އެޕެންޑިކްސް ދުޅަވުމަކީ ކޮބާ؟
އެޕެންޑިކްސް ދުޅަވުން ނުވަތަ (Appendicitis) ގެ މާނައަކީ އެޕެންޑިކްސް ކިޔާ ގުނަވަނުގައި ޖަރާސީމު އަށަގަނެ ދުޅަވެ އަދި ބައެއްފަހަރު ދޮސްގަންނަ ގޮތް ވުމެވެ. މިއީ ކުޑަކުދިންނާއި އަދި ބޮޑެތިމީހުންނަށްވެސް ކުރިމަތިވެދާނެ ބައްޔެކެވެ. ދިރާސާތަކުން ދައްކާގޮތުގައި އަހަރެއްގެ ތެރޭގައި ކޮންމެ އެއްލައްކަ މީހުންގެ ތެރެއިން ސަތޭކަ މީހުންގެ އެޕެންޑިކްސް ދުޅަވެއެވެ. އުތުރު އެމެރިކާގައި ކޮށްފައިވާ މި ދިރާސާއިން ހަމަވާގޮތުގައި 1970 ގެ އަހަރުތަކުން ފެށިގެން އެޕެންޑިކްސް ދުޅަވާ ނިސްބަތް އިތުރުވެފައިވެއެވެ.
ޢާއްމުކޮށް އެޕެންޑިކްސް ދުޅަވަނީ ޒުވާން އުމުރުފުރައިގެ މީހުންގެއެވެ. މިގޮތުން އެންމެ ގިނައިން އެޕެންޑިކްސް ދުޅަވާ އުމުރެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ 10 އަހަރާއި 19 އަހަރާ ދެމެދުގެ އެވެ. އުމުރުން 9 އަހަރުން ދަށުގެ ކުޑަކުދިންނާއި އަދި އުމުރުން ވަރަށް ދޮށި އުމުރުފުރައިގެ މީހުންގެ އެޕެންޑިކްސް ދުޅަވުމަކީ އެހާ އާއްމު ކަމެއް ނޫނެވެ.
އެޕެންޑިކްސް އަކީ ކޯއްޗެއް ؟
އެޕެންޑިކްސް އަކީ ކުޑަފަންޏެއްގެ ސިފައިގައި އެތެރެ ހުސްކޮށް އޮތް ހޮޅިއެއްގޮތަށް އޮންނަ ގުނަވަނެކެވެ. ހިމަގޮހޮރު (Small Intestine) ނިމި ފަލަގޮހޮރު (Large Intestine) ފެށޭ ހިސާބުގައި އޮންނަ މި ގުނަވަނަކީ ބަނޑުގެ ކަނާތްފަރާތުގެ ތިރީބަޔަށް ނިސްބަތްވާ ބަނޑުތެރޭގެ ގުނަވަނެކެވެ. އެޕެންޑިކްސް ގެ މަސައްކަތާއި މެދު ތަފާތު ޚިޔާލުތައް ފާޅުކޮށްފައި ވިޔަސް ކަނޑައެޅިގެން އެޕެންޑިކްސް މަސައްކަތަކީ ވަކި މިވެނި ކަމެކޭ ބުނަން ވަރައް ދައްޗެވެ. އާއްމުގޮތެއްގައި މި ގުނަވަނުގެ މަސައްކަތެއްކަމަށް ބެލެވިފައިވަނީ ގޮހޮރުގައި ވަޒަންވެރިވެފައިވާ ފައިދާ ހުރި ބެކްޓީރިއާ ޚަޒާނާ ކުރުމާއި ގޮހޮރަށް ދިމާވާ ތަފާތު ބަލިތަކުގައި މި ފައިދާހުރި ބެކްޓީރިއާ ނެތި ދިއުމަށްފަހުވެސް އަލުން އެ ބެކްޓީރިއާ ދިރުވައި އާލާކުރުމުގައި އެހީތެރިވެދިނުމެވެ.
އެޕެންޑިކްސް އޮންނަނީ ކޮންތާކު؟
ކުރިންވެސް އިޝާރާތްކުރިފަދައިން އެޕެންޑިކްސް އަކީ ހިމަގޮހޮރު ނިމި ފަލަގޮހޮރު ފެށޭހިސާބުގައި (ބަނޑުގެ ކަނާތްފަރާތު ތިރީބައިގައި) އޮންނަ ގުނަވަނެކެވެ. ވުމާއެކު ބަނޑުގެ ކަނާތްފަރާތުގެ ތިރީބައިގައި ރިއްސާނަމަ އެންމެ އަވަހަށް ބަލަން ޖެހޭ ކަމަކީ އެޕެންޑިކްސް ދުޅަވެފައި އޮތްތޯ ބެލުމެވެ. ނަމަވެސް ބަނޑުގެ ތެރޭގައި އެޕެންޑިކްސް އޮންނަ ތަނުގެ ގޮތުން ބަލިމީހާ ކުރާ ޝަކުވާތައް ތަފާތުވެދާނެއެވެ. މިސާލަކަށް އެޕެންޑިކްސް ކޮޅު ބަނޑުގެ އެންމެ ތިރިއަށް އައިސް އެތަނުގައި އޮވެ ދުޅަވެ ދިޔަ އުފެދޭ ކަމަށްވާނަމަ ބަލިމީހާގެ ކުރާ ޝަކުވާތަކުގެ ތެރޭގައި ކުޑަކަމުދާނިޒާމުގެ މައްސަލަތަކާ ގުޅޭ ޝަކުވާތަކެއްވެސް ކޮށްފާނެއެވެ. އަދި އެފަދަ ބަލިމީހަކީ އަންހެނެއް ކަމަށްވާނަމަ, އަންހެނުންގެ ޚާއްޞަ ގުނަވަންތަކުގެ މައްސލައެއްކަމަށް ހީވާ ފަހަރުވެސް އާދެއެވެ.
އެޕެންޑިކްސް ދުޅަވަން ދިމާވާ ސަބަބަކީ ކޮބާ ؟
އެޕެންޑިކްސް ގެ އެތެރޭގެ ހޮއި ބެދި ބަންދުވަމަކީ އެ ގުނަވަން ދުޅަވަން މެދުވެރިވާ އެންމެ މުހިއްމު ސަބަބު ކަމުގައި ދިރާސާތަކުން ދައްކައެވެ. މިގޮތަށް އެތެރެ ބެދެން ދިމާވެދާނެ ތަފާތު ސަބަބުތައް ފާހަގަ ކުރެވިފައިވެއެވެ. ކާތަކެތި ހަޖަމުވަމުންދާއިރު ފަލަގޮހޮރާ ހަމައަށް ދަނީ ނަޖިހަށް ބަދަލުވަމުން ދާ ބައެވެ. މިއިން ނަޖިސްކޮޅެއް އެޕެންޑިކްސް ގެ އެތެރެއަށް ވަދެ ތާށިވެ އެއަށް ނު ނިކުމެވޭ ވަރުވުމުން އެހިސާބުންފެށިގެން އެޕެންޑިކްސްގެ އެތެރެ ބެދޭގޮތްވެއެވެ. އަދި މިނޫން ގޮތްގޮތަށްވެސް އެޕެންޑިކްސް ގެ އެތެރެގެ ހޮއި ބެދިދާނެއެވެ. އެޕެންޑިކްސްގެ ބިތްތައް ދުޅަވުމާއި, އެޕެންޑިކްސް ގެ ކައިރީގައިވާ އެހެން ދުޅައެއްގެ ސަބަބުން އެއަށް ފިތެންފެށުމުންވެސް އެޕެންޑިކްސްގެ އެތެރެ ބެދިދާނެއެވެ.
އެޕެންޑިކްސްގެ އެތެރެ ބެދުމާއެކު އޭގެ ތެރޭގައި ޖަރާސީމު އިތުރުވެ ދިޔަ އުފެދި ބިތްތައް ދުޅަވެ ލޭހޮޅިތައް ބެދި ތާޒާލޭ ލިބުން ހުއްޓުމުގެ ސަބަބަބުން އެޕެންޑިކްސް ގެ ކުލަބަދަލުވެ މަރުވަން ފަށައެވެ. ދިރާސާތަކުން ދައްކާގޮތުގައި އެޕެންޑިކްސް ދުޅަވަމުންދާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި މި އިޝާރާތްކުރި ބަދަލު ތައް 90 އިން ސައްތަ ބަލިމީހުންގެ އަންނަން ފަށައެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އެޕެންޑިކްސް ފަޅައިގެން ގޮސް ބަނޑުތެރެ ދޮސްގަންނަ ގޮތްވަނީ ވަރަށް މަދު ބަލިމީހުންގެއެވެ. އަދި މި ދިރާސާތަކުން ދައްކާގޮތުގައި އެޕެންޑިކްސް ދުޅަވުމުގެ އަލާމާތްތައް ފާޅުވާފަހުން ފަރުވާ ނުފެށި 24 ގަޑިއިރާއި 48 ގަޑިއިރަށްވުރެ ގިނަވަގުތު ފާއިތުވާ ބަލިމީހުންގެ އެޕެންޑިކްސް ފަޅައިގެން ގޮސް ބަނޑުތެރޭގައި ދޮސްގަތުމުގެ ފުރްޞަތު ވަރަށް ބޮޑުވެގެންދެއެވެ.
އެޕެންޑިކްސް ދުޅަވުމުގެ އަލާމާތްތަކަކީ ކޮބާ؟
އާއްމު ހާލަތްތަކުގައި އެޕެންޑިކްސް ދުޅަވުމުގެ ސަބަބުން ބަލިމީހާ ކުރާނެ ޝަކުވާތަކެއް ވެއެވެ. އޭގެ ތެރޭގައި;
- ބަނޑަށް ތަދުވުން: ބަނޑުގެ ކަނާތްފަރާތުން ދަށްބަނޑުގައި ރިހުން ނުވަތަ ފޫޅު ކައިރީގައި ތަދު ހުރެ އެ ތަދު ދަށްބަނޑަށް ދާ ގޮތް ވެއެވެ. ފަހަރެއްގައި މިއީ ފުރަތަމަ އަލާމާތަށް ވެދާނެއެވެ.
- ކާހިތް ކެނޑި މޭ ނުބައިކުރުން
- މޭ ނުބައި ކުރުމާއި ހޮޑުލެވޭގޮތްވުން
- ބަނޑު ފުއްޕާލުން
- ހުންވައްތަރުވުން
އާއްމުނޫން ބައެއް ހާލަތްތަކުގައި މިނޫން އެހެން ޝަކުވާތަކެއްވެސް ބަލިމީހާގެ ހުރެދާނެއެވެ. އޭގެ ތެރޭގައި ކާއެއްޗެހި ރަގަޅަށް ހަޖަމުވާ ގޮތް ނުވުމާއި, ބަނޑުގައި ވައި އުފެދުމާއި, ގޮހޮރުގެ ހިނގުމަށް ބަދަލުތަކެއް އައުމާއެކު ބޮޑުކަމުދިއުމުގައި މައްސަލަ ދިމާވާގޮތްވުމާއި, ބަލިމީހާ ވަރުބަލިވެ ހަށިގަނޑަށް ލޮނޑުކަން ވެރިފައިހުރުން ހިމެނެއެވެ.
މިފަދަ އަލާމާތްތަކެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ ވަރަށްމުހިއްމު ކަމެކެވެ.
އެޕެންޑިކްސް ދުޅަވެއްޖެ ކަން ދެނެގަންނާނީ ކިހިނެތް؟
ބަލި ދެނެގަތުމަށްޓަކައި ޑޮކްޓަރީ ބޭސްވެރިކަމުގައި ބޭނުންކުރާ ޚާއްޞަ ގޮތްތަކެއް ވެއެވެ. އެއީ ބަލިމީހާގެ ކިބައިން ނަގާ ބަލީގެ ތާރީޚާއި (History of present illness) ބަލިމީހާ ބަލައި ޗެކްކުރުމުން ލިބޭ މައުލޫމާތާއި (Clinical examination) އަދި ޓެސްޓް (Laboratory and radiological investigations) ހެދުމުން ލިބޭ މައުލޫމާތެވެ. ބަނޑަކީ ވަރަށްގިނަ ގުނަވަންތައް އޭގައި ހިމެނޭ ތަނަކަށްވާއިރު ބަނޑުގައި ރިއްސުމާއެކު ކުރިން އިޝާރާތްކުރެވުނު ފަދަ އަލާމާތްތަކަކީ ބަނޑުގެ ތެރޭގައިވާ އެހެނިހެން ގުނަވަންތަކުގެ ބަލިތަކުގައިވެސް ފެނިދާނެ އަލާމަތްތަކަށް ވާތީ އެޕެންޑިކްސް ދުޅަވިކަން ޔަގީންކުރުމަކީ އުދަގޫ ކަމަކަށް ވެދާނެއެވެ. ނަމަވެސް ތަފާތު ބަލިތައް ދެނެގަތުމުގައި ބޭނުންކުރާ ސްޓޭންޑަރޑް ގައިޑްލައިންތަކާ އެއްގޮތަށް ތަހްލީލު ކުރަމުން ބަލަމުން ދިއުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން ބަނޑު ބަލައި ޗެކްކުރަމުންދާއިރު ފެންނާނެ އަލާމާތްތަކާއި ދޭހަވާ އިޝާރާތްތަކަށް ބެލުމާއެކު ލެބޯޓެރީ ޓެސްޓް ތައް ހެދުމާއި ބަނޑުގެ އަލްޓްރަސައުންޑް ސްކޭން ނުވަތަ ސީޓީ ސްކޭން ހެދުމަކީ ބަލިދެނެގަތުމަށްޓަކައި ކުރާނެ ކަންކަމެވެ. ނަމަވެސް މި ހުރިހާ ކަމެއްގައިވެސް ބަލިމީހާގެ އުމުރާއި ޖިންސު އަދި ފަރުވާކުރަމުން އަންނަ ތަފާތު އެހެން ބަލިތަކާއި ކުރިން ކޮށްފައިވާ ބަނޑުގެ އޮޕަރޭޝަންފަދަ ކަންކަމަށް ސަމާލުކަން ދޭނެއެވެ.
އެޕެންޑިކްސް ދުޅަވެއްޖެނަމަ އޭގެ ފަރުވާ އަކީ ކޮބާ؟
އެޕެންޑިކްސް ދުޅަވުމަކީ ވަރަށް އިމަޖެންސީކޮށް އޮޕަރޭޝަން ކޮށް އެޕެންޑިކްސް ނަގަންޖެހިދާނެ ސަބަބެކެވެ. އަދި މިއީ އާއްމުކޮށް އިމަޖެންސީކޮށް އެންމެގިނައިން ކުރާ ބަނޑުގެ އޮޕަރޭޝަންވެސް މެއެވެ. އެޕެންޑިކްސް އޮޕަރޭޝަން ކުއްލި ހާލަތުގައި އަވަހަށް ކުރަން ޖެހޭ ސަބަބަކީ, އަވަހަށް އޮޕަރެޝަން ނުކޮށްފިނަމަ ދުޅަވެ ދޮސްގަނެ ބަނޑުތެރެއަށް ފަޅައިގެން ދިއުމުގެ ސަބަބުން ބަލިމީހާގެ ހާލަތު މާސީރިއަސްވެ އެޕެންޑިކްސް އޮޕަރޭޝަނަށްވުރެ މާބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިދާނެތީއެވެ. އަދި ޖަރާސީމުގެ އަސަރު ލޭގެ ތެރެއަށް ފެތުރި އެހެން ސިސްޓަމްތަކަށް އަސަރުކޮށްފާނެތީއެވެ. މީގެ ހާލަތު އިތުރަށް ގޯސްވެ ފުރާނައަށްވެސް ނުރައްކާވާ ހިސާބަށް ދިއުމުގެ ފުރްޞަތުވެސް އޮންނާނެތީއެވެ. އެޕެންޑިކްސް ދުޅަވުމުގެ ސަބަބުން ބޮޑުވަރުވެ ބަނޑުތެރޭގައި ދޮސްއުފެދިއްޖެ ކަމަށްވާނަމަ ތަފާތުގޮތަކަށް ފަރުވާ ބައްޓަންކުރަންޖެހޭ ހާލަތްތަކެއްވެސް ވެއެވެ. އޭގެ ތެރޭގައި:
- އެޕެންޑިކްސް ދުޅަވެ ކައިރީގައިވާ އެހެން ގުނަވަންތަކުގައި ތަތްވެ ދުޅައެއްގެ ސިފައިގައި އޮތްކަން ފާހަގަކުރެވިއްޖެނަމަ އެ ހާލަތުގައި ބަލިމީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އެންޓިބްޔޮޓިކްސް އާއި އަދި އެހެނިހެން ބޭސް އައިވީގެ ޒަރީއާ އިން ދީ ދުޅަމަޑުކުރެވޭތޯ ބަލައެވެ. މި ފަރުވާ ކާމިޔާބުވެ ދުޅަތިރިވެގެން ހިގައްޖެނަމަ 4 ހަފްތާ ފަހުން ކުރިއްސުރެ ރާވައިގެން ކުރާ އެޕެންޑިކްސް އޮޕަރޭޝަން ކުރުމުގެ ކަންތައް ތައް ކުރިއަށް ގެންދެވިދާނެއެވެ.
- އެޕެންޑިކްސް ދުޅަވެ ދޮސްގަނެ ބަނޑުތެރެއަށް ފަޅައިގެންގޮސްފައިވާނަމަ ދެފަހަރަށް އޮޕަރޭޝަން ކުރަން ޖެހިދާނެއެވެ. އޭގެ ތެރެއިން ފުރަތަމަ ފަހަރަކީ ދޮސްތައް ނެރެ ސާފުކުރުމަށް ކުރާ އޮޕަރެޝަނެވެ. މި ހާލަތުގައި އެޕެންޑިކްސް ނުނެގިދާނެއެވެ. ދެވަނަ އޮޕަރޭޝަނަކީ ފުރަތަމަ އޮޕަރޭޝަންކޮށް ގަދަވެ ރަގަޅުވާފަހުން 6 ހަފްތާފަހުން އެޕެންޑިކްސް ނެގުމަށް, ކުރިއްސުރެ ރާވައިގެން ކުރާ އޮޕަރޭޝަނެވެ.
- އެޕެންޑިކްސް ދުޅަވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކަކީ ކޮބާ؟
- އެޕެންޑިކްސް ދުޅަވުމާއެކު އަވަސްފަރުވާ ނުދެވިއްޖެނަމަ އެ ދުޅަބޮޑުވެ ދޮސްގަނެ ފަޅައިގެންގޮސް ބަނޑުތެރެއަށް ދޮސް އެޅުމުގެ ފުރްޞަތު އިތުރުވެގެން ދެއެވެ. މިއަށް ޕެރިޓޮނައިޓިސް (Peritonitis) އޭ ކިޔައެވެ. އަދި ފަރުވާ ނުދެވި އިތުރަށް ލަސްވާނަމަ ޖަރާސީމުގެ ވިހައިގެ އަސަރު ލޭގެ ތެރެއަށް ފެތުރި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް އަސަރުކޮށް ބަލިމީހާގެ ހާލަތު ސީރިއަސްވެއެވެ. މިއަށް ސެޕްޓިސީމިއާ (Septicemia) އޭ ކިޔައެވެ. އަދި މިއީ ފުރާނައަށްވެސް ނުރައްކާވެދާނެ ކަމެކެވެ. ނަމަވެސް ހަށިގަނޑުގެ ދިފާއީސިސްޓަމް ރަގަޅު ބައެއް މީހުންގެ މި އިންފެކްޝަންގެ އަސަރު ހަށިގަނޑު އަމިއްލައަށް ކޮންޓްރޯލްކޮށް ބޮޑުވަރުވިޔަ ނުދީ ހިފަހައްޓައެވެ. އަދި ޖަރާސީމު ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ އެންޓިބަޔޮޓިކްސް ބޭނުންކޮށްފިނަމަ އިންފެކްޝަން ކޮންޓްރޯލްކޮށް އެވަގުތަށް ރަގަޅުވުމުގެ އަލާމާތްތައް ފާޅުވެއެވެ. މި ގޮތަށް ރަގަޅުވާ ބައެއް ބަލިމީހުންނަށް ތަކުރާރުކޮށް އެކިފަހަރުމަތިން މި ގޮތަށް އެޕެންޑިކްސް ދުޅަވުމުގެ މައްސަލަ ދިމާއެވެ. އެއަށް ތަކުރާރުކޮށް އެޕެންޑިކްސް ދުޅަވުމޭ (Recurrent Appendicitis) ކިޔައެވެ. އަދި މި ގޮތަށް ތަކުރާރުކޮށް ދުޅަވުމުގެ އިތުރުން އެޕެންޑިކްސް ގެ ވަށައިގެންވާ ގުނަވަންތަކުގައި ތަތްލައި ބޮޑު ދުޅައެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. މި ހާލަތުގައިވެސް އެންމެ ރަގަޅުގޮތަކީ ބަނޑުގެ ތަދު ރަގަޅުވެފައިވާ ދުވަސްވަރެއްގައި ކުރިއްސުރެ ރާވައިގެން ކުރާ އޮޕަރޭޝަން ކޮށް އެޕެންޑިކްސް ނެގުމެވެ.
- އެޕެންޑިކްސް ދުޅަވުމުން ދުރުވުމަށް ކުރެވިދާނެ ކަމެއް އޮވޭތަ؟އެޕެންޑިކްސް ދުޅަވުމުން ސަލާމަތްވެ ތިބުމަށް ކުރެވޭނެ މާބޮޑު ކަމެއް ފާހަގަ ކޮށްފައި ނުވެއެވެ. ނަމަވެސް ބައެއް ދިރާސާތަކުން ފާހަގަކޮށްފައިވާ ގޮތުގައި ތާޒާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ކާ މީހުންގެ އެޕެންޑިކްސް ދުޅަވުމުގެ ފުރްޞަތު ކުޑައެވެ.
- ރެފަރެންސް ތައް:
- Engin, O., Yildirim, M., Yakan, S., & Coskun, G. A. (2011). Can fruit seeds and undigested plant residuals cause acute appendicitis. Asian Pacific journal of tropical biomedicine, 1(2), 99–101. https://doi.org/10.1016/S2221-1691(11)60004-XAzaro, E. M., Amaral, P. C., Ettinger, J. E., Souza, E. L., Fortes, M. F., Alcântara, R. S., Regis, A. B., Sousa, M. M., Fogagnoli, W. G., do Carmo, V. M., Galvão, T. D., Stagliorio, E. P., Santana, P. A., Jr, & Fahel, E. (1999). Laparoscopic versus open appendicectomy: a comparative study. JSLS : Journal of the Society of Laparoendoscopic Surgeons, 3(4), 279–283.Talan DA, Di Saverio S. Treatment of Acute Uncomplicated Appendicitis. N Engl J Med 2021; 385:1116.United Kingdom National Surgical Research Collaborative, Bhangu A. Safety of short, in-hospital delays before surgery for acute appendicitis: multicentre cohort study, systematic review, and meta-analysis. Ann Surg 2014; 259:894.