ޝާއިއު ކުރެވުނީ: ޑިސެމްބަރ 22, 2023 ލިޔުނީ: ޑރ. އުބައިދު ކޮމެންޓްތައް: 0

އެއްވެސްބައްޔަކަށް ފަރުވާ ކުރަންފެށުމުގެ ކުރިން އެ ބަލި ދެނެގަތުމަށްޓަކަޢި ނުވަތަ ޑައިގްނޯސް ކުރުމަށްޓަކައި ކަންތައްތަކެއް ކުރަން ޖެހެއެވެ. ފަރުވާއަކީ ބަލިދެނެގަތުމަށްފަހު ކުރަންޖެހޭ ކަމެކެވެ. ވުމާއެކު ބަނޑުހަރުވުމުގެ ސަބަބު ހޯދުމަށްޓަކައި ތިމާއަށް ވާގޮތް ރަގަޅަށް ޑޮކްޓަރއަށް ކިޔައި ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއަށްފަހު ބަލިއިތުރަށް ދެނެގަތުމަށްޓަކައި އިތުރު ޓެސްޓްތަކެއް ހަދަން ދެއްވުމަކީ އެކަށީގެންވާކަމެކެވެ.

ގިނަދުވަސްތަކެއްވަންދެން ބަނޑުހަރުވާ މީހުންނަށް އޭގެ ސަބަބުން ދިމާވާނެ ވަރަށް ގިނަ މައްސަލަ ހުރެއެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ފުރަގަސްފަރާތް ކަނޑައިގެން ދިއުމާއި ބޮޑުކަމުދާއިރު ފުރަގަސްފަރާތުން ލޭ އައުމެވެ. އަދި މިގޮތަށް އުފެދޭ ފާރުގަނޑު ރަގަޅުނުވެ ގިނަދުވަސްތަކެއްވަންދެން ހުރެއްޖެނަމަ އެތާގައި ޖަރާސީމު އުފެދި ދޮސްގަތުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މިހެންވެއްޖެނަމަ އެހެންހިސާބުތަކަށްވެސް އޭގެ އަސަރު ފެތުރިގެން ދިއުމަކީ ވަރަށް ކައިރީގައި އޮންނާނެ ކަމެކެވެ.

ބަނޑުހަރުވުމުގެ ސަބަބުން މެދުވެރިވެދާނެ އަނެއް ނުރައްކަލަކީ ފުރަގަސްފަރާތް ދުޅަވުމާއި، ފުރަގަސްފަރާތް ފޭބުމާއި، ޕައިލްސް ނުވަތަ ހެމަރޮއިޑްސް ފަދަ ބަލިތަކަށް މަގުފަހި ވެގެން ދިއުމެވެ. މިހެން ދިމާވާ ސަބަބަކީ ބޮޑުކަމުދިއުމަށްޓަކައި ބާރުލާން ޖެހުމުގެ ސަބަބުން ފުރަގަސްފަރާތުގެ ލޭހޮޅިތަކަށް ގިނައިން ލޭ އައިސް ޖަމާވެފައި ހުންނާތީއެވެ. ވުމާއެކު ޖުމްލަގޮތެއްގައި ބުނާނަމަ ބަނޑުހަރުވުމަކީ ފުރަގަސްފަރާތުގެ ބަލިތަށް މެދުވެރިކުރުވާ ވަރަށް މުހިއްމު ސަބަބެކެވެ.

ބަނޑުހަރުވުން މަނާ ކުރުމަށް ދެވޭ ފަރުވާ އަކީ އާއްމުގޮތެއްގައި ވަރަށް އާދައިގެ ފަރުވާއެކެވެ. ކުރިންވެސް އިޝާރާތް ކުރެވުނު ފަދައިން ބަނޑުހަރުވަން ދިމާވާ ހަގީގީ ސަބަބު ދަނެގަނެވިއްޖެނަމަ ފަރުވާ އަކީ ވަރަށް ފަސޭހަކަމެކެވެ.

  • ކެއުން: ބަނޑުހަރުވުމުގެ ފަރުވާއެއްގެ ގޮތުން އެންމެ ގިނައިން ދެވޭ ނަސޭހަތަކީ ފައިބަރ ގިނައިން ހުންނަ ކާނާގެ ބާވަތްތައް ކެއުމެވެ. ތަރުކާރީ އާއި މޭވާގެ ގިނަ ބާވަތްތަކުގައި ހުންނަ ނަރު ނުވަތަ ފައިބަރ އަކީ އިންސާނުންގެ ގޮހޮރުގައި ހަޖަމުކުރެވޭ އެއްޗަކަށް ނުވުމާއެކު އެއީ ބޮޑުކަމުދާ އެއްޗެހީގެ މިންވަރު ބޮޑުކޮށްދޭ އެއްޗެކެވެ. މީގެ ފައިދާ އަކީ ކޮންމެދުވަހަކުވެސް ބޮޑުކަމުދިއުމުގެ އިހުސާސްކޮށް ދިނުމާއި ކޮންމެދުވަހަކު އެއްފަހަރު ބޮޑުކަމު ދެވުމެވެ. އާއްމުގޮތެއްގައި ބޮޑުކަމުދެވުން ހުއްޓިފައި އޮންނާނީ ކާއެއްޗެހީގެ ބާވަތަށާއި ކާ އެއްޗެހީގެ މިންވަރުގެ މައްޗަށެވެ. ކުޑަކުއްޖަކު ކާވަރަށް ބޮޑުމީހަކު ކާ ކަމަށްވާނަމަ އުކާލަންޖެހޭ ބައި ވަރަށް މަދުވާނެއެވެ. އޭގެ ސަބަބުން އެއްދުވަހު ނުވަތަ ދެދުވަހު ތިންދުވަސްވަންދެންވެސް ބޮޑުކަމު ދެވުމުގެ އިހުސާސް ނުކުރެވިހިގައިދާނެއެވެ. އަދި ފުރަގަސްފަރާތު ހޮޅިއާ ހަމައަށް އައިސްފައި ހުންނަ މަދު ނަޖިސްކޮޅުގައިވާ ފެނުގެ ބައި އެހޮޅީގެ ތެރެއަށް އެއިރުވާނީ ދަމައިގަނެވިފައެވެ. ދެން ބާކީ ހުންނާނީ ހަރުވެފައި އޮންނަ ކުޑަ ނަޖިސްކޮޅެކެވެ. އެ އެތިކޮޅު ބޭރުކުރުމަށްޓަކައި ވަރަށްބާރުލާން ޖެހެއެވެ. އޭގެ ސަބަބުން ކުރިން އިޝާރަތް ކުރެވުނު މައްސަލަތަކާއި ކުރިމަތިލާން ޖެހެއެވެ.

ނަރު ނުވަތަ ފައިބަރ ގިނައިން ހުންނަ ކަނާގެ ބާވަތްތަކަށް ބަލާއިރު ރާއްޖޭގެ ބާޒާރުތަކުގައި އެފަދަ ތަކެތި މިހާރަކަށް އައިސް ވަރަށް ތިޔާގިކަން ފާހަގަކުރެވެއެވެ. މި މައްސަލަ ދިމާވެގެން އަންނަ ބަލިމީހުންގެ ޚިޔާލު ހޯދާލުމުން ދޭހަވާ އެއްޗަކީ އާއްމުގޮތެއްގައި ތަރުކާރީގެ ބާވަތްތައް ދިވެހިންނަށް އެހާމީރުއެއްޗަކަށް ނުވާ ކަމެވެ. ނުލިބޭތީ ނުކެވެނީއޭ ބުނަނީ ވަރަށް މަދު ބަލިމީހެކެވެ. ނަރު ހުންނަ ތަރުކާރީއާއި މޭވާގެ ބާވަތްތަކުގެ ތެރޭގައި

  • މުރަނގަތޮޅި ފަދަ ތޮޅީގެ ހުރިހާ ބާވަތެއްގައިވެސް ނަރު ވަރަށްގިނައިން ހުންނާނެއެވެ.
  • ބީންސް ފަދަ އޮށްއޮށަށް ހުންނަ ބާވަތްތައް.
  • ކެރެޓްއާއި ކެބެޖް ފަދަ ތަރުކާރީގެ ބާވަތްތަކާއި އެކިވައްތަރުގެ ފަތްތައް.
  • އަލައާއި ކައްޓަލަފަދަ ފަލަމަޑީގެ ބާވަތްތައް.
  • އަނބާއި ފަޅޮލާއި ދޮންކެޔޮފަދަ މޭވާގެ ބާވަތްތައް.

ފައިބަރ ހުންނަކާނާގެ ބާވަތްތައް ކެއުމަށް ބާރު އަޅާއިރު، އާއްމުކޮށް ބަނޑުހަރުވާ މީހުން ފައިބަރ ނުހުންނަ ނުވަތަ ފައިބަރ މަދުން ހުންނަ ވައްތަރުގެ އެކިބާވަތްތައް ކެއުމުން ދުރުހެލިވުމަށްވެސް ނަސޭހަތްތެރި ވާން ޖެހެއެވެ. މިސާލަކަށް އައިސްކްރީމް އާއި ޗީޒްއާއި މަހުގެބާވަތްތަކެވެ.

  • ދިރިއުޅުމުގެ އާދަތަކަށް ބަދަލުގެނައުން: މާބޮޑަށް އަވަދިނެތިއުޅޭމީހުން އެމީހުންގެ ބޮޑުކަމުދިއުމުގެ އިހުސާސްތަކަށް އެހާ އަހައްމިއްޔަތެއް ނުދެއެވެ. އަބަދުވެސް ކޮންމެވެސް ކަމަކާ ހުރެ ބޮޑުކަމު ދިއުމުގެ އިހުސާސް ކުރެވުނަސް އެކަން ފަސްކުރެއެވެ. އޭގެ ސަބަބުން ބޮޑުކަމުދިއުމުގެ އިހުސާސް ކުރެވުން ގެއްލޭގޮތް ދިމާވެއެވެ. ވުމާއެކު އަމިއްލަ ނަފްސުގެ މިކަހަލަ އިހުސާސްތަކަށް ސަމާލަުކަން ދިނުމަކީ މުހިއްމު ކަމެކެވެ. މާނައަކީ ރަގަޅުކާނާކެއުމާއި އަރާމުކުރުމާއި ކަސްރަތުކުރުމާއި ބޮޑުކަމު ދިއުންފަދަ ކަންތައްތަކަށް ދިރިއުޅުމުގެ ތެރޭގައި ވަގުތުހުސްކޮށް ބޭއްވުމަކީ ނިހާޔަތަށް މުހިއްމު ކަމެކެވެ.
  • ބަނޑު ދިޔާކުރުމަށް ބޭސްބޭނުންކުރުން: ބަނޑުދިޔާކުރާ ބޭހުގެ ތަފާތު ވައްތަރު ހުރެއެވެ. އެކިބޭސް އޭގެ މަސައްކަތްކުރަނީ ތަފާތު ގޮތްގޮތަށެވެ. ވުމާއެކު އެކިމިހުންނަށް މިވައްތަރުގެ ބޭސް ބޭނުންކުރުމުން އަންނާނީ ތަފާތުބަދަލުތަކެކެވެ.
  • ބޮޑުކަމުދާ އެއްޗެހީގެ މިންވަރު އިތުރުކޮށްދޭ ވައްތަރުގެ ބޭސް: މިއީ ކުރިންވެސް އިޝާރަތްކުރިފަދަ ނަރު ނުވަތަ ފައިބަރ އެކުލެވޭ ބޭހެވެ. މިބޭސް ބޭނުންކުރަމުން ދާއިރު ވަރަށްގިނައިން ފެންބޯން ޖެހެއެވެ. ފެން ނުބޮއިފިނަމަ ބަނޑުހަރުވުމަކީ އެކަށީގެންވާ ކަމެކެވެ. މިބޭސް މަސައްކަތްކުރާ ގޮތަކީ ގޮހޮރުތެރޭގައި ހުންނަފެން މި ފައިބަރ ގެ ތެރެއަށް ދަމައިގަތުމުން ނަޖިހުގައި އެކުލެވޭ ފެނުގެ ބައި ގިނަވެ ބަނޑުދިޔާވަނީއެވެ. މިވައްތަރުގެ ބޭހުގެ ތެރެއިން އެންމެ ރައްކާތެރިކަން ބޮޑީ މި ބޭހުގައެވެ.
  • ގޮހޮރުގެ ހިނގުން އަވަސްކޮށްދޭ ބޭސް: މިވައްތަރުގެ ބަނޑުދިޔާކުރާ ބޭސް ބޭނުންކުރުމުން ގޮހޮރުގެ މަސްގަޑު އަވަސް އަވަހަށް ވިންދުޖަހައި ހަރަކާތް ކުރަން ފަށައެވެ. ނަތީޖާއެއްގެ ގޮތުން ގޮހޮރުތެރޭގައި ހުރި އެއްޗެހި އަވަހަށް ނެރެ އުކާލައެވެ. އަވަހަށް ބޮޑުކަމުދިއުމުގެއިހުސާސް ކުރެވި އަދި ބޮޑުކަމު ދެވޭގޮތްވަނީ މިހެންވެގެންނެވެ. ނަމަވެސް މިހާރުގެ ދިރާސާ ތަކުން ދައްކާގޮތުގައި މިއީ ބޭނުންކުރުމަށް އެހާ ރަގަޅު ބޭހެއް ނޫނެވެ.
  • ގޮހޮރުގައި ހުންނަފެން ހަޖަމުކުރުން މަނާކުރާ ބޭސް: މިވައްތަރުގެ ބޭހުގައި ހިމެނެނީ ގޮހޮރުގެ ތެރޭގައި ހަޖަމު ނުކުރެވޭ މާއްދާ ތަކެކެވެ. ގޮހޮރުގެ ތެރޭގައި ހުންނަ ހުރިހާފެނެއް މިއަށް ދަމައިގަތުގެ ބާރު މިއަށް ލިބިގެންވެއެވެ. އޭގެ ސަބަބުން ބޮޑުކަމުދާއެއްޗެހި ހުންނާނީ ވަރަށް ފެންކޮށެވެ. ބޮޑުގޮހޮރުގެ ނިމޭހިސާބުގައި ހުންނަ ބެކްޓީރިއާ، މިވައްތަރުގެ ބޭސް ހަޖަމުކުރެއެވެ. އޭގެ ސަބަބުން ބަނޑުގައި ވައިއުފެދި ބަނޑު ފުއްޕާލައި އަދި ފުރަގަސްފަރާތުން ގިނައިން ވައި ބޭރުވާގޮތް ވެއެވެ.
  • ބޮޑުކަމުދާ އެއްޗެހި މަޑުކޮށްދޭ ބޭސް: މިބޭސް ބޭނުންކުރުމުން ފަލަގޮހޮރުގެ ތެރޭގައި ހުންނަފެންތައް ނެރެ ބޮޑުކަމުދާ އެއްޗިއްސާ އެއްކުރުމުން ބަޑުކަމުދެވޭ ނަޖިސް މަޑުވެ ނަޖިސް ބޭރުކުރުމަށް ފަސޭހަވެއެވެ. އާއްމުގޮތެއްގައި މިވައްތަރުގެ ބޭސް ބޭނުންކުރަނީ އޮޕަރޭޝަންކުރުމަށްފަހު ބޮޑުކަމު ދިއުން ފަސޭހަކުރުމަށާއި ވިހައިގެން އުޅޭ މަންމައިންނަށެވެ. ބޭނުމަކީ ބޮޑުކަމު ދިއުމަށްޓަކައި ބާރުލުން މަނާކުރުމެވެ.
  • ނަޖިސް އޮލަކޮށްދޭބޭސް: މިއީ ދިވެހިން ވަރަށްކުރިއްސުރެވެސް ބޭނުންކުރަމުން އަންނަބޭސްތަކެކެވެ. މިއީ މިނެރަލް ތެލުގައި ހަދާފައި ހުންނަ ބޭހެވެ. މިސާލަކަށް އާމަނަކަ ތޮޔޮފަދަ އެއްޗިއްސެވެ. މިވައްތަރުގެ ބޭސް މަސައްކަތް ކުރާގޮތަކީ ބޮޑުކަމުދާ އެއްޗެހީގެ ވަށައިގެން މިގެ ފަށަލައެއް ލެވުމުން އޭގައި ހިމެނޭ ފެން އެއިން ދަމައިގަތުން މަނާކުރެއެވެ. މީގެ ސަބަބުން ބޮޑުކަމުދާ ނަޖިހުގައި އެކުލެވޭ ފެނުގެ ބައި ގިނަވެ ފަސޭހަކަމާއެކު ބޮޑުކަމު ދެވެއެވެ.
  • އެކި ވައްތަރުގެ ބޭސް އެއްކޮށްގެން ހަދާފައި ހުންނަ ބޭސް: ކުރިން އިޝާރާތްކުރެވުނު އެކި ބޭހަކި ތަފާތު ގޮތްގޮތަށް މަސައްކަތްކުރާ އެއްޗިއްސަށްވުމުން އޭގެ ތެރެއިން ވައްތަރުތަކެއް އެއްކޮށްފިނަމަ ވަރަށްގިނަ ގޮތްގޮތަށް މަސައްކަތްކުރާ އެއްބޭސް އުފެދުމަކީ ބައެއްފަހަރު ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. ވުމާއެކު މިފަދަ ބޭސްތައްވެސް މިހާރުވަނީ އުފައްދާފައެވެ.

ކުރިން މިއިޝާރާތް ކުރެވުނު ބޭސްތައް އެކި ވައްތަރު ވައްތަރަށް މިހާރުވަނީ އުފައްދާފައެވެ. އޭގެ ތެރޭގައި ގުޅަބޭހާއި، ދިޔާބޭހާއި، ފުރަގަސްފަރާތުން ލައްވާކަހަލަ ސަޕޯސިޓޯރީ އާއި އެނެމާ (ފުރަގަސްފަރާތުން ފޮނުވާލާ ފެން) ނުވަތަ ބޮޑުގުންބާ ހިމެނެއެވެ.

ބަނޑުހަރުވުމަކީ އެހެންބަލިތަކެކޭވެސް އެއްފަދައިން އަމިއްލައަށް ބޭސް ބޭނުންކޮށްކޮށް ތިބެން ރަގަޅު ބައްޔެއް ނޫނެވެ. ބަނޑު ހަރުވަން ޖެހޭ ސަބަބު ހޯދައި އެކަންކަމަށް ބޭސް ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. ބޭހެއް ބޭނުންކުރުމުގެ ކުރިން އެބޭހަކީ ތިމަންނަގެ ހާލަތާއި ގުޅޭ ބޭހެއްކަން އެގެން ޖެހެއެވެ. ވުމާއެކު ޑޮކްޓަރެއްގެ ލަފާހޯއްދެވުމަށްފަހު ބޭސްބޭނުން ކުރުމަކީ އެންމެ ރަގަޅު ގޮތެވެ. އަދި މިއަށްވުރެވެސް ރަގަޅުގޮތަކީ ކުރިއާލައި ވިސްނައިގެން ބަނޑުހަރުނުވާގޮތަށް ކެއުމާއި އަދި ދިރިއުޅުމުގެ އާދަތައް ބައްޓަން ކުރުމެވެ. ތަރުކާރީ އާއި ފަތް ގިނައިން ބޭނުންކުރުމާއި ގިނައިން ފެންބުއިމާއި ބޮޑުކަމު ދިއުމުގެ އާދަތަކަށް ފަރުވާތެރި ވުމެވެ. ނިމުނީ

Leave a Comment