”ސިކުނޑި (ވިސްނައިދޭން) މަސައްކަތް ކުރިއަސް، އުއްމީދު ކަނޑާނުލާށެވެ. ހިތްވަރު އެލުވާނުލާށެވެ.“
ކެންސަރުގެ ބަލި ތަޙައްމަލް ކުރަމުންދާ މީހަކު މިފަދަ ދުވަސްވަރެއްގައި ވިސްނުމުގައި ނޫނީ ތޫނުފިލިކަން، ކުރިއަށް ވުރެ ދައްވާކަން ފާހަގަވުން، ނޫނީ ކަންކަން ހާނދާންނެތުން، އާންމުކޮށް ދަތިކަމަކާނުލައި ކުރަމުން އައި ކުދިކުދި ކަންކަން ނިންމަން ނޭންގުން، އައު ހުނަރެއްދަސްކުރުމުގަ އުނދަގޫތަކެއް ކުރިމަތިވުން..މިފަދަ ހާލަތައް ދީފައިވާނަމަކީ ”ކީމޯ ބްރެއިން“ އެވެ. ކީމޯބްރެއިން އަށް ނަން ދިނުމުގައި ”ކީމޯ“ ނަން އައި ކަމުގައިވިޔަސް، މަތީގައި ބަޔާންކުރެވިދިޔަހެން ކެންސަރުގެ ބަލި އަދި ތަފާތު ފަރުވާއާ އެކު މިފަދަ ބަދަލުތައް ފެނިދާނެއެވެ. މިކަމުގެ ސީދާ ސަބަބެއް އަދި ވަނީ ނުހޯދިއެވެ.
އާންމުކޮށް ފެނިދާނެ އަލާމާތް ތައް:
އާންމުކޮށް ފަސޭހައިން ހަނދާން ހުންނަ ކަންކަން، ހަނދާންނެތުން (ހަނދާނުގަ މަދުވާ ”ގެއްލުނު“ ވަގުތުތަކެއް ހުރުން)
އެއްކަމަކަށް ވިސްނުން ހުސްކޮށްލަން ދަތިވުން، ވިސްނުމުގަ ”ފޯކަސް“ ނުކުރެވުން.
ނަން،ތާރީހް ފަދަ މުޙިއްމު ތަފްސީލް ހަނދާންކުރުމުގަ ދަތިތަކެއް މެދުވެރި ވުން.
އާ ކަންކަން ދަސްކުރުމަށް އުނދަގޫވުން.
އާންމު ކޮށް ގޭތެރޭގެ މަސައްކަތް ފަދަ ކުދި ކުދި ކަންކަން ނިންމުމަށް އާދަޔާހިލާފަށް އިތުރު ވަގުތުނެގުން.
އާންމުކޮށް މުއާމަލާތް ކުރުމުގަ ބޭނުންކުރި ބަސް ބަސް ހަނދާން ނެތުން.
ނޯޓް:ގިނަފަހަރު މިފަދަ ޢަލާމަތް ތައް އިޙްސާސް ކުރަމުން ދާމީހުންނަށް މިފަދަ ޢަލާމާތް ތައް ފެންނާނީ ކުޑަދުވަސް ކޮޅަކަށެވެ. ނަމަވެސް މަދު ބަޔަކަށް (މިސާލަކަށް ހަނދާން ނެތުން) ދާއިމީ ކަމަކަށް ވެއެވެ. މަތީގައި ބަޔާންކުރެވުނު ފަދައިން މިފަދަ ބަދަލުތަކަކީ އެހާބޮޑަށް ފެންނަ އަލާމާތް ތަކަކަށް ނުވެދާނެ އެވެ.
ކެންސަރުގެ ފަރުވާ ކަޑައްތު ކުރަމުން ދާ އެންމެނަށް ވެސް ”ކީމޯބްރެއިން“ މެދުވެރި ވެދާނެތަ؟
މިފަދަ ފަރުވާއެއްނަގަމުންދާ އެމެންނަށް ”ކީމޯބްރެއިން“ މެދުވެރި އެއްނުވާނެއެވެ. ނަމަވެސް އެކަމުގެ ”ރިސްކް“ އިތުރުވާކަންކަން، ތިރީގައި ބަޔާން ކުރެވިގެން ވަނީއެވެ.
އުމުރުން ދުވަސްވުން
ކެންސަރުގެ ވައްތަރު (މިސާލަކަށް ސިކުނޑީގެ ކެންސަރު، ނޫނީ ސިކުނޑިއަށް ފެތުރިފަވުން)
ކުރިންވެސް ނަފްސާނީ ބަލި ހުރުން.
ތަފާތު ބޭސް ތައް، ފަރުވާގައި އާންމުކޮށް ބޭނުންކުރެވޭ (މިސާލަކަށް ހޯމޯން ބޭސް، ސްޓިރޮއިޑް، ތަދުކަނޑުވާބޭސް ، މޭނުބައި ކުރުން ކެނޑުވުމަށް ދޭބޭސް، ހޭނެއްތުމަށް ދޭ ތަފާތު ބޭސްތައް ފަދަ ބޭސްހިމެނެއެވެ).
ޢިއްދައިން ކެނޑިފައި ވުން.
ހަށިގަނޑު ގައި ބައެއްމުޙިއްމު މާއްދާތައް މަދުވުން.
ފަރުވާ.
ނޯޓް: މަތީގައިބަޔާން ކުރެވޭ ފަދަ ކަމެއް ކަނޑައެޅިގެން އެނގޭނަމަ އެކަމަކަށް ސަމާލު ކަންދީ، އެކަމެއް ރަނގަޅު ކުރުމުން އަލާމަތް ތައް ކުޑަދުވަސް ކޮޅެއްގެތެރޭގައި ހުއްޓެއެވެ.
”ދީން- އަމިއްލަ ނަފްސު – އަދިއުޚްރަވީ ޙަޔާތަށް ސަމާލުވެ، ޙަޔާތުގެ މުހިއްމުބަޔަކަށް ހެދުން“
މިފަދަ ކޮންމެކަމެއް ކުރިމަތިވާފަހަރެއްގައިވެސް ސާބިތުކަމާއެކު، އަޅުކަމާއި، ﷲ (ސުބްޙާނަހޫ ވަތައާލާ) އަށް ދުޢާ ދެންނެވުުމުގައި ދެމިހުރުމަކީ އެންމެ މުހިއްމު، ފުރަަތަމަފިޔަވަޅެވެ. ދަންނާށެވެ. މިފަދަ ކަންކަމަކީ މީހާއަށް ހިއްވަރުލިބި، އަމިއްލަ ނަފްސްއަށް ކުރާއިތުބާރުއިތުރުވެ، އަޤީދާ ވަރުގަދަވާކަމެކެވެ. ހެއްދެވިފަރާތާ ގާތްވުމަށް ލިބޭވަރަށް ރަނގަޅު ރަނުގެ ފުރުސަތެކެވެ.
”ކޮގްނިޓިވް ރިހެބިލިޓޭޝަން“
މިއީ ކެންސަރ ގެ ފަރުވާގެ ބައެކެވެ. ގިނަ ފަހަރުތަޖުރިބާކާރަކާ އެކު ވަގުތުހޭދަކޮށް، ސިކުނޑި މަސައްކަތް ކުރާގޮތް ދެނެގަނެ، މިކަމުގެ އެހީ އެއްގޮތުން ހެދިފައިވާ ހަރަކާތް ތަކުގައި ބައިވެރިވެ، އަލުން ހަޔާތުގެ ކަންކަން ތަރުތީބުކުރުމަށް އަމާޒުކުރެވިގެން ހެދިފައިވާ ހަރަކާތް ތަކުގައި ބައިވެރިވެ، މަގެއް ހޯދުމަކީ މުހިއްމުކަމެކެވެ. މިފަދަ ކޮންމެ ދޭދޭ މީހެއްގެ ޢަލާމާތް ތައް، މިންވަރު ތަފާތުވާނެއެވެ. އެހެންކަމުން ”ރިހެބިލިޓޭޝަން“ ގައި ހޭދަވާ ވަގުތާއި، އަޅާލުން ބޭނުން ވާވަރު ތަފާތުވާނެއެވެ.
”ކަސްރަތު“
ކަސްރަތަކީ ޖުމްލަ ގޮތެއްގައި މުޅިހަށިގަނޑަށް އޭގެ ފައިދާކުރާކަމެކެވެ. ހާއްސަކޮށް ދެމިހުންނަ ގޮތެއްގައި ކުރާ ކަސްރަތުގެސަބަބުން މުޅިހަށިގަނޑަށް ހެޔޮބަދަލު ތައް އާދެއެވެ. ހެދިފައިވާ ގިނަ ދިރާސާތަކުގެ ހުލާސާއެއް ލިޔެލާނަމެވެ. ކެންސަރުފަދަ ބައްޔަކަށް ފަރުވާކުރާމިހަކަށް ނުނީ ފަރުވާނިމިފައި ވާ މީހަކަށް އެންމެ ރަނގަޅު ކަސްރަތު ތަކަކީ:
ހ:“ފްލެކްސިބިލިޓީ“ ކަސްރަތުތަކެވެ. (މަސްތަކާ ހުޅުތައް ދޫކޮށް ލުމަށް) ”ސްޓްރެޗިން“ ކަސްރަތުތައް.
ށ:“އެއޮރޮބިކް“ ކަސްރަތުތައް: (ބާރަށް ހިނގުން، ދުވުން އަދި ފެތުން ފަދަ)
ނ:“ރެސިސްޓަންސް“ ކަސްރަތުތައް:(ބަރު އުފުލުން، ބަރުބޭނުން ކޮށްގެން ކުރާކަސްރަތު އަދި މަސްތަކުގައި ވަރުޖައްސައިދޭފަދަ ކަސްރަތުތައް) ހިމެނެއެވެ.
ނޯޓް: ތަރުކާރީ ކޮންމެ ދުވަހެއްގެ ކާނާގައި ހިމެނުމުން، އުމުރުންދުވަސް ވާވަރަކަށް ހަނދާނަށް އަދި ވިސްނުމަށް އަންނަ އުނިކަމަށް ހެޔޮބަދަލެއް އަންނަ ކަންވަނީ ގިނަ ތަހުލީލްތަކުން ދައްކާފައެވެ.
ފަހުބަސް:
ވާހަކަ ދައްކާށެވެ. ލޯބިވާ އާއިލާ އާއި، އެކުވެރިން އަދި ޙާއްސަކޮށް ފަރުވާކުރާ ޓީމު މި ދަތުރުގައި ބައިވެރިކުރާށެވެ. ތިބާގެ އިޙްސާސް ތައް އިއްވައިދޭށެވެ. މިފަދަ ބަލިމަޑުކަމެއް ތަޙައްމަލް ކުރަމުންދާމީހުންނާއެކު ހިޔާލުބަދަލު ކުރާށެވެ.އެކަކު އަނެކަކާގެ ތަޖްރިބާއިން ހެޔޮމަގުތަކެއް ކޮށިދާނެއެވެ. ވިސްނުމާއި ބުއްދިއަށް ހެޔޮބަދަލުތަކެއް އިސާހެތަކު އަތުވެދާނެ ކަމަށް ގަބޫލުކުރާށެވެ.
”ހަމަކަށަވަރުން، ކޮންމެ އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއެވެ“