
Your paragraph text - 1
1- ތެލެސީމިއާގެ މާނައާއި ދިވެހިރާއްޖޭގައި މިބަލި ފެތުރިފައިވާ މިންވަރު:
ތެލެސީމިއާއަކީ ލޭގައި ހުންނަ ހީމޮގްލޮބިންގެ މުހިންމު ބައިތަކުގެ ތެރެއިން އަލްފާ-ގްލޮބިން ނުވަތަ ބީޓާ-ގްލޮބިން އުފެއްދުން މަދުވުމުގެ ސަބަބުން ޖެހޭ ލޭގެ ބައްޔެކެވެ. މިއީ ވާރުތަވެގެން އަންނަ ބައްޔެކެވެ. މީގެ ސަބަބުން އެކި މިންވަރަށް އެނީމިއާ ޖެހެއެވެ. 2022 ވަނަ އަހަރު މިނިސްޓްރީއޮފް ހެލްތުން ޝާއިއުކޮށްފައިވާ މެނެޖްމެންޓް އޮފް ޓްރާންސްފިއުޝަން ޑިޕެންޑެންޓް ތަލަސީމިއާ އިން ދަ މޯލްޑިވްސް ގައި ހާމަކުރައްވާފައިވާ ގޮތުން ދިވެހިރާއްޖޭގެ އާބާދީގެ 16 އިން ސައްތަ މީހުންގެ ގައިގައި ތަލަސީމިއާގެ ކޮންމެވެސް ވައްތަރެއް ހިމެނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދިވެހިންގެ މެދުގައި ކުރެވޭ ކޮންމެ 30 ކައިވެނީގެ ތެރެއިން 1 ކައިވެނި ވެފައިވަނީ ތެލެސީމިއާގެ ކެރިއަރުންގެ މެދުގައި ކުރެވޭ ކައިވެންޏަކަށެވެ.
ހުންކޮށި ނުވަތަ ސްޕްލީނަކީ ބަނޑުގެ ވައަތުފަރާތު މަތީބައިގައި އޮންނަ ނިސްބަތުން ބޮޑު ގުނަވަނެކެވެ. މިއީ ހަށިގަނޑުގެ މަސައްކަތްތަކުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. މީގެތެރެއިން އެންމެ މުހިއްމު މަސައްކަތަކީ ރަތް ލޭ ސެލްތައް ރައްކާކުރާ ކުރުމެވެ. އަދި މީގެ އިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ސެލްތައް (މެކްރޯފޭޖް ކިޔާ ޚާއްޞަ ހުދު ލޭ ސެލްތައް) ރައްކާ ކުރުމާއި ލޭ ސާފުކުރުމުގެ މަސައްކަތްކުރުމެވެ. ވުމާއެކު ހުންކޮށްޓަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ މުހިންމު ބައެކެވެ. އެގޮތުން ހަށިގަނޑަށް ވަންނަ ބެކްޓީރިއާ ދެނެގަނެ ނައްތާލުމުގައި މި ގުނަވަން އެހީތެރިވެދެއެވެ. މީގެ އިތުރުން، ހަށިގަނޑުގެ ނިޒާމުން ބޭނުން ނުހިފޭ ހަލާކުވެފައިވާ ލޭގެ ސެލްތައް ނައްތާލައެވެ. މީގެ މާނައަކީ ހުންކޮށިން ހަށިގަނޑުގައި ދައުރުކުރާ ލޭގެ ހުރިހާ އެކުލެވުންތައް ވަކި ނިޒާމެއްގެ ދަށުން އަބަދުވެސް އާލާވެ ތާޒާ ކަމާއި އެކު އޭގެ މަސައްކަތް ރަގަޅުގޮތުގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.
ނަމަވެސް ތެލެސީމިއާ ފަދަ ބަލިތަކުގައި ހުންކޮށީގެ މަސައްކަތަށް ބަދަލުތަކެއް އާދެއެވެ. ބޭނުން ނުހިފޭ އަދި އުމުރު ހަމަވެފައިވާ ރަތް ލޭގެ ސެލްތައް ހަލާކުކޮށް ލޭ ތާޒާކަންމަތީ ބެހެއްޓުމަކީ އޭގެ މަސައްކަތަށް ވީނަމަވެސް، މި މަސައްކަތް މާ ހަލުވިމިނެއްގައި ކުރަން ފެށުމުން އުމުރު ހަމަނުވާ އަދި ރަގަޅަށް މަސައްކަތް ކުރާ ރަތްލޭގެ ސެލްތައްވެސް ހަލާކު ކުރަން ފަށައެވެ. މި ކަމަށް ހައިޕަރ ސްޕްލެނިޒަމް އޭ ކިޔައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ތެލެސީމިއާ މޭޖަރ ޖެހިފައިވާ ކުދިންގެ ހީމޯގްލޮބީން ދަށްވެ އަވަސް އަވަހަށް ލޭ އަޅަން ޖެހިދެއެވެ. އަދި އެކުދިންގެ ހުންކޮށި ބޮޑުވެ ބަނޑު ފުއްޕާލަން ފަށައެވެ.
2- ތެލެސީމިއާގައި ހުންކޮށި ނެގުމަށް ލަފާ ދޭން ޖެހިދާނެ ކަންތައްތައް:
ތެލެސީމިއާމޭޖަރ ގެ ބައެއް ހާލަތްތަކުގައި ހުންކޮށީގެ މަސައްކަތައް ބަދަލު އައުމުގެ ނަތީޖާއެއްގެ ގޮތުން އެ ގުނަވަން ދުޅަވުމުގެ ސަބަބުން ބަލިމީހާއަށް ވަރަށް ނޭދެވޭ އަސަރުތައް ކުރެއެވެ. އަދި ހުންކޮށި ނަގައިފިނަމަ އެ އަސަރު ތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބެއެވެ. މިފަދަ ހާލަތުގައި ހުންކޮށި ނެގުމުގެ ލަފާ ޑޮކްޓަރުން ދެއްވައެވެ. ތެލެސީމިއާގައި އާދަޔާ ޚިލާފަށް ލޭގެ ސެލްތައް، އަވަހަށް ހުންކޮށިން ނައްތާލުމުގެ ސަބަބުން އަންނަނިވި މައްސަލަތައް ދިމާވެއެވެ.
- އިތުރަށް ހީމޮލައިސިސް ވުން ނުވަތަ ލޭގެ ސެލްތައް އަވަހަށް ހަލާކޮށްލުމުން ހަށިގަޑަށް ބަދަލުތަކެއް އައުން: ހުންކޮށިން އާދަޔާ ޚިލާފަށް އަވަހަށް ލޭގެ ސެލްތައް ނައްތާލުމުގެ ސަބަބުން އެނީމިއާ އިތުރަށް ގޯސްވެއެވެ. އެހެން ފަރުވާތަކުން ނަތީޖާ ނުނެރެވޭ ހާލަތްތަކުގައި ހުންކޮށި ނެގުމުން ލޭގެ ސެލްތައް ހަލާކުކޮށްލާ މިންވަރު މަދުވެ ހީމޮގްލޮބިންގެ މިންވަރު ރަނގަޅުވެއެވެ.
- އަވަހަށް ލޭ އަޅަންޖެހުން: ލޭ އަޅަން ޖެހުމަކީ ތެލެސީމިއާ މޭޖަރ ގައި ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް ހުންކޮށީގެ މަސައްކަތް އިތުރުވެ އަވަސް ވުމުގެ ނަތީޖާއެއްގެ ގޮތުން ހިމޯގްލޮބިން އަވަހަށް ދަށްވެ އަވަސް އަވަހަށް ލޭ އަޅަން ޖެހުމަކީ ހުންކޮށި ނެގުމުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިދާނެ ކަމެކެވެ. ނަމަވެސް މީގައި ފާހަގަކުރަން ޖެހޭ ކަމަކީ ހުންކޮށި ނެގުމަކީ ތެލެސީމިއާގެ ފަރުވާ ނޫން ކަމާއި އަދި ލޭ އެޅުންވެސް ހުއްޓާނުލެވޭނެ ކަމެވެ. ނަމަވެސް ލޭ އަޅަންޖެހޭ ފަހަރު މަދުވުމަކީ އެކަށީގެންވާ ކަމެކެވެ.
- ކުއްޖާގެ ހެދި ބޮޑުވުމަށް އަސަރުކުރުން: ތެލެސީމިއާ މޭޖަރ ގައި ރަތްލޭގެ ސެލްތައް މަދުވެ ހިމޯގޮލޮބީން ދަށްވުމުގެ ނަތީޖާއެއްގެ ގޮތުން ކުޑަކުދިން ގެ ހެދިބޮޑުވުމަށް އޭގެ ސަބަބުން ވަރަށް ނޭދެވޭ އަސަރު ކުރެއެވެ. އަދި ބަނޑު ފުއްޕާލުމާއި އަވަހަށް ވަރުބަލި ވުމާއި ބައެއް ހާލަތްތަކުގައި ބަނޑު ފުއްޕާލުމުގެ ސަބަބުން ނޭވާލުމަށް ވެސް އަސަރު ކުރެއެވެ. މި ފަދަ ހާލަތްތަކުގައި ހުންކޮށި ނަގައިފިނަމަ ކޮންމެވެސް ވަރެއްގެ ރަގަޅު ބަދަލުތަކެއް ކުއްޖާއަށް އާދެއެވެ.
- ހުންކޮށީގެ މަސައްކަތް މަތިވުން ނުވަތަ ހައިޕަރސްޕްލެނިޒަމް: މިއީ ހުންކޮށި ބޮޑުވެ، ލޭގެ ސެލްތަކުގެ އިތުރުން ޕްލޭޓްލެޓްސްއާއި ހުދު ލޭގެ ސެލްތައްވެސް ނައްތާލަން ފެށުމެވެ. މީގެ ސަބަބުން ލޭގެ ސެލްތަކުގެ އަދަދު މަދުވެއެވެ. ހުންކޮށި ނެގުމުން މިކަމަށް ހައްލެއް ލިބިދާނެއެވެ.
- ސްޕްލެނިކް އިންފާކްޝަން: މިއީ ހުންކޮށި ބޮޑުވެ އެ ގުނަވަނުގެ ބައެއް އޭރިއާތަކަށް ލޭ ގެންގޮސްދޭ ހޮޅިތައް ބެދި ހުންކޮށީގެ ބައެއް އޭރިއާތައް ހަލާކުވުމެވެ. މިއީ ތެލެސީމިއާ މޭޖަރ ގެ ބައެއް ހާލަތްތަކުގައި ފެންނަ ކަމެކެވެ. މިހެން ދިމާވެއްޖަނަމަ ބަނޑަށް ތަދުވުމާއި ބަނޑު ފުއްޕާލުން އިހުސާސް ކުރެވެއެވެ. މިވެސް ހުންކޮށި ނަގަން ލަފާ ދެވޭ ހާލަތެކެވެ.
- ހުންކޮށީގެ ސައިޒު ބޮޑުވުމުގެ ސަބަބުން ބަނޑަށްވާ އުނދަގޫތައް: ހުންކޮށީގެ ސައިޒުބޮޑުވަމުން ދިޔަވަރަކަށް ބަލި މީހާއަށް ތަފާތު އުދަގޫތަކާ ކުރިމަތިވެއެވެ. އޭގެތެރޭގައި ބަނޑުގައި ރިއްސުން ނުވަތަ ބަނޑަށް އުނދަގޫވެފައިހުރުން، ބަނޑު ފުރިފައިވާ ކަމުގެ އިހުސާސް ކުރެވުން ހިމެނެއެވެ. އަދި މީގެ ސަބަބުން އާއްމު ދިރިއުޅުމުގައި ކުރަން ބޭނުންވާ ކަންތައްތައް ކުރުމުގައި ދަތިތަކެއް ދިމާވެއެވެ. ހުންކޮށި ނެގުމުން މި އުދަގޫތަކަށް ހައްލު ލިބިގެންދެއެވެ.
ތެލެސީމިއާ އަށް ފަރުވާ ކުރުމާބެހޭ ވަރަށްގިނަ ދިރާސާތައް ކުރެވި އަދި ލޭ އެޅުމާއި ދަގަނޑުގެ ބައި މަދުކުރުމަށް ދެވޭ ކީލޭޝަން ތެރަޕީގެ ތަފާތު މޮޑިފިކޭޝަންތައް ތައްޔާރުކުރެވި މި ރޮގުގައި ކުރިއެރުންތައް ލިބުމުގެ ނަތީޖާއެއްގެ ގޮތުން ހުންކޮށި ނަގަންޖެހެނީ ވަރަށް މަދު ހާލަތެއްގައެވެ. ވުމާއެކު ހުންކޮށި ނެގުމުގެ ގަރާރަކީ ވަރަށް ގިނަ ކަންތައްތަކަށް ބަލައި ދިރާސާކުރުމަށްފަހު ނަގަންޖެހޭ ގަރާރެކެވެ.
3- އޮޕަރޭޝަނަށް ތައްޔާރުވުން:
ހުންކޮށި ނެގުން ނުވަތަ ސްޕްލެނެކްޓޮމީ ހެދުމުގެ ކުރިން އަންނަނިވި ތައްޔާރީތައް ވާންޖެހެއެވެ:
- ޢާއްމު ސިއްހީ ހާލަތުބެލުމާއި ޓެސްޓް ތައް ހެދުން: އޮޕެރޭޝަން ޑޮކްޓަރާއި އަދި ފަރުވާ ކުރާ އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރާއި ހޭނައްތާ ޑޮކްޓަރު ބަލިމީހާގެ ހާލަތު ބަލައި އޮޕެރޭޝަން ކުރުމަށް ތައްޔާރު ކުރާނެއެވެ. ލޭގެ ޓެސްޓް ތަކާއި (ކޮމްޕްލީޓް ބްލަޑް ކައުންޓް (ސީބީސީ) އާއެކު ޕްލޭޓްލެޓް ކައުންޓާއި ޑިފަރެންޝަލް) އަދި މި ނޫނަސް އެހެން ޓެސްޓްތައް ހަދާނެއެވެ. އަދި އާންމު ގޮތެއްގައި ލޭގެ އޮލަމިން ހުންނަވަރު ބެލުމަށް ކޮއެގިއުލޭޝަން ސްޓަޑީޒް (ޕީޓީ އަދި އޭޕީޓީޓީ) ވެސް ހަދާނެއެވެ. އަދި ބައެއް ހާލަތްތަކުގައި ހިތުގެ އީސީޖީ އާއި ފުއްޕާމޭގެ އެކްސްރޭއެއް ނެގުމަކީވެސް އެކަށީގެންވާ ކަމެކެވެ.
- އޮޕެރޭޝަންގެ އެއްބަސްވުމުގައި ސޮއިކުރުން: އޮޕަރޭޝަނުގެ ސަބަބުން ލިބިދާނެ ފައިދާތަކާއި ގެއްލުންތަކާ ބެހޭގޮތުން ބަލިމީހާއާއި ޢާއިލާ އާ މަޝްވަރާކުރުމަށްފަހު، އޮޕެރޭޝަންގެ އެއްބަސްވުން ނުވަތަ ކޮންސެންޓްގައި ސޮއިކޮށް ލިޔުމުން ރުހުން ދޭންޖެހޭނެއެވެ. މި އެއްބަސްވުމުގައި އޮޕެރޭޝަން ކުރަން ޖެހެނީ ކީއްވެކަމާއި އަދި އޮޕެރޭޝަން ނުކޮށްފިނަމަ ލިބިދާނެ ގެއްލުމާބެހޭގޮތުން އޮޅުންފިލުވައިދީފައިވާނެއެވެ.
- ވެކްސިންތައް: ހުންކޮށި ނެގުމަށްފަހު ޖަރާސީމުގެ ސަބަބުން ޖެހޭ އިންފެކްޝަންތަކުން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖެހުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުރިންވެސް އިޝާރާތް ކުރެވުނު ފަދައިން ހުންކޮށްޓަކީ ހަށިގަނޑުގެ ދިފާއީ ސިސްޓަމްގެ ވަރަށް ބޮޑު ރޯލެއް އަދާ ކުރާ ގުނަވަނަކަށްވުމާއެކު އެ ގުނަވަން ނެގުމަކީ ދިފާއީ ސިސްޓަމަށް ވަރަށް ލޮޅުން އަންނާނެ ކަމެކެވެ. މި އިންފެކްޝަންތަކުން ސަލާމަތް ކުރުމަށް ޓަކައި ހުންކޮށި ނެގުމުގެ މަދުވެގެން ދެ ހަފްތާ ކުރިން ޖަހަން ޖެހޭ ތިން ވައްތަރެއްގެ ވެކްސިން އެއް ވެއެވެ. މީގެ ތެރޭގައި ހިމެނެނީ ސްޓްރެޕްޓޮކޮކަސް ނިއުމޯނިއާ (ނިއުމޯނިއާ)، ހީމޮފިލަސް އިންފްލުއެންޒާ ޓައިޕް ބީ (ހިބް)، އަދި ނައިސީރިއާ މެނިންޖައިޓިޑިސް (މެނިންގޮކޮކަލް ބަލި) އާ ދެކޮޅަށް ޖަހާ ވެކްސިންތަކެވެ. އެންމެ ރަނގަޅީ މި ވެކްސިންތައް އޮޕަރޭޝަނުގެ ދެ ހަފްތާ ކުރިން ޖެހުމެވެ. މީގެ އިތުރުންވެސް ދިފާއީ ސިސްޓަމް ވަރުގަދަ ކުރުމަށްޓަކައި އާއްމުގޮތެއްގައި ޖަހަމުން އަންނަ ވެކްސިން ތައް ފުރިހަމަ ކުރުމަކީވެސް މުހިއްމު ކަމެކެވެ.
- ލޭ އެޅުން: ބަލިމީހާގެ ހާލަތަށް ބަލައި، ހުންކޮށި ނެގުމަށްފަހު އެކަށީގެންވާ މިންވަރަށް ލޭގެ ސެލްތައް ހުރިކަން ޔަޤީންކުރުމަށްޓަކައި އޮޕަރޭޝަނުގެ ކުރިން ލޭ އަޅަން ޖެހިދާނެއެވެ.
- ކެއުން ހުއްޓާލުން: އޮޕަރޭޝަނުގެ ކުރީ ރޭ މެންދަމުން ފެށިގެން އެއްވެސް އެއްޗެއް ކެއުމާއި ބުއިން ހުއްޓާލުމަށް އަންގާނެއެވެ. ނަމަވެސް ހޭނައްތާޑޮކްޓަރު ހުއްދަދީފައިވާ ބޭސްތައް އޮޕަރޭޝަނުގެ ހެނދުނު ކުޑަ ފެންފޮދަކާއެކު ބޭނުންކުރެވިދާނެއެވެ.
- ބޭނުންކުރަމުން އަންނަ ބޭސްތައް ބެލުމާއި އެއަށް ބަދަލުގެނައުން: ބަލިމީހާ ބޭނުންކުރަމުންދާ ހުރިހާ ބޭހެއްގެ މަޢުލޫމާތު އޮޕެރޭޝަން ޑޮކްޓަރ އާއި އަދި ހޭނައްތާ ޑޮކްޓަރަށް ދޭންޖެހޭނެއެވެ. މީގެ ތެރޭގައި ޑޮކްޓަރުގެ ސިޓީއަށް ދޫކުރާ ބޭސްތަކާއި، ބޭސްސިޓީއަކާނުލައި ގަންނަން ލިބޭ ބޭސްތަކާއި، ސަޕްލިމެންޓްތައް ހިމެނެއެވެ. އެސްޕިރިން، ލޭ ތުނިކުރާ ބޭސްތައް، އިންފްލެމޭޝަން މަދުކުރާ ބޭސްތައް، އަދި ވިޓަމިން އީ ފަދަ ބައެއް ބޭސްތައް އޮޕަރޭޝަނުގެ އެތައް ދުވަހެއް ނުވަތަ ހަފްތާއެއް ކުރިން ވަގުތީގޮތުން ހުއްޓާލަން ޖެހިދާނެއެވެ.
- ސާފުތާހިރުވުން: ހުންކޮށި ނެގުމަށް ކުރާ އޮޕެރޭޝަނަށްފަހު އިންފެކްޝަން ވުމުގެ ފުރްޞަތު އޮންނާނެ ކަމަކަށް ވާތީ އޮޕަރޭޝަނުގެ ކުރީ ރޭ ނުވަތަ އޮޕަރޭޝަން ކުރާ ދުވަހުގެ ހެނދުނު ފެންވެރައި ސާފުވެލުމަކީ މުހިއްމު ކަމެކެވެ.
- ދުންފަތުގެ އިސްތިޢުމާލު ހުއްޓާލުން: ބަލިމީހާ އަކީ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހެއް ނަމަ، އޮޕަރޭޝަނުގެ ކުރިން އެކަން ހުއްޓާލަންވާނެއެވެ.
4– ހުންކޮށި ނެގުމަށް ކުރާ އޮޕެރޭޝަންގެ ވައްތަރުތައް:
ހުންކޮށި ނެގުމަށް މައިގަނޑު ގޮތެއްގައި ދެ ވައްތަރެއްގެ އޮޕެރޭޝަން ކުރެއެވެ:
- ބަނޑުގައި ލޯވަޅުއަޅައިގެން ހުންކޮށި ނެގުން ނުވަތަ ލެޕްރޮސްކޮޕިކް ސްޕްލީނެކްޓޮމީ: މިއީ އާންމު ސައިޒުގެ ނުވަތަ ސައިޒުން އެހާބޮޑު ނޫން ހުންކޮށި ނެގުމަށް އެންމެ ރަނގަޅު އަދި ސްޓޭންޑަރޑް ގޮތެވެ. ބަނޑު ހުޅުވައިގެން ކުރާ އޮޕެރޭޝަނަށްވުރެ މި ގޮތަށް ކުރުމުން ބަލިމީހާގެ ރިކަވަރީ ދުވަސްތައް ކުރުވެގެން ދެއެވެ. އަދި އޮޕެރޭޝަނަށްފަހު ދިމާވެދާނެ މައްސަލަތައް ކުޑަވެގެންވެސް ދެއެވެ. ކެމެރާ ލައްވައިގެން ކުރާ އޮޕެރޭޝަނުގައި ބަނޑުގައި ކުދި ކުދި ލޯވަޅު އަޅައި އެ ލޯވަޅުތަކުން ކެމެރާ އާއި އަދި އޮޕެރޭޝަނަށް ކުރުމަށް ބޭނުންވާ އާލާތައް ވައްދައިގެން އޮޕެރޭޝަން ކުރެވެއެވެ. އޮޕެރޭޝަން ކުރާ ޑޮކްޓަރާއި އަދި ޓީމުގެ މީހުންނަށް ބަނޑުތެރެ ފެންނާނީ ސްކްރީނަކުންނެވެ. ހުންކޮށި، ހަށިގަނޑުގެ އެހެން ގުނަވަންތަކާއި ވަކި ކޮށްލެވުމުން ބަނޑުގެ ތިރީބައިން ކުޑަތަންކޮޅެއް ކަފާލުމަށް ފަހު އެތަނުން ހުންކޮށި ނެރޭނެއެވެ.
- ލެޕްރޮސްކޮޕިކް ސްޕްލީނެކްޓޮމީގެ ފައިދާތަކުގެ ތެރޭގައި ހިމެނެނީ: އޮޕަރޭޝަނަށްފަހު ވާ ތަދު ކުޑަވުން، ހޮސްޕިޓަލުގައި މަޑުކުރަންޖެހޭ މުއްދަތު ކުރުވުން، އާންމުކޮށް ކާތަކެތި އަވަހަށް ކާން ފެށުން، އާންމު ދިރިއުޅުމަށް އަވަހަށް އެނބުރި ދެވުން، ބަނޑުގައި ކަފާލާފައިވާ ތަނެއް ނެތުމާއި ބޮޑު ލަކުނެއް ނެތުން، އަދި އޮޕެރޭޝަން ކުރާލަކުނުން އުފެދޭ ހާރނިޔާ (އިންސިޝަނަލް ހާރނިޔާ) މަދުވުން ފަދަ ފައިދާ ތަކެވެ.
- ބަނޑުގައި ލޯވަޅު އަޅައިގެން ހުންކޮށި ނެގިދާނެ ހާލަތްތަކަކީ: އޮޕެރޭޝަންގެ ދާއިރާ އަށް އަންނަމުންދާ ޒަމާނީ ކުރިއެރުން ތަކާއެކު އޮޕެރޭޝަން ކުރާ ޓެކްނީކް ތަކަށް ވަރަށް ހެޔޮ ބަދަލުތައް އަންނަމުން ދެއެވެ. އޭގެ ތެރޭގައި ބަލިމީހާއަށް އެންމެ ލުއިގޮތަށް އޮޕެރޭޝަން ކުރުމަކީ އެންމެ އިސްކަން ދެވޭ ކަންކަމެވެ. ވުމާއެކު ހުންކޮށި ނެގުމަށް ކުރާ އޮޕެރޭޝަން ގައިވެސް ބަލަނީ ބަނޑު ކަފާނުލައި އޮޕެރޭޝަން ކުރެވޭނެ ގޮތެވެ. ނަމަވެސް ހުންކޮށީގެ ސައިޒު ވަރަށް ބޮޑުވެފައިވާނަމަ ކަފާނުލައި ކުރުމާއި ބަނޑު ތެރެއިން އެ ގުނަވަން ނެރުމަކީ ވަރަށް އުދަގޫ ކަމެކެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އެކްސްރޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން އޮޕަރޭޝަނުގެ ކުރިން ހުންކޮށްޓަށް ލޭ ގެންދާ ހޮޅި ބަންދުކޮށްގެން ހުންކޮށީގެ ސައިޒު ކުޑަކުރުމަށްފަހު ލޯވަޅު އަޅައިގެން ކުރާ އޮޕެރޭޝަންކޮށް ހުންކޮށި ނެގިދާނެއެވެ.
- ބަނޑުހުޅުވައިގެން ކުރާ ހުންކޮށީގެ އޮޕެރޭޝަން: މިގޮތުގައި ބަނޑުގެ މެދުން ކަފާލައިގެން، ސީދާ ހުންކޮށްޓާ ހަމައަށް ވާސިލުވެ ނަގައެވެ. މިގޮތަށް އޮޕެރޭޝަން ކުރަން ޖެހޭ އެންމެ ބޮޑު އެއްސަބަބަކީ ހުންކޮށީގެ ސައިޒު ވަރަށް ބޮޑުވެފައިވުމާއި، ހުންކޮށި ފަޅައިގެން ގޮސްފައިވުމާއި، ނުވަތަ ލެޕްރޮސްކޮޕިކް ގޮތަށް އޮޕެރޭޝަން ކުރަން އުޅެނިކޮށް އުނދަގޫތަކެއް ދިމާވެގެން ބަނޑު ހުޅުވައިގެންކުރާ އޮޕެރޭޝަނަށް ބަދަލުކުރަން ޖެހިއްޖެނަމައެވެ.
ހުންކޮށީގެ އޮޕެރޭޝަން ކުރާ ވަގުތު ކައިރީގައި އުފެދިފައިވާ ކުދި ކުދި ހުންކޮށިތައް (ސްޕްލެނިއުލްސް) ހުރިތޯ ބަލައި، ހުރިނަމަ ނަގާނެއެވެ. މިއީ މި ކުދި އިތުރު ހުންކޮށިތަކުގެ ސަބަބުން ބަލި އަލުން ޖެހުމުގެ ފުރުޞަތު އޮންނާތީއެވެ.

5- އޮޕަރޭޝަނަށްފަހު ދިމާވެދާނެ އުނދަގޫތައް:
ހުންކޮށީގެ އޮޕެރޭޝަނަކީ އާންމު ގޮތެއްގައި ރައްކާތެރި އޮޕަރޭޝަނެކެވެ. މާބޮޑު މައްސަލައެއް ދިމާނުވެ ވަރަށްގިނަ ބަލިމީހުން ރަގަޅަށް ރިކަވަރ ވެއެވެ. ނަމަވެސް، ކޮންމެ އޮޕެރޭޝަނަކީވެސް އޭގައި މައްސަލަތަކެއް ނުވަތަ އުނދަގޫތަކެއް ދިމާވެދާނެ ކަމެކެވެ. ހުންކޮށީގެ އޮޕެރޭޝަނުގައި ދިމާވެދާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ:
- ލޭއޮހޮރުން: އޮޕަރޭޝަނުގެ ތެރޭގައި ނުވަތަ އޭގެ ފަހުންވެސް ބަނޑުތެރެއަށް ލޭއޮހޮރުމުގެ ނުރައްކާ މި އޮޕެރޭޝަނުގައި އޮންނާނެއެވެ. ހުންކޮށްޓަކީ އެއާ ގުޅިފައިވާ ލޭހޮޅިތައް ވަރަށްބޮޑު ލޭ ހޮޅިތަކަށްވުމާއެކު ލޭހޮޅިތަކަށް އަނިޔާވުން ނުވަތަ އައްސާލާފައިވާ ގޮށްތައް މޮހި ލޭ ހޮޅި ހުޅުވުމުގެ ސަބަބުން ބަނޑުތެރެއަށް ލޭ އެޅުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ހާލަތެއްގައި އަލުން އޮޕެރޭޝަން ކުރަން ވައްދަން ޖެހުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
- ޖަރާސީމު އަށަގަތުން ނުވަތަ އިންފެކްޝަންވުން: އޮޕެރޭޝަންކޮށްފައިވާ ތަންތަނުގައި ނުވަތަ ބަނޑުގެ އެތެރޭގައި އިންފެކްޝަންވެ ދޮސްގަތުމަކީވެސް މި އޮޕެރޭޝަނަށްފަހު ކުރިމަތިލާންޖެހިދާނެ ކަމެކެވެ. ހުންކޮށިނެގުމަށްފަހު ދިގު މުއްދަތެއްގައި ދިމާވެދާނެ މުހިންމު ނުރައްކަލަކީ ވެސް މިއީއެވެ. މިއަށް ދެވިފައިވާ މެޑިކަލް ނަމަކީ އޯވަރވެލްމިންގ ޕޯސްޓް-ސްޕްލީނެކްޓޮމީ އިންފެކްޝަން (އޯޕީއެސްއައި) އެވެ. މިއީ ހުންކޮށި ނެތުމުގެ ސަބަބުން ބައެއް ބެކްޓީރިއާތަކާ ދެކޮޅަށް ހަށިގަނޑު ދިފާޢުކުރުމުގެ ބާރު ގެއްލި، ފުރާނައަށް ނުރައްކާވެދާނެފަދަ ބެކްޓީރިއާ އަށަގަނެ އިންފެކްޝަންވުމެވެ. ހުންކޮށި ނެގުމުގެ ކުރިން ވެކްސިން ދޭން ޖެހެނީ މިފަދަ ނުރައްކާތެރި ހާލަތަކަށް ބަލިމީހާ ހިގައިދާނެތީއެވެ.
- ލޭހޮޅިތަކުގެތެރޭގައި ގަނޑުލޭކޮޅުތައް އުފެދުން (ވީނަސް ތްރޮމްބޯއެމްބޮލިޒަމް – ވީޓީއީ): ހަށިގަނޑުގެ ގުނަވަންތަކުން ހިތާ ދިމާލަށް ލޭ ގެންގޮސްދޭ ހޮޅި (ވެއިންސް) ގެ އެތެރޭގައި ގަނޑު ލޭކޮޅުތައް އުފެދި އެ ހޮޅިތައް ބެދުމަކީ ޑީޕް ވެއިން ތްރޮމްބޯސިސް (ޑީވީޓީ)އެވެ. ހުންކޮށީގެ އޮޕެރޭޝަނަށްފަހު މި މައްސަލަ ދިމާވުމުގެ ނުރައްކާ އޮވެއެވެ. ހަމައެފަދައިން ހިތާއި ފުއްޕާމެއާ ދޭތެރޭގައި ލޭ ދައުރުކުރާ ހޮޅިތަކުގެ އެތެރޭގައިވެސް މި ދެންނެވިފަދަ ގަނޑު ލޭކޮޅުތައް އުފެދި އެހޮޅިތައް ބެދުމަކީ ބަލިމީހާގެ ފުރާނައަށްވެސް ނުރައްކާވެދާނެ ފަދަ ސީރިއަސް މައްސަލައެކެވެ. މިއަށް ދެވިފައިވާ މެޑިކަލް ނަމަކީ ޕަލްމޮނަރީ އެމްބޮލިޒަމް (ޕީއީ) އެވެ. އަދި ހަމައެފަދައިން ގޮހޮރުގެ ލޭ ސަޕްލައި ކުރާ ހޮޅިތަކާއި ހުންކޮށްޓާއި ގުޅިފައިވާ ހޮޅިތަކުގައި މި ފަދަ ގަނޑު ލޭކޮޅުތައް އުފެދުމަކީވެސް އެކަށީގެންވާ ކަމެކެވެ.
- ކައިރީގައިވާ ގުނަވަންތަކަށް ގެއްލުންވުން: ބަނޑުގެ އެތެރޭގައިވާ މައިދާ (ސްޓޮމަކް) ޕެންކްރިއާސް (ޗިސްމޭ) ނުވަތަ ގޮހޮރު (އިންޓެސްޓައިން) ފަދަ ގުނަވަންތަކަށް ގެއްލުންވުމުގެ ނުރައްކާ މި އޮޕެރޭޝަނުގައި އޮވެއެވެ. މީގެ ސަބަބުން ޕެންކްރިއާސް ދުޅަވުމާއި ނުވަތަ ޕެންކްރިއާސްއިން ދިޔައެއް ލީކުވުން ފަދަ މައްސަލަތައްވެސް ދިމާވެދާނެއެވެ.
- ހާރނިޔާ: އޮޕެރޭޝަންކޮށްފައިވާ ތަންތަނުގެ އެތެރޭގެ ފަހާފައިވާ ރޮދިތައްދޫވެ މަސްތައް ފޭވުމާއެކު އެތަންތަނުން ބަނޑުގެ އެތެރޭގައިވާ ތަކެތި ނިކުތުމަށް އިންސިޝަނަލް ހާނިޔާއޭކިޔައެވެ. ވަކިން ޚާއްސަކޮށް ބަނޑަށް ބާރުލާންޖެހޭފަދަ ކަންތައްތައް ކުރަން ޖެހުމާއި އޮޕެރޭޝަން ކޮށްފައިވާ ތަނުގައި ޖަރާސީމު އެޅުމަކީ މިކަމަށް މަގުފަހިކޮށްދޭ ކަންތައްތަކެވެ.
- ފުއްޕާމޭއާ ގުޅުންހުރި އުނދަގޫތައް: އޮޕަރޭޝަނަށްފަހު ފުއްޕާމޭގައި ޖަރާސީމު އަށަގަތުން ނިއުމޯނިއާ ޖެހުމާއި، ފުއްޕާމޭގައި ފެންއުފެދުމާއި އަދި ފުއްޕާމެ ބައެއްގެ ފުއްޕުން ހުއްޓުން ފަދަ ކަންކަމަކީވެސް ކުރިމަތިލާން ޖެހިދާނެ ކަންކަމެވެ.
- ދިގު މުއްދަތަކަށް ނުފިލައި ހުންނަ ހުންއައުން: 101 ޑިގްރީ ފެރެންހައިޓް (39 ޑިގްރީ ސެލްސިއަސް) އަށްވުރެ މަތީގައި ހުންނަ ހުން ދިގު މުއްދަތަކަށް ހުރުމަކީ އިންފެކްޝަނެއްގެ ނިޝާނަކަށް ވެދާނެއެވެ. ވުމާއެކު ހުންކޮށީގެ އޮޕެރޭޝަނަށްފަހު ހުން އަނަންކަމަށްވާނަމަ އެއީ ނުރައްކާތެރި ކަމެކެވެ.
6- ހުންކޮށީގެ އޮޕަރޭޝަނަށްފަހު ރަނގަޅުވުމުގެ މުއްދަތު:
ހުންކޮށި އޮޕެރޭޝަން ކުރެވުނު ގޮތް، އެ އޮޕެރޭޝަނަށް ފަހު ރަގަޅުވުމުގެ މުއްދަތު ކަނޑައެޅުމުގައި ވަރަށްބޮޑު ރޯލެއް ކުޅެއެވެ. ބަނޑު ކަފާނުލައި ލޯވަޅުއަޅައިގެން އޮޕެރޭޝަން ކޮށްފައިވާނަމަ ރަގަޅުވުމުގެ މުއްދަތު ކުރުވެފައި އަވަސް ވެއެވެ. :
- ހޮސްޕިޓަލުގައި މަޑުކުރަންޖެހޭ މުއްދަތު: ލެޕްރޮސްކޮޕިކް ސަރޖަރީއަށްފަހު ދެތިންދުވަހުގެތެރޭގައި ގެއަށް ދެވިދާނެއެވެ. ނަމަވެސް ކަފާލައިގެން އޮޕެރޭޝަންކޮށްފައިވާނަމަ އާންމު ގޮތެއްގައި ދެ ދުވަހުން ފެށިގެން ހަ ދުވަހާ ހަމައަށް ހޮސްޕިޓަލުގައި މަޑުކުރަން ޖެހިދާނެއެވެ.
- އާންމު ދިރިއުޅުމަށް އެނބުރި ދެވޭ މުއްދަތު:
◦ ލެޕްރޮސްކޮޕިކް ސަރޖަރީ: ދެ ހަފްތާގެ ތެރޭގައި އާންމު ދިރިއުޅުމުގެ ހަރަކާތްތަކަށް އެނބުރި ދެވިދާނެއެވެ.
◦ ކަފާލައިގެން އޮޕެރޭޝަންކޮށްފައިވާނަމަ: ފުރިހަމައަށް ރަނގަޅުވެ އާންމު ހަރަކާތްތަކަށް އެނބުރި ދިއުމަށް ހަ ހަފްތާ ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ނަގާފާނެއެވެ.
- ކާނާ: ލެޕްރެސްކޮޕިކް ސާޖަރީ އަށްފަހު ކުރިން ކަމުން އައި ތަކެތި ކާންފެށުން އަވަސްވާނެއެވެ. ނަމަވެސް ކަފާލައިގެން ކުރާ އޮޕެރޭޝަނަށްފަހު އާންމު ކާނާއަށް އެނބުރި ދިއުމަށް ތަންކޮޅެއް ގިނަ ދުވަސް ނަގާފާނެއެވެ. މިކަން ކުރާނީ ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށެވެ.
- ރިއްސުން ކޮންޓްރޯލްކުރުން: އޮޕަރޭޝަނަށްފަހު ކޮންމެވެސް ވަރަކަށް ރިއްސުން ހުންނާނެއެވެ. މިކަން ބޭސް ދީގެން ކޮންޓްރޯލްކުރެވޭނެއެވެ.
7- އޮޕަރޭޝަނަށްފަހު ބަލިމީހާއަށް ދޭ ލަފާ:
ހުންކޮށިނެގުމަށް ކުރާ އޮޕެރޭޝަނަށްފަހު ދިގު މުއްދަތަކަށް ފޮލޯއަޕް ކުރުމާއި ވަކި ކަންތައްތަކަށް ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ:
- ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް އެންގުން: އޮޕެރޭޝަންގެ ކުރިން ފަރުވާ ކުރަމުން ފޮލޮއަޕް ކުރަމުންއައި އެތެރެހަށީގެ ޑޮކްޓަރާއި، ދަތުގެ ޚާއްޞަ ޑޮކްޓަރާއި އަދި އެހެނިހެން ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް ބަލިމީހާގެ ހުންކޮށި ނަގާފައިވާކަން އަންގަންވާނެއެވެ. މިއީ ބަލިމީހާއަށް އިންފެކްޝަން ޖެހުމުގެ ނުރައްކާ އިތުރުވެފައިވާކަން އެފަރާތްތަކަށް އެންގުން މުހިންމު ވާތީއެވެ.
- ސިއްހީ އެލާޓް: ކުއްލި ފަރުވާ ދޭންޖެހޭފަދަ ހާލަތެއްގައިވެސް ބަލިމީހާގެ ހުންކޮށި ނަގާފައިވާ ކަން ފަރުވާކުރާ ޑޮކްޓަރުންނަށް އެނގޭނެފަދަ ގޮތަކަށް މެޑިކަލް މައުލޫމާތު ހިއްސާކުރަން ޖެހޭނެއެވެ. ބައެއް ގައުމުތަކުގައި ހުންކޮށި ނަގާފައިވާކަން އަންގައިދޭ މެޑިކަލް އެލާޓް ބްރޭސްލެޓެއް އަޅައި ނުވަތަ ކާޑެއް ގެންގުޅުމަށް ބަލިމީހާއަށް ލަފާދެއެވެ.
- ވެކްސިންތައް: އޮޕަރޭޝަނުގެ ކުރިން ލަފާދީފައިވާ ވެކްސިންތައް ޖަހާފައިވާކަން ޔަޤީންކުރަންވާނެއެވެ. ބައެއް ހާލަތްތަކުގައި މި ވެކްސިންތަކުގެ ބޫސްޓަރ ޝޮޓްތައް ޖެހުމަށްވެސް ލަފާ ދެއެވެ. ނަމަވެސް މިކަންކަމަކީ ފަރުވާ ކުރާ ޑޮކްޓަރު ފާހަގަ ކުރާނެ ކަންކަމެވެ.
- އެންޓިބަޔޮޓިކްސް: ހުންކޮށި ނަގާފައިވާ ބައެއް ބަލިމީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދިގުމުއްދަތަކަށް އެންޓިބަޔޮޓިކްސް ބޭނުންކުރުމަށް ލަފާދީފާނެއެވެ. ޚާއްޞަކޮށް ކުޑަކުދިންނަށް ނުވަތަ ނުރައްކާތެރި އިންފެކްޝަންތައް ޖެހުމުގެ ފުރުޞަތު އިތުރުވެފައިވާ އެހެނިހެން ހާލަތްތަކުގައިވާ މީހުންނަށް މިކަމަށް ލަފާދިނުމުގެ ފުރްޞަތު ބޮޑެވެ. އަދި ބަލިމީހާއަށް އިންފެކްޝަންގެ ނިޝާންތައް ފެނިއްޖެނަމަ ވަގުތުން ބޭނުންކުރުމަށް ގޭގައި ބަހައްޓާ އެންޓިބަޔޮޓިކްސް ވެސް ޑޮކްޓަރުންގެ ލަފާގެ ތެރޭގައި ހިމެނެއެވެ.
- ހުން އައިސްފިނަމަ ވަގުތުން މެޑިކަލް އެހީ ހޯދުން:4°F (38°C) އަށްވުރެ މަތިން ހުން އަތުވެއްޖެނަމަ ވަގުތުން ޑޮކްޓަރެއް ގެ ލަފާހޯދަން ވާނެއެވެ. މިއީ ނުރައްކާތެރި އިންފެކްޝަނެއްގެ ނިޝާނަކަށް ވެދާނެތީއެވެ. މިފަދަ ހާލަތްތަކުގައި ސިއްހީ އެހީ ހޯދުން ލަސްކުރުމަކީ ނުރައްކާތެރިކަމެކެވެ.
- ދަތުރުފަތުރުގައި ސަމާލުވުން: ދަތުރުފަތުރުގެ ޕްލޭންތަކާ ބެހޭގޮތުން ޑޮކްޓަރާ މަޝްވަރާކުރަންވާނެއެވެ. ދަތުރުކުރާ ތަނަށް ބަލައި، ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެއް ނުވަތަ ބައެއް ހާލަތްތަކުގައި އިތުރު ވެކްސިންތަކެއް ބޭނުންވުމަކީ އެކަށީގެންވާ ކަމެކެވެ.
- ޖަނަވާރަކު ދަތްއެޅުން: ގޭގައި އޮޅުކޮށްގެން ގެންގުޅޭ ޕެޓެއްކަމަށްވިއަސް ޖަނަވާރަކު ދަތްއަޅައި ޒަޚަމްވެއްޖެނަމަ ވަގުތުން ސިއްހީ އެހީ ހޯދަންވާނެއެވެ. އެފަދަ ކަންކަމަކީ ހުންކޮށި ނަގާފައިވާ ބަލިމީހަކަށް ވަރަށް ނުރައްކާތެރި އިންފެކްޝަންތައް ކުރިމަތިކޮށްފާނެ ކަމަކަށްވާތީއެވެ.
- ދުޅަހެޔޮ ދިރިއުޅުމެއް ދިރިއުޅުން: ހެލިފެލިވުމާއި ރަގަޅު ކާނާ ކެއުމާއި ފުރިަހަމައަށް ނިދުން ފަދަ ދުޅަހެޔޮ ދިރިއުޅުމުގެ އާދަކާދަ ގެންގުޅުމަކީ މިފަދަ ބަލިމީހަކު ސަމާލުކަން ދޭންޖެހޭ ކަންކަމެވެ.
- ހުރިހާ ފޮލޯއަޕް އެޕޮއިންޓްމަންޓްތަކަށް ހާޒިރުވުން: ކަނޑައެޅިފައިވާ ހުރިހާ ފޮލޯއަޕް އެޕޮއިންޓްމަންޓްތަކަށް ހާޒިރުވެ ފަރުވާކުރާ ޑޮކްޓަރާއެކީ ކުރިއަށް ދިއުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ހުންކޮށި ނެގުމަށް ކުރާ އޮޕެރޭޝަނަކީ ކުޑަ އޮޕެރޭޝަނެއް ނޫނެވެ. ވުމާއެކު އެ އޮޕެރޭޝަން ކުރުމުގެ ގަރާރު ނެގުމާއި އެކަމަށް ތައްޔާރުވުމާއި އަދި އޮޕެރޭޝަނަށްފަހު ރިކަވަރީގެ އެކި މަރުހަލާތައް ކަޑައްތު ކުރުމުގައި ބަލިމީހާއާއި އާއިލާގެ އެއްބާރުލުން ފަރުވާ ކުރާ ޑޮކްޓަރުންނަށް ވަރަށް މުހިއްމެވެ. އޮޕެރޭޝަނުން ނިކުންނަ ނަތީޖާ ރަގަޅުވަނީ މި އެންމެން އެކީގައި ޓީމެއްގެގޮތުގައި ކުރާ މަސައްކަތުންނެވެ.