަސްވެ 30% މީހުންގެ އިތުރު ކޮމްޕްލިކޭޝަންތައް ވެފައިވާ ކަމަށެވެ. ވުމާއެކު އެފަދަ މީހުންނަށް އެއްވެސް ވައްތަރެއްގެ އޮޕެރޭޝަން ފަރުވާ ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
- ޕައިލޯނީޑަލް ސައިނަސް ހުރެފައި އެތަން ދޮސްގަނެފައިވާ މީހުން:
- ދޮސްގަނެފައިވާނަމަ ފަރުވާ އަކީ ވީހާވެސް އަވަހަށް އެތަން ފަޅައި ދޮސްތައް ނެރެ ސާފުކޮށްލުމެވެ. މިއީ އިމަޖެންސީކޮށް ވަގުތުން ވަގުތަށް ކުރަންޖެހޭ ކަމެވެ. ވުމާއެކު މި ހާލަތުގައި ބަލިމީހާ ގެންދަން ޖެހޭނީ އިމަޖެންސީ ރޫމަށެވެ. އޮޕެރޭޝަން ޑޮކްޓަރަކަށް ދެއްކުމަށް އޯޕީޑީ ގައި މަޑުކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. އަދި އެންޓިބަޔޮޓިކް ނަގައި ތަދުކަނޑުވާ ބޭސް ބޭނުންކޮށްކޮށް ހުރުމަކީ ރަގަޅު ކަމެއް ނޫނެވެ. ދޮސް ނެރުމަށް ދޮސްތައް ނެރެ ފާރުކޮޅު ރަގަޅުވުމުން ޕައިލޯނީޑަލް ސައިނަސް އޮޕެރޭޝަން ކުރުމަކީ އެއްމެ ރަގަޅު ގޮތެވެ.
- ތަކުރާރުކޮށް ޕައިލޯނީޑަލް ސައިނަސް ދުޅަވާ މީހުން:
- ޕައިލޯނީޑަލް ސައިނަސް ދޮސްގަނެ އޭގެ ފަރުވާ ފުރިހަމަ ކުރުމުންވެސް ތަކުރާރުކޮށް އެތަން ދޮސްގަންނަ ކަމަށްވަނަމަ އެކަމުގައި އޮޕެރޭޝަން ފަރުވާ ބޭނުންވާނެއެވެ. އަދި އެކަން މެދުވެރިވެދާނެ ސަބަބުތައް ކަމަށްވާ އިސްތަށި ގިނައިން ހުންނަމީހުންގެ އެ އޭރިޔާގެ އިސްތަށި ލޭޒަރ ބޭނުންކޮށްގެން ނައްތާލުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. މިފަދަ ފަރުވާތަކަކީ މިހާރު ރާއްޖޭގައިވެސް ލިބެން ހުންނަ ފަރުވާ ތަކެވެ.
- ތަކުރާރުކޮށް ޕައިލޯނީޑަލް ސައިނަސް ދުޅަވެ ދޮސްގަންނަ މީހުންނަށް ކުރާ އޮޕެރޭޝަންގެ ތަފާތު ވައްތަރުތަކެއް ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ކަރިޑާކީސް ފްލެޕް
- ބޮސްކޮމް ޕްރޮސީޖަރ
- ރޮމްބޮއިޑް ނޫނީ ލިމްބާރގްސް ފްލެޕް
- ވީ-ވައި އެޑްވާންސްމެންޓް ފްލެޕް
- ޒެޑް ޕްލާސްޓީ
މި ބައްޔަށް ކުރާ ފަރުވާ ބައްޓަން ކުރުމުގައި ޑޮކްޓަރާއި އެކު ބަލިމީހާގެ ބައިވެރިވުން ވަރަށް މުހިއްމެވެ. އަދި ފަރުވާ ކުރިއަށް ގެންދިއުމުގައި ބަލިބޮޑުވެދާނެ ފަދަ ކަންތައްތަކުން ދުރުވުމަކީ ފަރުވާ ކާމިޔާބު ކުރުމުގައި ކުރިއެރުން ލިބޭނެ ކަމެއްކަން ޔަގީނެވެ.