
އުރަމަތީގައި ދުޅައެއް އުފެދިއްޖެކަން ފާހަގަ ކުރެވިއްޖެނަމަ އެކަން ރަގަޅަށް ބަލައި ޓެސްޓްތައްކޮށް އެއީ ކޮންކަހަލަ ދުޅައެއްކަން ދަނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ އެފަދަ ދުޅައެއް ކެންސަރަށް ވެދާނެ ކަމުގެ ކޮންމެވެސް ވަރެއްގެ ބިރެއް އަބަދުވެސް އޮންނާނެތީއެވެ. ޚާއްޞަކޮށް 35 ނުވަތަ 40 އަހަރުން މަތީގެ އަންހެނުން މިކަމުގައި ވަރަށް ފަރުވާ ބަހައްޓަން ޖެހޭނެއެވެ. އެ އުމުރަކީ ކެންސަރު އުފެދުމުގެ ބިރު ފެށޭ ހިސާބެވެ. ނަމަވެސް މިހާ ހިސާބަށް ހެދިފައިވާ ދިރާސާ ތަކުން އެގިފައިވާގޮތުގައި 20އަހަރުން ދަށުގެ ކުދިންގެ އުރަމައްޗަށްވެސް ކެންސަރު ޖެހިފައިވެއެވެ. ވުމާއެކު އުމުރުން ޅަވުމަކީ ކޮންމެހެން ކެންސަރު ޖެހުން މަނާކުރާ ކަމެއް ނޫނެވެ.
ޓްރިޕްލް ޓެސްޓް
އުރަމަތީގައި ދުޅައެއް ފާހަގަކުރެވިއްޖެނަމަ ތިންކަމެއް ކުރުމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ. އެއަށް ކިޔަނީ ޓްރިޕްލް ޓެސްޓެވެ. މީގެ ތެރެއިން ފުރަތަމަ ކަމަކީ ޑޮކްޓަރ އަށްދައްކައި އެދުޅައިގެ ޓެސްޓް ތައް ހެދުމެވެ. މިގޮތުން އެންމެ ފުރަތަމަ އެދުޅައިގެ މައުލޫމާތު ނުވަތަ މެޑިކަލް ބަހުރުވައިން ބުނާނަމަ ހިސްޓްރީ ނަގަން ޖެހެއެވެ. މީގައި ބަލިމީހާގެ ބަލިތަކުގެ ހިސްޓްރީ އާއި އަދި އާއިލާގެ މީހުންގެ މިފަދަ ދުޅައެއް އަދި ކެންސަރު ފަދަ ބައްޔެއްގެ ހިސްޓްރީއެއް އޮތްތޯ ޑޮކްޓަރ ބައްލަވާނެއެވެ. އަދި ބަލިމީހާގެ މައްސަރު ކަންތަށް ތަރުތީބުން ކޮންމެ މަހަކު ޖެހޭތޯ ބެލުމާއި ކުދިން ލިބިފައިވާނަމަ ގާތުން ކިރުދިނިންތޯ ފަދަ ސުވާލުތައް ކުރެއްވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އެއަށްފަހު އުރަމަތީގައިވާ ދުޅަ ޗެކްކޮށް ބައްލަވާނެއެވެ. އޭގައި ދުޅައިގެ މިންތަކާއި، ދުޅަހުރި ތަނާއި އޭގެ ސިފަ އަދި މަތީގައިވާ ހަމަށް އަސަރުކޮށްފައިވޭތޯއާއި ދުޅައިނީ ތިރީގައިވާ ޓިޝޫ ތަކުގައި ހަރުލާފައިތޯ ބައްލަވައި ނޯޓު ކުރައްވާނެއެވެ. މީގެ އިތުރުން ކިހިލިފަތްދޮށްވެސް ޗެކްކޮށްލައްވާނެއެވެ. އެތާގައިވެސް ދުލައެއް ނުވަތަ ގަނޑެއްލާފައިވާނަމަ އެކަންވެސް ނޯޓްކުރައްވާނެއެވެ. އެއިރުން އެނިމުނީ ކުރަންޖެހޭ ތިންކަމުން އެއްކަމެވެ.
ދެވަނަ ކަމަކީ ލާފައިވާ ގަނޑުގެ ސްކޭނެއް ނުވަތަ އެކްސްރޭ އެއް ނެގުމެވެ. އުމުރުން 35އަހަރު ނުފުރޭ ޒުވާން އަންހެނުންގެ އުރަމަތީގެ ޓިޝޫ ބޯވެފައި އޭގައި ހިމެނޭ ފައިބަރ ތައް ވަރުގަދަ ވުމާއެކު މި އުމުރުގައި އެންމެ ރަގަޅުވާނީ އަލްޓްރާ ސައުންޑް ސްކޭނެއް ހެދުމެވެ. ނަމަވެސް އުމުރުން 35 ނުވަތަ 40 އަހަރުން މަތީގެ އަންހެނުންނަށް އެންމެ ރަގަޅުވާނީ މަމޯގްރާމް ކިޔާ ޚާއްޞަ އެކްސްރޭ އެއް ހެދުމެވެ. މިފަދަ ޓެސްޓެއްގެ ބޭނުމަކީ ލާފައިވާ ގަނޑާބެހޭ އިތުރު މައުލޫމާތު ހޯދުމެވެ. މީގެ ތެރޭގައި ދުޅަ ހުރިތަނާއި އޭގެ ފުރިހަމަ މިންތަކާއި އެތެރޭގައިވަނީ ކޯއްޗެއްތޯ މިއިން ދޭހަވާނެއެވެ. މިސާލަކަށް ސިސްޓެއްނަމަ ނުވަތަ ދޮސް އުފެދިފައިވާނަމަ އޭގެ ތެރޭގައި ފެން އުފެދިފައިވާކަން މިޓެސްޓުން ދޭހަވަނެއެވެ. އަދި އުރަމަތީގެ އެހެންތަނެއްގައި ގަނޑެއް އިންތޯ އާއި އަނެއް އުރަމަތީގައި މިފަދަ ގަނޑެއް އިންތޯވެސް މިއިން ބެލޭނެއެވެ. ވުމާއެކު އުރަމަތީގެ ގަނޑުތައް ދަނެގަތުަމަށްޓަކައި މިއީ ވަރަށް މުހިއްމު ޓެސްޓެކެވެ.
ތިންވަނަ ކަމަކީ އުފެދިފައިވާ ގަނޑުން ސެލްތަކެއް ނެގުމަށްފަހު އޭގެ ޕެތޮލޮޖީ ރިޕޯރޓެއް ހެދުމެވެ. މިއީ އުރަމަތީގައިވާ ގަނޑުގައި ހުރީ ކޮންކަހަލަ ސެލްތަކެއްތޯ ބެލުމަށް ކުރާ ޓެސްޓެކެވެ. މި ޓެސްޓަށް ކިޔާ ނަމަކީ އެފް،އެން،އޭ،ސީ އެވެ. އޭގެ ދިގު ގޮތަކީ ފައިން ނީޑްލް އެސްޕިރޭޝަން ސައިޓޮލޮޖީ އެވެ. މާނައަކީ ވަރަށް ހިމަ ކައްޓެއް ބޭނުންކޮށްގެން އެ ދުޅައިން ކުޑައެތިކޮޅެއް ނެގުމެވެ. މިހެން ނަގާއިރު ދުޅައިގެ އެކި ދިމަދިމާއިން އެތިކޮޅުތަކެއް ނަގަން ޖެހެއެވެ. އެއީ މި ރިޕޯރޓް މަގްބޫލު އެއްޗަކަށް ވާނީ ދުޅައިގެ ތަފާތު އޭރިޔާ ތަކުން ސާމްޕަލް ނެގުނުވަރަކުންނެވެ. މިރިޕޯރޓްގެ ނަތީޖާއަކީ އުރަމަތީގައިވާ ގަނޑަށް އެކަށީގެންވާ ފަރުވާ އެއް ދިނުމަށްޓަކައި ވަރަށް ބޭނުންތެރި ޓެސްޓެކެވެ. ސަބަބަކީ އެދުޅައިގައިވާ ސެލްތަކަކީ ކެންސަރު ސެލްތަކެއްކަން މި ރިޕޯރޓުން އެގޭނެއެވެ. ނަމަވެސް މި ރިޕޯރޓުން އެއީ ކެންސަރު ނޫންކަން 100% ޔަގީންކޮށް ނުދޭނެއެވެ. މިހެން މިދެންނެވި ސަބަބަކީ މިރިޕޯރޓްގައިވާ ނަތީޖާ އަކީ ކަށިހަރާފައި ނެގި ޓިޝޫކޮޅުގެ ރިޕޯރޓް އެކަންޏެވެ. ނަމަވެސް އެއީ މުޅިދުޅައިގެ ރިޕޯރޓަކަށް ނުވުމުން މި ޓެސްޓްގެ ޔަގީންކަން އެހާ މައްޗެއް ނުވާނެއެވެ. މި ރިޕޯރޓްގެ ބޭނުން ބޮޑަށްހިފޭނީ ކެންސަރު ހުރިކަމަށް ދައްކައިފިނަމައެވެ. އެފަދަ ހާލަތެއްގައި ބަލިމީހާއަށް ފަރުވާކުރުމަށްޓަކައި ހަދާ ޕްލޭން މުޅިން ތަފާތުވެގެންދާނެތީއެވެ.
ޓްރިޕްލް ޓެސްޓް ހެދުމުން އުރަމަތީގައިވާ ގަނޑު ދަނެގަތުމަށްޓަކައި ކުރަންޖެހޭ އާއްމު ޓެސްޓްތައް ނިމުނީއެވެ. މިރިޕޯރޓްތަކުގެ އަލީގައި ކުރަންފެންނަ ފަރުވާ އަކާބެހޭގޮތުން ޑޮކްޓަރ މަޝްވަރާ ދެއްވާނެއެވެ. ކުރިން އިޝާރަތް ކުރެވުނު ކެންސަރު ނޫން ދުޅަތަކަށް އާއްމުގޮތެއްގައި ދެވޭ ފަރުވާ ވަރަށް ކުރުކޮށް ދަންނަވަލާނަމެވެ.
- ޖަރާސީމެއްގެ ސަބަބުން އުރަމަތި ދޮސްގަތުން:
އުރަމަތި ދުޅަވެ ދޮސްއުފެދިއްޖެ ހާލަތެއްގައި އެދޮސް އެތަނުން ނެރުމަކީ ކުރަން ޖެހޭ ފަރުވާ އެވެ. ނަމަވެސް ހަމައެކަނި ދުޅަވެފައި ވާނަމަ އެންޓިބަޔޮޓިކް ބޭނުންކުރުމާއި ތާފެނާކޮށް ހުންނަ ފެނުން ބޮނޑިތާން ކުރުމަކީ ކުރެވިދާނެ ފަރުވާ އެކެވެ. މިހެން ހެދުމުން ބަންދުވެފައިވާ ހޮޅިތައް ހުޅުވި އެދުޅަތިރިވެދެއެވެ. ފާހަގަ ކުރެވިފައިވާ ގޮތުގައި ގިނަފަހަރަށް މިފަދަ ދުޅަ ދޮހަށް ބަދަލުވެއެވެ. ވުމާއެކު އޮޕަރޭޝަންކޮށް އުފެދިފައިވާ ދޮސް ނެރުމަކީ މިކަމަށް ދެވޭނެ އެންމެ ރަގަޅު ފަރުވާ އެވެ. ދޮސް ނެރުމަށްފަހު ފާރުކޮޅު ފަސޭހަވުމަށް ދުވަސްކޮޅެއް ނަގާނެއެވެ. ކޮންމެ ދުވަހަކު އެއްފަހަރު ބޭސް ބަދަލު ކުރަން ޖެހޭނެއެވެ. އަދި އުރަމަތީގެ ދުޅަ ތިރިކުރުމަށްޓަކައި ޕަމްޕެއް ބޭނުންކޮށްގެން ނަމަވެސް ކިރުނެރުމަކީ މުހިއްމު ކަމެކެވެ.
- އަނިޔާއެއްގެ ސަބަބުން އުފެދޭ ދުޅަތައް:
ކުރިންވެސް އިޝާރާތް ކުރެވުނުފަދައިން މިފަދަ ދުޅަތައް ފަރުވާއަކާއި ނުލައިވެސް ނެތިގެން ދެއެވެ. ނަމަވެސް އަނިޔާއެއްގެ ސަބަބުން ލޭއޮހޮރި އެތެރޭގައި ދޮސް އުފެދެން ދިމާވެއްޖެނަމަ އޮޕަރޭޝަންކޮށް ދޮސްތައް ނެރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އަނިޔާއެއްގެ ސަބަބުން ސަރުބިފަށަލަ ހަލާކުވެ ދުޅައެއް އުފެދިއްޖެނަމަ އެއީ ކޮންމެހެން އޮޕަރޭޝަންކޮށް ނަގަންޖެހޭ ދުޅައެއް ނޫނެވެ. ސަބަބަކީ އޭގައި ކެންސަރު އުފެދުމުގެ ފުރްޞަތު އޮންނާނި ވަރަށް ކުޑަކޮށް ކަމަށްވާތީއެވެ. ނަމަވެސް ފިލައި ނުގޮސް ގިނަދުވަސްތަކެއްވާންދެން ހުންނަނަމަ އެ ދުޅަ ނެގުމަކީ މުހިއްމު ކަމެކެވެ.
- ފައިބްރޯ އެޑިނޯމާ:
ފައިބްރޯ އެޑިނޯމާ އަކީ ކޮންމެހެން އޮޕަރޭޝަން ކުރަން ޖެހޭ ދުޅައެއް ނޫނެވެ. ނަމަވެސް 35އަހަރުން މަތީގެ އަންހެނުންގެ އުރަމަތިގައި ނަގާ ފައިބްރޯ އެޑިނޯމާ އަކީ ވަކި ޝަރްތު ތަކެއްގެ މަތިން އޮޕަރޭޝަންކޮށް ނަގައި އެދުޅަ ޓެސްޓް ކުރަން ޖެހޭ ދުޅައެކެވެ. އެއީ 3ސެންޓިމީޓަރ އަށްވުރެ ސައިޒު ބޮޑުވުމާއި ގިނަދުވަސްތަކެއްވަންދެން ފިލައި ނުގޮސް އިނުމެވެ. ސަބަބަކީ މި އުމުރުގެ އަންހެނުންގެ މި ޝަރްތު ހަމަވާ ދުޅަތަކުގައި ކެންސަރު އުފެދުމުގެ ފުރްޞަތު ބޮޑުވީމައެވެ. އުމުރުން ޅަ އަންހެނުންގެ އުރަމަތީގައި ނަގާ 2ސެންޓިމީޓަރ އަށްވުރެ ކުޑަ މިފަދަ ދުޅަތަކަކީ ކޮންމެހެން ވަކި ފަރުވާއެއް ކުރަންޖެހޭ އެއްޗެއް ނޫނެވެ. ނަމަވެސް ބަލިމީހާ މިކަމާ ވިސްނައި އެއީ ކެންސަރު ކަމަށް ޝައްކުކޮށް އޭގެ ސަބަބުން ނަފްސާނީ ވަސްވާސްތަކެއްގެ ތެރެއަށް ދާންފަށައިފި ހާލަތެއްގައާއި، އެދުޅައިގެ ސަބަބުން އުރަމަތި އައިބުވެފައި ހުންނަކަން އިހުސާސް ކުރެވޭނަމަ އެފަދަ ދުޅަތައްވެސް ނެގުމަށް މަޝްވަރާ ދެވެއެވެ. މިފަދަ ދުޅަތައް ނެގުމުން ބަލިމީހާއަށް އެއީ ކެންސަރު ނޫންކަން އިތުރަށް ޔަގީންކަން ލިބުމުގެ އިތުރުން ހިތްހަމަޖެހުން ގެނެސްދެއެވެ.
- ސިސްޓްތައް:
އުރަމތީގައި ނަގާ ސިސްޓް ތައް ނަގަންޖެހޭ ސަބަބު ކުރިން ދެންނެވިފައިވާނެއެވެ. މިފަދަ ސިސްޓްތަކަކީ އޭގައި ކެންސަރު އުފެދުމުގެ ނިސްބަތް ވަރަށް ކުޑަ އެއްޗަކަށްވުމާއެކު އޮޕަރޭޝަން ކޮށް ކޮންމެހެން އެ ސިސްޓް ނެގުމަކީ ލާޒިމު ކަމެއް ނޫނެވެ. ނަމަވެސް ވަކިވަރަކަށްވުރެ ބޮޑު ސިސްޓްގެ ސަބަބުން ތަދުވެ އުދަގޫވަމުން ދާނަމަ އެއީ ފަރުވާ ކުރަން ޖެހޭ ކަމެކެވެ. މިގޮތުން އެންމެ ރަގަޅު ފަރުވާ އެއްކަމަށް ފާހަގަ ކުރެވިފައިވަނީ އަލްޓްރާސައުންޑް ބޭނުންކޮށް ސްކޭން ކުރުމަށްފަހު ބޮޑެތި ސިސްޓްތަކުގެ ތެރޭގައި ހުރި ފެންތައް ސިރިންޖެއް ބޭނުންކޮށްގެން ދަމާލުމެވެ. އޭގެ ސަބަބުން އެދުޅަ އެކީގައި ތިރިވެ ބައެއްފަހަރު އެކީގައި ގެއްލިގެންވެސް ދެއެވެ. ނަމަވެސް ތަކުރާރުކޮށް އޭގެ ތެރޭގައި ފެން އުފެދެމުން ދާކަމަށްވާނަމަ ނުވަތަ އޭގެތެރޭގައި ލޭ އުފެދެމުންދާ ކަމަށްވާނަމަ އޮޕަރޭޝަންކޮށް އެ ސިސްޓް އެކީގައި ނެގުމަކީ މުހިއްމު ކަމެކެވެ. ޚާއްޞަކޮށް 40 އަހަރުން މަތީގެ އަންހެނެއްނަމަ ރަގަޅީ އަވަހަށް ނެގުމެވެ.
- ފައިބްރޯ ސިސްޓިކް ބަދަލުތައް:
ކުރިންވެސް އިޝާރާތް ކުރެވުނުފަދައިން މިއީ ވަކި އިންތަކެއް ނެތް ދުޅަތަކެކެވެ. ވުމާއެކު މިފަދަ ހާލަތްތަކުގައި އޮޕަރޭޝަން ކުރުމަށް ވަރަށް މަދުން ނޫނީ ލަފާ ނުދެވެއެވެ. މިއީ ތަދުއެކުލެވޭ ދުޅަވުންތަކަކަށް ވުމާއެކު ސަމާލުކަން ބޮޑަށް ދޭން ޖެހެނީ ތަދުކަނޑުވާ ބޭސް ތަކަށެވެ. އަދި އޭގެ އިތުރުން ބަލިމީހާއަށް ޔަގީންކޮށްދޭން ޖެހޭނީ މިއީ ކެންސަރު ނޫންކަމެވެ. ކެފެއިން ހުންނަ ބުއިންތަކާއި ކަނާގެ ބާވަތްތަކުން ދުރުވެ ހުރުމަށާއި އުރަމައްޗަށް ސަޕޯރޓް ކޮށްދޭ ފަދަ ބްރެޝިއަރ އެޅުމަށްވެސް ނަސޭހަތް ދެވެއެވެ. މީގެ އިތުރަށް ބައެއްފަހަރު ތަދު ރަގަޅުނުވާނަމަ ބަލިވެ އިނުން މަނާކުރުމަށްދެވޭ ވައްތަރުގެ ގުޅަބޭހާއި އަދި ޑަނަޒޯލް ފަދަ ފިރިހެން ހޯމޯން އެކުލެވޭ ބޭސްވެސް ދެވެއެވެ.
އުރަމަތީގައި ނަގާ ކޮންމެ ދުޅައަކީ ކެންސަރެއް ނޫނެވެ. ނަމަވެސް އުރަމަތީގައި ދުޅައެއް ނެގުމުން އެއީ އަޅާނުލައި ދޫކޮށްލާކަހަލަ ކަމެއް ނޫނެވެ. ނުވަތަ ލަދުގަނެ ޑޮކްޓަރ އަކަށް ދައްކަން ނުކެރި ގިނަދުވަސް ތަކެއް ވަންދެން ބަހައްޓައިފިނަމަ އެއީ ނުރައްކާތެރި ބައްޔަކަށް ވެއްޖެނަމަ ފަހުން ހިތާމަ ކުރަން ޖެހުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ވުމާއެކު އަމިއްލައަށް އުރަމައްޗާއި ހަށިގަނޑު ބަލައި ޗެކްކުރުމަކީ ވަރަށް ރަގަޅު ކަމެކެވެ. ސެލްފް އެގްޒަމިނޭޝަން ކުރާނެގޮތް ދަސްކުރުން މުހިއްމެވެ. އެއްވެސް ތަފާތެއް އިހުސާސް ކުރެވޭނަމަ ޑޮކްޓަރ އަކާ މަޝްވަރާކޮށް ފަރުވާ ލިބިގަތުމަކީ އެއްމެ ބުއްދިވެރި ގޮތެވެ.