ޝާއިއު ކުރެވުނީ: ޑިސެމްބަރ 22, 2023 ލިޔުނީ: ޑރ. އުބައިދު ކޮމެންޓްތައް: 0

ޖެނެރަލް ސާޖަރީ ނުވަތަ އާއްމުކޮށް ކިޔާ އުޅޭގޮތަށް ދަންނަވާ ނަމަ އާއްމު އޮޕަރޭޝަން ތަކަކީ މެޑިކަލް ފަރުވާގެ އެއްމެ ބޮޑު އެއްދާއިރާ ކަމުގައިވާ އޮޕަރޭޝަންތަކުގެ ރޮގުން ޚާއްޞަވެފައިވާ ޑޮކްޓަރުން ކުރާ އޮޕަރޭޝަން ތަކެވެ. އެމެރިކަން އެސޯސިއޭޝަން އޮފް ސާޖަންސް ދެކޭ ގޮތުގައި ޖެނެރަލް ސާރޖަރީ އަކީ ހުރިހާ ސާޖިކަލް ސްޕެޝަލިޓީތަކަށް އާންމުކޮށް ބޭނުންޖެހޭ އިލްމުތައް ކަމަށްވާ އެނަޓޮމީ، ފިޒިއޮލޮޖީ، މެޓަބޮލިޒަމް، އިމިއުނޮލޮޖީ، ނިއުޓްރިޝަން، ޕެތޮލޮޖީ، ޒަޚަމް ރަނގަޅުވުން، ޝޮކް ގެ ވައްތަރުތަކާއި އެއަށް ބޭނުންވާ އިންޓެންސިވް ކެއާގެ ފަރުވާ އާއި  އަދި ކެންސަރުފަދަ ހާލަތްތައް ހިމެނޭ ގޮތަށް ޑޮކްޓަރީ ފަރުވާގެ ވަރަށް ގިނަ ހުނަރުތައް ހިމެނޭ ސާޖަރީގެ ޑިސިޕްލިންއެކެވެ. މީގެތެރެއިންވެސް އިމަރޖެންސީ ހާލަތްތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރާ އޮޕަރޭޝަންތަކުގައި ޖެނެރަލް ސާޖަރީ ވަރަށްމުހިއްމު ރޯލެއް އަދާކުރެއެވެ.

ދިވެހި ރާއްޖެއަށް ޒަމާނީ ޑޮކްޓަރީ ފަރުވާ ތައާރަފް ކުރެވުނީއްސުރެ އޮޕަރޭޝަންގެ ޚިދްމަތްތައް ދެމުން އައިސްފައިވެއެވެ. މި ގޮތުން މާލޭގައި ގާއިމްކުރެވުނު ފުރަތަމަ ހޮސްޕިޓަލް ކަމަށްވާ ސެންޓްރަލް ހޮސްޕިޓަލުގައި އޮޕްރޭޝަންގެ ޚިދްމަތް 1950 ގެ އަހަރު ތަކުންފެށިގެން ދެމުން އައިސްފައިވެއެވެ. އެ ގޮތުން އެންމެ ފުރަތަމަ ދޭންފެށުނު އޮޕަރޭޝަންގެ ޚިދްމަތަކީ ޖެނެރަލް ސާޖަރީގެ ޚިދްމަތެވެ. އަދި އެއާއެކު ކަށީގެ އޮޕަރޭޝަންތަކާއި ސިޒޭރިއަން ފަދަ އަންހެނުންގެ ޚާއްޞަ ބައެއް ޕްރޮސީޖަރސް ތައް ހަދަމުން އައިސްފައިވެއެވެ.

 

1995ވަނަ އަހަރު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް އަށް ސަރުކާރުގެ ހޮސްޕިޓަލް ބަދަލުވުމާއެކު އޮޕަރޭޝަންގެ ޚިދްމަތް އިތުރަށް ފުޅާކުރުމުމުގެ ފުރްޞަތު ލިބިގެން ދިޔައެވެ. މިގޮތުން ކުރިން ނުކުރެވޭ ބައެއް އޮޕަރޭޝަންތައް ކުރުމުގެ ފުރްޞަތު ލިބިގެންދިޔައެވެ އަދި އޮޕަރޭޝަން ގެ ރޮގުން ޚާއްޞަވެގެން މި ޚިދްމަތް އިތުރަށް ފުޅާކުރުމުގެ ފުރްޞަތު ދިވެހި ޑޮކްޓަރުންނަށް ލިބިގެންދިޔައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ސާޖިކަލް ދާއިރާއިން އިތުރަށް ސްޕްޝަލައިޒްވެ ސާޖަރީގެ ސަބްސްޕެޝަލިސްޓުންވެސް ރާއްޖޭގައި މިހާރު ޚިދްމަތް ދެމުން އެބަދެއެވެ. އޭގެ ތެރޭގައި, ޔުރޮލޮޖީ, ނިއުރޯސާޖަރީ, އޮންކޯ-ސާޖަރީ, ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޓިވް ސަޖަރީ ފަދަ ދާއިރާތައް ހިމެނެއެވެ.

 

ފާއިތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ދުނިޔެ ދެކެމުން މިދާ ހަލުވި ތަރައްގީގެ އަސަރު މެޑިކަލް ދާއިރާއަށް ކުރަމުންދަނީ ހީވެސް ނުކުރާހާ ހަލުއި މިނެއްގައެވެ. އާ އީޖާދު ތަކާއި އާ ހޯދުންތަކުގެ ނަތީޖާއެއްގެ ގޮތުން މެޑިކަލް ޕްރެކްޓިސް ކުރާ ގޮތާއި އަދި ޚިދްމަތް ފޯރުކޮށްދޭ ގޮތް ބަދަލުވެ ޒަމާނީވުމުގެ އިތުރުން އެ ޚިދްމަތްތަށްވެސް އިތުރު ބައިބަޔަށް ބެހި އިތުރު ދާއިރާތައް އުފެދި ކުދި ގުނަވަންތަކާއި އަދި އެގުނަވަންތަކަށް ޖެހޭ ބަލިބައްޔަށްވެސް ސްޕްޝަލިޓީތައް އުފެދި ކުރިތައްފަޅަމުން އެބަދެއެވެ. މީގެ ސަބަބުން ޖެނެރަލް ސާޖަރީގެ ޚިދްމަތުގެ ދާއިރާއަށް ބަދަލުތަކެއް އަންނަމުން ދެއެވެ. ކުރިން އާއްމު އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރުން ކުރަމުން އައި ބައެއް އޮޕަރޭޝަންތައް މިހާރު ކުރަމުން އަންނަނީ އެކަމަށް ޚާއްޞަ ސަބް ސްޕެޝަލިސްޓުންނެވެ.

ކުރިއަށް އޮތްދުވަސްތަކުގައި މި ބަދަލުތައް އަދި އިތުރަށް ފުޅާވެ ކުރިއަރަމުން އަންނާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން މި އޮޕަރޭޝަންތައް ކުރާގޮތަށްވެސް ބަދަލުތައް އަންނަމުން ދާނެ ކަމަށް ބެލެވެއެވެ. ވީހާވެސް ކުޑަ އިންޓަވެންޝަނަކުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދޭނެ ގޮތް ވުމާއި ސާޖަރީތަކުގައި އާރޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރުމާއި މި ދާއިރާއަށް ރޮބޮޓިކްސް އާއި އަދި އެނޫންވެސް ޒަމާނީ އިންޓަވެންޝަންސް ތައް އިތުރުވަމުން ދާނެމެއެވެ. ނަމަވެސް ރާއްޖެފަދަ ކުޑަ ގައުމުތަކަށް މި ފަދަ ކުރިއެރުންތައް އައުމުގައި އަދި އިތުރަށް ވަގުތު ނެގުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

 

ރެފަރެންސްތައް:

 

(Pmc_1387481, n.d.)(Pmc_1387481, n.d.)Click or tap here to enter text.

Leave a Comment