މި މައްސަލައަކީ ހައްލުކުރަން އުދަގޫ އަދި މިކަމުން ސަލާމަތްވުމަށް ވަރަށްގިނަ ފަރުވާ ކުރަންޖެހިދާނެ ކަމެކެވެ. އަދި ދިވެހިންނަށް ވަރަށްގިނައިން ދިމާވާ ކަމެއްވެސްމެއެވެ. ދިރާސާތައް ހެދިފައި ނެތުމުން ފިސްޓުލާއުފެދޭ ނިސްބަތް ދަންނަވަން ނޭގުނުކަމުގައިވިއަސް މި ދާއިރާގައި ގިނަދުވަހު މަސައްކަތްކޮށްފައިވާ އޮޕަރޭޝަން ޑޮކްޓަރެއްގެ ހައިސިއްޔަތުން އެއްޗެއް ދަންނަވާނަމަ، މި ބައްޔަކީ ވަރަށްގިނައިން ފެންނަ ބައްޔެކެވެ. އަދި މި ބަލީގެ އުދަގުލުގައި ވަރަށްގިނަ ޒުވާނުންނާއި އަދި ދޮށީއުމުރުގެ މީހުންވެސް ވަރަށްގިނަ ދުވަހު އުޅެންޖެހޭ އަދި ފަރުވާގެ ގޮތުގައި ވަރަށްގިނަ އޮޕަރޭޝަންވެސް ކުރަންޖެހިދާނެ ބައްޔެއްވެސް މެއެވެ.
ފިސްޓުލާ އަކީ…
ފުރަގަސްފަރާތުގައި ދުވަސްކޮޅުކޮޅުން ދޮސް އަންނަ ނުހިކި ހުންނަ ފާރުކޮޅެއްހުރުމަކީ އާއްމުގޮތެއްގައި ފިސްޓުލާ ހުންނަ ބަލިމީހުންގެ ޝަކުވާއެވެ. ފިސްޓުލާގެ މާނައަކީ ފުރަގަސްފަރާތުގެ ދޮރު ކައިރީގައި ދޮސްބިއްސެއް ޖަހައި އެބިހި އެތެރެއަށް ފުންވެ މަގެއް އުފެދި އެމަގު ފުންވަމުންގޮސް ފުރަގަސްފަރާތުގެ ދޮރުގެ އެތެރެއާ ގުޅުމެވެ. މީގެ މާނައަކީ، ފިސްޓުލާއަކީ ފުރަގަސްފަރާތުގެ ދޮރުގެ ބޭރުގައި ހުޅުވިފައިހުންނަ މަގެއް ހުރުމާއެކު އެ މަގުގެ އަނެއް ކޮޅު ފުރަގަސްފަރާތު ދޮރުގެ އެތެރެއަށް ހުޅުވިފައި ހުރުމެވެ. ދިރާސާތަކުން ދައްކާގޮތުގައި، ފުރަގަސްފަރާތު ދޮރުގެ ކައިރީގައި ބިއްސެއްޖެހުމުގެ ނަތީޖާއެއްގެ ގޮތުން ފިސްޓުލާ އުފެދޭ ނިސްބަތަކީ 15-38 އިންސައްތައެވެ. އަދި އަންހެނުންނަށްވުރެ ގިނައިން މި ބަލީގައި ވޭންއުފުލަން ޖެހޭ ފިރިހެނުންގެ ނިސްބަތް ދެގުނަ އިތުރެވެ.
ސަބަބަކީ…
ފުރަގަސްފަރާތު ދޮރުގެ އެތެރޭގެ އެކުލެވުންތަކަށް ބަލާއިރު، ދޮރުގެ ބޭރުގެ ހަންފަށަލަ ނިމި ދޮރުގެ އެތެރޭގެ ބިތް ފެށޭ ޖަންކްޝަން އަކީ މި ބަލީގައި މުހިއްމު ރޯލެއްކުޅޭ ބައެކެވެ. އެތަނަށް މިއުކޮ ކުޓޭނެއަސް ޖަންކްޝަން އޭ ވެސް ކިޔައެވެ. މި ޖަންކްޝަންގައި ކީހެއްގެ ތުނޑުތަކެއްފަދައިން އުފުލިފައިވާ ގްލޭންޑް ތަކެއް ހުރެއެވެ. މިއަށް އަނަލް ކްރިޕްޓްސް (Anal crypts) ގެ ނަންދެވިފައިވެއެވެ. މިއީ ފުރަގަސްފަރާތުގެ އެތެރޭގެ ހުންނަ ތެތްކަން ބެހެއްޓުމަށްޓަކައި މިއުކަސް ނުވަތަ ލޮދި އުފައްދާ ގްލޭންޑް ތަކެކެވެ. ފުރަގަސްފަރާތު ދޮރުގެ އެތެރޭގައި މީގެ 8-10 ކްރިޕްޓް އިދެއެވެ. މި ކްރިޕްޓްތައް ދުޅަވެ ދޮސްގަތުމުގެ ސަބަބުން ފިސްޓުލާ އުފެދުމުގެ ނިސްބަތަކީ 90 އިން ސައްތަ ކަމުގައި ދިރާސާތަކުން ދައްކައެވެ. މި ކްރިޕްޓް ދުޅަވެ އެދުޅައިގެ އަސަރު ދޮރުން ބޭރަށް ފެންނަން ފަށަނީ ފަހުން ކަމަށްވާތީ ބިއްސެއްގެ ގޮތުގައި ބޭރަށް ފާޅުވާއިރު އެތެރެއާ ގުޅިފައިވާ މަގެއް ވާނީ އުފެދިފައެވެ.
ފިސްޓުލާ އުފެދުމަށް މެދުވެރިވެދާނެ މިނޫންވެސް ސަބަބުތައް ފާހަގަ ކުރެވިފައިވެއެވެ. އޭގެތެރޭގައި :
- ގޮހޮރުގެ ބައްޔެއް ކަމަށްވާ ކްރޯންސް ޑިޒީޒް
- ރޭޑިއޭޝަންގެ ސަބަބުން
- ވިހެއުމުގެ ތެރޭގައި ވެފައިވާ އަނިޔާއެއްގެ ސަބަބުން )އަންހެނުންނަށް)
- ފުރަގަސްފަރާތު ދޮރުގެ ތެރެއަށް އެއްޗެހި ވެއްދުން
- ފުރަގަސްފަރާތު ދޮރުގައި ޖަރާސީމު އަށަގަނެ އުމަގުވުން
- ފުރަގަސްފަރާތު ދޮރުގެ ކެންސަރު ފަދަ ބަލިތައް
- ޓީބީ އަދި އެއިޑްސް ބަލިފަދަ ހާލަތްތަކުގައިވެސް ފިސްޓުލާ އުފެދުމުގެ ފުރްޞަތު އޮވެއެވެ.
އަލާމާތްތަކަކީ…
ފިސްޓުލާ އުފެދިފައިވާނަމަ އޭގެ ސަބަބުން ބަލިމީހާ ކުރާނެ ޝަކުވާ ތަކުގެ ތެރޭގައި:
- ފުރަގަސްފަރާތު ދޮރުގެ ވަށައިގެންވާ އޭރިއާ ހިރުވުމާއި ކެހުން
- އެއްޗެއްހެރޭ ކަހަލަ ތަދެއް ފުރަގަސްފަރާތަށް ވުން މި ތަދު ބޮޑަށް އިހުސާސް ކުރެވޭނީ ތަނެއްގައި އިށީނުމުން، ނޫނީ ކެއްސާލުމުން ނޫނީ ހަރަކާތްކުރުމުން.
- ނުބައި ވަސްދުވާ ދިޔައެއް ފުރަގަސްފަރާތު ކައިރިން އައިސްފައި ހުރުން
- ބޮޑުކަމުދާ އެއްޗެހީގައި ދޮސް ނުވަތަ ލޭ ހުރުން
- ފުރަގަސްފަރާތު ދޮރުކައިރީގައި ދުޅައެއް އުފެދިފައި ހުރުމާއެކު ހުންގަދަވެ ބަލިވުން
- ބައެއް ހާލަތްތަކުގައި ބޮޑުކަމުދެވުން ކޮންޓްރޯލް ނުކުރެވި ގަޔަށް ދެވޭ ގޮތްވުން
- ފުރަގަސްފަރާތު ދޮރާއި ކައިރީގައި ދޮސް އަންނަ ކުޑަ ލޯވަޅެއް ހުރުން
- ފުރަގަސްފަރާތު ދޮރުކައިރީގައި ޖަހާފައިވާ ދޮސްބިހި ފަޅާ ސާފުކުރުމަށްފަހުވެސް ފާރު ނުހިކި 6 ހަފްތާ ނުވަތ 12 ހަފަތާ އަށްވުރެ ގިނަ ދުވަސް ވާނަމަ އެއީ ފިސްޓުލާ ހުރުމުގެ ސަބަބުން ކަމުގައި ބެލެވޭ
ފިސްޓުލާ ދެނެގަންނާނެ ގޮތަކީ…
އާއްމުގޮތެއްގައި ފިސްޓުލާ އުފެދިފައިވާކަން ދެނެގަތުމުގައި އެންމެ ބޮޑަށް ބުރަވެވެނީ ބަލިމީހާގެ ޝަކުވާ ތަކާއި އަދި ބަލީގެ ތާރީޚު ދިރާސާ ކުރުމާއި، ބަލިމީހާ ބަލައި ޗެކްކުރުމުގެ މައްޗަށެވެ. މީގެ އިތުރުން މަގެއް ނުވަތަ ފިސްޓުލާ އުފެދިފައިވާކަން ޔަގީން ކުރުމަށްޓަކައި އެމްއާރުއައި ފިސްޓުލޯގްރާމް އެއް ހެދުމަކީ އެންމެ ރަގަޅު ގޮތެވެ. އެއިން އުފެދިފައިވާ މަގެއް ވާނަމަ އެކަން ދެނެގަނެވުމާއެކު އެ މަގު އެތެރެއިން ހުޅުވެނީ ކޮން ހިސާބެއްގައިތޯ ބުނެދެއެވެ. މީގެ ސަބަބުން ކުރަން ޖެހޭ އޮޕަރޭޝަންގެ ކުޑަބޮޑުމިން ވަޒަންކުރަން އެގެއެވެ.
ފިސްޓުލާ ގިންތީކުރާ ގޮތަކީ…
ފިސްޓުލާގެ އެކިވައްތަރުތައް މިންކޮށް އެއަށް މިންގަޑުތަކެއް ހެދުމުގައި ދިރާސާވެރިން މަސައްކަތްތަކެއްކޮށްފައިވެއެވެ. މިފަދަ ކްލަސިފިކޭޝަނެއްގެ ބޭނުންތެރިކަމަކީ ކުރަންޖެހޭ އޮޕަރޭޝަން ކަނޑައެޅުމާއި އަދި ފަރުވާގެ ތެރޭގައި އަދި ފަރުވާއަށް ފަހު ބަލިމީހާއަށް ދިމާވެދާނެ މައްސަލަތައް ކުރިއްސުރެ ދެނެގަނެ އެކަމަށް ބަލިމީހާ ތައްޔާރުކުރުމެވެ. މިހާރު ހަދާފައިވާ ކްލަސިފިކޭޝަންތަކަށް ބަލާއިރު އެންމެ ގިނައިން ބޭނުންކުރެވޭ ކްލަސިފިކޭޝަންއަކީ ޕާރކްސް، ގޯރޑޮން އަދި ހާރޑްކަސަލް ގެ ކްލަސިފިކޭޝަނެވެ. މި މިންގަޑުތަކުގައި ފުރަގަސްފަރާތު ދޮރުގެ ވަށައިގެން އެތުރިފައިވާ މަސްފަށަލަ ތަކާއި ފިސްޓުލާ ދަތުރުކުރާ މަގާއި ހުރި ގުޅުން ވަޒަން ކުރެއެވެ. ސަބަބަކީ މިދެންނެވި ދެ މަސްފަށަލަ (އިންޓަރނަލް ސްފިންކްޓަރ އަދި އެކްސްޓަރނަލް ސްފިންކްޓަރ) އަކީ ފުރަގަސްފަރާތު ދޮރު ބަންދުކޮށް ހުޅުވާ މަސްފަށަލައަށް ވާތީއެވެ. މި މަސްފަށަލައަށް އަނިޔާވެ އޭގެ މަސައްކަތް ހުއްޓިއްޖެ ހާލަތެއްގައި ބޮޑުކަމުދިއުން ކޮންޓްރޯލް ނުކުރެވޭ ހާލަތަކަށް ހިގައިދާނެއެވެ. އަދި މިއީ އެއްވެސް ބަލިމީހަކު އެދޭނެ ގޮތެއް ނޫނެވެ. ފިސްޓުލާގެ ގިންތިތަކުގެ ތަފްޞީލު ބަލިމީހުންނަށް އަމާޒުކޮށްގެންލިޔާ މިކަހަލަ މައުލޫމާތު ކަރުދާހެއްގައި ލިއުން ރަގަޅުނުވެދާނެ ކަމަށް ފެންނާތީ މުހިއްމު ދެވައްތަރެއްގެ ފިސްޓުލާ އަށް މިތަނުގައި އިޝާރާތްކޮށްލާނެމެވެ.
- ބޮޑުވަރުވެފައިވާ ކޮމްޕްލެކްސް ފިސްޓުލާ: މިވައްތަރުގެ ފިސްޓުލާ އަކީ ކުރިން އިޝާރާތްކުރެވުނު ދެ މަސްފަށަލަވެސް ހުރަސްކޮށް ގޮސް ފުރަސްގަސް ފަރާތު ދޮރުގެ ވަރަށް މަތިން ރެކްޓަމް އަށް ހުޅުވޭ، ނޫނީ ފުރަގަސްފަރާތު ހޮޅީގެ ވަށައިގެން ފެތުރިފައިވާ އެއްމަގަށްވުރެ ގިނަ މަގުތަކެއް އުފެދިފައިވާ ފިސްޓުލާއެވެ. މިވައްތަރުގެ ފިސްޓުލާއަކީ ފަރުވާކުރަން އެންމެ އުދަގޫ ވައްތަރެވެ. އަދި ފަރުވާ ކުރުމުގައި އިތުރު މައްސަލަތައްވެސް ކުރިމަތިވެދާނެ ފަދަ ހާލަތެކެވެ.
- ވަރަށް ތިލަ ފަށުގައިވާ ފިސްޓުލާ: މިވައްތަރުގައި ކުރިން އިޝާރާތް ކުރެވުނު އެއްވެސް މަސްފަށަލައަކަށް ފިސްޓުލާ އަސަރު ނުކުރެއެވެ. ވުމާއެކު ފިސްޓުލާ އެކީގައި ނަގައި ފަރުވާ ފުރިހަމަ ކުރުމުގައި ކާމިޔާބުވެއެވެ.
ފަރުވާ އަކީ…
ފަރުވާ ބިނާވެފައި އޮންނާނީ ބަލިހާލަތާއި އަދި ބަލީގެ އަސްލު ސަބަބުއެގިއްޖެނަމަ އޭގެ މައްޗަށެވެ. އާއްމުގޮތެއްގައި ފުރަގަސްފަރާތު ދޮރުކައިރީގައި ދޮސްގަނެގެން އަންނަ ބަލިމީހުންނަށް ފުރަތަމަ ކުރާނެ ފަރުވާއަކީ އެ ދޮސްތައް ނެރެ ސާފުކުރުމުވެ. އެއަށްފަހު ފާރުކޮޅު ބޭސްއަޅައި ރަގަޅުނުވާނަމަ ނުވަތަ ރަގަޅުވެފައިވެސް އަނެއްކާވެސް ދޮސް އަންނަ ލޯވަޅެއް އުފެދިއްޖެނަމަ ފިސްޓުލާ އުފެދިފައިވާ ކަން ދެނެގަތުގެގޮތުން ދެން ހަދާނީ އެމްއާރުއައި ފިސްޓިއުލޮގްރާމް އެކެވެ. އެއިން ފިސްޓުލާއެއް އިންކަމާއި އަދި އެއީ ކޮން ވައްތަރެއްގެ އަދި ކޮން ގްރޭޑެއްގެ ފިސްޓުލާއެއްކަން އެގުމުން ދެން ފަރުވާ ކުރުމުގަ ކަންތައް ކުރިއަށް ގެންދާނެއެވެ.
ކުރިން އިޝާރާތް ކުރެވުނު ސަބަބުތަކަށް ރިޢާޔްތްކޮށް ފިސްޓުލާ އުފެދުނު ސަބަބު ހޯދުމަށް ޑޮކްޓަރުން މަސައްކަތް ކުރާނެއެވެ. އަދި އަސްލު ސަބަބަށް ފަރުވާ ކުރުމާއެކު ފިސްޓުލާގެ ފަރުވާވެސް ކުރިއަށް ގެންދާނެއެވެ. އާއްމުގޮތެއްގައި ފިސްޓުލާގެ ފަރުވާ އަކީ އޮޕަރޭޝަންކޮށް އުފެދިފައިވާ ފިސްޓުލާ މަގު ނެގުމެވެ. ނުވަތަ އެ މަގު ބަންދު ކުރުމެވެ. ވުމާއެކު މިކަމަށް ބޭނުންވާނީ އޮޕަރޭޝަން ފަރުވާ އެވެ. ނަމަވެސް މި ފަރުވާ ބައްޓަންކުރުމުގައި ވަރަށްގިނަ ކަންތައްތަކަށް ވިސްނަންޖެހެއެވެ. އަދި ބަލިމީހާގެ ބައިވެރިވުމާއެކު އެފަދަ ގަރާރުތައް ނެގުމަކީ މުހިއްމު ކަމެއްވެސް މެއެވެ.
(ފިސްޓުލާގެ އޮޕަރޭޝަން ފަރުވާ ވިދާޅުވެލައްވާ)
ހަވާލާދޭ ފަރާތްތައް:
- Gosselink MP, van Onkelen RS, Schouten WR. The cryptoglandular theory revisited. Colorectal Dis 2015; 17:1041.
- Hämäläinen KP, Sainio AP. Incidence of fistulas after drainage of acute anorectal abscesses. Dis Colon Rectum 1998; 41:1357.
- Sahnan K, Askari A, Adegbola SO, et al. Persistent Fistula After Anorectal Abscess Drainage: Local Experience of 11 Years. Dis Colon Rectum 2019; 62:327.
- Yellinek S, Sousa CB, Gilshtein H, et al. Gracilis Muscle Interposition for Treatment of Complex Anal Fistula: Experience With 119 Consecutive Patients. Dis Colon Rectum 2021; 64:881.
- Garg P, Kaur B, Menon GR. Transanal opening of the intersphincteric space: a novel sphincter-sparing procedure to treat 325 high complex anal fistulas with long-term follow-up. Colorectal Dis 2021; 23:1213.