ތައާރަފް
މިގުނަވަނަކީ ”ކޮކާލެއް“ ފަދަ ސިފައެއް ގައި އިންނަ ގުނަވަނެކެވެ. ތައިރޮއިޑް ގްލޭންޑް އިންނާނީ އިންސާނުންގެ ކަރުގެ ކުރިމަތީގައެވެ.
ތައިރޮއިޑް ގްލޭންޑް އާއި އެ ގްލޭންޑް ވަށައިގެން ހިމެނޭ ކުދިކުދި ”ޕެރާތައިރޮއިޑް“ ގްލޭންޑް އަކީ ހަށިގަނޑުގެ ހިންގުމަށް ބޭނުންވާ މުހިއްމު ”ހޯމޯން“ ތަކަކާއި ހަށިގަނޑު ގައި މުހިއްމުރޯލެއް އަދާކުރާ ”ކެލްސިއަމް“ ހަމަނިޒާމެއްގެ ތެރޭގައި ދައުރުކުރުމަށް މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. މިސާލަކަށް، ހިތުގެހިނގުމާއި، ލޭގެ ޕްރެޝަރު އަދި ހަށިގަނޑުގެ ފިނި ހޫނުމިން ފަދަ ކަންކަމެވެ.
ތައިރޮއިޑްގްލޭންޑް ގައި މައިގަނޑުގޮތެއްގައި ހިމެނެނީ މުހިއްމު ދެވައްތަރެއްގެ ސެލްތަކެކެވެ.
”ފޮލިކިއުލަރ ސެލް“ :
މިވައްތަރުގެ ސެލްތައް ހާއްސަވެފާވަނީ ތައިރޮއިޑް ހޯމޯން އެކުލަވާލުމަށެވެ. މިހޯމޯން (ކޮންމެވެސް ސަބަބަކާހުރެ) އިތުރުވެއްޖެނަމަ(ހައިޕަރ ތައިރޮއިޑިސިމް) ވިންދު އަވަސް ވެ،ހިތުގެ ހިނގުމަށް ބަދަލުއައުން، ނިދަންއުންދަގޫ ވުން، ހާސްވެ ކަންބޮޑު ވެފައި ހުރުން، ބަނޑުހައިވުން، ބަރުދަން ލުއިވެ މާބޮޑަށް ހޫނުވުން ފަދަ އަލާމާތް ތައް ހިމެނެއެވެ.
މިއާހިލާފަށް މިހޯމޯން (ކޮންމެވެސް ސަބަބަކާހުރެ) ހަށިގަނޑުގައި މަދުވެއްޖެނަމަ(ހައިޕޮ ތައިރޮއިޑިސަމް)، މީހާގެ ހަރަކާތްތައް ލަސްވެ، ވަރުބަލިވެ، ބަރުދަން އިތުރުވެދެއެވެ.
ތައިރޮއިޑް ގްލޭންޑްއިން ހޯމޯން ލެއަށް ފޮނުވާވަރު ކޮންޓްރޯލް ކުރާނީ ޕިޓިއުޓަރީ ގްލޭންޑް އެވެ.
”ޕެރާފޮލިކިއުލަރ“ (ނޫނީ ”ސީ ސެލް“) :
މިފަދަ ސެލްއިން އުފައްދާނީ ކެލޮސިޓޯނިން ކިޔާ ހޯމޯން އެކެވެ. މިހޯމޯން ގެ މަސައްކަތަކީ ހަށިގަނޑުގައި ކެލްސިއަމް ބޭނުންކުރާމިންވަރު ކޮންޓޮރޯލް ކުރުމެވެ.
ކެންސަރު ނޫން ތައިރޮއިޑް ބަލި ތައް:
ތައިރޮއިޑް ދުޅަވުން
ތައިރޮއިޑް ގްލޭންޑް ގެ ބައްޓަމަށް އަދި ސައިޒަށް އަންނަ ބަދަލުތައް ގިނަފަހަރު ތިބާއަމިއްލައަށް ނޫނީ ޑޮކްޓަރަށް ފާހަގަކުރެވެއެވެ.
އާދަޔާ ހިލާފު ބޮޑުތައިރޮއިޑް ގްލޭންޑް އަކަށް ”ގޮއިޓަރ“ އޭކިޔެއެވެ. ގިނަފަހަރު މިފަދަ ބަދަލަކީ ކެންސަރުނޫން ކޮންމެވެސް އެހެން ސަބަބަކާހުރެ އަންނަ ދުޅައެކެވެ. (މިސާލަކަށް ހަށިގަނޑަށް ބޭނުންވާ އަޔޮޑިން ކާތަކެތީގައި ބޭނުން ވާވަރަށް ނުހިމެނުން)
ތައިރޮއިޑް ނޮޑިއުލްސް (ގަނޑުލުން)
ތައިރޮއިޑް ގްލޭންޑްގައި ލާ ކުދި ދުޅައަށް ”ނޮޑިއުލްސް“ އޭކިޔެއެވެ. މިފަދަ ގިނަ ނޮޑިއުލްސަ އަކީ ނުރައްކާތެރި އެއްޗެއް ނޫނެވެ. ނަމަވެސް މިފަދަ ނޮޑިއުލްގެ ކޮންމެ 20 އެތިކޮޅު ގެ ތެރެއިން 3-2 ނޮޑިއުލްސް އަކީ ކެންސަރު ކަމަށް ދިރާސާތަކުން ދައްކައެވެ. ބައެއްފަހަރު މިފަދަ ނޮޑިއުލް ތަކުން އިތުރަށް ތައިރޮއިޑް ހޯމޯން އުފައްދައިދެއެވެ. ނަމަވެސް ހޯމޯން އިތުރަށް އުފައްދާ ނޮޑިއުލް ތަކަކީ ގިނަފަހަރު ނުރައްކާތެރި އެއްޗެއްނޫނެވެ.
މިފަދަ ގަނޑުކޮޅުތަކަކީ ކޮންމެ އުމުރެއްގައިވެސް އަތުވެދާނެއެއްޗެއް. ނަމަވެސް އުމުރުން ދުވަސްވީވަރަކަށް މި ފަދަ ގޮށްތައް ނެގުމުގެ ފުރްޞަތު ބޮޑުވެއެވެ. ގިނަފަހަރު މިފަދަ ނޮޑިއުލް ތަކަކީ އަތް ލައިގެން ބަލާއިރު އަތުގަޖެހޭ އެއްޗެއް ނޫން. ނަމަވެސް އަލްޓަރާ ސައުންޑް ސްކޭންފަދަ ވަސީލަތަކުން މިފަދަ ކުދި ނޮޑިއުލްސް ދެނެގަނެވެއެވެ.
ތައިރޮއިޑް ކެންސަރުގެ ވައްތަރުތައް :
މައިގަނޑު ވައްތަރުތައް
- ”ޑިފަރެންޝިއޭޓަޑް“ ކެންސަރު (ޕެޕިލަރީ، ފޮލިކިއުލަރ، ހާރތުލް ސެލްކެންސަރު)
- މެޑިއުލަރީ ކެންސަރު
- އެނަޕްލާސްޓިކް (ވަރަށް ބާރަށް ފެތުރޭ ވައްތަރެއް)
”ޑިފަރެންޝިއޭޓަޑް“ ކެންސަރު
ގިނަ ތައިރޮއިޑް ކެންސަރަކީ މިވައްތަރުގެ ކެންސަރ އެވެ. މިފަދަ ކެންސަރު ގައި އެކުލެވޭ ސެލްތައް ރަނގަޅު ތައިރޮއިޑް ސެލްއާވަރަށް ވައްތަރުވާނެއެވެ. މިވައްތަރުތަކަކީ ތައިރޮއިޑް ގެ ފޮލިކިއުލަރ ވައްތަރުގެ ސެލްއިން އުފެދޭ ކެންސަރެވެ.
ޕެޕިލަރީ ކެންސަރ
(އިތުރަށް ކިޔާނަންތައް : ޕެޕިލަރީ ކާސިނޯމާ، ޕެޕިލަރީ އެޑިނޯކާސިނޯމާ)
ޑައިގްނޯސް ކުރެވޭ ކޮންމެ 10 ތައިރޮއިޑް ކެންސަރ ގެ ތެރެއިން 8 ކެންސަރަކީ މިވައްތަރެވެ. އާންމުކޮށް މިފަދަ ކެންސަރ އުފެދޭނީ ވަރަށް ލަސް ލަހުންނެވެ. އަދި އާންމުކޮށް އުފެދޭނީ ގްލޭންޑް ގެ އެއްފަޅީގައެވެ. ލަހުން އުފެދި އިތުރުވީކަމުގައި ވިޔަސް މިވައްތަރު އާންމުކޮށް ފެތުރޭނީ ކަރުގެ ގޮށްތަކަށެވެ. މިފަދަ ކެންސަރ ގޮށްތަކަށް ފެތުރުމަށް ފަހުވެސް ކާމިޔާބުކަމާ އެކު ފަރުވާކުރެވި ޝިފާލިބެއެވެ.
ފޮލެކިއުލަރ ކެންސަރ
ޑައިގްނޯސް ކުރެވޭ ކޮންމެ 10 ތައިރޮއިޑް ކެންސަރުގެ ތެރެއިން 1 ކެންސަރަކީ މިވައްތަރުގެ ކެންސަރެވެ. މިފަދަ ވައްތަރު އާންމުކޮށް ގިނައިން ފެންނަނީ ކެއުމުގައި ހަށިގަނޑަށް ލިބެންވާ އަޔޮޑިން ނުލިބޭ މީހުންނަށެވެ. މިވައްތަރަކީ ގޮށް ތަކަށް ފެތުރޭ ވައްތަރެއްނޫނެވެ. ނަމަވެސް ދުރުހިސާބުތަކަށް ފެތުރޭ ވައްތަރެކެވެ. (މިސާލަކަށް ކައްޓާ، ފުރަ މޭފަދަ ގުނަވަނެވެ). މިވައްތަރަކީ ވެސް ފަރުވާ އަށް ފަހު ޝިފާލިބޭ މިންވަރު ރަނގަޅު ވައްތަރެކެވެ.
ހާރތުލަ ސެލް ކެންސަރ (އޮކްސީ ފިލް ކާރސިނޯމާ ގެނަމުން މުހާތަބުކުރެވެ އެވެ.)
ގާތްގަނޑަކަށް މިވައްތަރަކީ ޑައިގްނޯސް ކުރެވޭ ތައިރޮއިޑް ކެންސަރުގެ %3 އެވެ. މިއީ މަތީގައި ބަޔާންކުރެނިވި ދެވައްތަރަށް ވުރެ ފަރުވާ ކުރުމަށް ފަހު ޝިފާލިބޭ ވަރު މަދު ވައްތަރެވެ.
މެޑިއުލަރީ ތައިރޮއިޑް ކެންސަރ
މިއީ ގަތްގަނޑަކަށް ޑައިގޮނޯސް ކުރެވޭ ތައިރޮއިޑް ކެންސަރު ގެ %4 އެވެ. މި ވައްތަރަކީ ތައިރޮއިޑް ގްލޭންޑް ގެ ”ޕެރާފޮލި ކިއުލަރ ސީ ސެލް“ އިން އުފެދޭ ކެންސަރެކެވެ. ކުރިން ދަންނަވާލެވުނު ފަދައިން މިފަދަ ސެލްއިން އުފައްދާނީ ކެލްސިޓޯނިން ކިޔާ ހޯމޯން އެކެވެ. މިހޯމޯން ގެ މަސައްކަތަކީ ހަށިގަނޑުގައި ކެލްސިއަމް ބޭނުންކުރާމިންވަރު ކޮންޓޮރޯލް ކުރުމެވެ. ބައެއްފަހަރު މިފަދަ ކެންސަރެއް ތައިރޮއިޑް ގްލޭންޑް އިންފެނުމުގެ ކުރިން އެހެނިހެން ދުރުހިސާބުތަކަށް ފެތުރުރިފަ ހުއްޓާފެނެއެވެ.
މިވައްތަރުގެ ތައިރޮއިޑް ކެންސަރު މައިގަނޑު ދެބަޔަކށް ބަހާލެވިފައިވެއެވެ.
ސްޕޮރޭޑިކް މެޑިއުލަރީ ތައިރޮއިޑް ކެންސަރު:
މިވައްތަރުފެންނާނީ، ޑައިގްނޯސް ކުރެވޭ މެޑިއުލަރީ ތައިރޮއިޑް ގެގާތްގަނޑަކަށް 10 އަކުން 8 ފަހަރެވެ. އަދި މިއީ ވާރުތަކުރާ ވައްތަރެއްނޫނެވެ. އަދި އާންމުކޮށް ފެންނާނީ ދޮށީ އުމުރުގެ މީހުންގެއެވެ. ގިނަފަހަރު ފެންނާނީ ތައިރޮއިޑް ގްލޭންޑްގެ އެއްފަޅިންނެވެ.
ފެމީލިއަލް މެޑިއުލަރީ ތައިރޮއިޑް ކެންސަރު:
މިއީ އެއް ޖީލުން އަނެއް އަނެއްޖީލަށް ވާރުތަ ކުރާ ވައްތަރެއް. މިވައްތަރު އާންމުކޮށް ފެންނަނީ ކުޑައިރު ނޫނީ ފުރާވަރަށް އަރާހިސާބުގައެވެ. މިއީ އަވަހަށް ފެތުރޭ ވައްތަރެކެވެ. ހާއްސަކޮށް މިވައްތަރަކީ އެހެނިހެން ގުނަވަންތަކުގެ ކެންސަރާއެކު ފެންނަވައްތަރެކެވެ.
އެނަޕްލާސްޓިކް (އަންޑިފަރެންޝިއޭޓަޑް) ކެންސަރު:
މިވައްތަރަކީ ވަރަށް މަދުން ފެންނަވައްތަރެއްގެ ކެންސަރެކެވެ. (ގާތްގަނޑަކަށް ޑައިގްނޯސް ކުރެވޭ ހުރިހާ ތައިރޮއިޑް ކެންސަރުގެ %2 އެވެ. މިވައްތަރަކީ ޑައިގްނޯސް ކުރެވޭ އިރުވެސް 4 ވަނަ ސްޓޭޖް ކެންސަރެވެ. މިއީ ވަރަށް އަވަހަށް ދުރަށް ފެތުރޭ ވައްތަރެކެވެ. އަދި މިއީ ފަރުވާކުރަން އެންމެ އުނދަގޫ ވައްތަރެވެ.
އާންމުނޫން ވައްތަރުތައް:
- ތައިރޮއިޑް ލިންފޯމާ
- ތައިރޮއިޑް ސާކޯމާ
ތައިރޮއިޑް ކެންސަރުން ރައްކާތެރި ވެވިދާނެތަ؟
ތައިރޮއިޑް ކެންސަރ އަށް ޑައިގްނޯސް ކުރެވޭ ގިނަމީހުން ނަކީ ފާހަގަކުރެވިދެނެގަނެވިފައިވާ އެއްވެސް ރިސްކަކަށް ހުށަހެޅިގެން އަންނަ ބައެއްނޫނެވެ. މިސަބަބަށްޓަކާ ގިނަފަހަރު މިއީ ރައްކާތެރި ވެވޭ ބައްޔެއްނޫންމެއެވެ.
ރޭޑިއޭޝަނަށް ހުށައެޅުން، ހާއްސަކޮށް ކުޑައިރު، އަކީ ތައިރޮއިޑް ކެންސަރު ޖެހުމަށް މަގުފަހިވާ ސަބަބެކެވެ.
ޖެނެޓިކް ޓެސްޓް ކުރުން: މިކަމުގެ މުހިއްމުކަން ފެންނާނީ ފެމީލިއަލް މެޑިއުލަރީ ތައިރޮއިޑް ކެންސަރަށް ހުށަހެޅުން ގާތް މީހުންނަށެވެ. ކުރިންދަން ނަވާލިފަދައިން މިއީ އެއް ޖެނަރޭޝަނުން އަނެއް ޖެނެރޭޝަނަށް ވާސިލް ވާ ވައްތަރެކެވެ. ބަދަލުވެފާ ވާ ޖީން އެއްވާނަމަ، ބަލި ފެނުމުގެ ކުރިން މި ގްލޭންޑް އޮޕަރޭޝަން ކޮށް ގެން އެކީ ނެގިއްޖަނަމަ މިފަދަ ބައްޔަކުން ރައްކާތެރި ވީއެވެ!
ނޯޓަ: މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން މިކަމުގެ އެންމެފަހުގެ ފަރުވާތައް، ޖެނެޓިކް ޓެސްޓިން އަދި ޖެނެޓިކް ކައުންސިލިން ގެމާހިރަކާ މަޝްވަރާކުރުން މުހިއްމު ވާނެއެވެ.
ތައިރޮއިޑް ކެންސަރ ޖެހުމަށް މަގު ފަހި ކޮށްދޭ ކަންކަން:
ބަދަލުނުކުރެވޭ ކަން ކަން:
އުމުރާ / ޖިންސު:
މިހާތަނަށް ސިދާސަބަބު ހޯދިފާނުވިކަމުގައި ވިޔަސް މިބައްޔަކީ ގާތް ގަނޑަކަށް އަންހެން ޖިންސަށް 3 ގުނަ އިތުރު ބައްޔެކެވެ.
ތައިރޮއިޑް ކެންސަރު އެންމެ އާންމު އުމުރަކީ (އަންހެނުންނަށް) 50-40 އަހަރާދެމެދެވެ. އަދި ފިރިހެނުންނަށް 70-60 ގެ އަހަރުތަކުގައެވެ.
ވާރުތަކުރާ ބަލިތަކުގެތެރެއިން:
މެޑިއުލަރީ ތައިރޮއިޑް ކެންސަރ: މިބައްޔަށް ޑައިގްނޯސް ވާ ކޮންމެ 10 މީހަކުން 2 މީހަކީ ބަދަލުވެފައިވާ ޖީން އެއް ވާރުތަވެގެން މިބަލި ޖެހޭ ބައެކެވެ. މިއަށް ފެމީލިއަލް މެޑިއުލަރީ ތައިރޮއިޑް ކެންސަރު، އެހެނިހެން އެންޑޯކްރައިން ގްލޭންޑް ގެ ޓިއުމަރަކާ އެކު ފެނިއްޖެނަމަ ”މަލްޓިޕަލް އެންޑޯކޮރްއިން ޓިއުމަރސް“ ގެނަމުން ނަން ކިޔެއެވެ.
ފަރުވާ / މައިގަންޑު އޮނިގަނޑު
ތައިރޮއިޑް ކެންސަރުގެ ވައްތަރު | ބަލި ހުރި ހިސާބު | ކަނޑައެޅިފައިވާ ”ސްޓެންޑަޑް“ ފަރުވާ |
ޕެޕިލަރީ އަދި ފޮލެކިއުލަރ ކެންސަރ | ކަރު އަދި ވަށައިގެންވާ ހިސާބު | އޮޕަރޭޝަން
– އެއްކޮށް ގްލޭންޑް ނެގުން(ޓޯޓަލް ތައިރޮއިޑެކްޓަމީ) – ގްލޭންޑްގެ އެއްފަޅި ނެގުން |
ރޭޑިއޯ އައިޑިން ފަރުވާ (އާރް.އޭ.އައި) | ||
ތައިރޮއިޑް ސަޕްރެޝަން ތެރަޕީ | ||
ރޭޑިއޯތެރަޕީ (އެކްސްޓަރނަލް ބީމް ރޭޑިއޭޝަން) | ||
ޕެޕިލަރީ އަދި ފޮލެކިއުލަރ ކެންސަރު | ދުރަށް ފެތުރިފައި ވާ | އައޮޑިން އާ ގުޅޭ (ސެންސިޓިވް) |
– ރޭޑިއޯ އައިޑިން ފަރުވާ (އާރް.އޭ.އައި) | ||
– ތައިރޮއިޑް ސަޕްރެޝަން ތެރަޕީ | ||
އަޔޮޑިން އާ ނުގުޅޭ | ||
– ތައިރޮއިޑް ސަޕްރެޝަން ތެރަޕީ | ||
-ޓާގެޓަޑް ތެރަޕީ | ||
– އޮޕަރޭޝަން | ||
ރޭޑިއޯތެރަޕީ (އެކްސްޓަރނަލް ބީމް ރޭޑިއޭޝަން) | ||
ދެވަނަފަހަރަށް އަނބުރާ އަންނަބަލި (ޕެޕިލަރީ އަދި ފޮލިކިއުލަރ ވައްތަރު) | އޮޕަރޭޝަން،(ބައެއްފަހަރު ރޭޑިއޯ އައިޑިން ފަރުވާ އާއެކު). | |
ޓާގެޓް ކުރެވިގެންދޭ ފަރުވާ | ||
ރޭޑިއޯތެރަޕީ (އެކްސްޓަރނަލް ބީމް ރޭޑިއޭޝަން) | ||
ކީމޯތެރަޕީ | ||
މެޑިއުލަރީ ތައިރޮއިޑް | ބަލި ތައިރޮއިޑް ގައި ނުފެތުރި ހުރުން | އޮޕަރޭޝަން
– އެއްކޮށް ގްލޭންޑް ނެގުން(ޓޯޓަލް ތައިރޮއިޑްއެކްޓަމީ) |
ރޭޑިއޯތެރަޕީ (އެކްސްޓަރނަލް ބީމް ރޭޑިއޭޝަން) | ||
ކީމޯތެރެޕީ | ||
ފެތުރިފައި ވާ ބަލި (ކައިރިޔާ ދުރަށް) | ޓާގެޓް ކުރެވިގެންދޭ ފަރުވާ | |
ބަލިކޮންޓްރޯލް ކުރުމަށް ދެވޭ ކީމޯތެރަޕީ | ||
އެނަޕްލާސްޓިކް ކެންސަރު | އޮޕަރޭޝަން | |
ރޭޑިއޯތެރަޕީ (އެކްސްޓަރނަލް ބީމް ރޭޑިއޭޝަން) |