ޝާއިއު ކުރެވުނީ: ޑިސެމްބަރ 22, 2023 ލިޔުނީ: ޑރ. އުބައިދު ކޮމެންޓްތައް: 0

 

ފާއިތުވެ ދިޔަ ގަރުނުގެ ތެރޭގައި އެކި ދާއިރާ ތަކުން އިންސާނުން ހޯދާފައިވާ ކާމިޔާބީތައް ވަރަށްވެސް ގިނައެވެ. އޭގެ ތެރެއިން ޞިއްހީ ދާއިރާގައި ހޯދާފައިވާ ކާމިޔާބުތަކަކީ ފާހަގަކޮށްލެވޭފަދަ ކުރިއެރުންތަކެކެވެ. މީގެ ތެރެއިން ގިނަ ކަންތައްތަކަކީ ކުރިއަރާފައިވާ ގައުމުތަކުގައި ދެވެމުންދާ ޞިއްހީ ޚިދްމަތްތަކުގެ ފެންވަރު އިހުނަށްވުރެވެސް ކުރިއަށްޖައްސާލި ކަންތައްތަކަކަށްވިއަސް މީގެ ތެރެއިން މަދުނޫން ބައެއް ޚިދްމަތްތައް ތިންވަނަދުނިޔޭގެ ފަގީރުގައުމުތަކުގެ އަހުލުވެރިންނަށްވެސް ލިބެމުންދާކަން ފާހަގަކުރެވެއެވެ. ލަހުންނެވެ. ނަމަވެސް ގިނަ ތަޖްރިބާތަކަކާއެކީގައެވެ. މިގޮތުންބަލާއިރު ހަށިގަނޑުން ބޮޑުތަނެއް ފަޅާނުލައި، ކުޑަ ލޯވަޅެއް އަޅައިގެން ކުރާ އޮޕަރޭޝަންތައް ރާއްޖޭގައި ތައާރަފް ކުރެވުނުތާވެސް މިހާރު 10ވަރަކަށް އަހަރުވެގެންދަނީއެވެ. މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ޑޮކްޓަރުންނަށް ވަރަށްގިނަ ތަޖްރިބާތަކެއް މި ރޮގުގައި ލިބިފައިވާނެކަން ކަށަވަރެވެ. މިފަދަ ޓެކްނޮލޮޖީއެއްގެ ބޭނުންހިފައިގެން، ދިވެހި ޑޮކްޓަރުން ދިވެހިންނަށް ކޮށްދީފައިވާ ކާމިޔާބު އެތައް އޮޕަރޭޝަންތަކެއް މިދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވިފައިވާނެކަންވެސް ޔަގީނެވެ. ނަމަވެސް އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް މިފަދަ އޮޕަރޭޝަންތަކާ ބެހޭގޮތުން ރަގަޅު މައުލޫމާތު ލިބިފައި ނުވާކަން ފާހަގަކުރެވެއެވެ.

ކިހިނެއް ކުރާ އޮޕަރޭޝަނެއް؟

ކުޑަލޯވަޅެއްއަޅައިގެން ކުރާ އޮަޕަރޭޝަންތަކަށް ތަފާތު ނަންތައް ދެވިފައިވެއެވެ. އޭގެ ތެރޭގައި ’މިނިމަލީ އިންވޭސިވް ސާރޖަރީ“ ނުވަތަ ’ކީ ހޯލް ސާރޖަރީ“ ހިމެނެއެވެ. އަދި އެއީ ބަނޑުގެ އޮޕަރޭޝަނެއްކަމަށްވާނަމަ ’ލަޕަރޮސްކޮޕިކް ސާރޖަރީ“ އޭ ކިޔެއެވެ. މިފަދަ އޮޕަރޭޝަންތަކުގައި، އޮޕަރޭޝަން ކުރާ ހިސާބު ފަޅާލުމުގެ ބަދަލުގައި ކުޑަކުޑަލޯވަޅުތަކެއް އެޅުމަށްފަހު އެތަނުން ކެމެރާއަކާއި އަދި އޮަޕަރޭޝަން ކުރަން ބޭނުންވާ އެހެން ސާމާނު އެތެރެއަށް ވައްދައި ބޮޑެތި އޮޕަރޭޝަންތައް ކުރެވެއެވެ. އަދި އޮޕަރޭޝަން ކުރުމަށް ބޭނުންވާ ޖާގަ އެތެރޭގައި ހެދުމަށްޓަކައި ތަފާތު ގޮތްތަކެއް ބޭނުންކުރެވެއެވެ. މިސާލަކަށް އެއީ ބަނޑުތެރޭގެ އޮޕަރޭޝަނެއް ކަމަށްވާނަމަ ބަނޑުތެރެއަށް ކާރަބަންޑައި އޮކްސައިޑް ގޭސް ފޮނުވާލައި ބަނޑުފުއްޕާލެވެއެވެ. ދެމަސްގަނޑު ދޭތެރެ ކަމަށްވާނަމަ މަތީގައި ހުންނަ ފަށަލަ އުފުލުމަށްޓަކައި ޓެންޓް ފަދަ ކުދި ޓޫލްސް ބޭނުންކުރެވެއެވެ. އެތެރެ ބެލުމަށްޓަކައި ބޭނުންކުރެވެނީ ހިމަ ދަގަނޑު ހޮޅިއެއްގައި ހަރުކުރެވިފައިވާ ލެންސެކެވެ. އޭގެ ބޭރުގައި މައިކްރޯ ކެމެރާއެއް ހަރުކުރެވިފައިވެއެވެ. އަދި މި ކެމެރާގެ މަންޒަރުތައް އޮޕަރޭޝަންކުރާ ޑޮކްޓަރ އަށް ދައްކައިދޭނީ އޮޕަރޭޝަންތިއޭޓަރ ގައިވާ ޓީވީ ސްކްރީނަކުންނެވެ. އެތެރޭގައި ހުންނަ ލޭހޮޅިތައް އެއްސުމަށާއި ލޭމަނާކުރުމަށް، ކުދި ހީރަސް ނަރުފަދަ ކްލިޕްތައް ބޭނުންކުރެވެއެވެ. އަދި ފަހަންބޭނުންކުރާ ބާވަތުގެ ރޮއްޖާއި ކަރަންޓް ބޭނުންކޮއްގެން ކޮޓަރައިޒްކޮށްލުން ފަދަ ގޮތްތައްވެސް ބޭނުންކުރެވެއެވެ.

ތާރީޚު

ލަޕަރޮސްކޮޕިކް ނުވަތަ ކީހޯލް އޮޕަރޭޝަންތައް ތައާރަފް ކުރުމުގައި އިސްވެދިޔަ ސަތޭކަވަރަކަށް އަހަރުގެ ތެރޭގައި ވަރަށްގިނަ ޑޮކްޓަރުން މަސައްކަތްކޮށްފައި ވެއެވެ. ވުމާއެކު ވަކިމީހަކަށް މިޝަރަފު ދިނުމަކީ އިންސާފުވެރިކަމަކަށް ނުވާނެއެވެ. ނަމަވެސް ތާރީޚު ހެކިދޭގޮތުގައި އެންމެ ފުރަތަމަ މިކަހަލަ ލެންސެއްބޭނުންކޮށްގެން ކުއްތާއެއްގެ ބަނޑުތެރެބެލި މީހަކީ ޖަރުމަނުވިލާތުގެ މީހެއްކަމުގައިވާ ޖޯރޖްކެލިންގް އެވެ. އެއީ 1902ވަނަ އަހަރުއެވެ. ލަޕަރޮސްކޯޕް ބޭނުންކޮށްގެން އިންސާނަކަށް އެންމެފުރަތަމަ އޮޕަރޭޝަނެއްކުރިމީހަކީ ސްވިޑްންގެ ޑޮކްޓަރއެއް ކަމުގައިވާ  ހާންސް ކްރިސްޓިއަން ޖެކޯބްސް އެވެ. އެއީ 1910ގައެވެ. މީގެ ފަހުން މިއަދާޖެހެންދެންވެސް ލޯވަޅުއަލައިގެންކުރާ އޮޕަރޭޝަންތައް ކުރިއެރުވުމަށްޓަކައި ތަފާތު ސާމާނުތައް އުފެއްދުމާއި އަދި ތަފާތު އާގޮތްތައް އިޖާދުކުރުމުގައި ވަރަށްގިނަޑޮކްޓަރުންތަކެއް މަސައްކަތްކޮށްފައިވެއެވެ. އަދި މިވައްތަރުގެ އޮޕަރޭޝަންތަކުގެ ސަލާމަތްތެރިކަމާއި ކާމިޔާބީގެ މިންވަރު ވަޒަންކުރުމަށްޓަކައި ވަރަށްގިނަ ދިރާސާތައް ކުރެވިފައިވެއެވެ.

ކޮންކޮން އޮޕަރޭޝަންތަކެއް؟

ލޯވަޅު އަޅައިގެންކުރާ އޮޕަރޭޝަންތަކަކީ މިހާރު ވަރަށްގިނައިން ކުރެވޭ އަދި ވަރަށް ތަފާތު އޮޕަރޭޝަންތަކެކެވެ. މިގޮތުން އެންމެގިނައިން ކުރެވޭ އޮޕަރޭޝަންއަކީ ފިތުގެ އޮަޕަރޭޝަންއެވެ. ފިތުގައި (ގޯލްބަލަޑަރ) ހިލައުފެދުމުން އޭގެ ފަރުވާއެއްގެ ގޮތުން ޖެހެނީ ހިލައާއެކު އެފިތް ނަގާށެވެ. މިއޮޕަރޭޝަން ކުރިން ކުރަމުންދަނީ ބަނޑުގެ މަތީބައިން އެއްއަރިމަތިން ފަޅާލައިގެންނެވެ. ބަނޑުގެ މަސްގަޑު ކަފާލައިގެންކުރާ މިއޮޕަރޭޝަނަށްފަހު ބަލިމީހާ އުޅެންޖެހެނީ ވަރަށް ބަލައިގެންނެވެ. ކުރިން ކުރަމުންއައި މަސައްކަތަށް އެބުރި ދެވެނީ ވަރަށް ލަހުންނެވެ. އަދި ބަރުއެއްޗެހި އުފުލުމާއި އަދި ބާރަށް ނޭވާލުމަކީވެސް ވަރަށް ތަދު އިހުސާސްކުރެވޭނެ ކަމެކެވެ. ނަމަވެސް ލަޕަރޮސްކޮޕިކް އޮޕަރޭޝަނަށްފަހު ހަފްތާއެއްގެ ތެރޭގައި ބަލިމީހާގެ ހާލަތު ކުރިންހުރިވަރަށް ރަގަޅުވެއެވެ. ހޮސްޕިޓަލުގައި މަޑުކޮށްލަންޖެހެނީ އެންމެ ދުވަހަކު ނުވަތަ ދެދުވަހުއެވެ. ބައެއް ހޮސްޕިޓަލުތަކުން ހަމައެދުވަހުވެސް ގެއަށް ފޮނުވާލެވެއެވެ. ލަޕަރޮސްކޯޕް ބޭނުންކޮށްގެން ކުރެވޭ ބަނޑުގެ އެހެން އޮޕަރޭޝަންތަކުގެ ތެރޭގައި ގޮހޮރުގެ އޮަޕަރޭޝަންތަކާއި ކިޑްނީއާއި ހުންކޮށިފަދަ ގުނަވަންތަކުގެ އޮޕަރޭޝަންތައް ހިމެނެއެވެ. އަދި ރާއްޖޭގައި އެންމެ ގިނައިން ކުރާ އޮޕަރޭޝަންތަކުގެ ތެރޭގައި އެޕެންޑިކްސް އޮޕަރޭޝަން އާއި އަންހެނުންގެ ޚާއްޞަ އޮަޕަރޭޝަންތައްވެސް ފާހަގަކުރެވެއެވެ. އޮޕަރޭޝަންކުރުމަށްފަހު ހަށިގަނޑުތެރެއިން ނެރެންޖެހޭ ގުނަވަން ނުވަތަ ތަކެތި ނެރެނީ ބަނޑުގައި އަޅާފައިވާ ލޯވަޅުންނެވެ. މިލޯވަޅުން ނުނެރެވޭ ވަރުގެ ބޮޑު ގުނަވަނެއްކަމަށްވާނަމަ ބަނޑުންކުޑަތަންކޮޅެއް އިތުރަށްފަޅާލައިގެން އެގުނަވަން ނެރެވެއެވެ. އަދި މިފަދައިން ފަޅާލެވޭ ތަންކޮޅުން އޮޕަރޭޝަންކުރާ ޑޮކްޓަރުގެ އަތްތިލަ ބަނޑުތެރެއަށް ލައްވާލައި ގުނަވަންތަކުގައި އަތްލައި އޭގައި އެހެންބައްޔެއްވޭތޯ ބަލައި ޗެކްކުރެވެއެވެ. މިއަށް އަތުގެ އެހީއާއެކު ކުރެވޭ ލަޕަރޮސްކޮޕިކް އޮޕަރޭޝަން ނުވަތަ ’ހޭންޑްއެސިސްޓެޑް ލަޕަރޮސްކޮޕިކް ސާރޖަރީ“ އޭ ކިޔެއެވެ. ލޯވަޅު އަޅައިގެން ކުރެވޭ އެހެން އޮޕަރޭޝަންތަކަށް ބަލާއިރު ހުޅުހުޅުގެ އެތެރެ އޮޕަރޭޝަންކުރުމާއި އަދި ބަލިތައް ދެނެގަތުމާއި ފުއްޕާމެއާއި އަދި ނޭވާލާސިސްޓަމްގެ ބަލިތަކުގެ އޮޕަރޭޝަންތައް ހިމެނެއެވެ.

ފައިދާ އާއި ބިރުހީވުންތައް

ލޯވަޅުއަޅައިގެން ކުރެވޭ އޮޕަރޭޝަންތަށް އެނޫންގޮތްގޮތަށް ކުރާ އޮޕަރޭޝަންތަކާއި އަޅާކިޔާއިރު ވަރަށް ބޮޑު ތަފާތުތަކެއް ހުރެއެވެ. މިގޮތަށް ކުރެވޭ އޮޕަރޭޝަންތަކުން ބަލިމީހާއަށް ލިބޭނެ ފައިދާ ތަކަކީ

  • ކަފާލެވޭ ތަން ކުޑަވުމާއެކު އޮޕަރޭޝަންގައި ހަށިގަޑުން އޮހިގެންދާ ލޭގެ މިންވަރު ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ. މީގެ ސަބަބުން އޮޕަރޭޝަނަށްފަހު ނުވަތަ އޮޕަރޭޝަން ކުރާއިރު ލޭއަޅަންޖެހޭ މިންވަރު މަދުވެގެންދެއެވެ. ލޭ އެޅުމަކީ އޭގައި ވަރަށް ނުރައްކާތެރި މައްސަލަތައް ހިމެނޭ ކަމެކެވެ.
  • ކަފާލެވޭ ތަންކޮޅު ކުޑަވުމުން އޮޕަރޭޝަނަށްފަހު ވާ ތަދު ވަރަށްބޮޑަށް ކުޑަވެގެންދެއެވެ. އަދި ކުރިންވެސް އިޝާރާތްކުރެވުނުފަދައިން އޮަޕަރޭޝަނަށްފަހު އަވަހަށް ގަދަވެ ކުރިންއުޅެމުންއައި ދިރިއުޅުމުގެ އާދަތަކަށް އަވަހަށް އާދެވެއެވެ.
  • އޮޕަރޭޝަންކުރި ތަނަށް ވާ ތަދު ކުޑަވުމުން ތަދުކެޑުވުމަށްޓަކައި ދެވޭ ގިނަބޭސްތައް ބޭނުންކުރަން ނުޖެހޭނެއެވެ. މިފަދަ ގިނަ ބޭސްތަކަކީ ގޮހޮރުގައި ފާރު އުފެދުމާއި އެސިޑްގެ މިންވަރު މަތިކުރުމަށް އެހީތެރިވެދޭ ބޭސްތަކެވެ.
  • އޮަޕަރޭޝަން ކުރުމަށް ނަގާވަގުތު ތަންކޮލެއް ދިގުކަމުގައި ވިއަސް އޮޕަރޭޝަން ކުރުމަށްފަހު ބަލިމީހާ ހޮސްޕިޓަލުގައި އެދުމަތިކުރެވިފައި އޮންނަ މުއްދަތު ވަރަށްބޮޑަށް ކުރުވެގެންދެއެވެ. އަދި ބައެއް ހޮސްޕިޓަލްތަކުގައި މިފަދަ އޮަޕރޭޝަނަށްފަހު ހަމައެދުވަހު ގެއަށްފޮނުވާލެވެއެވެ. ވުމާއެކު މިއީ ހޮސްޕިޓަލުގައި އޮތުމުގެ ޚަރަދު ވަރަށްބޮޑަށް ކުޑަވެގެންދާނެ ކަމެކެވެ.
  • މިއޮަޕަރޭޝަން ތަކަކީ ފަޅާނުލައި ކުރާ އޮޕަރޭޝަންތަކަކަށް ވުމާއެކު އެތެރޭގެ ގުނަވަންތަކަށް ޖަރާސީމުގެ އަސަރު ފޯރާ މިންވަރު ކުޑަވެގެންދާނެއެވެ.

މިފަދަ އޮޕަރޭޝަންތަކަކީ މިހާރު ވަރަށް ރައްކާތެރިކަމާއެކު އަދި ވަރަށް ކާމިޔާބާއެކު ކުރެވޭ އޮޕަރޭޝަން ތަކެކެވެ. ނަމަވެސް އޮޕަރޭޝަންތަކުގައި ދިމާވެދާނެ ކަމަށް ލަފާކުރެވޭ ރިސްކުތައްވެސް އެގުމަކީ މުހިއްމު ކަމެކެވެ. މިގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކަކީ

  • ލޯވަޅުއެޅުމަށްޓަކައި ބޭނުންކުރާ ޓްރޯކާރ ލައްވާއިރު ބަނޑުތެރޭގެ ގުނަވަންތަކަށް އެއިން އަނިޔާވުމުގެ ފުރްޞަތު ކޮންމެވެސް ވަރަކަށް އޮންނާނެއެވެ. ނަމަވެސް މިއީ މިހާރު ބޭނުންކުރާ ޓްރޯކާރ ތަކުގައިވާ ސަލާމަތީ ކަންތައްތަކަށް ބަލާއިރު ވަރަށް ނުވާނެ ކަމެކެވެ.
  • އޮޕަރޭޝަން ކުރުމަށްޓަކައި ބޭނުންކުރާ އެހެން ސާމާނުތަކުން ގޮހޮރަށާއި އަދި އެހެން ގުނަވަންތަކަށް ގެއްލުންވުމުގ ފުރްޞަތު އޮވެއެވެ. އޭގެ ތެރޭގައި ފޯރސެޕްސް އާއި އިލެކްޓްރިކް ކޮޓަރައިޒްކުރުމަށް ބޭނުންކުރާ ސާމާނާއި އަދި ކަތުރުފަދަ ތަކެތި ހިމެނެއެވެ.
  • ޖާގަ ހެދުމަށްޓަކަޢި ބަނޑުފުއްޕާލުގެ ގޮތުން އެތެރެއަށް ފޮނުވާލެވޭ ކާރބަން ޑައި އޮކްސައިޑް ގެ ސަބަބުން ތަފާތު ބިރުހީވުންތަކާއި ކުރިމަތިވެއެވެ. މިސާލަކަށް ފުއްޕާމޭގެ މައްސަލަ ހުންނަމީހުންނަށް މިގެ ސަބަބުން ނޭވާލުމުގެ މައްސަލަ ދިމާވުން އެކަށީގެންވެއެވެ. މީގެ އިތުރަށް މި ގޭހުގެ ސަބަބުން ބަނޑުތެރޭގެ ޕްރެޝަރ މަތިވެއްޖެނަމަ ލޭ ޕަމްޕު ކުރުން މަދުވުމުގެ މައްސަލަވެސް ދިމާވެދާނެއެވެ. އަދި އޮަޕަރޭޝަނަށްފަހު މި ގޭސް ބަނޑުތެރެއިން ރަގަޅަށް ނުނެރެވޭނަމަ އޮޕަރޭޝަންކުރާފަހުން ތިންދުވަސްވަންދެންވެސް ކޮނޑުހުޅުގައި ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ.
  • ލޭ ދިޔާވުންފަދަ ލޭގެ ބަލިތައް ހުންނަ މީހުން މިފަދަ އޮޕަރޭޝަން ކުރުމުން ބައެއްފަހަރު ލޭމަނާކުރަން އުދަގޫވެއެވެ. ވުމާއެކު އެފަދަ މީހުންނަށް އެންމެ ރަގަޅުވާނީ ފަޅައިގެން ކުރާ އޮަޕަރޭޝަނެވެ.
  • މިގޮތަށް ކުރާ އޮޕަރޭޝަންގެ އަގު ތަންކޮޅެއް ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ކުރިން އިޝާރާތް ކުރެވުނު ފައިދާތަކަށް ބަލާއިރު ޚަރަދުވާ ފައިސާގެ މިންވަރު ވާނީ ހަމައެއްވަރެކެވެ.

ލާރިފޮއްޗެއްގައިވެސް ދެފުށް އޮންނަފަދައިން ކޮންމެ ކަމެއްގައިވެސް ރަގަޅުކަންތައްތަކަކާއި އެހާ ރަގަޅުނޫން ކަންތައްތައްވެސް ހުންނާނެއެވެ. މިދެފަރާތް އަޅާކިއުމަށްފަހު އިޚުތިޔާރު ކުރަންވާނީ އެންމެ ފައިދާހުރި މޮޅުގޮތެވެ. އެއްވެސް ކަމަކީ 100% ގެރެންޓީ އޮންނަ ކަމެއް ނޫނެވެ. ނިމުނީ

Leave a Comment