އެއީ ކޯއްޗެއް؟
ގޭންގްލިއަން އަކީ ހުޅުހުޅު ކައިރީގައި ނަގާ ދުޅައެކެވެ. ދުޅަ އުފެދެނީ ހުޅުގެ ބޭރުގައި ލެވިފައިވާ ތޮށިގަޑުންނެވެ. ނުވަތަ މަސްގަޑެއްގެ ނިމޭ ހިސާބު(ޓެންޑޮން)ގައި ލެވިފައިވާ ތޮށިގަޑުންނެވެ. މިތޮށިގަޑުގެ ސައިންޓިފިކް ނަމަކީ ސައިނޯވިއަމް އެވެ. ސައިނޯވިއަމް ގެ މަސައްކަތަކީ ހުޅުހުޅު ނުވަތަ ޓެންޑޮންތައް ފަސޭހަކަމާއެކު ހަރަކާތް ކުރުމަށްޓަކައި ޖެލް ކަހަލަ އޮލަފެނެއް އުފެއްދުމެވެ. މިދެންނެވުނު ތޮށިގަޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާ ހުރެ ދުޅަވެއްޖެނަމަ އެތޮށިގަޑުން ކޮތަޅެއްކަހަލަ ތަންކޮޅެއް ނުކުމެ ކުރިންދެންނެވުނު ޖެލް ނުވަތަ އޮލަފެން އޭގެތެރޭގައި ޖަމާ ވެއެވެ. ގޭންގްލިއަން އަކީ އެއީއެވެ. މިއަށް ބައެއް ދިވެހިން ވައިގޮށޭވެސް ކިޔައެވެ.
ކޮންކަހަލަ އުދަގުލެއްތަ ވާނީ؟
ގޭންގްލިއަން އެންމެ ގިނައިން ނަގާ އޭރިއާ ތަކަކީ ކުރިންވެސް އިޝާރާތް ކުރެވުނުހެން ހުޅުހުޅުގެ ކައިރީގައާއި ޓެންޑޮންސް ގެ ކައިރީގައެވެ. މީގެ ތެރެއިން އެންމެގިނައިން ފާހަގަކުރެވެނީ އަތުގެ ކުޑަހުޅުގެ ކައިރީގައާއި ފައިގެ ހުޅުތަކުގެ ކައިރީގައެވެ. މި ދުޅަވުން ތަކަކީ ތަދުވާ ދުޅަތަކެއްނޫނެވެ. ނަމަވެސް އޭގެ ސައިޒުބޮޑުވެ ކައިރީގައި ހުންނަ ނާރުތަކާއި އަދި ލޭހޮޅިތަކަށް ފިތެންފަށައިފިނަމަ ހުޅުހަރަކާތް ކުރާއިރު ކޮންމެވެސްވަރެއްގެ ތަދެއްވުމަކީ އެކަށީގެންވާ ކަމެކެވެ.
ފަރުވާ އަކީ ކޮބާ؟
ގޭންގްލިއަން އަމިއްލައަށް ފަޅައިގެންގޮސް އޭގެތެރޭގައި ހުންނަ ފެންތައް ނުކުމެ ހުސްވެދެއެވެ. އެހެންވުމުން އަޅުގަޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވަނީ އެވައިގޮށް އެހެންދިމާލަކަށް ދިޔައީކަމަށެވެ. ނަމަވެސް އޭތި ފަޅައިގެން ދިއުމުގެ ސަބަބުން އެތެރޭގައި ހުރިފެން ނުކުތުމުން ދުޅަތިރިވީއެވެ. ގޭންގްލިއަން ގެ ފަރުވާ އެއްގެ ގޮތުން ކުރެވޭ ދެކަމެއް އޮވެއެވެ. ފުރަތަމަ ކަމަކީ ސިރިންޖެއް ބޭނުންކޮށްގެން އޭގެ ތެރޭގައި ހުރި ފެންތައް ދަމާލުމެވެ. އަދި ބައެއްފަހަރު އެކޮތަޅުތެރެއަށް ސްޓީރޮއިޑްފަދަ ބޭހެއް ޖެހުމުގެ ސަބަބުން އޭގެތެރޭގައި ދެން އިތުރަށް ފެން އުފެއްދުން މަނާ ކުރެއެވެ. ނަމަވެސް ބެލެވިފައިވަނީ މިއީ އެހާ ރަގަޅުފަރުވާއެއް ނޫން ކަމަށެވެ. ސަބަބަކީ އެކޮތަޅު ނުނަގާއޮތުމުން އޭގެތެރޭގައި ދެވަނަފަހަރަށްވެސް ފެން އެއްވުމުގެ ޗާންސް އޮންނާނެތީއެވެ. ދެވަނަގޮތަކީ ކުޑައޮޕަރޭޝަނެއްކޮށް ކޮތަޅާއެކީ ނެގުމެވެ. މިހެން ހެދުމުން ދެވަނަފަހަރަށް އެތަނުން މިދުޅަ އުފެދުމުގެ ފުރްޞަތު ވަރަށްބޮޑަށް ކުޑަވެގެން ދެއެވެ. ނަމަވެސް އޮޕަރޭޝަނެއްކޮށްފިނަމަ ކުޑަނަމަވެސް ލަކުނެއްލާނެއެވެ.