
- ތަޢާރަފާއި މާނަ އަދި މިކަން ދިމާވާ މިންވަރު:
ޓީޝާރޓް ލައިގެން ސްކޫލްގެ އެކްޓިވިޓީތަކުގައި އުޅެން ޖެހިލުންވެ ލަދުވެތިކަމާއެކު އެކަހެރިވެ އެހެން ކުދިންނާ ވަކިން ސްކޫލްގައި އުޅެންޖެހުމަކީ ވަރަށް ހިތްދަތި ކަމެކެވެ. މިއީ ފުރާވަރަށް އަރަމުން އަންނަ ފިރިހެން ކުދިންނަށް ދިމާވާ ވަރަށް ސީރިއަސް މައްސަލައެކެވެ. އެއީ އެކުދިންގެ އުރަމަތި ބޮޑުވެ ފުއްޕާލުމުގެ ސަބަބުން ކުރިމަތިލާން ޖެހޭ އުދަގޫތަކެވެ. މިކަމުގެ ސަބަބުން ވަރަށްގިނަފަހަރު ސްކޫލްތެރެއިން ގަނާކުރުމާއި ފުރައްސާރަ އާ ކުރިމަތިވުމުގެ ނަތީޖާއެއްގެ ގޮތުން ފިރިހެން ކުދިންނަށް ނަފްސާނީ، އިޖްތިމާއީ ގެއްލުންވުމުގެ އިތުރަށް މުޅި މުސްތަގްބަލަށް ގެއްލުން ދެނިވި އަސަރު ކުރާ ކަމަކަށް ވެދެއެވެ.
ގައިނެކޮމަސްޓިއާއަކީ ފިރިހެނުންގެ އުރަމަތި ނުވަތަ މެމަރީ ގްލޭންޑްގެ ޓިޝޫ އާދަޔާ ޚިލާފަށް އިތުރުވެ، ބޮޑުވުމެވެ. މިއީ ހަގީގަތުގައި ވައްގަޑާއި އޭގެ ވަށައިގެންވާ އޭރިއާ ނުވަތަ (އެރިއޯލާ-ނިޕްލް ކޮމްޕްލެކްސް) ގެ ވަށައިގެން ވާ ގްލޭންޑިއުލަރ ޓިޝޫ ބޮޑުވެ ފުއްޕާލުމެވެ. މިކަން އަންހެނުންގެ އުރަމަތި ބޮޑުވުމާ ހުރި ތަފާތަކީ ފިރިހެނުންގެ އުރަމަތީގައި، އަންހެން ހޯމޯންގެ މަސައްކަތާއެކު އުފެދޭ ކިރު އުފައްދާ ގްލޭންޑްތައް ނުއުފެދުމެވެ. ސޫޑޯ-ގައިނެކޮމަސްޓިއާއަކީ ފިރިހެނުންގެ އުރަމަތީގެ ޓިޝޫ ނުހިމެނޭ ދުޅައުފެދުމެވެ. މީގައި ހިމެނެނީ ހަމައެކަނި ސަރުބިފަށަލަ ތަކެކެވެ.
ކުދިން އުފަންވާއިރު އުރަމަތި ބޮޑުކޮށް ހުރުމަކީވެސް ގައިނެކޮމަސްޓިއާ ގެ ވައްތަރެއްކަމަށް ބެލެވެއެވެ. މީގެ ސަބަބަކީ ކުއްޖާ ރަހިމުތެރޭގައި އޮންނައިރު މަންމަގެ ލޭ ދައުރުކުރާ ނިޒާމާއި ގުޅިފައިހުންނާތީވެ މަންމަގެ ލޭގެ ތެރޭގައި ދައުރުކުރާ އަންހެން ހޯމޯން (އެސްޓްރޯޖެން) ގެ އަސަރު ތުއްތު ކުއްޖާގެ އުރަމަތީގެ ޓިޝޫ ތަކަށް ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެތަން ބޮޑުވުމެވެ. މިއަށް (ނެއޮނޭޓަލް ބްރެސްޓް ހައިޕަޓްރޮފީ) އޭ ކިޔައެވެ. ނަމަވެސް ކުއްޖާ އުފަންވުމާއެކު ވަރަށް އަވަހަށް މީގެ އަސަރު ފިލައިގޮސް އުރަމަތި އޭގެ އަސްލު ސައިޒަށް ތިރިވެއެވެ.

ބާލިޣުވުމުގެ މަރުޙަލާގައި ބައެއް ފިރިހެން ކުދިންގެ އުރަމަތި ބޮޑުވުމަށް ފިސިއޮލޮޖިކަލް ގައިނެކޮމަސްޓިއާއޭ ކިޔައެވެ. ބާލިޣުވާ އުމުރަކީވެސް ފިރިހެން ކުދިން ގެ ހޯމޯން ލެވެލްތަކަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނަ މަރުހަލާއެކެވެ. ނަމަވެސް އުރަމައްޗަށް އަންނަ މިބަދަލުގެ ހަގީގީ ސަބަބު އަދި ކަށަވަރުކޮށް ދެނެގަނެވިފައި ނުވެއެވެ. ދިރާސާތަކުން ހަމަވާގޮތުގައި 10-16 އަހަރާ ދެމެދުގެ ފިރިހެން ކުދިންގެ ތެރެއިން 35 އިންސައްތަ ކުދިންނަށް ގައިނެކޮމަސްޓިއާގެ މައްސަލަ ދިމާވެއެވެ. 14 އަހަރުގައި މިއަދަދު 65 އިންސައްތައަށް އަރައެވެ. އަދި 16 އަހަރުގައި 15 އިންސައްތައަށް ދަށްވެއެވެ. ދިރާސާވެރިން ބަޔާންކޮށްފައިވާ ގޮތުން، ޒުވާން ފިރިހެން ކުދިންގެ ތެރެއިން 4 އިންސައްތައާއި 69 އިންސައްތައިގެ ޒުވާނުންނަށް މިކަން ދިމާވެއެވެ. އާންމު ގޮތެއްގައި މިކަން ދިމާވަނީ 12 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރައިގައެވެ. ބާލިޣުވާ އުމުރުފުރާގައި ދިމާވާ ގައިނެކޮމަސްޓިއާގެ 75 – 90 އިންސައްތަ އަކީ އެއްވެސް ފަރުވާއެއް ނުކުރިކަމުގައިވިއަސް އަމިއްލައަށް ރަގަޅުވާ ހާލަތެއްކަމަށް ދިރާސާތަކުން ހާމަވެއެވެ. އެއީ 1 އަހަރާއި 3 އަހަރާއި ދެމެދުގެ މުއްދަތެއްގައެވެ. ވުމާއެކު މި މަރުހަލާގައި އުރަމަތި ބޮޑުވާ ކުދިން ގެ ތެރެއިން އުމުރުން 17 އަހަރުވާއިރު އެކަން ރަގަޅު ނުވަނީ އެންމެ 10 އިން ސައްތަ ކުދިންގެއެވެ.
ފިރިހެނުންގެ އުމުރު މައްޗަށް ދިއުމަކީވެސް ހަށިގަނޑުގެ ތެރޭގައި ދައުރުކުރާ ހޯމޯންގެ ލެވެލް އަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނަ ކަމެކެވެ. ވުމާއެކު ދޮށީ އުމުރުގެ ފިރިހެނުންގެވެސް އުރަމަތި ފުއްޕާލުމަކީ ފާހަގަ ކުރެވިފައިވާ ކަމެކެވެ. އުމުރުން 50 އަހަރާއި 80 އަހަރާ ދެމެދުގެ ފިރިހެނުންގެ ތެރެއިން 24 އިންސައްތައިން 65 އިންސައްތަ މީހުންނަށް ގައިނެކޮމަސްޓިއާ ޖެހޭ ކަން ދިރާސާތަކުން ހާމަވެއެވެ.
- ބަލީގެ ޝަކުވާތަކާއި އަލާމާތްތައް:
ގައިނެކޮމަސްޓިއާގެ ބަލިމީހުންގެ ޝަކުވާ އަކަށްވާނީ އުރަމަތި އައިބުވާ ވަރަށް ފުއްޕާފައި ހުރުމެވެ. ނަމަވެސް މެޑިކަލް މިންގަޑަކުން ވަޒަން ކުރާނަމަ އެރިއޯލާ-ނިޕްލް ކޮމްޕްލެކްސްގެ ދަށުގައިވާ ގްލޭންޑިއުލަރ ޓިޝޫގެ ބޮޑުމިން 0.5 ސެންޓިމީޓަރަށްވުރެ (0.2 އިންޗި) ބޮޑުވުމުން ނުނީ ގައިނެކޮމަސްޓިއާ ކަމަށް ނުބެލެވެއެވެ. ވުމާއެކު ގައިނެކޮމަސްޓިއާގެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
- އުރަމަތީގެ ވަށްގަޑު ދަށުގައި ދުޅައެއް ފާހަގަ ކުރެވުން.
- އުރަމަތީގައި އަތްޖައްސާލިއަސް ރިއްސުން.
- ދުޅަފާޅުވުމުގެ ކުރީކޮޅު މޭމައްޗަށް ތަދުވުން
- ހެދުން ޖެހުނަސް ނުވަތަ ވައި އެޅުނަސް އުރަމައްޗަށް ތަދުވަން ފެށުން.
- އުރަމައްޗާއި ވައްގަޑު ދުޅަވެ ރަތްވުން.
- ބައެއް ޙާލަތްތަކުގައި އެއް އުރަމަތިން ނުވަތަ ދެ ފަރާތުންވެސް ދިޔައެއް އައުން (ނިޕްލް ޑިސްޗާޖް).
- ބައެއްފަހަރު ގައިނެކޮމަސްޓިއާ އެއް އުރަމައްޗަށްވެސް ޖެހިދާނެއެވެ. ނަމަވެސް އާއްމުގޮތެއްގައި ފެންނަނީ ދެފަރާތަށް ވެސް ޖެހިފައިވާ ހާލަތްތަކެވެ. އަދި ބައެއްފަހަރު ދުޅަވާ މިންވަރުގައިވެސް ދެފަރާތުގެ މެދުގައި ތަފާތެއް ފާހަގަ ކުރެވިދާނެއެވެ.
ގައިނެކޮމަސްޓިއާ އާއި ސޫޑޯގައިނެކޮމަސްޓިއާ ވަކިކުރުމަކީ މުހިންމު ކަމެކެވެ. ސޫޑޯގައިނެކޮމަސްޓިއާގެ ސިފައަކީ ގްލޭންޑިއުލަރ ޓިޝޫގެ ވަކި ދުޅައެއް (ވައްގަޑުގެ ދަށުގައި ދުޅައެއް) ނެތި އުރަމަތި ފުއްޕާލުމެވެ. އަތްލާއިރު، ސޫޑޯގައިނެކޮމަސްޓިއާ އިޙްސާސްވަނީ ކައިރީގައި ހުންނަ އެޑިޕޯސް ޓިޝޫ ކަހަލަ (ސަރުބި ފަށަލައެއް) ފަދައިންނެވެ.
ޑޮކްޓަރަކަށް ދެއްކުން: މި މައްސަލަ ދިމާވަނީ ގިނަފަހަރަށް ފުރާވަރަށް އަރަމުން އަންނަ ކުދިންނަށް ކަމަށް ވުމާއެކު މިކަހަލަ މައްސަލައެއް ދިމާވުމުން އެކަން މައިންބަފައިންނަށް އަންގައި ހިއްސާކުރުމަކީ ވަރަށް ގިނަ ކުދިންނަށް އުދަގޫކަމެކެވެ. ވުމާއެކު އެ ކުދިންގެ ދިރިއުޅުމަށް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރަން ވާނީ މައިބަފައިންނެވެ. ނުވަތަ ބެލެނިވެރިންނެވެ. އަންނަނިވި ކަންކަން ކުއްޖާގެ ކިބައިން ފާހަގަ ކުރެވޭނަމަ ޞިއްޙީ ފަރުވާދޭ ފަރާތަކަށް ދައްކަންވާނެއެވެ:

- އުރަމަތި ދުޅަވެ ފުއްޕާލާފައި ހުންނަކަން ފާހަގަ ކުރެވުން
- މޭމަތި އަދި އުރަމަތީގައި ރިއްސާކަން ފާހަގަ ކުރެވުން
- އެއް އުރަމަތި ނުވަތަ ދެފަރާތުގެ ވައްގަޑުން ދިޔައެއް އައުން (ނިޕްލް ޑިސްޗާޖް)
- އުރަމަތީގައި ހަރުކޮށް އޮންނަ ގަނޑެއްލުން
- އުރަމަތީގެ ހަންގަނޑު ރޫޖެހިފައި ނުވަތަ ވަޅުޖެހިފައި ހުރުން
- ޓެސްޓްތައް ހެދުމާއި ބަލި ދެނެގަތުން:
ގައިނެކޮމަސްޓިއާ ދެނެގަތުމަށް އާންމުކޮށް ބޭނުންވަނީ ފުރިހަމަ ބަލި ހާލަތުގެ ތާރީޚަކާއި ޖިސްމާނީ ޗެކަޕެކެވެ.
ބަލި ހާލަތުގެ ތާރީޚު: މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
- އުރަމަތި ބޮޑުވެފައިވާ މިންވަރު، ފެށުނު ވަގުތު އަދި މުއްދަތު
- ބާލިޣުވުމުގެ މަރުޙަލާ އަދި އުމުރު
- ވޭން ނުވަތަ ރިއްސުން ފަދަ ގުޅުންހުރި އަލާމާތްތައް
- އެންޑޮކްރައިން ނުވަތަ ހޯމޯންތަކުގެ ބަލިތަކުގެ އަލާމާތްތައް ހުރިތޯ ބެލުން
- ޢާއިލާގެ ތެރޭގައި ގައިނެކޮމަސްޓިއާ ނުވަތަ ގުޅުންހުރި އެހެންބަލިތައް ހުރިތޯބެލުން
- ބޭސް ބޭނުންކުރުން، އޭގެ ތެރޭގައި ބޭސްސިޓީއަކާ ނުލައި ކައުންޓަރުން ލިބޭ ބޭސް، މެރުއާނާ ފަދަ މަސްތުވާތަކެތި، ކާނާގެ ސަޕްލިމެންޓްތައް އަދި ފަތްޕިލާވެލީގެ ނުވަތަ ހާބަލް ބޭސްތައް ހިމެނެއެވެ.
- ގައިނެކޮމަސްޓިއާގެ ސަބަބުން ނަފްސާނީ އަދި އިޖްތިމާޢީ ގޮތުން ކުރާ އަސަރުތައް ވަޒަންކުރުން. އާއިލާގެ މާހައުލުގައި ނުވަތަ ސްކޫލް އަދި ޔުނިވަރސިޓީ މާހައުލުގައި ކުއްޖާއަށް ލިބޭ ނަފްސާނީ އަސަރުތައް ދެނެގަތުމަކީ ބަލީގެ ހިސްޓްރީ ނެގުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމެވެ.
ޖިސްމާނީ ޗެކަޕް: ކުއްޖާގެ އުރަމަތި ޗެކްކުރުމުން ގައިނެކޮމަސްޓިއާ، ސޫޑޯގައިނެކޮމަސްޓިއާ އަދި އުރަމަތި ބޮޑުވުމުގެ އެހެނިހެން ސަބަބުތައް ދެނެގަތުމުގައި އެހީތެރިވެދޭނެއެވެ. ޗެކަޕްގައި ހިމެނެނީ:
- އެރިއޯލާގެ ނުވަތަ ވައްގަޑުގެ ވަށައިގެން ހުންނަ އުރަމަތީގެ ޓިޝޫ ދެނެގަތުމަށް އުރަމަތީގައި އަތްލައިގެން ބެލުން.
- އުމުރާގުޅިގެން އަންނަންޖެހޭ ޖިންސީ ބަދަލުތައް އައިސްފައި ހުރި މިންވަރު ދެނެގަތުމަށްޓަކައި ޓެސްޓިސް ގެ ސައިޒާއި އަދި އޮންނަންޖެހޭ ތަނުގައި އޮތްތޯ ޗެކްކުރަން ޖެހޭނެއެވެ. މީގެ އިތުރުން ޖިންސީގޮތުން ބާލިޣުވާ އުމުރުގައި ހުންނަން ޖެހޭ އެހެނިހެން ކަންތައްތަކުގެ ތެރޭގައި ހިމެނޭ އިސްތަށި ފެޅުމާއި ތުބުޅިފެޅުންފަދަ ކަންތައްތައްވެސް ބަލަން ޖެހެއެވެ.
- އެހެނިހެން ބަލިތަކުގެ އަލާމާތްތައް ހުރިތޯ ބެލުން، މިސާލަކަށް އާދަޔާ ޚިލާފު ނުވަތަ ފުރިހަމަވެފައި ނުވާ ޖިންސީ ގުނަވަންތައް، ތައިރޮއިޑް ހޯމޯން މައްސަލަތައް، ފުރަމޭ ނުވަތަ ކިޑްނީގެ ބަލިތައް އަދި ކެންސަރު ފަދަ ބަލިތައް ހިމެނެއެވެ.
ލެބޯޓަރީ އަދި އިމޭޖިންގ ޓެސްޓްތައް: އާންމުކޮށް ބާލިޣުވުމުގެ މަރުޙަލާގައި ޖެހޭ ގައިނެކޮމަސްޓިއާއަށް ލެބޯޓަރީ ޓެސްޓްތަކެއް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް، އަންނަނިވި ޙާލަތްތަކުގައި މި ޓެސްޓްތައް ކުރަން ޖެހިދާނެއެވެ:
- ބާލިޣުވުމުގެ ކުރިން ޖެހޭ ގައިނެކޮމަސްޓިއާ
- އާދަޔާ ޚިލާފު ސިފަތަކާއެކު ޖެހޭ ގައިނެކޮމަސްޓިއާ، މިސާލަކަށް އުރަމަތީގައި އުފެދިފައިވާ ގަނޑު މާއަވަހަށް ބޮޑުވުން (4 ސެންޓިމީޓަރަށްވުރެ ބޮޑުވުން)، މާ އަވަހަށް ޖިންސީ ގޮތުން ފިރިހެންވަންތަ ސިފަތައް ފާޅުވެ އުމުރާ ނުގުޅޭ ބަދަލުތައް އައުން، ނުވަތަ 2 އަހަރަށްވުރެ ގިނަ ދުވަހު ގަނޑުލާފައި ހުރުމާއި، 17 އަހަރަށްވުރެ މައްޗަށް ދިއުމުންވެސް ފިލައިގެން ނުގޮސްހުންނަ ގައިނެކޮމަސްޓިއާ.
- ބަލި ހާލަތުގެ ތާރީޚުން ނުވަތަ ޖިސްމާނީ ޗެކަޕުން ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ޓެސްޓް ހަދަންޖެހޭފަދަ ބަލިހާލަތްތަކެއް ފާހަގަކުރެވުން.
ލެބޯޓަރީ ޓެސްޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ހަދާނެ ހޯމޯން ޓެސްޓް ތަކަކީ:
- ސީރަމް ހިއުމަން ކޯރިއޮނިކް ގޮނާޑޯޓްރޮފިން ( hCG)
- އެސްޓްރަޑިއޯލް،
- ޓެސްޓޮސްޓެރޯން،
- ލިއުޓެނައިޒިން ހޯމޯން ( LH)
- ޑައިހައިޑްރޮ އެޕި އެންޑްރޮސްޓީރޮން ސަލްފޭޓް DHEAS އެވެ.
އިތުރު ޓެސްޓްތައް ކުރިއަށް ގެންދަން ޖެހޭނީ ފުރަތަމަ ހަދާ ޓެސްޓްތަކުގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށެވެ. މިގޮތުން ޖިންސީގުނަވަންތަކުގެ މަސައްކަތް ވަޒަންކުރުމާއި، ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް މަތިވެފައި ހުރިތޯ ބެލުމާއި، ނުވަތަ ކެންސަރު ފަދަ ކަންކަން ބެލުމަށް ޓެސްޓްތައް ކުރެވިދާނެއެވެ. މެމޮގްރަފީއަކީ އުރަމަތީގެ ދުޅަތައް ދެނެގަތުމަށް ހަދާ އިމޭޖިން ޓެސްޓެކެވެ. ނަމަވެސް ފިރިހެނުންނަށް، ޚާއްޞަކޮށް ޒުވާން ފިރިހެނުންނަށް ބޭނުންތެރި އެއްޗެއް ނޫނެވެ. އަދި މިއީ އާންމު އިމޭޖިންގ ޕްރޮސީޖަރެއްގެ ގޮތުގައި ބޭނުންކުރުން އެހާ އެކަށީގެންވެގެންވާ ޓެސްޓެއް ކަމުގައި ނުބެލެވެއެވެ. މިހާލަތުގައި އެންމެ ރަގަޅު ޓެސްޓަކީ އަލްޓްރަސައުންޑް ސްކޭނެއް ހެދުމެވެ.
- 4. ކަންބޮޑުވުންތަކާއި ގޮންޖެހުންތައް:
ގައިނެކޮމަސްޓިއާގެ ސަބަބުން ޖިސްމާނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް މަދެވެ. އެހެންނަމަވެސް، އުރަމަތި ފުއްޕާލުމުގެ ސަބަބުން ސިފައަށް އަންނަ ބަދަލާހެދި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށްފާނެއެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ އެކި ވެށިތަކުން ކުރިމަތިލާންޖެހޭ ފުރައްސާރައާއި ހިތްހަމަނުޖެހުންތަކުގެ ސަބަބުން ލަދުގަނެ، ނަފްސާނީ ނުވަތަ ޖަޒުބާތީ ކަންބޮޑުވުންތަކާ ކުރިމަތިލާން ޖެހެއެވެ. ޒުވާން ކުދިންނަށް މިކަމުގެ ސަބަބުން ބޮޑެތި ނަފްސާނީ ފިއްތުންތަކާއި ކަންބޮޑުވުންތަކާ ކުރިމަތިލާން ޖެހިދާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކުދިންގެ ހެދި ބޮޑުވެ އަމިއްލަ ނަފްސު ތަރައްގީކުރުމަށް ވަރަށްބޮޑު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިދެއެވެ. ގައިނެކޮމަސްޓިއާގެ ސަބަބުން އިޖްތިމާޢީ މައްސަލަތަކާ ކުރިމަތިލާން ޖެހޭ ޒުވާން ކުދިންނަށް (މިސާލަކަށް ފުރައްސާރަކުރުމާއި އަމިއްލަ އިތުބާރު ދަށްވުން) ސައިކޮތެރަޕީ ފަދަ އިތުރު ފަރުވާތަކުން ފައިދާ ކޮށްފާނެއެވެ. ވަރަށް މަދު ޙާލަތްތަކެއްގައި، ގައިނެކޮމަސްޓިއާއަކީ ކެންސަރު ފަދަ ނުރައްކާތެރި ބައްޔެއްގެ އަލާމާތަކަށް ވެދާނެއެވެ.
- ފަރުވާ:
ގައިނެކޮމަސްޓިއާގެ ފަރުވާ ބިނާވެގެންވަނީ ސަބަބު، މުއްދަތު، ކުޑަބޮޑުމިން އަދި އެ މީހަކަށް ކުރާ އަސަރުގެ މައްޗަށެވެ.
ބާލިޣުވާ ދުވަސްވަރު ފެންނަ ގައިނެކޮމަސްޓިއާ:
މޮނިޓަރކުރުމާއި އޮޅުންފިލުވައިދިނުން: ބާލިޣުވުމުގެ މަރުޙަލާގައި ޖެހޭ ފިސިއޮލޮޖިކް ގައިނެކޮމަސްޓިއާއަށް، ޚާއްޞަކޮށް ފުރަތަމަ މަރުޙަލާގައި އެހާބޮޑު ގަނޑެއް އުރަމަތިން ފާހަގަނުވާ ހާލަތްތަކުގައި، އެންމެ ރައްކާތެރި އަދި އެކަށީގެންވާ ގޮތަކީ މޮނިޓަރކޮށް މި ބައްޔާބެހޭގޮތުން ކިޔައިދީ އޮލުންފިލުވައިދިނުމެވެ. މިކަހަލަ ގިނަ ހާލަތްތަކުގައި 1 އަހަރާއި 3 އަހަރާ ދެމެދުގެ މުއްދަތެއްގައި އަމިއްލައަށް ރަނގަޅުވެއެވެ. 6 މަހާއި 12 މަހުން އެއްފަހަރު އަލުން ޗެކްކުރުމަށް ލަފާދެވިދާނެއެވެ.
ބޭހުގެ ފަރުވާ: ބޭހުގެ ފަރުވާގެ މަޤްޞަދަކީ ހަށިގަނޑުގައި ދައުރުކުރާ ހޯމޯން ލެވެލް (އެސްޓްރޮޖެން-އެންޑްރޮޖެން) ގެ ބެލެންސް ރަނގަޅުކުރުމެވެ. އެހެންނަމަވެސް، ބާލިޣުވުމުގެ މަރުޙަލާގައި ޖެހޭ ގައިނެކޮމަސްޓިއާއަށް ބޭހުގެ ފަރުވާ ދިނުމެއް ނޯވެއެވެ. އެއީ މިކަމުގައި ކޮށްފައިވާ ދިރާސާތަކުން މި ފަދަ ހޯމޯން ފަރުވާގެ މާބޮޑު ފައިދާތަކެއް ވާކަމުގެ ހެކިނެތުމާއި، މިކަމަށް ޚާއްޞަކޮށް ހުއްދަ ދީފައިވާ ބޭހެއް ނެތުމުގެ ސަބަބުންނެވެ. ނަމަވެސް، އުރަމަތި ވަރަށް ބޮޑުވެ ރިއްސަންފެށުން ނުވަތަ ނަފްސާނީގޮތުން އަސަރުކުރަމުންދާ ޒުވާނުންނަށް ބޭހުގެ ފަރުވާ ދެވިދާނެއެވެ. މިފަދަ ފަރުވާތަކުން އެންމެ ފައިދާކުރަނީ ބަލީގެ ފުރަތަމަ މަރުޙަލާގައި ބޭނުންކުރާނަމައެވެ. ގައިނެކޮމަސްޓިއާގައި ބޭނުންކުރެވޭ ބޭސްތަކުގެ ތެރޭގައި ހިމެނެނީ ޓެމޮކްސިފެން އަދި ރަލޮކްސިފެން ފަދަ އެންޓި-އެސްޓްރޮޖެންތައް، ޑަނަޒޯލް ފަދަ އެންޑްރޮޖެންތައް، އަދި ޓެސްޓޮލެކްޓޯން ފަދަ އެރޮމަޓޭސް އިންހިބިޓަރސްއެވެ. ޓެމޮކްސިފެންއަކީ އުރަމަތީގެ ޓިޝޫ ނުވަތަ އެޕިތީލިއަމްގައި އެސްޓްރޮޖެން ހޯމޯންގެ ސަބަބުން އަންނަ އިތުރަށް ބޮޑުވުމުގެ އަސަރުތައް ހުއްޓުވާ ބޭހެކެވެ. މިއީ ފިސިއޮލޮޖިކް ނުވަތަ ދިގު މުއްދަތަކަށް ދެމިގެންދާ ބާލިޣުވުމުގެ މަރުޙަލާގައި ދިމާވާ ގައިނެކޮމަސްޓިއާ އާއި އެއްވެސް ސަބަބެއް ފާހަގަ ވެފައިނުވާ އިޑިއޮޕެތިކް ގައިނެކޮމަސްޓިއާގައި ބޭނުންކުރުމަށް ރަގަޅު ބޭހެއް ކަމުގައި ބެލެވެއެވެ. ހަމައެފަދައިން ރަލޮކްސިފެންވެސް އުރަމަތީގެ ޓިޝޫގެ ސައިޒު ކުޑަކުރުމަށް އެހީތެރިވެދޭކަން ފާހަގަކުރެވިފައިވެއެވެ.

އޮޕެރޭޝަން ފަރުވާ: އުރަމަތީގައި އުފެދިފައިވާ ދުޅަބޮޑުވެފައި ތަދުވަން ފެށުމާއި އަމިއްލައަށް ދުޅަތިރިނުވެ ދިގު މުއްދަތަކަށް ދެމިގެންދާ ގައިނެކޮމަސްޓިއާއަށް އޮޕެރޭޝަން ފަރުވާ ދިނުމަކީ އަވަސް އަދި ރަގަޅު ހައްލެކެވެ. ވަކިން ޚާއްޞަކޮށް މި ބަލީގެ ސަބަބުން ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުކޮށް ކިޔެވުމާއި އަދި އިޖްތިމާއީގޮތުން ކުރިއަރައިދިއުމުގައި ހުރަސްތަކެއް ދިމާވެފައިވާނަމަ އޮޕެރޭޝަން ފަރުވާ އަކީ އެންމެ ރަގަޅު ފަރުވާ ކަމުގައި ބެލިފައިވެއެވެ. އޮޕެރޭޝަން ތަކުގެ ތެރޭގައި ހިމެނެނީ ސަބްކިއުޓޭނިއަސް މަސްޓެކްޓޮމީ އާއެކު އުރަމަތީގެ ޓިޝޫ ނުވަތަ ގްލޭންޑިއުލަރ ޓިޝޫ ނެގުމެވެ. މިއާއެކު ކައިރިގައިވާ ސަރުބި ފަށަލަ ތުނިކޮށްލުމަށް ލައިޕޯސަކްޝަން ބޭނުންކުރެވިދާނެއެވެ. އުރަމަތީގެ ސައިޒު ވަރަށް ބޮޑުވެފައިވާނަމަ އުރަމަތިގެ ފަށަލަތައް ނެގުމާއެކު ދޫވެފައިވާ ހަނފަށައިންވެސް ބައެއް ނަގައެވެ. މިއަށް ރިޑަކްޝަން މަމޮޕްލާސްޓީ އޭ ކިޔައެވެ.
ޖެހިފައިވާ އެހެން ބައްޔެއްގެ ސަބަބުން އުރަމަތި ދުޅަވުން ނުވަތަ ޕެތޮލޮޖިކް ގައިނެކޮމަސްޓިއާ: މި ހާލަތުގައި ފަރުވާ އަމާޒުކުރެވޭނީ އެ ބައްޔެއްގެ ސަބަބުން ގައިނެކޮމަސްޓިއާ މެދުވެރިވި ނުވަތަ އޭގެ ސަބަބުކަމަށްވާ ބަލި ހާލަތު ރަގަޅު ކުރުމަށެވެ. މިސާލަކަށް ބޭނުންކުރަމުން އަންނަ ބޭސް ބޭނުންކުރުން ހުއްޓާލުން ފަދަ ކަންކަމެވެ. މިފަދަ ހާލަތްތަކުގައި ބަލިމީހާ އެންޑޮކްރައިނޮލޮޖިސްޓަކަށް (ހޯމޯންތަކުން މެދުވެރިވާ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރަކަށް) ދައްކައި ފަރުވާ ހޯދަންވާނެއެވެ. ގިނަ ފަހަރަށް އެފަދަ ބަލިތަކަށް ފަރުވާ ދިނުމުން ގައިނެކޮމަސްޓިއާ ރަނގަޅުވެއެވެ.
- ބަލިމީހާ ސަމާލުކަން ދޭންވީ ކަންތައްތައް:
- ގައިނެކޮމަސްޓިއާއަކީ ބާލިޣުވުމުގެ މަރުޙަލާގައި ހޯމޯންތަކަށް އަންނަ އާންމު ބަދަލުތަކުގެ ސަބަބުން ޒުވާން ފިރިހެން ކުދިންނަށް ދިމާވާ ކަމެކެވެ. ގިނަ ފަހަރަށް، އުރަމަތީގައި ފުއްޕާލާފައިވާ ޓިޝޫ އަމިއްލައަށް ރަނގަޅުވެއެވެ. މިކަމަށް މަދު މަސްތަކެއް ނުވަތަ އަހަރުތަކެއް ނަގާނެއެވެ. 90 އިންސައްތަ ޒުވާން ފިރިހެން ކުދިންގެ ގައިނެކޮމަސްޓިއާ 2-3 އަހަރުގެ ތެރޭގައި އެއްވެސް ފަރުވާއަކާ ނުލައި ރަނގަޅުވެއެވެ.
- އުރަމަތި ބޮޑުވާކަން ފާހަގަ ކުރެވޭނަމަ، ޚާއްޞަކޮށް ބާލިޣުވުމުގެ ފުރަތަމަ މަރުޙަލާގައި (12-13 އަހަރު)، އަހަރަކު އެއްފަހަރު ޑޮކްޓަރަށް ދައްކައި ޗެކްކުރުމަކީ މުހިއްމު ކަމެކެވެ.
- ޗަބީކޮށް ހުންނަ ކުއްޖެއްނަމަ، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޚާއްޞަކޮށް އުރަމައްޗާއި މޭމަތީގެ ސަރުބިފަށަލަ އިތުރުވެފައިވާނަމަ ބަރުދަން ލުއިކުރުމުން އެހެން ފަރުވާ އެއްގެ ބޭނުން ނުޖެހިދާނެއެވެ.
- ތަދުވުން، ރިއްސުން، ވައްގަޑުން ދިޔައެއް އައުން، އުރަމަތީގައި ހަރު ގޮށެއް އޮތުން، ނުވަތަ އުރަމަތި އަވަހަށް ބޮޑުވަމުން އަދި މި ކަންކަން ރަގަޅުނުވެ ދިގު މުއްދަތަކަށް ދެމިގެން ދިއުން ފަދަ ކަމެއް ދިމާވެއްޖެނަމަ ޑޮކްޓަރަކަށް ދައްކަންވާނެއެވެ.
- ގައިނެކޮމަސްޓިއާ އަމިއްލައަށް ރަނގަޅުނުވެ ބާލިޣުވުމުގެ މަރުޙަލާއަށް ފަހުވެސް އެކަން ދެމިގެން ދާނަމަ ނުވަތަ ނަފްސާނީ ފިއްތުންތަކާ ކުރިމަތިލާން ޖެހޭނަމަ، އޮޕެރޭޝަން ފަރުވާއާއި މެދު ވިސްނާލުން ރަގަޅުވާނެއެވެ.
- މެރުއާނާ އާއި ބަނގުރާ ފަދަ ޣައިރު ޤާނޫނީ މަސްތުވާތަކެތި ބޭނުންކުރުމުން ދުރުހެލިވާށެވެ. މިފަދަ ތަކެތިން ގައިނެކޮމަސްޓިއާ ޖެހުމަށް މަގުފަހިވެއެވެ.
- ބަލިމީހާ ބޭނުންކުރާ ބޭސްތަކުގެ ތެރޭގައި ޑޮކްޓަރުގެ ބޭސްސިޓީއަކާ ނުލައި ފާމަސީތަކުން ލިބޭ ބޭސް ނުވަތަ ހާބަލް ބޭސްތައް ހިމެނޭނަމަ، އެކަން ޑޮކްޓަރަށް އަންގަންވާނެއެވެ. ބައެއް ބޭސްތަކުގެ ސަބަބުން ގައިނެކޮމަސްޓިއާ ޖެހިދާނެއެވެ.
- ހަނދާން ބަހައްޓަންވީ މުހިންމު ކަމަކީ، ގައިނެކޮމަސްޓިއާއަކީ އާންމު ގޮތެއްގައި ނުރައްކާތެރި ޞިއްޙީ މައްސަލައެއް ނޫން ނަމަވެސް، މިބަލިން ރަގަޅުވުމަކީ އުނދަގޫ ކަމަކަށް ވެދާނެ ކަމެވެ. ބަލިމީހާ ލަދުގަނެ ނުވަތަ ނަފްސާނީ އަދި ޖަޒުބާތީ ކަންބޮޑުވުންތަކާ ކުރިމަތިލާން ޖެހޭނަމަ، ޑޮކްޓަރާ ވާހަކަދައްކައި، އެހީތެރިކަމާއި ފަރުވާގެ ވައްތަރުތަކާ ބެހޭ ގޮތުން މަޝްވަރާކުރާށެވެ.