ޚިތާނުކުރުން:
ޚިތާނު ކުރުމަކީ ފިރިހެން ހަށީގެ ކޮޅުގައިވާ ހަންފަށަލަ ބުރިކޮށް އޮމާންމަސް ފެންނަގޮތް ހެދުމެވެ. މި ކަމަކީ ދުނިޔޭގެ ތާރީޚަށް ބަލާއިރު ވަރަށް އެވޭލާ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. މިސްރުގެ ގަދީމީ ތާރީޚުގެ ފަތްފުއްތަކުން އެގޭގޮތުގައި ޚިތާނުކުރުމަކީ ފިރިހެނުންގެ ސާފުތާހިރުކަން އިތުރު ކުރުމަށްޓަކައި ކުރަމުން އައިސް ފައިވާ ކަމެކެވެ. ދީނީ ނަޒަރަކުން ބަލާއިރު އިބްރާހީމް ޢަލައިހިއްސަލާމް ގެ ޒަމާނުއްސުރެ ފިރިހެން ކުދިން އައީ ޚިތާނު ކުރަމުންކަން ދޭހަވެއެވެ. ވުމާއެކު އިސްލާމްދީންވެސް ވަނީ ފިރިހެން ކުދިން ޚިތާނު ކުރުމަކީ އެ ކުދިންގެ ސާފުތާހިރުކަމާއި އަދި ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެއްކަން ބަޔާންކޮށްދީފައެވެ. ކީރިތި މާތް ރަސޫލާގެ ސުއްނަތުން އެކަން ބަޔާން ކޮށްދެއްވާފައި ވެއެވެ. ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމްދީން ގަބޫލު ކުރީއްސުރެ ފިރިހެންކުދިން ޚިތާނުކުރަމުން އައީ ދީނީ ކަމެއްގެ ގޮތުގައެވެ. ވުމާއެކު މިކަމަށް ދިވެހިންގެ ތެރޭގައި ތަފާތު ނަން ދީފައިވެއެވެ. އޭގެ ތެރޭގައި ޚިތާނު ލެއްވުން، ބޭންދުން، އިސްލާން ކުރުން ފަދަ ނަންތައް ފާހަގަކޮށްލެވެއެވެ.
ޚިތާން ކުރުމުގެ ބޭނުންތެރިކަން:
ޚިތާނުކުރުމުގެ ސަބަބުން ފިރިހެން ކުދިންނަށް ސިއްހީ ފައިދާތަކެއް ލިއްބައިދެއެވެ. އޭގެތެރޭގައި ފާހަގަކޮށްލެވޭ ކަންތައްތަކަކީ
- ކުޑަކަމުދާ ސިސްޓަމްގައި ޖަރާސީމު އެޅުމުން ދުރުކޮށްދިނުން
- ފިރިހެނުންގެ ކުރިމަތިފަރާތަށް ކެންސަރު ޖެހުމުގެ ނިސްބަތް ކުޑަކޮށްދިނުން
- ޖިންސީގުޅުމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތަކުން ސަލާމަތްވުމުގެ ނިސްބަތް މަތިކޮށްދިނުން
- ޖިންސީ ގުނަވަނުގެ ސާފުތާހިރުކަން އިތުރުކޮށްދިނުން
ޚިތާނު ކުރުމުގެ ވައްތަރުތައް:
ފުރަތަމަ ގޮތަކީ: ކުޑަކުއްޖާގެ ފިރިހެން ހަށީގެ ކޮޅުގައިވާ ހަންފަށަލައިން ބައެއް ބުރިކޮށްލުމަށްފަހު ލޭ މަނާކޮށް އެތެރޭގައިވާ ދުލިފަށާއި ބޭރުގައިވާ ހަންފަށަލަ ކައިރިކޮށް ވިރިގެން ދާ ރޮދިން ފެހުމެވެ. މިއީ އާއްމުގޮތެއްގައި ހޮސްޕިޓަލުތަކުގައި މީގެ ކުރިންވެސް ޚިތާނުކުރަމުން އައިސްފައިވާ ގޮތެވެ. މި ގޮތަށް ޚިތާނު ކުރުމުން
- ފުރަތަމައަށް އަންނަ 2 ނުވަތަ 3 ދުވަހު ހުންނާނީ ބޭސްކޮޅެއް އަޅާފައެވެ. ވުމާއެކު ނެޕީ ޖައްސާ އުމުރުގެ ކުދިންނަށް މި ދެ ތިންދުވަހު ނެޕީ ނުޖެއްސޭނެއެވެ.
- 2 ނުވަތަ 3 ދުވަސް ފަހުން ބޭސްކޮޅު ނައްޓަލާއިރު ކުއްޖާއަށް ވަރަށް ތަދުވާނެއެވެ.
- ބޭސްކޮޅު ނައްޓާލުމަށްފަހު ކުޑަކޮށް ލޭކޮޅުކޮޅު އައުމާއި ފެން ނުވަތަ ދިޔަ އައުމާއި ދުޅަވުމަކީ ވެދާނެ ކަންކަމެވެ.
- ބޭސްކޮޅު ނައްޓާލުމަށްފަހު ފެންވެރުވުމާއި ސާފުކުރުމަކީ މުހިއްމު ކަމެކެވެ. އެހެން ނަހަދައިފިނަމަ ހަންފަށަލަ ކުރިމަތިފަރާތުގެ އޮމާންމަހުގައި ތަތްލުމަކީ އެކަށީގެންވާ ކަމެކެވެ.
- މި ގޮތަށް ޚިތާނު ކުރުމުން ފަސޭހަވާލެއް އަވަސްކަމަށް ފާހަގަ ކުރެވެއެވެ.
ދެވަނަގޮތަކީ: ކުޑަކުދިން ޚިތާނުކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ޕްލާސްޓިކް ބޮޅެއް ފިރިހެން ހަށީގެ އޮމާންމަހާއި ހަންފަށަލައިގެ ދޭތެރެއަށް ލެއްވުމަށްފަހު ހަންފަށަލަ މި ޕްލާސްޓިކް ބޮޅާއެކު ވިރިގެން ނުދާ ރޮދިން އައްސައި އޭގެ މަތިން އިތުރަށް ދިގުވެފައިވާ ހަންފަށަލަ ބުރިކޮށްލުން (ޕްލާސްޓިބެލް ސާރކަމްސިޝަން) އެވެ. މިގޮތަށް ޚިތާނު ކުރުމުން :
- ޚިތާނު ކުރުމުގެ ތެރޭގައި އޮމާންމަސް ހިމާޔަތް ކޮށްދެއެވެ.
- ވިރިގެން ނުދާ ރޮދިން އައްސާލާފައި ހުރުމުން ޚިތާނު ކުރުމަށްފަހުވެސް ލޭ އައުން ފަދަ މައްސަލަތައް ދިމާވުމުގެ ފުރްޞަތު ކުޑަކޮށްދެއެވެ.
- ޚިތާނު ކުރުމަށްފަހު ބޭސް އަޅާފައި ބަހައްޓަން ނުޖެހޭތީ މިއީ ނެޕީ ޖައްސާވަރުގެ ކުޑަކުދިންނަށް ވަރަށް ރަގަޅު ގޮތެއް ކަމުގައި ފާހަގަ ކުރެވެއެވެ. އަދި ބޭސް ނަގާ ބަދަލު ކުރަން ނުޖެހޭތީވެ ޚިތާނު ކުރުމަށްފަހު ވާ ތަދުވެސް މި ގޮތުން ކުޑަކަމަށް ފާހަގަ ކުރެވެއެވެ.
- ޚިތާނު ކުރުމަށްފަހު އޮމާންމަހާއި، ވަށައިގެންވާ ހަންފަށަލަ ތަތްލުމުގެ ފުރްޞަތު މީގެ ސަބަބުން ކުޑަކޮށްދެއެވެ.
- ޚިތާނުކުރުމަށްފަހު އޭގެ އަނެއްދުވަހުން ފެށިގެން ފެންފެރުވުމާއި ސާފުކުރުމާއި އަދި އާދައިގެ ހެދުން ލެއްވިދާނެއެވެ.
- މި ގޮތަށް ޚިތާނުކުރުމުން، ލައްވާފައިވާ ޕްލާސްޓިކް ބޮޅު އައްސާފައިވާ ތަނުންނެއްޓި ވެއްޓުމަށް 2 ހަފްތާ ނުވަތަ ތިން ހަފްތާ ނެގުމަކީ އެކަށީގެންވާ ކަމެކެވެ. ވުމާއެކު މި ކަމުގައި ހޭދަވާ ޖުމްލަ މުއްދަތު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
ހޭނެއްތުމާއި އައްސިކުރުން:
ހޮސްޕިޓަލުތަކުގައި ޚިތާނުކުރަނީ ކޮންމެވެސް ކަހަލަ ނިންދަވާލުމެއް ނުވަތަ އައްސި ކުރުމުގެ ވައްތަރެއް ބޭނުންކޮށްގެންނެވެ. ޚިތާނު ކުރުމަކީ ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި ކޮށްނިންމާލެވޭ ކަމަކަށް ވިއަސް ކުޑަކުއްޖަކު އިރުކޮޅަކަށްނަމަވެސް ހޭ ނެއްތުމަކީ އޭގައި ރިސްކު އެކުލެވޭ ކަމެކެވެ. ވުމާއެކު ބެލެނިވެރިން މިކަމަށް ސަމާލުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. މި ގޮތުން ސަމާލުކަން ދޭންޖެހޭ މުހިއްމު ކަންތައްތަކަކީ:
- އޮޕަރޭޝަންގެ ކުރިން އަގައިން އެއްޗެއް ނުދީ ބާއްވަންޖެހޭ ވަގުތަށް ސަމާލުވެ އެކަން ކަށަވަރު ކުރުން. ނިންދަވާލާ ވަގުތު ނުވަތަ ހޭ ނައްތާއިރު ގޮހޮރުތެރޭގައި އެއްޗެހި ހުރިކަމަށްވާނަމަ ހޮޑުލެވި އަދި އެ ހޮޑު ނެވާލާހޮޅީގެ ތެރެއަށްގޮސް ފުއްޕާމެއަށް އޭގެ އަސަރު ކުރުމަކީ ކުއްޖާގެ ފުރާނައަށްވެސް އެއިން ނުރައްކާވެދާނެ ކަމެކެވެ. ވުމާއެކު ހޮސްޕިޓަލުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
- އޮޕަރޭޝަން ކުރަން ހަމަޖެހިފައިވާ ދުވަހު ކުއްޖާ ހުން އައިސް ނުވަތަ އަރިދަފުސް އަޅައި ކެއްސާ ކަމަށްވާނަމަ އެދުވަހު ޚިތާނު ނުކުރާނެއެވެ. ކުއްޖާ ރަގަޅުމުން އެހެން ދުވަހަކަށް އޮޕަރޭޝަން ޝެޑިއުލް ކުރާނެއެވެ.
- ނޭވާހިއްލުން ފަދަ ފުއްޕާމޭގެ ބަލިތަކާއި، ފިޓްޖެހުންފަދަ ކަންކަމަށް ބޭސް ބޭނުންކުރުމާއި އަދި އެއްވެސް ވައްތަރެއްގެ ބޭހަކަށް އެލަޖިކްވާ ކަމަށްވާނަމަ އެކަން ހޭނައްތާ ޑޮކްޓަރާއި އަދި އޮޕަރޭޝަންކުރާ ޑޮކްޓަރުގެ ސަމާލުކަމަށް ގެންނަންވާނެއެވެ.
- ޚިތާނު ކުރުމަށްފަހު ކުއްޖާ ހޭލެވެމުން އަންނައިރު އަނގައިން އެއްވެސް އެއްޗެއް ދިނުމަކީ އޭގެ ސަބަބުން ނުރައްކަލާ ކުރިމަތިވެދާނެ ކަމެކެވެ. ވުމާއެކު އަނގައިން އެއްވެސް އެއްޗެއް ދޭންވާނީ ރަގަޅަށް ހޭލެވުމުންނެވެ.
ޚިތާނު ކުރުމުގެ ކުރިން:
ޚިތާނު ކުރުމުގެ ކުރިން ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވެއެވެ.
- ޚިތާނު ކުރުމުގެ ކުރިން އޮޕަރޭޝަންގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކައި އެ ގުނަވަނުގައި މައްސަލައެއް ހުރިތޯ ބަލައި ޗެކްކުރަންވާނެއެވެ. މި ގޮތުން ޗެކް ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި
- ކުރިމަތިފަރާތުގައި އުފެދުމުގެ އައިބެއް ހުރިތޯ ބެލުން
- ކުޑަކަމުދާ ހޮޅި ހުޅުވިފައި އިނީ ރަގަޅު ހިސާބުގައި ތޯ ބެލުން
- ދެ ފަރާތުގެ އޮށް (ޓެސްޓިސް) އޮތްތޯ ބެލުމާއި އޭގެ ސައިޒާއި އޮންނަންވާ ހިސާބުގައި އޮތްތޯ ބެލުން
- އުރަވަޅީގެ ހާނިއާ ހުރިތޯ ބެލުން
- އޮށުގެ ވަށައިގެންވާ ދުލިފަށަލައިގައި ފެން އުފެދިފައި ހުރިތޯ ބެލުން
- ނޭވާ ހިއްލުމާއި، ފިޓްޖެހުމާއި، ބޭހަކަށް އެލަރޖިކް ވާނަމަ އެކަން ޑޮކްޓަރުންގެ ސަމާލުކަމަށް ގެންނަންވާނެއެވެ.
- އެއްވެސް ބޭހެއް ދެމުންދާ ނުވަތަ ބައްޔަކަށް ފަރުވާ ކުރަމުންދާ ކުއްޖަކަށްވާނަމަ އެކަން ޑޮކްޓަރަށް އަންގަންވާނެއެވެ.
- ކުރިން އެއްވެސް އޮޕަރޭޝަނެއް ކޮށްފައިވާނަމަ އެކަން ޑޮކްޓަރަށް އަންގަންވާނެއެވެ.
- ޚިތާނު ކުރުމުގެ ކުރިން ހަދަން ޖެހޭ ޓެސްޓް ހަދައި، ހޭ ނައްތާ ޑޮކްޓަރަށް ދައްކައި ފިޓްނަސް ހޯދަންވާނެއެވެ.
- ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު ޑޮކްޓަރުންނާއި ނަރުހުން ދޭ އިރުޝާދާއި އެއްގޮތަށް ކަންތައްތައް ކުރަންވާނެއެވެ.
- ޚިތާނު ކުރުމަށް ހަމަޖެހިފައިވާ ދުވަހު ކުއްޖާ އަރިދަފުސް އަޅައި، ކެއްސައި، އަދި ގަދައަށް ހުން އައިސްފައިވާނަމަ އެ ދުވަހު ޚިތާނު ނުކުރާނެއެވެ. ބަލި ރަގަޅުވުމުން އެހެން ދުވަހެއްގައި ޚިތާނު ކުރުމުގެ ފުރްޞަތު ދެވޭނެއެވެ.
- އަނގައިން އެއްޗެހި ދިނުން މަނާކޮށްފައިވާ ގަޑީގައި ކާ އެއްޗެހި ނުވަތަ ދިޔާ ތަކެތި ދީފިނަމަ އެ ދުވަހުގެ ޚިތާނު ކުރުން ލަސްވުން ނުވަތަ ކެންސަލް ވުމަކީ އެކަށީގެންވާ ކަމެކެވެ.
- ޚިތާނު ކުރާ ދުވަހު ލިސްޓްގައިވާ ކުދިން ޚިތާނު ކުރަމުން ގެންދާނީ އުމުރު ފުރައިގެ ތަރުތީބުން އެންމެ އުމުރުން ހަގު ކުއްޖާ އެންމެ ފުރަތަމަ އަށެވެ. އަދި އެންމެ އުމުރުން ދޮށި ކުއްޖާ އެންމެ ފަހުންނެވެ.
- ޚިތާނު ކުރުމަށް އޮޕަރޭޝަން ތިއޭޓަރަށް ކުއްޖާ ގެންދިއުމުގެ ކުރިން ޚިތާނުކުރަން ބޭނުންވާ ގޮތް ކަނޑައަޅަންވާނެއެވެ. އަދި އެކަން ނަރުހުންނަށް އަންގަންވާނެއެވެ.
ޚިތާނު ކުރުމަށްފަހު:
- ޚިތާނު ކުރުމަށްފަހު އޮޕަރޭޝަން ތިއޭޓަރުން ކުއްޖާ ނެރޭނީ ހޭލެވުމުންނެވެ. އަދި ލޭ އާދޭތޯ ބެލުމާއި ޑްރެސިން ކޮށްފައިވާ ކުއްޖެއްނަމަ ޑްރެސިން ހަރުލާފައި އިންތޯ ޗެކް ކުރުމަށްފަހުއެވެ.
- ވޯޑަށް ގެންދިއުމަށްފަހު ރަގަޅަށް ހޭލެވެންދެން ވަރަށް ރަގަޅަށް ބަލަން ޖެހޭނެއެވެ. މިކަމަށް 2 ގަޑިއެއްހާ އިރު ނަގާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އޯކާ ދެމުމާއި މޭ ނުބައިކުރުމަކީ އެކަށީގެންވާ ކަމެކެވެ.
- ދިޔާ އެއްޗެހި ދޭން ފަށަންވާނީ ކުއްޖާ ރަގަޅަށް ހޭލެވުމުންނެވެ. އަދި ފުރަތަމަ ފަށަންވާނީ ވަރަށް ކުޑަފޮދުވަރަކުންނެވެ. ހޮޑު ނުލެވޭ ކަމަށްވާނަމަ ދެމުންދިޔަ ދިޔާއެއްޗެހި އިތުރުކޮށް އަދި މަޑު އެއްޗެހި ކާންދޭން ފެށިދާނެއެވެ. އެއްފަހަރާ ގިނައިން ދީފިނަމަ ބަނޑަށް ތަދުވުމާއި އަދި ހޮޑުލެވުމަކީ އެކަށީގެންވާ ކަމެކެވެ.
- ޚިތާނު ކުރުމަށްފަހު ގެއަށް ފޮނުވާލާނީ ކާންދޭންފަށައި، ކުޑަކަމުދާން ފެށުމުންނެވެ. އަދި ގެއަށް ދާން ދޫކޮށްލުމުގެ ކުރިން ލޭ އައުންފަދަ މައްސަލައެެއް ހުރިތޯ ޗެކް ކުރާނެއެވެ.
- ޚިތާނުކުރުމަށްފަހު އެތަނުން ދިޔަ އައުމާއި ލޭ ކުލައިގައި ހުންނަ ފެން އައުމާއި އަދި ދުޅަވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ދިޔަ އައިސްފައި ހުންނައިރު އެ ތަން ހިކުމުން ހުންނާނީ ދޮސްލާފައި ހުންނަގޮތަށެވެ. ނަމަވެސް އެެއީ ދޮސްގަނެފައިވާ ތަނެއް ނޫނެވެ. އެ ދިޔަތައް ސާފު ވާނީ ފެންވަރުވަން ފެށުމުންނެވެ. އަދި ދުޅަތިރިވެ އެތަން ރަގަޅުވުމަށް 2 ހަފްތާ ނުވަތަ ތިން ހަފްތާވަރު ނަގާނެއެވެ.
- ޚިތާނު ކުރުމަށްފަހު އެ ތަނުން ފެނާއި ދިޔަ ގިނައިން އަންނަނީ އޮމާން މަހުގައި ހަންފަށަލަ ތަތްލާފައި ތިބޭ ކުދިންގެއެވެ. އަދި މިފަދަ ކުދިންގެ ފާރުހިކި ރަގަޅު ވުމަށް ގިނަ ދުވަސް ނަގާނެއެވެ.
- ޚިތާނު ކުރުމަށްފަހު އެންޓިބައޮޓިކްސް އާއި ތަދުކަނޑުވަން ބޭސްދެމުން ގެންދާނެއެވެ. ވުމާއެކު ދީފައިވަ މުއްދަތަށް އެ ބޭސް ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.
- ޚިތާނު ކުރުމަށްފަހު ބޭސް އަޅާފައިވާ ކުދިން ދެވަނައަށް ވާ ދުވަހު ތާ ފެނާކޮށް ހުންނަ ފެން އެއްޗެއްގައި 15 ވަރަކަށް މިނިޓް ބޭންދުމަށްފަހު އަޅާފައިވާ ބޭސްކޮޅު ނައްޓާލައި ފެންވަރުވާ ލުމަކީ މުހިއްމު ކަމެކެވެ. އަދި އޮލިވް އޮއިލް ނުވަތަ ކާށިތޮޔޮފޮދެއް ޖައްސާލުމަކީވެސް މުހިއްމު ކަމެކެވެ.
- ޚިތާނުކުރުމަށްފަހު ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންނަން ޖެހޭނީ 3 ދުވަސް ފަހުންނެވެ. ބޭސް އަޅާފައިވާ ކުދިން ދެވަނައަށްވާ ދުވަހު ބޭސްކޮޅު ނުނެއްޓިއްޖެ ކަމަށްވާނަމަ ޑޮކްޓަރަށް ދައްކަން އައުމުގެ ކުރިން ފެންވަރުވައި ބޭސްކޮޅު ތެތްކޮށްލައިގެން އައުމުން ބޭސްކޮޅު ނެއްޓުމަށް ފަސޭހަ ވާނެއެވެ.
- ޚިތާނުކޮށް ގެއަށް ދޫކޮށްލުމަށްފަހު ލޭ އައުންފަދަ އިމަޖެންސީއެއް ދިމާވެއްޖެނަމަ ލަސްނުކޮށް ޚިތާނުކުރި ހޮސްޕިޓަލުގެ އިމަޖެންސީއަށް ކުއްޖާ ގެންނަންވާނެއެވެ. އަދި ލޭ މަނާނުވެ އަންނަ ކަމަށްވާނަމަ ސާފު ފޮތިކޮޅެއް އޮޅާލައި ކުޑަކޮށް ޕްރެޝަރ ވާ ގޮތަށް ހިފަހައްޓާލުމަކީ މުހިއްމު ކަމެކެވެ.
- ޚިތާނު ކުރުމަށްފަހު އެކަމާ ގުޅިގެން ދިމާވާ އިމަޖެންސީ މެނޭޖް ކުރާނީ ހޮސްޕިޓަލުތަކުގެ އިމަޖެންސީ ޑިޕާޓްމެންޓްތަކުންނާއި އަދި އެ ވަގުތު ސާރޖަރީ ޑިޕާޓްމެންޓްގެ އޮންކޯލްގައި ހުރި ޑޮކްޓަރެވެ.