އެޕެންޑިކްސް ދުޅަވުމަކީ ގިނަފަހަރަށް އިމަރޖެންސީކޮށް އޮޕަރޭޝަންކުރަން ޖެހޭ ކަމެކެވެ. ވުމާއެކު އޮޕަރޭޝަނަށް ތައްޔާރުވުމަށް ލިބޭ ވަގުތުކޮޅު ވަރަށް ކުޑަވާނެއެވެ. ނަމަވެސް އޮޕަރޭޝަން ކުރުމުގެ ކުރިން ލޭގެ ޓެސްޓް ތައް ހެދުމާއި, ބަނޑު ގެ ސްކޭން ކުރުމާއި އަދި ލޭ ގެ ގްރޫޕް ބެލުމާއި އަދި ލޭ އަޅަންޖެހިދާނެ ކަމަށް ލޭ ތައްޔާރުކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި އޮޕަރޭޝަންގެ ކުރިން އަނގައިން އެއްޗެއް ނުކައި އަދި ނުބޮއި ހުންނަންޖެހޭ ވަކި ވަގުތުތަކެއް އޮވެއެވެ. މަދުވެގެން 6 ގަޑިއިރު އަނގައިން އެއްޗެއް ނުކައި އަދި މަދުވެގެން 4 ގަޑިއިރު އެއްޗެއް ނުބޮއި ހުރުމަކީ މުޅިން ހޭނައްތައިގެން ކުރާ ބަނޑުގެ އޮޕަރޭޝަންތަކުގައި, ބަލިމީހާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނުހަނު ބޭނުންތެރި ކަމެކެވެ. ސަބަބަކީ ހޭނެއްތުމުގެ ތެރޭގައި އަދި ހޭނައްތާފައި އޮންނައިރު ގޮހޮރުގެ ތެރޭގައިވާ މިފަދަ ތަކެތި ކަރުތެރެއަށް އައިސް ނޭވާލާ ހޮޅީގެ ތެރެއަށް ދިއުމަކީ އެކަށީގެންވާ ކަމެއްކަމުގައި ވާތީއެވެ. އަދި އޭގެ ސަބަބުން ފުއްޕާމެއަށް ގެއްލުންވެ ފުރާނައަށް ނުރައްކާވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ހ- ލޯވަޅުއަޅައިގެން ކުރާ އެޕެންޑިކްސް އޮޕަރޭޝަން: އޮޕަރޭޝަން ފަރުވާ ޒަމާނީވަމުން ކުރިއަރަމުން އައިވަރަކަށް ބަލިމީހާއަށް އޭގެ ސަބަބުން މާބޮޑު ނޭދެވޭ އަސަރުތަކެއް ނުކުރާ ކަހަލަ ފަރުވާތައް ދަނީ ތައާރަފްވަމުންނެވެ. މި ގޮތުން ބަނޑު ކަފާނުލައި, ހަމައެކަނި ލޯވަޅުތަކެއް އަޅައިގެން ކުރާ އޮޕަރޭޝަންގެ ފަރުވާ އަކީ އޭގެ ސަބަބުން ބަލިމީހާއަށް އެތައްގޮތަކުން ފައިދާ ހުރި އޮޕަރޭޝަންއެކެވެ. އެއްމެ މުހިއްމު ފައިދާއެއްގެ ގޮތުން ބަނޑުގެ މަސްފަށަލައިގައި ކަފާލާފައިވާ ބޮޑު ފާރުކޮޅެއް ނެތި މި ބަލިން އަވަހަށް ރަގަޅުވެ ކުރިން ކުރަމުންއައި މަސައްކަތަށް އަލުން އަބުރާ ރުޖޫޢަވުން ހިމެނެއެވެ. މީގެ ސަބަބުން ބަލިމީހާގެ ނަފްސާނީ, އިޖްތިމާއީ އަދި މާލީ ދުޅަހެޔޮކަމަށް ހޭހަންކޮށްދެއެވެ.
ބަނޑުގައި ލޯވަޅުއަޅައިގެން ކެމެރާ ލައްވައިގެން ކުރާ އޮޕަރޭޝަނަށް (Laparoscopic Appendectomy) އޭ ކިޔައެވެ. މިއީ މުޅިން ހޭނައްތައިގެން ކުރާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ފޫޅުކައިރީގައި ސެންޓިމީޓަރެއްވަރުގެ ކުޑަލޯވަޅެއް އެޅުމަށްފަހު އެތަނުން ބަނޑުތެރެއަށް ކެމެރާ ލެއްވުމަށްޓަކައި ޕޯޓެއް (މަގެއް) ގާއިމް ކުރެވެއެވެ. އަދި ޕޯޓްތެރެއިން ބަނޑުތެރެއަށް ކާބަންޑައޮކްސައިޑް ކިޔާ ގޭހެއް ފޮނުވައި އޮޕަރޭޝަން ކުރުމަށްޓަކައި ބަނޑުތެރޭގައި ޖާގަ އުފައްދައެވެ. އަދި އޮޕަރޭޝަން ކުރުމަށްޓަކައި ބޭނުންވާ ސާމާނު ބަނޑުތެރެއަށް ވައްދައި ނެރުމަށްޓަކައި އިތުރު 2 މަގު (5 މިލިމީޓަރުގެ) ގާއިމް ކުރެވެއެވެ. އަދި މި ތިން މަގު ނުވަތަ ޕޯޓް ބޭނުންކޮށްގެން އެޕެންޑިކްސް އޮޕަރޭޝަންކޮށް އަދި ބަނޑުތެރެއިން އެޕެންޑިކްސް ބޭރު ކުރެވެއެވެ.
އެޕެންޑިކްސް ގެ ލޭ ހޮޅި ބަންދުކޮށް އެއާ ގުޅިފައިވާ ސަރުބި ފަށަލަތަކުން ވަކިކޮށް ނެގުމަށްޓަކައި ތަފާތު ވައްތަރުގެ މެޝިނަރީޒްތައް މިހާރު ބޭނުން ކުރެއެވެ. އެފަދަ މެޝިނަޜީޒް ބޭނުންކުރުމުގެ ފައިދާ އަކީވެސް އޮޕަރޭޝަނުގައި ގިނައިރު ހޭދަނުވުމާއި އަދި އިތުރު ކޮމްޕްލިކޭޝަންތައް (ލޭ އޮހޮރުން, ބަނޑުތެރޭގެ ގުނަވަނަކަށް އަނިޔާވުން) ނެތި އޮމާންކަމާއެކު އަވަހަށް އޮޕަރޭޝަންކޮށް ނިންމުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބަލިންގަދަވެ އަވަހަށް ގެއަށް ދެވުމާއި ކުރީގެ ދިރިއުޅުމަށް އަވަހަށް އަނބުރާ ދިއުމަށް އެހީތެރިވެދެއެވެ.
ށ- ބަނޑު ހުޅުވައިގެން ކުރާ އެޕެންޑިކްސް އޮޕަރޭޝަން: ކެމެރާ ލައްވައިގެން ކުރާ އޮޕަރޭޝަންތައް ތައާރަފް ވުމުގެ ކުރިން އެޕެންޑިކްސް އޮޕަރޭޝަން ކުރާ ގޮތަކީ މިއީއެވެ. މިއަދާ ޖެހެންދެންވެސް ބައެއް ގައުމުތަކުގައި އިމަޖެންސީކޮށް ކުރާ އެޕެންޑިކްސް އޮޕަރޭޝަން ކުރަނީ މި ގޮތަށެވެ. ކެމެރާ ލައްވައިގެން އެޕެންޑިކްސް ނެގުމުގެ އޮޕަރޭޝަން ތަޢާރަފް ކުރުމުގެ ވާހަކަ ފުރަތަމަ ދެކެވެންފެށީ 1983 ވަނަ އަހަރުއެވެ. އަދި 1991 ވަނަ އަހަރު ޖަރުމަނު ވިލާތުގައި 625 އޮޕަރޭޝަންކޮށް ދިރާސާ ކުރުމާއެކު މި އޮޕަރޭޝަންގެ ފައިދާ އެންމެންނަށްވެސް ވިސްނެންފެށިއެވެ. އަދި އެއާއެކު ދުނިޔޭގެ ވަރަށްގިނަ ގައުމުތަކުގައި އެ އޮޕަރޭޝަން ކުރަން ފެށުނެވެ.
ބަނޑު ހުޅުވައިގެން ކުރާ އޮޕަރޭޝަން ތަފާތު ދެ ގޮތަކަށް ކުރެވިދާނެއެވެ. އެއްގޮތަކީ ބަނޑުގެ ކަނާތްފަރާތުގެ ތިރީބައިގައި ކައްޗަށް ވާގޮތަށް 5-6 ސެންޓިމީޓަރުގެ ކުޑަ ތަންކޮޅެއް ކަފާލައިގެން އެތަނުން އެޕެންޑިކްސް ނެގުމެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އެޕެންޑިކްސް މާބޮޑަށް ދުޅަވެ ދިޔައުފެދި ދޮސްގަނެ ނުވަތަ ކައިރީގައިވާ ގުނަވަންތަކުގައި ތަތްލުން ފަދަ މައްސަލަތައް ދިމާވެފައިވާނަމަ މި ދެންނެވިފަދަ ކުޑަ ކަފާލުމަކުން އެޕެންޑިކްސް ނުނެގިދާނެއެވެ. ވުމާއެކު ބަނޑުގެ މެދުން ދިގަށް ވާގޮތަށް ކަފާލައިގެން ކުރާ އޮޕަރޭޝަން ކުރަންޖެހިދެއެވެ. އެއަށް ލަޕަރޯޓޮމީ (Laparotomy) އޭ ކިޔައެވެ. މި ގޮތަށް ކަފާލުމުން ބަނޑުތެރޭގައިވާ ގުނަވަންތައް ރަގަޅަށް ބަލައި ޗެކް ކުރުމުގެ ފުރްޞަތު އޮޕަރޭޝަން ކުރާ ޑޮކްޓަރުންނަށް ލިބިގެންދިއުމުގެ އިތުރުން ދިމާވެފައިވާ ބައްޔަށް ފަރުވާ ކުރުމަށް ފަސޭހަވެގެންދެއެވެ. އޭގެ ތެރޭގައި ބަނޑު ތެރޭގައި އުފެދިފައިވާ ދޮސްތައް ނެރެ ދޮވެ ސާފު ކުރުމާއި ދުޅަވެފައިވާ އެޕެންޑިކްސް ނެގުމާއި ތަތްލާފައިވާ ގުނަވަންތަކަށް އަނިޔާނުކޮށް ދޫކޮށްލެވުން ފަދަ ކަންތައްތައް ހިމެނެއެވެ. މިއީ ކުރިން ދެންނެވި މައްސަލަތައް ފާހަގަ ކުރެވޭނަމަ ކުރަން އެންމެ ރަގަޅު އޮޕަރޭޝަންވެސް މެއެވެ.
ބަނޑު ހުޅުވައިގެން އޮޕަރޭޝަން ކުރުމުން ދިމާވެދާނެ ހާލަތްތަކެއް ވެއެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ކަފާލާފައިވާ ފާރުގަނޑު ރަގަޅުވުމަށް ދިގު މުއްދަތެއް ނެގުމެވެ. އަދި މި ފާރުގަނޑުގައި ޖަރާސީމު އަށަގަނެ ދޮސްގަތުމާއި ހަންފަށަލަ ފަހާފައިވާ ރޮދިތައް ނައްޓާލުމަށްފަހު ފާރުގަނޑުން ބައެއް ހުޅުވައިގެން ބޭސްއަޅައި ރަގަޅުކުރަން ޖެހުމަކީވެސް ވަރަށްގިނައިން ދިމާވާ ކަމެކެވެ. މިކަމަށްޓަކައި ހޮސްޕިޓަލުގައި އެޑްމިޓްވެގެން އޮންނަން ޖެހޭ މުއްދަތު އިތުރުވެ ކުރިން އުޅެމުން އައި ދިރިއުޅުމަށް އަލުން އަނބުރާ ރުޖޫޢަ ވުމަށް ނަގާ މުއްދަތު އިތުރުވެއެވެ. ފާރުގަނޑުގައި ޖަރާސީމު އެޅުމުން ދިމާވެދާނެ އަނެއް ހާލަތަކީ, އެތެރެއިން މަސްފަށަލަ ފަހާފައިވާ ރޮދިތައްވެސް ދޫޖެހި މަސްފަށަލައިގައި ލޯވަޅެއް ނުވަތަ (ގެޕްއެއް) އުފެދުމެވެ. މީގެ ސަބަބުން އެތަނުން ހާނިޔާ ނުކުތުމަކީ އެކަށީގެންވާ ކަމެކެވެ. އެ ހާލަތުގައި ފަހުން ހާނިޔާ އޮޕަރޭޝަން ކުރަން ޖެހިދާނެއެވެ.
ބަނޑުގެ ކޮންމެ އޮޕަރޭޝަނަކަށްފަހު ބަލިފަސޭހަވަމުން އަންނައިރު ބަނޑުތެރޭގެ ގުނަވަންތައް ތަތްލުމަކީ (Adhesions) އެކަށީގެންވާ ކަމެކެވެ. ނަމަވެސް ކެމެރާ ލައްވައިގެން ބަނޑު ހުޅުވާނުލައި ކުރާ އޮޕަރޭޝަންތަކުގައި މި މައްސަލަ ދިމާވުމުގެ ފުރްޞަތު ބަނޑު ހުޅުވައިގެން ކުރާ އޮޕަރޭޝަނަށްވުރެ މާކުޑަކަމަށް ދިރާސާތަކުން ދައްކައެވެ. ޚާއްޞަކޮށް ބަނޑުތެރޭގައި ދޮސްއުފެދިފައިވާ ހާލަތްތަކުގައި އޮޕަރޭޝަނަށްފަހު މި މައްސަލް ދިމާވުމުގެ ފުރްޞަތު އަދި މާބޮޑު ކަމަށް ދައްކައެވެ. މި މައްސަލައަކީވެސް ދުވަސްދުވަސްކޮޅުން ބަނޑުގައި ރިއްސުމާއި, ހޮޑުލެވުމާއި ބޮޑުކަމުނުދެވުން ފަދަ ގޮހޮރު ބަންދުވުމުގެ އަލާމާތްތައް ފާޅުވެ އަދި ބައެއް ހާލަތްތަކުގައި ތަކުރާރުކޮށް ބަނޑުގެ އޮޕަރޭޝަންތައް ކުރަންޖެހިދާނެ ސަބަބެކެވެ.