ނިޔަފައްޗަކީ ވަރަށްމުހިއްމު މަސައްކަތްތަކެއް އަދާކުރާ އެއްޗެކެވެ. އަތުން އެއްޗެހި ހިފައި ނެގުމުގައި އެހީތެރިވުމާއި އިގިލީގެ ކޮޅު ރައްކާތެރިކޮށްދިނުމަކީ މީގެ ތެރެއިން އެންމެ މުހިއްމު ކަންކަމެވެ. ނިޔަފައްޗަކީ ވަރަށް ގިނަމީހުންގެ ހިތްދަމައިގަންނަފަދަ އަސަރެއް އެކުލެވިފައިވާ އެއްޗެއްވެސް މެއެވެ. ފިރިހެނުންނަށްވުރެގިނައިން އަންހެނުން ނިޔަފަތި ރީތިކޮށްބެހެއްޓުމަށް ސަމާލުވެ އެކަމަށް ވަރަށްބޮޑު ޚަރަދުތައްވެސް ކުރޭމެއެވެ. ނަތީޖާއެއްގެ ގޮތުން ނިޔަފައްޗަކީ މީހާގެ ސިއްހަތު ހަމަކޮށްދޭ އެއްޗަކަށްވަނީ ވެފައެވެ. ހަށިގަޑުގެ ގުނަވަންތަކަށް ދިމާވާ ބޮޑެތި ބަލިތައް ދެނެގަތުަމަށްޓަކައި ނިޔަފަތި ބަލައި ޗެކްކުރެވެއެވެ. މާނައަކީ ރީތި އަދި ޞިއްހީ ނިޔަފަތިތަކެއް ހުންނާނީ ރަގަޅު ދުޅަހެޔޮ ހަށިގަޑެއްގައެވެ.
ނިޔަފަތީގެ ކަން ވަނުމަކީ ރާއްޖޭގެ ވަރަށްގިނަބަޔަކަށް ދިމާވަ މައްސަލައެކެވެ. ޚާއްޞަކޮށް ފިރިހެނުންނަށްވުރެ ގިނައިން އަންހެނުން މިކަމުގައި އުދަގޫ އުފުލާކަން ފާހަގަކުރެވެއެވެ. ފަހަރެއްގައި މިއީ މާބޮޑަށް ފަރުވާތެރިވުމުގެ ގޮތުން ނިޔަފަތި މާބޮޑަށް ކަނޑާލެވޭތީ ވާގޮތެއްކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް އޮޕަރޭޝަންކުރާ ޑޮކްޓަރެއްގެ އެހީ ހޯދަން އަންނަ ވަރަށްގިނަ ބަލިމީހުންނަކީ މިއުދަގޫ މައްސަލައިގެ ބުރަ އުފުލަމުން އަންނަ މީހުންނެވެ.
ނިޔަފަތީގެ ކަން ވަނުމަކީ ކޮބާ؟
ނިޔަފަތީގެ ދެފަރާތުން ދިގުވެ ބަޅުވެ މަސްގަނޑުގެ ތެރެއަށް ވަނުމާއެކު ނިޔަފައްޗާއި މަސްގަޑާދޭތެރޭގައި ޖަރާސީމު އުފެދި އެތަން ދުޅަވެ ރަތްވެ ދޮސްގަނެއެވެ. މީގެ އިތުރުން ބައެއްފަހަރު ނިޔަފަތީގެ ކަނޑާފައިވާ ކަންވެސް އިނގިލީގެ ކޮޅުގައިވާ ހަންކޮޅުގެ ތެރެއަށްވަނުމުން އެތަންފާރުވެ ދޮސްގަންނަގޮތްވެއެވެ. މިކަންކަމަށް ނިޔަފަތީގެ ކަންވަނުމޭ ކިޔައި އުޅެއެވެ. ބޭސްވެރިކަމުގެ ބަރުވައިން މިއަށް ކިޔަނީ ’އިންގްރޯވްން ނެއިލް“އެވެ.
ކަން ވަންނަނީ ކީއްވެ؟
ކަންވަނުމަށް މެދުވެރިވާ މުހިއްމު ސަބަބުތަކުގެ ތެރޭގައި ހެޔޮވަރުނޫން ބޫޓަށް އެރުމާއި، މާބޮޑަށް ނިޔަފަތި ކެނޑުން ހިމެނެއެވެ. ތަންކޮޅެއް ބާރު ބޫޓަށް އެރުމުގެ ސަބަބުން ނިޔަފަތި ދެފަރާތުން ފިތި ބަޅުވެ ދެފަރާތުގެ ނިޔަރޮދީގެ ތެރެއަށް ވަދެ އިތުރަށް ދިގުވެއެވެ. އަދި ހަމައެފަދައިން ނިޔަފަތީގެ ދެފަރާތުގެ ކަނާއެކު ކަނޑާކަމަށްވާނަމަ އެއީވެސް އިނގިލީގެ ކަނުގެ ތެރެއަށް ނިޔަފަތީގެކަން ވަދެ އެތަން ފާރުވުމަށް މެދުވެރިވާ ސަބަބެކެވެ. ނިޔަފަތީގެ ކަންވަނުމަށް މެދުވެރިވާ އެހެން ސަބަބުތަކުގެ ތެރޭގައި ނިޔަފައްޗަށް އަނިޔާއެއްވުން ނުވަތަ ނިޔަރޮއްޖަށް އަނިޔާއެއްވުން ހިމެނެއެވެ.
ކޮންކަހަލަ ފަރުވާއެއް ބޭނުންވާނީ؟
ނިޔަފަތި ކަން ވަނުމުގެ ސަބަބުން ދިމާވާނެ މައްސަލަތަކަކީ އިގިލި ދުޅަވުމާއި، ތަދުވުމާއި ދޮސްގަތުންފަދަ ކަންކަމެވެ. މީގެ ސަބަބުން ބޫޓަށް އަރައިގެން އުޅެން ނުކެރުމުގެ ސަބަބުން ވަޒީފާއަށް ނުނިކުންނަ މީހުންވެސް ވަރަށްގިނައެވެ. އަނެއްބައެއްގެ ބިރަކީ ގިނަދުވަސްތަކެއްވާންދެން މިހެން ހުރެއްޖެނަމަ އެތަނަށް ކެންސަރުވެސް ޖެހިދާނެކަމަށް ހީކުރެވުމެވެ.
ނިޔަފަތި ކަންވަނުމުގެ ފަރުވާއެއްގެ ގޮތުން ކުރެވިދާނެ ކަންތައްތަކެއް ފާހަގަކުރެވިފައިވެއެވެ.
– ނިޔަފަތިކައިރި ދުޅަވެ ދޮސްގަނެފައި ނުވާނަމަ ރޭގަނޑު ނިދުމުގެ ކުރިން ތާފެނާކޮށް ހުރިފެނަށް ފައި ލައިގެން 15 ނުވަތަ 20 މިނިޓްވަންދެން އިންނާށެވެ. އޭގަފަހުގައި ރަގަޅަށް ފޮހެ ހިއްކުމަށްފަހު ކަފަކޮޅެއް ނުވަތަ ކަފަކޮޅަކުން ބައެއް ނިޔަފައްޗާއި ދުޅަވެފައިވާ ބައިގެ ދޭތެރެއަށް ލައްވާށެވެ. މީގެ ބޭނުމަކީ އެދޭތެރޭގައި ހުރިފެނާއި އަދި ހަޑިއެއްޗެހި ކަފަކޮޅަށް ދަމައި ގަތުމެވެ. އޭގެ ސަބަބުން ދުޅަވުމާއި ދޮސްގަތުން މަނާކޮށްދޭނެއެވެ.
– ކަންވަނުން މަނާކުރުމުގެ ގޮތުން ނިޔަފަތި ކެޑުމުގައި ނިޔަފަތީގެ ކަން ވަކިން ނުކެޑުމަށް ސަމާލުވާށެވެ. އަދި ޚާޞަކޮށް އަބަދު ބޫޓަށް އަރައިގެން ތިބެންޖެހޭމީހުން މިކަމަށް ސަމާލުވުން މުހިއްމެވެ. ނިޔަފަތި ކަނޑަންވާނީ މަތީކައިރި ސީދަލަށް ހުންނަގޮތަށެވެ. ދެފަރާތުކަން ކެޑުމުގެ ސަބަބުން ނިޔަފަތީގެ މަތީކައިރި ވަށްނުކުރާށެވެ.
– ނިޔަފަތި ކައިރި ދުޅަވެ ތަދުވެ ދޮސްއަންނަގޮތްވާނަމަ ލަސްނުކޮށް ޑޮކްޓަރއަކަށް ދެއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިފަދަ ހާލަތެއްގައި ކުޑައޮޕަރޭޝަނެއްކުރަން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ކޮންކަހަލަ އޮޕަރޭޝަނެއް؟
އިނގިލީގެ ކަނަށް ވަދެފައިވާ ނިޔަފަތި އެތަނުން ނަގައި ދެން އެނިޔަފަތި އެތަނަށް ނުވަންނަގޮތް ހެދުމަކީ މި ކުޑަކުޑަ އޮޕަރޭޝަން ކުރުމުގެ މަގްޞަދެވެ. މިގޮތުން އިންޖެކްޝަން ޖަހައި އިގިލި އައްސިކުރުމަށްފަހު ކަންވަދެފައިވާ ފަރާތުން ނިޔަފަތީގެ ބައެއް ނަގައެވެ. އަދި ދުޅަވެ ދޮސްގަނެފައިވާ މަސްކޮޅުވެސް ނަގަން ޖެހެއެވެ. ސަބަބަކީ އެބައި ނުނަގައިފިނަމަ އަބަދުވެސް ފަސޭހަނުވެ ހުންނަ ފާރުކޮޅެއް އެތާގައި ހުންނާނެ ތީއެވެ. އެއީ ޖަރާސީމު އަޅާފައިވާ މި މަސްކޮޅަކީ ފަސޭހަނުވާވަރަށް ހަލާކުވެފައިވާ މަސްކޮޅަކަށް ވާތީއެވެ. އޮޕަރޭޝަނަށްފަހު ނިޔަފަތި ނެގި ހިސާބުގައި ފާރުކޮޅެއް އިންނާނެއެވެ. އެތަން ފަސޭހަކުރަން ޖެހޭނީ ބޭސްއަޅައިގެންނެވެ. މިކަމަށް އެންމެ މަދުވެގެންވެސް ދެތިންހަފްތާ ނަގާނެއެވެ.
އޮޕަރޭޝަނަށްފަހު އިގިއްޔަށް ކުރެވިދާނެ ފަރުވާ.
– ދުވާލަކު އެއްފަހަރު ފައި ތާފެނާކޮށް ހުރި ފެނުން ދޮންނާށެވެ.
– އެއަށްފަހު ބޭސްއަޅަންވާނެއެވެ.
– ތަދުވާކަމަށްވާނަމަ ތަދުވާކެޑުވުމަށް ޚާއްޞަ ބޭހެއް ބޭނުންކުރާށެވެ.
– އަބަދުވެސް ފާރުކޮޅު ހިކިކޮށް ބަހައްޓާށެވެ. ފެންއެޅި ތެތްވާކަމަށްވާނަމަ ޖަރާސީމު އަޅައި އަލުންދޮސްގަތުމަކީ އެކަށީގެންވާ ކަމެކެވެ.
– ފަޔަށްބާރުކޮށްހުންނަ ބޫޓަށް އެރުން ރަގަޅެއްނުވާނެއެވެ. ޚާއްޞަކޮށް އޮޕަރޭޝަން ކުރުމަށްފަހު ފުރަތަމަ ދެތިން ހަފްތާވަންދެން ރަގަޅީ ބަންދުވެފައި ހުންނަ ބޫޓަށް ނޭރުމެވެ.
– ދުވެ ކަސްރަތު ކުރުމަކީވެސް ފުރަތަމަ ދެހަފްތާގައި ރަގަޅުކަމެއް ނޫނެވެ. އޭގެ ސަބަބުން ފާރުކޮޅުން ލޭއައިސް އަލުން ފާރުގަނޑު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ.
– ފާރުގަނޑު ނުބައިވާހެންހީވާނަމަ ޑޮކްޓަރއަށް އަލުންދައްކައި މަޝްވަރާކުރުމަކީ މުހިއްމު ކަމެކެވެ.
– ފާރުގަނޑު ފަސޭހަވުމަށްފަހުވެސް ބާރުބޫޓަށް ނޭރުމާއި ނިޔަފަތި ކެނޑުމުގައި ކުރިން އިޝާރާތްކުރެވުނު ކަންތައްތަކަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ. ނިމުނީ