
ނޯޓު: މިއީ 16 މެއި 2014 ގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާޖަންސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތަށް ތައްޔާރު ކުރެވުނު ޚާއްޞަ ޕްރެޒެންޓޭޝަނެކެވެ.
މި ޕްރެޒެންޓޭޝަންގައި ހިމެނެނީ
އެހާރު:
- ކުރީޒަމާނުގައި އޮޕަރޭޝަން ކުރަންޖެހޭ ހާލަތްތަކަށް ފަރުވާކުރަނީ ކޮންބައެއްތޯއާއި އަދި އެއީ ކިހިނެއްކަން
- ރާއްޖޭގައި އޮޕަރޭޝަންގެ ފަރުވާ ފެށުނީ ކިހިނެއް
- ރާއްޖޭގައި ދެވޭ މިޒަމާނުގެ އޮޕަރޭޝަން ފަރުވާދިނުމުގައި ހާސިލުިވެފައިވާ މުހިއްމުލަނޑުދަނޑިތަކަކީ ކޮބައިބާ
މިހާރު:
- ރާއްޖޭގައި ދެވެމުންދާ އޮޕަރޭޝަން ފަރުވާ މިހާރު ދެވެނީ ކިހިނެއް
- އޮޕަރޭޝަން ފަރުވާ ދިނުމުގައި ބޭނުންވާ ސާމާނާއި އެކަން ކުރާނެ މީހުން އެބަތިބިބާ؟
- މި ފަރުވާ ދިނުމުގައި މިހާރު ކުރިމަތިވާ ހުރަސްތަކާއި ދަތި ތަކަކީ ކޮބައިބާ؟
މުސްތަގްބަލް:
- ދިވެހިރާއްޖޭގައިދެވޭ ސާރޖިކަލް ފަރުވާ ދިނުމުގައި އަޅުގަނޑުމެންގެ އުއްމީދުތަކާއި ހާސިލުކުރަން ބޭނުންވާ މަގްޞަދު ތަކަކީ ކޮބާ؟
- ރާއްޖޭގައިދެވޭ އޮޕަރޭޝަންފަރުވާގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާރޖަންސްގެ ދައުރަކީ ކޮބާ؟
- މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާރޖަންސްގެ ހަރަކާތްތަކާއި ޚިދްމަތްތައް ބިނާވެފައިވާ ގޮތަކީ ކޮބާ؟
- އެހާރު
ދިވެހިރާއްޖެއަކީ ޖޯގްރަފީގެ ގޮތުން ބަލާއިރު ވަރަށް އެކަހެރި ގޮތެއްގައި އިންޑިޔާ ކަނޑުގައި ދުނިޔޭގެ ލޯތަކަށް، ވަރަށް ފަހަކާ ޖެހެންދެން ފޮރުވިފައިވާ ކުދިކުދި ޖަޒީރާ ގައުމެކެވެ. ދިރިއުޅުމުގެ އަސާސީ ބޭނުންތަކުގައި ބޭރު ގައުމުތަކަށް ބަރޯސާ ވާން ޖެހިފައިވާ މި ކުދިކުދި ރަށް ތަކުގައި އޭރު އުޅެމުން އައީ މަދު މީސްކޮޅެކެވެ. ހޭލުންތެރިކަމުގެ ގޮތުން ފަހަތުގައި ތިބި މި މަދު މީސްކޮޅު އެމީހުންގެ ބަލިމަޑުކަމާއި ތަދުމަޑުކަމުގައިވެސް ވަކީލު ކުރަމުން އައީ އެއިރަކު ކަލާނގެކަމަށް އެބައިމީހުން ގަބޫލުކުރަމުން އަންނަ ފަރާތަށެވެ. ވުމާއެކު ބަލި ބައްޔަށް ބޭސްކުރުމުގައި ރޫހާނީ ބާރުތަކާއި އަދި އެނޫންވެސް ވަންހަނާވެފައިވާ ބާރުތަކަށް އެބައިމީހުން ދިޔައީ ބަރޯސާ ވަމުންނެވެ. މި ގޮތުން ފަންޑިތަ ހެދުމާއި، ސިހުރު ހާހޫރަ ހެދުމާއި މަންތަރު ހެދުމަކީ ރަސްމީގޮތެއްގައި ދެވެމުން ދިޔަ ފަރުވާ ތަކެވެ.
މީގެ އިތުރުން ރާއްޖޭގެ ތާރީޚު ދިރާސާކުރައްވާ ބޭފުޅުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ދިވެހި ބޭސްވެރިކަމަކީ ކުރީ ޒަމާނުއްސުރެ ރާއްޖޭގައި މީހުން ދިރިއުޅެން ފެށީއްސުރެ ދިވެހިން ކުރަމުން އަންނަ ކަމެކެވެ. ރާއްޖޭގެ ތިމާވެށިން ލިބެން ހުންނަ ފަތްޕިލާވެލި ބޭނުންކޮށްގެންނާއި، އަދި ބައެއްތަކެތި ބޭރުން ގެނެސްގެން ތަފާތު ކަންކަމަށް އައީ ބޭސްކުރަމުންނެވެ. މީގެ ތެރޭގައި ބައެއް ކަހަލަ އޮޕަރޭޝަން ފަރުވާވެސް ހިމެނެއެވެ. ދިވެހި ބޭސްވެރިކަމާބެހޭގޮތުން ފަޟީލަތުއްޝައިޚު ހުސައިން ސަލާހުއްދީން 1923 ވަނަ އަހަރު ލިއުއްވާފައިވޭ
‘ރާއްޖޭގައި ބޭސްފަރުވާ ކުޅައުން އިހުގައި ހުރިކަމަށް ފެންނަ މަގު ބުނަމެވެ. ރާއްޖޭގައި އެއްވެސް ޒަމާނެއްގައި ބޮޑެތި ހަކީމުންނަކު، ކިޔަވައި ފާސްވެފައިތިބޭ ޑަކުތަރުންނަކު ނުތިބެތޭ. ބޭސްވެރިންނޭ ކިޔާފައި ތިބެނީ އެމީހުންގެ ކާބަފައިންނަށް ކޮންވެސް ފޮތްދަން މީހަކުގެ ފަރާތުން ނުވަތަ ކޮންމެވެސް ކަރަޔަކުން ލިބެވުނު ބޭހެއް އުގެނި ދަސްވަމުން އައިސް ހަދާގޮތް އެގި މުޖައްރިބުވަމުން އައިސްފައި ތިބޭބައެކެވެ. ގިނަ ބޭސް ހުންނަނީ ހަމަ މިރާއްޖޭގެ ފަތްޕިލާވެއްޔާއި ރާއްޖޭގައި ހުރި ގަސްގަހާގެހީގެ ތަކެތިންނެވެ.”
ދިވެހި ބޭސްވެރި ކަމުގެ ތެރޭގައި ހިމެނޭ އޮޕަރޭޝަން ފަރުވާގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
- ލޭނުބައިވެ ދޮސްހެދޭ ތަންތަން ފަޅައި ރަގަޅު ކުރޭ
- އަދި އުރަވަޅި ދުޅަވެ ބޮޑެތިވެފައިވާ މީހުން ތޫނުބޭސް ޖަހައިގެންނާއި، ވިއްދާ އަޅައި އަންދާލައިގެން ފަރުވާ ކުރިކަމަށް ފާހަގަ ކުރެވޭ
- އަދި ހަމައެފަދައިން ފުރަގަސްފަރާތު ބަލި ކެނޑުމާއި ބައެއް ދުއާ ކިޔެވުމަށްފަހު ދޫ ކާއްތައިގެން ފާރުގަނޑު ސާފުކުރުން ހިމެނޭ
ދިވެހި ބޭސްވެރިކަމުގެ ތެރޭގައި ހިމެނޭ އޮޕަރޭޝަން ގެ ޚާއްޞަ ކަންތައް ތަކުގެ ތެރޭގައި ޚިތާނުކުރުންވެސް ހިމެނޭ..
އާއްމުގޮތެއްގައި ބަލާއިރު މީގެ 30 ނުވަތަ 40 އަހަރުކުރިން ދިވެހިރާއްޖޭގައި އޮޕަރޭޝަން ފަރުވާ ދެވެމުން ދިޔައީ ވަރަށް އާދައިގެ ގޮތެއްގައޭ ދެންނެވިދާނެއެވެ. މުޅި ހެލްތް ކެއަރ ސިސްޓަމްވެސް އެއިރުވަނީ ވަރަށް ދަށް ހާލަތެއްގައެވެ. ވުމާއެކު ވަކިން ޚާއްޞަކޮށް އޮޕަރޭޝަންގެ ފަރުވާ ވަނީ ވަރަށްވެސް ދަށު ދަރަޖައެއްގައެވެ. ވަރަށް އާދައިގެ މުލިއްސެއްގެ ސަބަބުންވެސް ބައެއް މީހުންނަށް ވަނީ ދިރިހުރުމާއި މަރާއި ހަނގުރާމަ ކުރަންޖެހިފައެވެ. ވީއިރު ބަނޑުގެ ބޮޑެތި ބަލިތައްކަމަށްވާ ގޮހޮރުގެ ކެންސަރާއި، ގޮހޮރު ބަންދުވުމާއި ފުރަމެއާއި ފިތާއި ޗިސްމެއާއި ފުރަގަސްފަރާތު ބަލިފަދަ ބަލިތަކަށް ކުރަންޖެހޭ އޮޕަރޭޝަން ފަރުވާ އަމުދުން ނުދެވޭނެކަން ޔަގީނެވެ.
- ރާއްޖޭގައި އޮޕަރޭޝަން ފަރުވާ ފެށުނީ ކިހިނެއް؟
ރާއްޖޭގައި ޑޮކްޓަރީ ފަރުވާ ފެށުނު ދުވަސްވަރުކަމަށް ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވަނީ ނަވާރަ ސަތޭކަ ތިރީހުގެ އަހަރުތަކުގައި ކަމަށެވެ. މިކަން ބަޔާންކޮށް އަލްފާޟިލް މުހައްމަދު އިސްމާއީލް ފުޅު އޭނާގެ ފޮތް ‘ސިއްހީ ޚިދްމަތުގައި ދިވެހިރާއްޖޭގެ އިއްޔެއާއި އިހަށްދުވަސް” މި ފޮތުގައި ބަޔާންކުރައްވާ ގޮތުގައި ޑަކްތަރެއްގެ ޚިދްމަތް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފް ވެގެން ދިޔައީ 25 ޖޫން 1931 ގައެވެ. އެއީ އައްސުލްތާން މުހައްމަދު ޝަމްސުއްދީން އިސްކަންދަރު 3ވަނަ ގެ ރަސްކަމުގައި ސިލޯނުގެ ޑަކްތަރެއްކަމަށްވާ ޕީ އަރުމަނާޔަގަމް މާލޭގައި ބަލިމީހުން ބައްލަވަން ފެއްޓެވުމާއެކުއެވެ.
ދިރާސަ ކުރައްވާ ފަރާތްތަކުން ހަމަ ކުރައްވާ ގޮތުގައި ރާއްޖޭގައި ބަލިމީހުންނަށް ފަރުވާ ކުރުމުގެ ގޮތުން ވަކި ތަނެއް ހަސްފަތާލުގެ ނަމުގައި ހުޅުވުނީ މީލާދިން 1948ވަނަ އަހަރުއެވެ. ނަމަވެސް ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ސިފައިން އައްޑު އަތޮޅަށް ފައިބާ ތިބި ދުވަސްވަރު އެތަނުގައި ހޮސްޕިޓަލު ތަކެއް ހިންގެވިއެވެ. އެއީ މީލާދީން 1941 ވަނަ އަހަރުގައެވެ. މި ހޮސްޕިޓަލުތަކުން ދިވެހިންނަށްވެސް ތަފާތު ވައްތަރުގެ އެޑްވާންސް މެޑިކަލް ކެއަރ ލިބިފައިވާ ކަން ފާހަގަ ކުރަން ޖެހެއެވެ. އޭގެ ތެރޭގައި އޮޕަރޭޝަންގެ ފަރުވާވެސް ހިމެނެއެވެ.
މާލޭގައި އޭރުއޮތް ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ހުޅުވި ޑަކްޓަރުގެ ނުވަތަ ހަސްފަތާލުގައިވެސް އޮޕަރޭޝަން ކުރުމަށްޓަކައި ކޮޓަރިއެއް ޚާއްޞަ ކުރައްވާފައިވެއެވެ. އަދި އެތަނުގައި މައިނަރ ޕްރޮސީޖަރ ތައް ހަދަމުން ދިޔަކަން ފާހަގަ ކުރެވެއެވެ. ނަމަވެސް 1948 ގައި މި ކުޑަކުޑަ ހޮސްޕިޓަލު ހުޅުވުނު ކަމުގައި ވިއަސް 1960 ގެ އަހަރުތަކާ ޖެހެންދެން މާލޭގައި ހުރި ސަރުކާރުގެ ހަސްފަތާލުން ލިބެމުން ދިޔައީ ވަރަށް އާދައިގެ ފަރުވާތަކެވެ.
ރާއްޖޭގެ ދަރިން މެޑިސިން ކިޔަވައި އެކި ރޮގުރޮގުން ޚާއްޞަވެ ޚިދްމަތް ދޭން ފަށާނެ ދުވަހަކަށް ދިވެހިން ތިބީ ވަރަށް ކެތްތެރިކަމެއް ނެތް ހާލެއްގައި އިންތިޒާރުކޮށްކޮށެވެ. ދިވެހިން ގެ މި އުއްމީދުތަކުގައި ކުލަޖެހިގެން ދިޔައީ ދިވެހި ދަރިއަކު ޑޮކްޓަރީ ފާހެއް ނަންގަވައިގެން މާލެ ވަޑައިގަތުމުންނެވެ. އާދެ. އެ އުއްމީދު ފުރިހަމަވެގެން ދިޔައީ 1964 ވަނަ އަހަރު ޑޮކްޓަރ އެންޑީ އަބްދުﷲ މާލެ ވަޑައިގަތުމާއި ގުޅިގެންނެވެ.
މާ ދުރު ނޫނަސް ތާރީޚުގެ ފަތްފުތްތަކަށް ބަލާއިރު ރާއްޖޭގައި ހިންގާ ރާއްޖޭގެ ހޮސްޕިޓަލެއްގައި އެންމެ ފުރަތަމަ އޮޕަރޭޝަނެއް ކުރެވުނު ދުވަހަކީ 15 ޖޫން 1960 އެވެ. ބަލިމީހާ އަކީ އުމުރުން 12 އަހަރުގެ ކުއްޖެކެވެ. އެއީ ބަނޑުތެރޭގައި ދޮސް އުފެދި ތަނެއް ފަޅައިގެން ގޮސްގެން ކޮށްފައިވާ އޮޕަރޭޝަނެއްކަމުގައި ވެއެވެ. އެ އޮޕަރޭޝަން ކޮށްފައިވަނީ ޑރ. ސައުންދަރާޖަ އެވެ. ނަމަވެސް އެއީ ގޯލްޑަންރޭ ކިޔާ ބޯޓުގެ ޑޮކްޓަރެއްކަމަށް ވެއެވެ. ރާއްޖޭގައި ހުރި ޑޮކްޓަރަކު ރާއްޖޭގެ ހަސްފަތާލުގައި ފުރަތަމަ އޮޕަރޭޝަނެއް ކޮށްފައިވަނީ 30 މާރޗް 1961 ގައެވެ. އެއީ ބ. ދޮންފަނު ކުޑަޔޫސުފް ގެ އަތް ބިނދި ގެންގްރީން ވެގެން އަތް ބުރިކޮށްލުމަށް ކުރި އޮޕަރޭޝަން ކަމުގައިވެއެވެ.
އެއްމެ ފުރަތަމަ ސާރޖަރީ ފާސްނެންގެވި ދިވެހި ޑޮކްޓަރެއްކަމުގައި ދިރާސާކުރައްވާ ފަރާތްތަކުން ހާމަކުރައްވަނީ ގދ. ވާދޫ ގައްދަޑުގޭ ޑރ. އަހުމަދު ލަތީފު ކަމަށެވެ. ނަމަވެސް މި ސާޖަންގެ ޚިދްމަތް ރާއްޖޭގެ ރައްޔިތުންނަށް ލިބުމުގެ ނަސީބު ނުލިބުނީ ކިޔަވައި ވިދާޅުވެ ނިމުމުން ރާއްޖޭ ވަޑައި ނުގަތުމުގެ ސަބަބުންނެވެ. ސާޖަރީ ފާސް ނެންގެވުމަށްފަހު ރާއްޖެވަޑައިގެން ދިވެހި ރައްޔިތުންނަށް ޚިދްމަތް ދެއްވަން ފެއްޓެވި ފުރަތަމަ ދިވެހި ސާޖަން އަކީ ޑރ. ޢަބްދުﷲ ވަހީދު އެވެ. އެއީ 1992 ގައެވެ. ނަމަވެސް 1960 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި އޮޕަރޭޝަންގެ ފަރުވާ ތަފާތު މަރުހަލާ ތަކުގައި ތަފާތު ޑޮކްޓަރުންގެ ޓީމްތައް މާލެ ވަޑައިގެން ދެއްވަމުން ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ފަރާތުން އިންތިޒާމުކޮށްގެން މާލެ ވަޑައިގެން ތަފާތު ސްޕެޝަލިޓީތަކުގެ އޮޕަރޭޝަންތައް ރާއްޖޭގައި އެވަގުތު ތިއްބެވި ޑޮކްޓަރުންގެ ބައިވެރި ވުމާއެކު ކޮށްފައި ވެއެވެ. އަދި އޭގެ ފަހުން އައި އަހަރުތަކުގައި ރާއްޖޭގެ ހޭނައްތާ ޑޮކްޓަރުންނާއި އަދި އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރުން ދިޔައީ ތަމްރީނުވަމުންނެވެ.
މި ގޮތުން މިޒަމާނުގެ އޮޕަރޭޝަން ފަރުވާ ރާއްޖެއަށް ތައާރަފޮކޮށް އޮޕަރޭޝަން ތިއޭޓަރާއި އަދި އޮޕަރޭޝަން ކުރުމަށް ބޭނުންވާ ސާމާނު ހޯދުމާއި އަދި މިހާރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރަގަޅު ފެންވަރުގެ އޮޕަރޭޝަން ރާއްޖޭގައި ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމުގައި ވަރަށް ފަހާއި ޖެހެންދެން ޚިދްމަތުގައި ދެމި ހުންނެވި ޚިދްމަތްތެރިއެއްގެ ވާހަކަ މިތާގައި ފަހަގަ ކޮށްލުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމުގައި ދެކެމެވެ. އާދެ. އެއީ ޑޮކްޓަރު މުހައްމަދު ފިރްދައުސެވެ. އެވެ. 1981 ވަނަ އަހަރު އޮޕަރޭޝަންގެ ޚާއްޞަ ފާސް ނަންގަވައިގެން އަނބިކަނބަލުން ޑޮކްޓަރ ނާއިލާ އިބްރާހީމް ދީދީ އާއެކު ވަޑައިގެން ރާއްޖޭގެ ސަރުކާރުގެ ސިއްހީ ޚިދްމަތުގައި ބައިވެރިވެ ވަޑައިގެން މިއަދާ ހަމައަށް ވަނީ ހޮސްޕިޓަލު ހިންގުމާއި އަދި އޮޕަރޭޝަންގެ ޚިދްމަތް ދިނުމުގައި ތިރީހަށްވުރެ ގިނަ އަހަރު ހޭދަ ކުރައްވާފައެވެ. މި ދިގު ޚިދްމަތުގެ އަހަރުތަކުގައި ޑޮކްޓަރ ފިރްދައުސް ވަނީ ރާއްޖޭގެ ކުރެވޭ އޮޕަރޭޝަން ފަރުވާއަށް އިންގްލާބީ ކުރިއެރުމެއް ގެންނަވާފައެވެ. ކުރީގައި ކުރަމުން އަންނަ އޮޕަރޭޝަންތައް އެއަށްވުރެ ފުރިހަމައަށް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިތުރަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ މިނިމަލީ އިންވޭސިވް އޮޕަރޭޝަންވެސް ވަނީ ރާއްޖެއަށް ތައާރަފްކޮށްދީ އަދި ރާއްޖޭގެ އޮޕަރޭޝަން ޑޮކްޓަރުން އެފަދަ ޓެކްނޮލޮޖީ ބޭނުންކުރުމަށް ވަނީ ތަމްރީނުވެސް ކޮށްދީފައެވެ. މިހާރު ރާއްޖޭގައި މި ޚިދުމަތް ދެއްވަމުން ގެންދަވާ ގިނަ ޑޮކްޓަރުންނަކީ ޑޮކްޓަރ ފިރްދައުސްގެ ހިތްމަތާއި މިންނެތް މަސައްކަތުގެ ހެޔޮ މޭވާއެއްކަމުގައި ނޫނީ ނުވާނެއެވެ. ވުމާއެކު ޑޮކްޓަރ ފިރުދައުސް އަޅުގަނޑުމެން ސިފަކުރާނީ ރާއްޖޭގެ މިޒަމާނުގެ އޮޕަރޭޝަންގެ ބައްޕަ ކަމުގައެވެ.
- ރާއްޖޭގައި ދެވޭ މިޒަމާނުގެ އޮޕަރޭޝަން ފަރުވާދިނުމުގައި ހާސިލުވެފައިވާ މުހިއްމުލަނޑުދަނޑިތަކަކީ ކޮބައިބާ؟
އަޅުގަނޑުމެން ކުރިންވެސް އިޝާރަތްކުރިފަދައިން ރާއްޖޭގައި ދެވޭ އޮޕަރޭޝަން ފަރުވާ ފެށުނީ ވަރަށް އާދައިގެ ގޮތެއްގައެވެ. އެއިރު އޮޕަރޭޝަން ކުރާ ކުޑަކުޑަ ކޮޓަރިއެއްގޮތުގައި ހުރި ކުޑަކުޑަ އެއްމެ އޮޕަރޭޝަން ތިއޭޓަރެއް މުޅި ރާއްޖޭގައި ހުރިއިރު އޭގެ 50 ހަކަށް އަހަރު ފަހުން މިއަދުގެ ހާލަތަށް ބަލާއިރު ރާއްޖެވަނީ އެ ރޮގުގައި ވަރަށްބޮޑު ކުރިއެރުމެއް ހާސިލު ކޮށްފައެވެ. އަޖީއެމްއެޗްގައި އޮޕަރޭޝަން ކުރާ މިޒަމާނުގެ ފެންވަރަށް ތައްޔާރުވެފައިވާ 4 ތިއޭޓަރ ހުރިއިރު އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި މެޑިކާ ހޮސްޕިޓަލް އަދި ރާއްޖެތެރޭގައި ހުރި ރީޖަނަލް ހޮސްޕިޓަލާއި އަތޮޅު ހޮސްޕިޓަލުތަކުގައި އޮޕަރެޝަން ފަރުވާ ދިނުމަށްޓަކައި ވަރަށް ފެންވަރު ރަގަޅު އޮޕަރޭޝަން ރޫމްތައް ހެދިފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި މިތަންތަނުން ދިވެހި ރައްޔިތުންދަނީ ޚިދްމަތް ލިބިގަންނަމުންނެވެ.
ހަމައެފަދައިން މި ޚިދްމަތް ދިނުމަށްޓަކައި އޮޕަރޭޝަނަށް ޚާއްޞަ ދިވެހި ޑޮކްޓަރުންވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. އަދި ކުރިން ރާއްޖޭގައި ނުކުރެވޭ ކިތަންމެ އޮޕަރޭޝަނެއް ރާއްޖޭގައި މިހާރު ދަނީ ކާމިޔާބު ކަމާއެކު ކުރަމުންނެވެ.
ސާރޖިކަލް ސަބްސްޕެޝަލިޓީތަކުން މީހުން ތަމްރީނުވެގެން ނިކުމެ އޮޕަރޭޝަންގެ ޚިދްމަތުގެ ދާއިރާ ފުޅާވެގެން ދިއުމަކީ ރާއްޖޭގެ އޮޕަރޭޝަން ފަރުވާ އަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއްކަން ޔަގީނެވެ.
މި ގޮތުން ރާއްޖޭގެ އެންމެ ފުރަތަމަ ކާރޑިއޯ ތޮރަސިކް އެންޑް ވެސްކިއުލަރ ސާރޖަން ތަމްރީނުވެގެން ޚިދްމަތަށް ނިކުތުމަކީ މި ރޮގުގައި ފާހަގަ ކޮށްލަން ޖެހޭ ކަމެކެވެ. އަދި ހަމައެފަދައިން ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން އޮޕަރޭޝަން ޑޮކްޓަރުވެސް ވަނީ 2008 ވަނަ އަހަރު ޚިދްމަތަށް ނިކުންނަވާފައެވެ. އަދި މާދުރު ނޫން މުސްތަގްބަލެއްގައި ދިވެހި ރާއްޖޭގެ އެންމެ ފުރަތަމަ ސިކުޑީގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރުވެސް ޚިދްމަތަށް ނިކުންނާނެކަމުގެ ފޮނި އުއްމީދުތައް އަޅުގަނޑުމެން ކުރާ ވާހަކަ މި ދަންނަވާލަނީ އުފަލާއެކު އެވެ.
އަނިޔާގެ ސަބަބުން ލިބޭ ގެއްލުންތަކާއި އަދި އެނޫންވެސް ސާޖިކަލް އިމަޖެންސީތައް ބަލައި ފަރުވާކުރުމުގައި 24 ގަޑިއިރު އަދި ހަފްތާއަކު 7 ދުވަހު މެދުކެޑުމެއްނެތި ޑިއުޓީތައް ހަދަމުންދާ ޖެނެރަލް ސާރޖަރީ ޓީމެއް ގާއިމުވެފައި އޮތުމާއި އަދި އެކަމަށް ބޭނުންވާ ހޭނެއްތުމާއި އަދި ނާސިން ކެއަރ ޓީމެއް މިހާރު ގާއިމުވެފައި އޮތުމަކީ ގައިމުވެސް މި ރޮގުގައި ލިބިފައިވާ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަދި މި ޓީމުން ރާއްޖެތެރޭގެ ކޮންމެ ހިސާބެއްގައި ހިގާ ސާރޖިކަލް އިމަޖެންސީ ތަކުގައި މަޝްވަރާއާއި އެެއްބާރުލުން ދެމުން ގެންދާކަން އަޅުގަނޑުމެން ފާހަގަ ކުރަނީ އުފަލާއެކު އެވެ.
- މިހާރު:
- ރާއްޖޭގައި ދެވެމުންދާ އޮޕަރޭޝަން ފަރުވާ މިހާރު ދެވެނީ ކިހިނެއް؟
ރާއްޖޭގެ ވަރަށް ގިނަ ހޮސްޕިޓަލުތަކުގައި މިހާރުވަނީ އޮޕަރޭޝަންގެ ޚިދްމަތް ގާއިމު ކުރެވިފައެވެ. އޭގެ ތެރޭގައި އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލް ތަކާއި އަދި މާލޭގައި އައިޖީއެމް ހޮސްޕިޓަލުގެ އިތުރުން އޭޑީކޭ ހޮސްޕިޓަލާއި މެޑިކާ ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލް ހިމެނެއެވެ. މި ހޮސްޕިޓަލްތަކުގައި އޮޕަރޭޝަން ފަރުވާ ދިނުމަށްޓަކައި ތަފާތު ފެންވަރުގެ ޓީމްތައް މަސައްކަތް ކުރަމުން ދެއެވެ. މި ގޮތުން މި ފަރުވާ ދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދިވެސް އަދާކުރާ ހޮސްޕިޓަލަކީ ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމް އެޗް އެވެ. ރާއްޖެތެރޭގެ ރަށްތަކުގައި ނުކުރެވޭ އޮޕަރޭޝަންތައް ކުރުމަށްޓަކައި އިމަރޖެންސީގައި އައިޖިއެމް އެޗަށް ގެންނަ ބަލިމީހުންގެ ނިސްބަތް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ހަމއެފަދައިން ކުރިއާލައި ތައްޔާރުވެގެން ކުރާ އިލެކްޓިވް އޮޕަރޭޝަންގެ ނިސްބަތްވެސް އަހަރަކަށްވުރެ އަހަރެއް ދަނީ އިތުރު ވަމުންނެވެ. ވުމާއެކު 2013 ވަނަ އަހަރު އައިޖީއެމް އެޗް ގައި ފަރުވާ ދީފައިވާ އޮޕަރޭޝަންގެ ޚާއްޞަ ބަލިމީހުންގެ ތަފާސް ހިސާބުތަކަށް ބައްލަވާލެއްވުމުން އޮޕަރޭޝަންގެ ޚިދްމަތް ރާއްޖޭގައި މިވަގުތު ދެވެމުން ދާގޮތް ކޮންމެވެސް ވަރަކަށް އަންދާޒާ ކޮށްލެއްވިދާނެއެވެ.
- އައިޖީ އެމް އެޗް ގައި ސާރޖިކަލް ފަރުވާ ދިނުމުގައި 8 ޖެނެރަލް ސާޖަނުންނާއި 1 ކާޑިއޮތޮރަސިކްސާރޖަން އަދި 1 ޔުރޮލޮޖިސްޓަކު މަސައްކަތް ކުރައްވާ
- މި ޑޮކްޓަރުން 2013 ވަނަ އަހަރު އޯޕީޑީ(އައުޓް ޕޭޝަންޓް ޑިޕާރޓްމެންޓް) ގައި 4133 މީހުން ބަލައި ފަރުވާ ދީފައިވޭ
- އަދި 2208 މީހުން އެޑްމިޓްކޮށްގެން ފަރުވަ ދީފައިވޭ
- އަދި މި ޓީމުން 2055 އޮޕަރޭޝަން 2013 ވަނަ އަހަރު ކޮށްފައިވޭ
- އަދި މިގެ އިތުރުން 1744 އެންޑޮސްކޮޕީ/ކޮލޮނޮސްކޮޕީ ހަދާފައިވޭ
ވުމާއެކު ރާއްޖޭގައި ދެވޭ އޮޕަރޭޝަން ފަރުވާއަކީ ރާއްޖޭގައި ދެވޭ ފަރުވާތަކުގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެ ޚިދްމަތް ހޯދުމަށް އަންނަ ފަރުވާ އެކޭ ދެންނެވިދާނެއެވެ. އަދި މި ފަރުވާ ދިނުމުގައި އޮޕަރޭޝަން ޑޮކްޓަރުނެކޭ އެއްފަދައިނަ ހޭނެއްތުމަށް ޚާއްޞަ ޑޮކްޓަރުންނަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެކެވެ.
- އޮޕަރޭޝަން ފަރުވާ ދިނުމުގައި ބޭނުންވާ ސާމާނާއި އެކަން ކުރާނެ މީހުން އެބަތިބިބާ؟
ދުނިޔޭގެ އެހެނިހެން ގައުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ސިއްހީ ޚިދްމަތް ދަނީ ސްޕެޝަލައިޒްވެ ބްރާންޗް ތަކަކަށް ބަދަލުވަމުންނެވެ. އެންމެ ކުރިން އެމްބީބީއެސް ހަދާފައިވާ ޑޮކްޓަރުން ހުރިހާ ވައްތަރެއްގެ ނުވަތަ ހުރިހާ ސްޕެޝަލިޓީއެއްގެ ފަރުވާ ދެމުން ގެންދިޔައެވެ. އެއިރު މެޑިކަލް ސައިންސް ވަނީ ބައި ބަޔަށް ބައިވެ ފުޅާވުމުގެ މަގުމަތީގައެވެ. މިހާރު އެ އިލްމު ވަނީ ކުދި ކުދި އެތައް ދާއިރާއަކަށް ބެހި ވަރަށް ގިނަ ގޮފިތައް ފަޅާފައެވެ. ވުމާއެކު ސާރޖިކަލް ފަރުވާ ވެސް ވަނީ އެ ގޮތަށް ބައި ބަޔަށް ބެހިފައެވެ. ސިކުޑީގެ އޮޕަރޭޝަންތަކާއި ކަންފަތާއި ނޭފަތާއި ކަރުގެ އޮޕަރެޝަން ތަކާއި ލޮލާއި އަދި ލޮލުގެ އެކި ކަންކަމަށް ޚާއްޞަ ޑޮކްޓަރުން އުފައްދާފައިވާއިރު ހިތާއި ފުއްޕާމޭ އަދި ލޭ ހޮޅިތަކަށްވެސް ޚާއްޞަވެފައިވާ ޑޮކްޓަރުން ތިބެއެވެ. އަދި ހަމައެފަދައިން ފުރަމެއާއި ބަނޑުގެ ވަކި ގުނަވަންތަކަށް ޑޮކްޓަރުން ޚާއްޞަވެފައިވާ އިރު އެކަންކަމަށް ވަކި ވަކި ސްޕެޝަލިސްޓުން އަދިވެސް އަޅުގަނޑުމެންގެ ރާއްޖޭގައި ނެތެވެ. އަދި އަޅުގަނޑުމެންގެ ތެރެއަށް އަނަންމުންދާ ސްޕެޝަލިސްޓުންނަށް ބޭނުންވާ ސެޓްއަޕް އާއި އަދި އޮޕަރޭޝަން ކުރަން ބޭނުންވާ ސާމާނުވެސް ވަނީ ހޯދުމަށް އުދަގޫވެފައެވެ.
ވަކިން ޚާއްޞަކޮށް އެކްސިޑެންޓް ތަކުގައި ބޮލަށް އަނިޔާވާމީހުންނަށް ފަރުވާ ކުރުމަށްޓަކައި ރާއްޖޭގައި ނިއުރޯ ސާޖަރީ ޑޮކްޓަރެއްނެތްކަން އަޅުގަނޑު ފާހަގަކުރަނީ ހިތާމައާއެކުއެވެ. ވުމާއެކު އޮޕަރޭޝަންގެ ފަރުވާ އެންމެ އެކަށޭނަގޮތެއްގައި ދިނުމަށްޓަކައި އަދިވެސް ރާއްޖޭގައި ޚާއްސަ ޑޮކްޓަރުން ނެތެވެ. އަދި އެކަންކަމަށް ބޭނުންވާ އިންފްރަ ސްޓްރަކްޗަރވެސް ގާއިމް ވެފައި ނެތެވެ.
- މިފަރުވާ ދިނުމުގައި މިހާރު ކުރިމަތިވާ ހުރަސްތަކާއި ދަތި ތަކަކީ ކޮބައިބާ؟
ރާއްޖޭގައި އޮޕަރޭޝަން ފަރުވާ ދިނުމުގައި ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ހެލްތް ކެއަރ ސިސްޓަމް ރޭވިފައި އޮންނަގޮތުން ބަލިމީހުންނަށް ދިމާވާ ދަތިތައްވެސް ހިމެނެއެވެ. އޮޕަރޭޝަން ކުރާ ޑޮކްޓަރުންނަށް ދިމާވާ ދަތިތަކުގެ ތެރޭގައި ހިމެނެނީ ކަމަށް ބޭނުންވާ ސަމާނާއި ތަކެތި ލިބުން ދަތިވުމާއި އަދި މިހާރު އޮޕަރޭޝަންތިއޭޓަރ ތަކުގައި ބޭނުންކުރާ އިކުއިޕްމެންޓް ތަކަކީ ވަރަށް ކުރިއްސުރެ ބޭނުންކުރަމުން އަންނަ އެއްޗިއްސަށް ވުމެވެ. އެ ތަކެތި މެއިންޓެނަންސް ކޮށް ބެލެހެއްޓުމަށްޓަކައި ރަގަޅު ބައޮމެޑިކަލް އިންޖިނިއަރުން ތައްޔާރުވެފައި ނެތްކަމީ މިއަދު ދިމާވާ ވަރަށް ބޮޑު ދައްޗެކެވެ.
ކާރޑިއޯ ތޮރަސިކް ނުވަތަ ހިތުގެ އަދި ފުއްޕާމޭގެ އަދި ލޭ ހޮޅިތަކުގެ އޮޕަރޭޝަން ޑޮކްޓަރެއް ތަމްރީންވެގެން އަޅުގަނޑުމެންގެ ތެރެއަށް ވަޑައިގެންނެވިތާ މިހާރު އަހަރަކަށްވުރެ ގިނަވެފައިވާއިރު އެ ޚިދްމަތް ފެށުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އަދިވެސް ވަނީ ބިނާނުކުރެވިއެވެ. އޭގެ ސަބަބުން ވެފައިވާ ޓްރެއިން އާއި އަދި ލިބިފައިވާ ތަޖްރިބާތައް ބޭނުންނުކުރެވި ހުންނަން ޖެހުމަކީ ވަރަށް ދެރަކަމެކެވެ.
އައިޖީއެމްއެޗަކީ ރާއްޖޭގައި ހުރި އެއްމެ ބޮޑު ހޮސްޕިޓަލަށްވުމާއެކު އެތަން ވެފައިވަނީ ވަރަށް ގިނަ މީހުން ފަރުވާ ހޯދުމަށް ދާ ތަނަކަށެވެ. ވުމާއެކު ޖާގައިގެ ދަތިކަންވަނީ ވަރަށްބޮޑަށް އިހުސާސް ކުރަންޖެހިފައެވެ. އޮޕަރޭޝަން ކުރުމަށް އެޑްމިޓްވާންޖެހޭ ބަލިމީހުންނަށް އެޑްމިޓްވާނެ ޖާގަ ނުލިބުމުގެ ސަބަބުން އޮޕަރޭޝަންތައް ލަސްވުމަކީ ޑޮކްޓަރުންގެ އިތުރުން މި ފަރުވާ ހޯދުމަށް އަންނަ މީހުންނަށްވެސް ލިބޭ ވަރަށްބޮޑު ނުތަނަވަސް ކަމެކެވެ.
ސާޖިކަލް ފަރުވާގައި ހިމެނޭ ބައެއް ޓެސްޓްތައް ރާއްޖޭގައި ހެދެން ނެތުމަކީ އޮޕަރޭޝަން ފަރުވާ ކުރިއަށް ގެންދިއުމުގައި ވަރަށްބޮޑު ދަތިކަމަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ފުރަމެއާއި އެއާއި ގުޅިފައިހުންނަ ހޮޅިތައް ބެލުަށްޓަކައި ހަދާ އީއާރުސީޕީ ފަދަ ޓެސްޓް ތައް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ބަލިމީހުން ފޮނުވަން ޖެހެއެވެ. ހަމައެފަދައިން ކެންސަރުގެ ފަރުވާގައި ދެވޭ އޮޕަރޭޝަން ފަރުވާ ދިނުމުގައި ލެބޯޓެރީގައި ހަދަންޖެހޭ ޓެސްޓް ތައް ހެދެން ނެތުމަކީ އެކަމަށްޓަކައި ބަލިމީހާ އެހެން ގައުމަކަށް ފޮނުވަން ޖެހޭ ކަމެކެވެ. ވުމާއެކު މިފަދަ ބައެއް ކަންތައްތަކަކީ އޮޕަރޭޝަން ފަރުވާ ކުރިއަށް ގެންދިއުމުގައި ދިމާވާ ވަރަށްބޮޑު ދަތިތަކެވެ.
އަބަދުވެސް ކުރިއަރަމުން އިލްމާއި ހުނަރު ފުޅާވަމުން އަންނަ އޮޕަރޭޝަން ފީލްޑަކީ އެމަސައްކަތުގައި އުޅޭ ޑޮކްޓަރުން އެމީހުންގެ ތަމްރީނާއި ހުނަރު އަބަދުވެސް ތާޒާކުރަން ޖެހޭ ބައެކެވެ. އަދި އެެއީ ޓްރެއިނިން ޕްރޮގްރާމް ތަކާއި ބައިނަލްއަގުވާމީ ކޮންފަރެންސް ތަކުގައި ބައިވެރިވެގެން ލިބޭނެ ތަޖްރިބާ ތަކަކަށް ވާއިރު އޮޕަރޭޝަންކުރާ ޑޮކްޓަރުންނަށް އެމީހުން މަސައްކަތްކުރާ ތަންތަނުން އެ ފުރްޞަތު ލިބެން ނޯންނަކަން މި ތަނުގައި އަޅުގަނޑުމެން ފާހަގަކޮށްލަމެވެ. މި ފުރްޞަތު އަމިއްލައަށް ހޯދުމުންވެސް އެއަށް ފަންޑިން ދޭނެ ފަރާތެއްވެސް ނުވުމަކީ މި ފަދަ މުހިއްމު މަސައްކަތެއް ކުރާބަޔަކަށް ލިބޭ ވަރަށް ބޮޑު ހީނަރު ކަމެކެވެ.
މިއަދު ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ޑޮކްޓަރުންނަށްވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދިވެހިންގެ ތެރެއިން މަދުނޫން ބަޔަކު ރާއްޖޭގައި ދެވޭ ސިއްހީ ފަރުވާއަށް އިތުބާރު ނުކުރުމުގެ މައްސަލައެވެ. ވަކިން ޚާއްޞަކޮށް އެއީ ސާޖަރީ ކަހަލަ ރިސްކު އެކުލެވޭ ފަރުވާއެއްކަމަށްވާނަމަ އެކަން އަދި މާބޮޑުވާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ނަމަވެސް މި މައްސަލައަކީ ހަމައެކަނި ޑޮކްޓަރުންގެ މައްސަލައަކަށްވުމުގެ އިތުރަށް ގައުމީ މައްސަލައެެކެވެ. ހެލްތް ކެއަރ ސިސްޓަމްގައި ހުރި މައްސަލަތަކުގެ ތެރެއިން ޑޮކްޓަރުން އޭގައި ޒިއްމާ އުފުލަން ޖެހޭ މައްސަލަތައް ގިނައެއް ނޫނެވެ. ޚިދްމަތް ލިބިގަންނަން އަންނަ މީހާއަށް އުފުލަން ޖެހޭ ތަކްލީފް ތަކަކީ މީގެ ތެރެއިން ވަރަށް ބޮޑު ހިއްސާއެއް އުފުލާ ކަމެވެ. ނަމަވެސް އެ ތަކްލީފް އުފުލަން ޖެހެނީ ސިސްޓަމް ރޭވިފައިވާ ގޮތުން ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ވުމާއެކު މުޅި ސިއްހީ ސިސްޓަމަށް އިތުބާރު އުފެދުމަކީ އޮޕަރޭޝަން ފަރުވާ ކުރިއަށް ގެންދިއުމުގައި ފަސޭހަތަކެއް ވެގެންދާނެ ކަމެކެވެ.
- މުސްތަގްބަލް:
- ދިވެހިރާއްޖޭގައިދެވޭ ސާރޖިކަލް ފަރުވާ ދިނުމުގައި އަޅުގަނޑުމެންގެ އުއްމީދުތަކާއި ހާސިލުކުރަން ބޭނުންވާ މަގްޞަދު ތަކަކީ ކޮބާ؟
އަޅުގަނޑުމެންގެ އުއްމީދަކީ ދިވެހިރާއްޖޭގައި އޮޕަރޭޝަން ފަރުވާ ލިބެންޖެހޭ ހުރިހާ އެންމެންނަށް އުދަގުލެއްނެތި އެ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމެވެ. ޚިދްމަތް ހޯދުމަށް އަންނަ ރައްޔިތުންނަށް ފަސޭހަ ކަމާއެކު ލިބިގަނެވޭފަދަ ޚިދްމަތަކަށް އޮޕަރޭޝަން ފަރުވާ ވެގެން ދިއުމެވެ.
އަދި ހަމައެއާއެކު އޮޕަރޭޝަނެއް ކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ނުގޮސް އަމިއްލަ އާއިލާ ތިމާގެ މީހުން ކައިރީގައި ތިބެގެން އަމިއްލަ ގައުމުގައި ލިބޭ ފެންވަރު ރަގަޅު އަދި އިތުބާރު ކުރެވޭ ފަރުވާއަކަށް މި ފަރުވާ ވެގެން ދިއުންވެސް މެއެވެ. މި ފަދަ ފަރުވާ އަކަށް އޮޕަރޭޝަން ފަރުވާ ވެގެންދާނީ ވަރަށް ގިނަ ދާއިރާތަކުން ކުރިއެރުންތައް ހޯދައިގެންކަން ޔަގީނެވެ. އޭގެ ތެރޭގައި މި ކަމަށް ބޭނުންވާ ރަގަޅު އިންފްރާ ސްޓްރަކްޗަރ ބިނާކުރުމާއި ބޭނުންވާ ސާމާނާއި ތަކެތި ލިބެން ހުރުމާއި، އަލަށް ތައާރަފް ވާ ޓެކްނޮލޮޖީ ބަލައިގަތުމާއެކު ޑޮކްޓަރުން އެއަށް އަހުލުވެރި ކުރުމުގެ ތަމްރީނުތައްވެސް ބޭއްވިގެންނެވެ.
ހަމައެފަދައިން އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ ރާއްޖެއިން ބޭރުންވެސް ބަލިމީހުން ސާރޖިކަލް ފަރުވާ ހޯދުމަށްޓަކައި ރާއްޖެއަށް ދަތުރުކޮށްފައި އަންނަ ދުވަހެއް އައުމެވެ. އަދި ދިވެހި ބަލިމީހުން އެ ފަރުވާއަކަށް ވަރަށްބޮޑަށް އިތުބާރުކުރާ އަދި އެހެން ފަރާތަކުން އެފަދަ ފަރުވާއެއް ބޭނުންވެސް ނުވާނެވަރުގެ އިތުބާރެއް މި ފަރުވާ އާއިމެދު އުފެއްދުމެވެ.
އަޅުގަނޑުމެން އުއްމީދު ކުރަނީ ރާއްޖޭގައި ދެވޭ އޮޕަރޭޝަން ފަރުވާއާއި އަދި އެހެނިހެން ފަރުވާއާއި ބެހޭ ރީސާޗްތައް ރާއްޖޭގައި ހަދައި ރާއްޖޭގެ ބަލިތަކާއި އަދި އެކަންކަމާއި ގުޅިފައިހުރި މައްސަލަތައް ދެނެގަނެވި ރާއްޖެގެ ބަލިމީހުންނަށް ފަރުމާކުރިވިފައިވާ ފަރުވާތަކެއް ރާއްޖޭގައި ދެވެން ފެށޭނެ ދުވަހަކަށެވެ.
- ރާއްޖޭގައިދެވޭ އޮޕަރޭޝަންފަރުވާގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާރޖަންސްގެ ދައުރަކީ ކޮބާ؟
މިރޭ އަޅުގަނޑުމެން މި އިފްތިތާހު ކުރާ މޯލްޑިވްސް އެސޯ ސިއޭޝަން އޮފް ސާޖަންސް އަކީ ވަރަށް މަތިވެރި މަގްޞަދެއްގައި އުފެދިގެންދާ އެސޯސިއޭޝަނެކެވެ. ރާއްޖޭގައި މަސައްކަތްކުރާ އޮޕަރޭޝަންގެ ޚާއްޞަޑޮކްޓަރުންނަށާއި އަދި އާއްމު ރައްޔިތުންނަށް ޚިދްމަތްތަކެއް ފޯރުކޮށްދީ އަދި އޮޕަރޭޝަންގެ ޚިދްމަތް ފުޅާކޮށް ތަރައްގީކުރުމުގެ މަގްޞަދުގައި އުފެދިގެންދާ މި އެސޯސިއޭޝަނަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް ވަރަށްގިނަ މަސައްކަތްތަކެއް މި ރޮގުގައި އަދާކުރެވިދާނެ އެސޯސިއޭޝަނެކެވެ.
މަގްޞަދުތައް:
އެސޯސިއޭޝަން އުފެއްދުމުގެ ބޭނުމަކީ ދިވެހިރާއްޖޭގައި އާއްމުންނަށްދެވޭ ސާޖިކަލް ފަރުވާގެ ފެންވަރު ރަގަޅުކުރުމާއި، ސާޖިކަލް ބަލިތަކާއި ބެހޭ ސުޕަސްޕެޝިއަލިޓީތަކުގެ ޚިދްމަތް ފުޅާކުރުމަށް މަސައްކަތްކުރުމާއި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ސާޖިކަލް ޑޮކްޓަރުންގެ މެދުގައި ޕްރޮފެޝަނިލިޒަމް ނަގަހައްޓައި ކުރިއެރުވުމާއި މިދާއިރާގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި ގުޅުން ބަދަހި ކުރުމެވެ.
ލޯގޯ:
ސާޖަންސް ފިޝްގެ ބައެއް:
ސާޖަންސްފިޝް އަކީ ރާއްޖޭގެ ފަރުތަކުގައި ވަރަށްގިނައިން އުޅޭ އަދި މި އެސޯސިއޭޝަންގެ ނަމަށް ނިސްބަތްވާ މަހެކެވެ. މި އެސޯސިއޭޝަންގެ ރަމްޒެއްގެ ގޮތުގައި މި މަސް އިޚުތިޔާރުކޮށްފައިވަނީ ރާއްޖޭގެ ތިމާވެށްޓާއި މި އެސޯސިއޭޝަންގެ މަސައްކަތާއި ހުރި ގުޅުން ރަމްޒުކޮށްދިނުމުގެގޮތުންނެވެ.
ސްކަލްޕެލް:
އޮޕަރޭޝަން ކުރުމުގައި އެންމެ ގިނައިން ބޭނުންކުރެވޭ އާލަތްތަކުގެ ތެރޭގައި ސާޖިކަލްބްލޭޑް އަދި އެ ތިލަ ލައްވާފައި އޮންނަ ހޭންޑްލް ހިމެނެއެވެ. މިއިން ރަމްޒުކޮށްދެނީ މި އެސޯސިއޭޝަންއަކީ އޮޕަރޭޝަންކުރާ ޑޮކްޓަރުންނަށް ޚާއްޞަ އެސޯސިއޭޝަނެއްކަމެވެ.
- މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާރޖަންސްގެ ހަރަކާތްތަކާއި ޚިދްމަތްތައް ބިނާވެފައިވާ ގޮތަކީ ކޮބާ؟
އެސޯސިއޭޝަންގެ މަގުސަދުތައް ހާސިލު ކުރުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި މި އެސޯސިއޭޝަން ހަރަކާތްތެރިވާނެއެވެ.
– ސިއްހީ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކާއި ޖަމްއިއްޔާތަކާއި ޖަމާއަތްތަކަށް މި އެސޯސިއޭޝަންގެ މަގްސަދުތަކުގައި ބަޔާންކޮށްފައިވާ ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން.
– ދިވެހި ސާޖަރީ ޑޮކްޓަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށްޓަކައި ހަރަކާތްތައް ރާވައި ހިންގުން.
– ރާއްޖޭގެ ސާޖިކަލް ފަރުވާގެ ދާއިރާގައި ހުރި އެކިއެކި މައްސަލަތަކާއި އެ ދާއިރާއަށް ބޭނުންތެރި މުހިއްމު ކަންތައްތަކާމެދު ވާހަކަދައްކާނެ ފޯރަމެއް ގާއިމުކުރުން.
– ދުނިޔޭގެ ގައުމުތަކުގެ މިފަދަ ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި ގުޅުން ބަދަހިކުރުން.
– ރާއްޖޭގެ ސާޖިކަލް ބަލިތަކާއިބެހޭ ދިރާސާތައްކުރުމާއި އަދި މިފަދަ ހަރަކާތްތައް ރާވައި ހިންގުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
– ޑޮކްޓަރުންނާއި ނަރުހުން އަދި ސާޖިކަލް ދާއިރާއަށް ބޭނުންވާ މި ނޫންވެސް ފަންނީ މީހުންނަށް ބޭނުންވާ ތަމްރީނާއި ތައުލީމު ދިނުމުގެ ހަރަކާތްތައް ރާވައި ހިންގުން.
– ދިވެހި ސާޖިކަލް ޑޮކްޓަރުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާ ކުރުމަށް މަސައްކަތްކުރުން.
– މި އެސޯސިއޭޝަންގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށްޓަކައި ފޯރަމެއް ގާއިމުކުރުން.
– ރާއްޖޭގައި ސާޖިކަލް ފަރުވާގެ ދާއިރާއަށް ނިސްބަތްވާ ހުރިހާ ފަރާތްތަކުގެ އެކުވެރިކަމާއި ގުޅުން ބަދަހިކުރުމަށް މަގުފަހިވާނެ ފޯރަމެއް ގާއިމުކުރުން.
– އެސޯސިއޭޝަންގެ މަގުސަދުތައް ހާސިލުކުރުމަށް މަގުފަހިކޮށްދޭނެ ހުރިހާ މަސައްކަތެއް ކުރުން.
އަޅުގަނޑުމެންގެ އެދުމަކީ މި އެސޯސިއޭޝަނަކީ ރާއްޖޭގެ އޮޕަރޭޝަން ފަރުވާއަށް ރަގަޅު ބަދަލުތަކެއް ގެންނާނެ ޖަމިއްޔާއަކަށް ވެގެން ދިއުމެވެ. އަދި މި ކަމުގައި ތިޔަ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެކުގައި މަސައްކަތްކުރުމުގެ ޝަރަފު އަޅުގަނޑުމެންނަށް ދެއްވާނެ ކަމަށް ހީކުރަމެވެ. އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރަމާ އަންނާށެވެ.
ނިންމާލުމުގެ ކުރިން މި ޕްރެޒެންޓޭޝަން ތައްޔާރު ކުރުމުގައި އެހީތެރި ވެދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރުވެރިވަމެވެ. ވަކިން ޚާއްޞަކޮށް އަލްފާޟިލް މުހައްމަދު އިސްމާއީލް ފުޅާއި، އަލްފާޟިލް ފަހުދު އަދި އެނޫންވެސް އެކި ގޮތްގޮތުން އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް އެސޯސިއޭޝަންގެ ނަމުގައި ވަރަށް އިޚުލާސްތެރި ޝުކުރެއް ރައްދު ކުރަމެވެ.