
އިސްލާމީ ރޯދައަކީ ޚާއްޞަކޮށް ރަމަޟާން މަހުގައި، ދުނިޔޭގެ އެތައް މިލިއަން މުސްލިމުން އަދާކުރާ ފަރުޟެކެވެ. މި އަޅުކަމުގައި ފަޖުރުލީއްސުރެން އިރުއޮއްސެންދެން ކެއުމާއި، ބުއިމާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި، ދެމަފިރިކަމުގެ ގުޅުން ހިންގުމުން ދުރުހެލިވެ ތިބެން ޖެހެއެވެ. މިކަން އަޅުގަނޑުމެން މުސްލިމުން ކުރަނީ މައިގަނޑު ގޮތެއްގައި ދީނީ އަދި ރޫޙާނީ އަޅުކަމެއްގެ ގޮތުގައިވީ ނަމަވެސް، އިސްލާމީ ރޯދައިގައި އިންޓަރމިޓެންޓް ފާސްޓިންގ އާ އެއްގޮތް ކަންތައްތަކެއް ވާކަން ފާހަގަކުރެވެއެވެ. އަދި ސައިންޓިފިކް ދިރާސާތަކުން ސާބިތުވާ ގިނަގުނަ ޞިއްޙީ ފައިދާތަކެއްވެސް މިކަމުގައި ހިމެނެއެވެ.
އިސްލާމީ ރޯދައަކީ ކޮބާ؟
އިސްލާމީ ރޯދައަކީ ބާލިޣުވެފައިވާ ޞިއްޙަތު ރަނގަޅު މުސްލިމުންގެ މައްޗަށް ރަމަޟާން މަހުގައި ހިފުން ފަރްޟު ކުރައްވާފައިވާ އަޅުކަމެކެވެ. އަދި އިސްލާމީ ހިޖުރީ އަހަރުގެ އެހެން ބައެއް ދުވަސްތަކުގައި ކީރިތި މާތް ރަސޫލާގެ ސުއްނަތެއްގެ ގޮތުގައި އަދާކުރާ ދީނީ އަޅުކަމެއްވެސް މެއެވެ. މި އަޅުކަމުގައި ރޯދައަށް ހުންނަންޖެހޭވަގުތު ގާތްގަނޑަކަށް 13 އިން 18 ގަޑިއިރާ ހަމައަށް ދެމިގެންދެއެވެ. މިއީ ޖޯގްރަފީ ގޮތުން އުޅޭ ތަނާއި މޫސުމަށް އަންނަ ބަދަލުތަކާއެކު ތަފާތުވެދާނެ ވަގުތުތަކެކެވެ. ކޮންމެ ދުވަހެއްގެ ރޯދަ ނިމުމަކަށް އަންނަނީ އިރުއޮއްސުމުން އިފްޠާރު ކުރުމުން ނޫނީ ރޯދަވީއްލުމުންނެވެ. އާންމު ގޮތެއްގައި ގިނަ މުސްލިމުން އިފްޠާރު ފަށަނީ ކީރިތި ރަސޫލާގެ ސުއްނަތާ އެއްގޮތަށް ކަދުރާއި ފެނުންނެވެ. އޭގެ ފަހުން ތަންކޮޅެއް ބޮޑު ކެއުމަކަށް އިންސާފު ކުރެއެވެ. ފަޖުރުގެ ކުރިން ސަޙޫރު ކެއުން ނުވަތަ ހާރުކެއުން އޮވެއެވެ. މިއީ ފަޖުރުގައި ރޯދަ ފެށުމުގެ ކުރިން ކާ ކެއުމެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ އިސްލާމީ އުއްމަތަކީ ދުނިޔޭ ހުރިހާ ހިސާބަކަށް ފެތުރިފައިވާ އުއްމަތަކަށް ވުމާއެކު ދުނިޔޭގެ އެކިހިސާބުތަކުގައި ދިރިއުޅޭ މުސްލިމުންގެ މި ކަމުގައި ތަފާތު އާދަތަކެއް ހުރުމަކީ އެކަށީގެންވާ ކަމަކަށްވުމެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައިވަނީ ރޯދައަކީ އައްޑަނައެއް ކަމަށެވެ. އެއީ މުއުމިނުން ޖިސްމާނީ ގޮތުން އަމިއްލަ ނަފްސަށް އަނިޔާވެރިވުމުން ރައްކާތެރިކޮށްދޭ ކަމެއްގެ އިތުރުން ފާފަތަކާއި ނަފްސާނީ އެދުންތަކުން ވެސް ރައްކާތެރިކޮށްދޭ ކަމެކެވެ. ރޯދައިގެ ރޫޙާނީ އަދި އަޅުކަމުގެ މުހިންމުކަމުގެ އިތުރުން، އިސްލާމީ ރޯދައިން ހަށިގަނޑުގެ އެކި ނިޒާމުތަކަށް ރަނގަޅު އަސަރުތަކެއް ކުރާކަން ދެނެގަނެވިފައިވެއެވެ. އަދި ރޯދައިގައި ގިނަގުނަ ޞިއްޙީ ފައިދާތަކެއް ވާކަންވެސް ދިރާސާވެރިންނަށް ފާހަގަކުރެވިފައިވެއެވެ.
އިސްލާމީ ރޯދައިގެ މައިގަނޑު ޞިއްޙީ ފައިދާތައް:
- ހަށިގަނޑުގެ ބަރުދަން ލުއިވުމާއި ސަރުބީ ވިރިގެންދިއުން:
އިސްލާމީ ރޯދައިގެ ސަބަބުން ހަށިގަޑަށް އެތެރެވާ ކެލޮރީ މަދުވުމާއި، ވަގުތީ ގޮތުން ހަށިގަނޑަށް އެތެރެވާ ދިޔާތަކެތި މަދުވުމާއި އަދި އިންސިއުލިން އަދި ލެޕްޓިން ފަދަ ހޯމޯނުތަކުގެ މަސައްކަތަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަށިގަނޑުގެ ބަރުދަން ލުއިވެއެވެ.
- މެޓަބޮލިކް ޞިއްޙަތު ރަނގަޅުވުން:
ދިރާސާތަކުން ދައްކާ ގޮތުގައި ރަމަޟާން މަހުގެ ރޯދައިގެ ސަބަބުން އިންސިއުލިން ރިސެޕްޓަރ ތަކުގެ މަސައްކަތް ރަގަޅުވެ، ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވެ، އަދި ލޭގެ ޕްރެޝަރު ރަނގަޅުވެއެވެ. މީގެ ސަބަބުން ހަޖަމު ކުރުމާއި އަދި ހަށިގަނޑަށް ބޭނުންވާ ބާރު އުފައްދާ ނިޒާމް ހަރުދަނާވެ ހަށިގަނޑުން ބޭރުކުރަންޖެހޭ ވިހަ މާއްދާތައް ބޭރުކޮށް ދިފާއީ ބާރު ރަގަޅުވެގެން ދެއެވެ.
- ކޮލެސްޓެރޯލް ނުވަތަ ލިޕިޑް ޕްރޮފައިލް ރަނގަޅުވުން:
އިސްލާމީ ރޯދައިގެ ސަބަބުން ކޮލެސްޓެރޯލްގެ ވައްތަރުތައްކަމަށްވާ ޓްރައިގްލިސެރައިޑްސް މަދުވެ، އެޗް.ޑީ.އެލް ކޮލެސްޓެރޯލް (ރަގަޅު ކޮލެސްޓެރޯލް) އިތުރުވާކަން ފާހަގަކުރެވިފައިވެއެވެ. މީގެ ސަބަބުން ހަށިގަނޑުގެ މުހިއްމު ސިސްޓަމްތައް ކަމަށްވާ ހިތާއި، ލޭހޮޅިތަކާއި ފުރަމޭ އަދި ފުއްޕާމޭގެ އިތުރުން ކިޑްނީގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.
- ދިގު މުއްދަތަށް ދެމިގެންދާ ބަލިތައް ޖެހުން މަދުވުން:
ގައިން ގަޔަށް ނާރާ ބަލިތައް ކަމަށްވާ ހަކުރު ބައޔާއި ހިތުގެ ބައްޔާއި، ލޭނާރުތަކުގެ ބަލި އަދި ހަކުރުބަލި ލޭ މައްޗަށްދިއުން ފަދަ ބަލިތަކަކީ މިހާރު ވަރަށް އާއްމު ވެފައިވާ ބަލިތަކެކެވެ. އަދި އެންމެ ގިނައިން މީހުން މަރުވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައިވެސް މި ބަލިތައް ހިމެނެއެވެ. ގަވާއިދުން ރޯދަ ހިފުމުގެ ސަބަބުން މިފަދަ ބަލިތަށް ޖެހުމުގެ ފުރްޞަތު ކުޑަވާކަމަށް ދިރާސާތަކުން ދައްކައެވެ.
- ހިތުގެ ދުޅަހެޔޮކަން އިތުރުވުން:
ހިތުގެ ބަލިތަކަށް މަގުފަހިކޮށްދޭ ކަންތައްތަކުގެ ތެރޭގައި ކޮލެސްޓެރޯލް މަތިވުމާއި ހަކުރުބަލި ޖެހުމާއި ލޭ މައްޗަށް ދިއުމާއި ކިޑްނީ އަދި ފުއްޕާމޭގެ ބަލިތައް ޖެހުން ހިމެނެއެވެ. ލިޕިޑްޕްރޮފައިލް އަދި ލޭގެ ޕްރެޝަރު ރަނގަޅުވުމުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަވެއެވެ.
- ސިކުނޑީގެ ރައްކާތެރިކަމާއި ޞިއްޙަތުރަގަޅުވުން:
ރޯދައިގެ ސަބަބުން ސިކުނޑީގެ ތާޒާކަމާއި ކަންކަމަށް ހޭނި ރަގަޅަށް މަސައްކަތް ކުރުމުގައި ދެމިއޮތުން (ނިއުރޯޕްލާސްޓިސިޓީ) އިތުރުވެ، ސިކުނޑީގެ ކުދިކުދި ނާރުތަކަށް ދިމާވާ އަނިޔާތަކުން ލިބޭގެއްލުންތައް މަރާމާތުކޮށް ސިކުނޑި ރައްކާތެރިކޮށް ހިފަހައްޓައިދޭ ނިޒާމުތައް ވަރުގަދަވެއެވެ. މީގެ ސަބަބުން ހަނދާން ގަދަވުމާއި ވިސްނުންތޫނުވުން އިތުރުކޮށްދެއެވެ.
- އިންފްލަމޭޝަން ނުވަތަ ދުޅަވުން ކުޑަވުން:
ރޯދައިގެ ސަބަބުން ހަށިގަނޑުގައި އުފެދޭ އިންފްލަމޭޓަރީ މާކަރުތައް (ހަށިގަނޑުގެ ގުނަވަންތަކުގައި ވިހަފެންޖަމާވެ ދުޅަވުމުން އުފެދޭ މާއްދާތައް)
މަދުވެ، މުޅި ހަށިގަނޑުގެ ޞިއްޙަތު ރަނގަޅުވެއެވެ. މީގެ ސަބަބުން ވަކި އަނިޔާއެއްނުވެ ގައިގެ އެކި ގުނަވަންތަކުގައި ރިއްސުމާއި، ހަރަކާތް ކުރަން އުދަގޫވުންފަދަ ކަންތައްތަކުން ސަލާމަތްކޮށްދެއެވެ.
- އުމުރު ދިގުވުމާއި އުމުރުން ދުވަސްވުމުގެ އަސަރުތައް ކުޑަކޮށްދިނުން:
އިސްލާމީ ރޯދައިގެ ސަބަބުން ކެއުން މަދުވެ އެތެރެވާ ކެލޮރީ މަދުވުމުގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ސެލްތަކުގެ ލެވެލްގައި މަސައްކަތްތައް ރަގަޅުވެ ގިނަދުވަހު ފުރިހަމަ ސިއްހަތެއްގައި އެ ސެލްތައް ދެމިހުރުމުގެ ސަބަބުން އުމުރު ދިގުވުމާއި ބައޮލޮޖިކަލް ގޮތުން އުމުރުން ދުވަސްވުމުގެ އަސަރުތައް ފާޅުވުން ކުޑަވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އުމުރުން ދުވަސްވުމުގެ އަސަރު ފާޅުވުން ލަސްވުމާއި ފުރިހަމަ ސިއްހަތެއްގައި އުފާވެރި އަދި ދިގު އުމުރެއް ލިބުމުގައި އެހީތެރިވެދެއެވެ.
- ނަފްސާނީ ޞިއްޙަތާއި ރޫޙާނީ ދުޅަހެޔޮކަން އިތުރުވުން:
މުސްލިމުންނަށް ރޯދައިން ލިބޭ އެންމެ ބޮޑު ސިއްހީ ފައިދާއަކީ އިޚުލާޞްތެރިކަމާއެކު ހިފާރޯދައިގެ ސަބަބުން ލިބޭ ނަފްސާނީ އަދި ރޫހާނީ ހިތްހަމަޖެހުމެވެ. މީގެ ސަބަބުން ހަށިގަނޑުގެ އެހެން ހުރިހާ ގުނަވަންތަކަށް މީގެ ރަގަޅު އަސަރުކުރެއެވެ. އޭގެ ތެރޭގައި ސިކުނޑިއާ ހިތުގެ ހަމަޖެހުން ހިމެނެއެވެ.
އިސްވެ ދެންނެވުނު ސިއްހީ ފައިދާތަކަކީ ރޯދައިގެ އަޅުކަން އަދާކުރުމުން ކީރިތި ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވުމަށް ކަނޑައޅުއްވާފައިވާ މަތިވެރި ސަވާބުގެ އިތުރުން ދުނިޔަވީ ހަޔާތުގައި ލިބިގަނެވޭނެ ފައިދާ ތަކެވެ. ނަމަވެސް ރޯދަމަހުގައި އަޅުކަން ކުރުމާއި އަދި ކެއުންބުއިމުގެ އާދަކާދަ ރާވައިލެވިފައިވާ ގޮތުން މިފަދަ ފައިދާތައް ލިބިގަތުމުގައި އެންމެން އެއްވަރު ނުވާނެ ކަން ޔަގީނެވެ.
ކާނާއާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ލަފާތައް:
– ހަށިގަނޑަށް ބޭނުންވާ ކާނާގެ ހުރިހާ މާއްދާތައް ހިމެނޭ ކާނާތައް ކެއުން ވަރަށް މުހިއްމެވެ. އޭގެތެރޭގައި ރަނގަޅު ޕްރޮޓީން ލިއްބައިދޭ މަހުގެ ބާވަތްތަކާއި، ތަރުކާރީއާއި، ރަނގަޅު ތެލުގެ މާއްދާތައް ހިމެނޭ ކާނާގެ ބާވަތްތައް ކެއުމަށް ސަމާލުވާންޖެހެއެވެ.
– އިފްޠާރާއި ސަޙޫރާ ދެމެދު ގިނައިން ފެން ނުވަތަ ދިޔާތަކެތި ބުއިމަކީ މުހިއްމު ކަމެކެވެ.
– ތެލުލާފައި ހުންނަ ކާނާއާއި، ޕްރޮސެސްކޮށް ދަޅުގައި ބަންދު ކޮށްފައި ހުންނަ ތާޒާނޫން ކާނާ ކެއުމާއި އަދި އިރުއިރުކޮޅާ ކުދި ކުދި އެތިކޮޅުކޮޅުން ކައި ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ.
– ރަނގަޅަށް ނިދި ނުލިބުމަކީ ހަށިގަނޑުގެ ވަރަށްގިނަ ސިސްޓަމްތަކަށް އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރާކަމެކެވެ. ވުމާއެކު ކޮންމެވެސް ވަގުތެއްގައި ރަގަޅަށް ނިދުމަކީ ވަރަށްވެސް މުހިއްކަމެކެވެ.
– މާ ގަދައަށް ނޫނަސް ކޮންމެވެސް ވަރެއްގެ ކަސްރަތެއް ކުރުމުގައި ދެމިހުރުމަކީ ރޯދަމަހުގައިވެސް ވަރަށް މުހިއްމު ކަމެކެވެ.
ސަމާލުވުން މުހިންމު ކަންތައްތައް:
– ރޯދަމަހަކީ ވަރަށް ތަފާތު ގޮތަކަށް ކަންތައްތައް ރޭވިފައިވާ މަހަކަށް ވުމާއެކު ކުރިން ދިރިއުޅެމުން އައި ގޮތަށް ވަރަށް ބޮޑު ބަދަލެއް އެ މަހުގައި އާދެއެވެ. މީގެ ތެރޭގައި ކޮފީ ފަދަ ކެފެއިން ހިމެނޭ އެއްޗެހި ބުއިމަށް އާދަވެފައިވާ މީހުންނަށް އެ ގަޑީގައި ކޮފީ ނުބޮވުމުގެ ސަބަބުން ބައެއް މީހުންގެ ބޮލުގައި ރިއްސުމާއި، ހަޖަމު ނުވުމާއި، ހަށިގަނޑަށް ފެން މަދުވުމާއި، ނިދުމުގައި ދަތިތަކާ ކުރިމަތިވެދާނެއެވެ. މިފަދަ ކަންކަމަށް ކުރިއާލައި ތައްޔާރުވުމަކީ އެންމެ ބުއްދިވެރިގޮތެވެ. ރޯދަމަހުގެ ދުވަސްކޮޅެއްކުރިން ދުވަހުގެ ރޯޓީން ބަދަލު ކުރެވިދާނެއެވެ.
– ދިގު މުއްދަތުގެ ބަލިތައް ހުންނަ މީހުން ރޯދަ ހިފުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ. އަދި ބޭސްކާނެ ގަޑިތަކާއި ކާބޯ ތަކެތި ކެއުމުގައި ގެންގުޅޭނެ މިންގަނޑުތަކެއް ކުރިއްސުރެ ހަމަޖައްސަން ވާނެއެވެ.
– ބަލިމީހުންނާއި، މާބަނޑު އަންހެނުންނާއި، ކިރުދޭ މައިންނާއި، ދަތުރުވެރިންނާއި، ޙައިޟުވެރި އަންހެނުންނަށް ރޯދަ ނުހިފުމުގެ ރުޚުޞަތު ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައެވެ.
މުސްލިމުން ރޯދަހިފަނީ އިސްލާމްދީނުގެ ފަރުޟެއް އަދާކުރުމުގެ ނިޔަތުގައެވެ. ނަމަވެސް އެ ފަރްޟު އަދާކުރުމުގެ ސަބަބުން ޖިސްމާނީ، ނަފްސާނީ އަދި ރޫޙާނީ ޞިއްޙަތަށް ހީވެސް ނުކުރާކަހަލަ ރަގަޅުފައިދާތައް ލިބޭކަން މިހާރު މިވަނީ ދިރާސާތަކުން ދައްކާފައެވެ. ރަނގަޅު ކާނާއާއި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކާ އެކު ރޯދަ ހިފުމަކީ ބަލިތައް ޖެހުން ހުއްޓުވުމަށާއި، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، ނަފްސުގެ ދުޅަހެޔޮކަމަށް ވަރަށް ހެޔޮއަސަރުތަކެއް ކުރާކަމެއްކަންވެސް ވަނީ ދިރާސާވެރިން ސާބިތުކޮށްދީފައެވެ. ރަމަޟާން ކަރީމް!
ރިފަރެންސްތައް:
- Trepanowski JF, et a (2017). Effect of alternate-day fasting on weight loss. JAMA Internal Medicine, 177(7), 930-938.
- Norouzy A, et a (2013). Ramadan fasting on weight and body composition. J Hum Nutr Diet, 26 Suppl 1, 97-104.
- Azevedo FR, et al. (2013). Intermittent fasting on metabolism. Rev Assoc Med Bras, 59(2), 167- 4
- Sadeghirad B, et al. (2014). Islamic fasting and weight loss. J Hum Nutr Diet, 27(Suppl 1), 52-61.
- Kul S, et a (2014). Ramadan fasting and blood lipids. J Relig Health, 53(3), 929-942.
- Patterson RE, et a (2015). Intermittent fasting and metabolic health. J Acad Nutr Diet, 115(8), 1203-1212. 7. Faris MA, et al. (2012). Ramadan fasting and cytokines. Nutr Res, 32(12), 947-955.
- Mattson MP, et a (2017). Intermittent fasting and health. Ageing Res Rev, 39, 46-58.
- Faris MAE, et a (2019). Ramadan fasting, inflammation and oxidative stress. Nutrients, 11(5), 1231. 10. Fontana L, et al. (2010). Calorie restriction and lifespan. Science, 328(5976), 321-326.
- Ahmed MH, Abdu TA. (2011). Diabetes and Ramadan: glycemic therapies. Ann Saudi Med, 31(4), 402-406.