
ކެންސަރައަށް ފަރުވާކުރުމަށް ފަހު، އަލުން އެވައްތަރުގެ ކެންސަރެއް ކުރިންފަރުވާކުރި ހިސާބަށް ނޫނީ ހަށިގަނޑުގެ އެހެންހިސާބަކަށް އައުމުން، ދެވަނަފަހަރަށް ކެންސަރ އަނބުރާ އައިކަމަށް ހުށަ ހެޅެއެވެ. ދެވަނަފަހަރަށް މިގޮތައް ކެންސަރެއް އައުމަކީ ނާދިރުކަމެއް ނޫނެވެ. ބުނެވޭގޮތުގައި ކެންސަރގެ ފަރުވާއަށް ހުށަހެޅޭ ކޮންމެ ހަތް މީހެއް ގެ ތެރެއިން އެކަކީ ކުރިން އެފަދަ ކެންސަރަކަށް ފަރުވާ ކޮށްފައިވާމީހެކެވެ.(އެސް.ކޯ)
މިފަދައިން ކެންސަރެއް އަލުން ތަހައްމަލް ކުރަންޖެހުމަކީ ބުރަކަމެކެވެ. ކުރިންފަރުވާ ކުރުމުގައި ދިމާވި ކަންކަމަށް އަލުން ހުށަހެޅެއެވެ. ހާއްސަގޮތެއްގައި މެދުވެރި ވާ ނަފްސާނީ ބުރައަށެވެ. (ފަރުވާއަށް ފަހު ހަށިގަނޑުގައިލާ ފެންނަން ހުންނަ ލަކުނަކަށް ވުރެ މިފަދަ ކަމެއް ތަހައްމަލް ކުރާއިރު ނަފްސާނީ ގޮތުން ލާ “ލަކުނު” ތަކުގެ ވޭން އެތައްގުނައަކަށް އިތުރު ވާނެއެެވެ).
މިފަދަ “ޑައިގްނޯސިސް” އަކަށް ފަހު މިކަމުގެ ނުރަނގަޅު އަސަރުތައް ބަލިމީހާގެ އިތުރުން، އެމީހެއްގެ ލޯބިވާ އާއިލާ އަދި ބެލެނިވެރިއެއްގެ ގޮތުގައި ތިބޭމީހުންނަށް ކުރާނެއެވެ. އަދި އަމިއްލަ ނަފްސާއި ހަށިގަނޑަށް ކުރަމުންދިޔަ އިތުބާރުގެއްލިދެއެވެ. ފަރުވާދިނުމަށް އެތަކެއް ދުވާލަކާ ރޭތަކެއް އެއްކޮށް ވޭތުކުރި ޓީމުގެ އިތުބާރު ގެއްލި ރުޅި އިސްކުރެވޭގޮތް ވެއެވެ.
އެހެން ގޮތަކަށް ކަން ކަން ކުރެވުނުނަމަ މި ކަމުންރައްކާ ތެރިކަން ލިބުނީސް ބާ؟
މިއީ، ވަރަށްގިނަފަހަރު އިޙްތިޔާރުގައްޔާއި ބޭއިޙްތިޔާރުގައި އަމިއްލަ ނަފްސަށް ކުރެވޭ ސުވާލެކެވެ. އަދި އަމިއްލަ އިޙްމާލުންވީ ކަމެއް ކަމުގައި ނިންމައެވެ. ނަމަވަސް ގަބޫލް ކުރަންވީ ހަގީގަތަކީ “ހުރިހާ” ކަމެއް ރަނގަޅަށް ކުރެވުނު ކަމުގައިވީ ކަމުގައި ވިޔަސް މިފަދަ ގޮތަކަށް ބަލި އަނބުރާ އައުމުގެ ފުރުސަތު އޮވެއެވެ.
ފަރުވާއަށާއި، ކެންސަރ އިތުރަށް ދެނެގަތުމަށް އައިސްފައިވާ ކުރިއެރުމާއެކުވެސް މިއީ ސީދާޖަވާބު އިންގޭ ސުވާލެއް ނޫނެވެ.
އަހަރެންނަށް އަނެއްކާ ވެސް ބަލި އައީ ކީއްވެ!
ބައެއްފަހަރު މިސުވާލަށް ޖަވާބުހޯދުމުގަގިނަ ވަގުތު ހޭދަވެއެވެ. ނަމަވެސް އަނެއްބަޔަކު މިކަމުންސަލާމަތް ވާނެ އެންމެރަނގަޅު މަގުހޯދުމުގަ އަވަސްވެގަނެއެވެ. މިކަމުގެ ފިކުރުގައި ފަރުވާޔާއެކު ކުރިއަށް ނުދެވި ލަސްވެއެވެ. މިހިސާބުން މަޑުޖެހިއްޖެނަމަ، ފަރުވާކުރާ ޓީމުގެ ފަރާތުން އެހީހޯދުން މުހިއްމުވާނެއެވެ. ކުރިއަށް ދާނެ މަގެއް އަލުން ކޮށޭނެއެވެ. މިފަދަ ވަގުތެއްގައި އަލުން ކޮޅަށް ތެދުވުމުގައި ނަފްސާނީ ދުޅަހެޔޮ ކަމަށް އެހީ ހޯދުމަކީ ވަރަށް މުހިއްމުކަމެކެވެ. މިއީ ކެންސަރަށް ފަރުވާކުރުން ހާ މުހިއްމު ކަމެކެވެ.
އަލުން ފަރުވާފެށުން.
މިފަދަ ބައްޔަކަށް ފަރުވާ އެއްފެށުމުގެ ކުރިން، ޑޮކްޓަރުނޫނީ ޑޮކްޓަރުންގެ ޓީމަކުން ފަރުވާ ގެންދާނެ ގޮތާ، މިފަަދަ ޙާލަތެއްގައި ފަރުވާގެ ބާވަތް ތައް ކިޔައި ދެވޭނެއެވެ. މުޙިއްމުކަމަކީ ފަރުވާލިބިގަންނަ ފަރާތުގެ ހިތުގައި އުފެދިފައިވާ ސުވާލުތަކާ އަދި ސާފުނުވާ ކަމެއްވާނަމަ މިފުރުސަތުގައި ޑޮކްޓަރުންގެ ޓީމުން ޖަވާބުހޯދުމެވެ. މީސާލަކަށް މައިގަނޑުގޮތެއް ގައި މިފަރުވާ ގެ އަސްލަކީ ފުރިހަމަ ޝިފާ ތޯ، ބަލިކޮންޓްރޯލް ކުރުން ތޯ ނޫނީ ތިބާއަށް ދިމާވަމުން އަންނަ ތަކުލީފުތައް ލުއިކުރަންދޭފަރުވާ އެއްތޯއެވެ. މިފަދަ ވަގުތެއްގައި ދެވަނަ ލަފައެއް ހޯދުމަކީ ވެސް ފަރުވާއެއްފެށުމުގެ ކުރިން ބުއްދިވެރިކަމެކެވެ.
މިފަހަރު ފަރުވާ ތަފާތުވީ ކީއްވެ.
ބައެއްފަހަރު އެންމެ ފުރަތަމަ ފަރުވާދިން ގޮތާއެއްކަހަލަ ގޮތަކަށް ދެވަނަފަހަރު ފަރުވާހުށަހެޅެއެވެ. މިސާލަކަށް ކުރިން އުރަމަތީގެ ކެންސަރަށްފަރުވާކޮށްފައި ވާނަމަ، ދެވަނަ ފަހަރުވެސް ބަލި އުރަމައްޗައް އައުމުން ޓިއުމަރ ނެގުމަށް އަލުން އޮޕަރޭޝަން ކުރަން ޖެހެއެވެ. އޮޕަރޭޝަނަށް ފަހު ރޭޑިއޭޝަން ފަރުވާ އުރަމައްޗައް ދޭންޖެހެއެވެ. ހާއްސަކޮށް ކުރިން ރޭޑިއޭޝަން ފަރުވާބޭނުންނުކުރާނަމައެވެ. އަދި އިތުރުފަރުވާގެ ގޮތުގައި ކީމޯތެރަޕީ ނުވަތަ ހޯމޯން ގެ ފަރުވާ ދޭނެއެވެ.
(ނޯޓް:މައިގަނޑު ގޮތެއްގައި ކެންސަރުގެ ފަރުވާއަކީ ވަކި މިންގަޑުތަކަކަށް އެއްބަސް ވެވިގެން، ކެންސަރުގެ ފަރުވާ”ސްޓޭންޑަޑައިޒް” ކުރެވިގެން ދެވޭފަރުވާއެކެވެ. މިގޮތުން ގިނަ ތަޖުރިބާކާރުން (ތަޙުލީލް ތަކާ، ހެދިފައިވާ ގިނަ ދިރާސާއަށް ބިނާވެ) “ގައިޑްލައިން” އުފައްދާ، މިފަދަ ގައިޑްލައިން ތައް އިލްމުވެރިންގެ އިއްތިފާގުން ބަދަލުކުރަން ފެންނަ ފަހަރަކު ބަދަލުކުރެއެވެ. މިފަދަ ޖަމާއަތްތަކަކީ ދުނިޔޭގެފެންވަރުގައި މަސައްކަތް ކުރާބައެކެވެ.)
ގިނަފަހަރު މިފަދަ ފަރުވާ އަކަށް ރާވަމުންދާއިރު ވިސްނާނެ މައިގަނޑު ނުކުތާ ތިރީގައި ބަޔާން ކޮށްލަމެވެ.
- ކެންސަރުގެ ބާވަތް
- އަލުން ބަލި(ފަރުވާ އަށް ފަހު) އަނބުރާ އައި މުއްދަތު
- އަލުން ބަލި ފެނުނު ގުނަވަން
- ބަލި ފެތުރިފަ ވާ މިންވަރު
- ތިބާގެ އާންމު ސިއްޙަތު
- ބައްޔާބެހޭގޮތުން، މިހާރުހުރިހިސާބާ، ޑޮކްޓަރުން ހުށަހެޅި ފަރުވާ(ތަކަށް) ބިނާވެ ބަލިމީހާ ކުރިއަށް ދާންބޭނުން ވާގޮތް.
(ނޯޓް: ފުރަތަމަ ފަހަރާއި ހިލާފަށް ދެވަނަ ފަަހަރު ބަލިއެނބުރި އައުމުން، ކެންސަރުގެ ސެލްތައް ކީމޯތެރަޕީައަށް ނުގުޑާފާނެއެވެ. ނުނީ ކީމޯތެރަޕީ އަށް “ރެސިސްޓަންސް” އުފެދެ އެވެ. މިއީވެސް ފުރަތަމަ ފަހަރާ، މިފަހަރުފަރުވާތަފާތުވުމުގެ މައިގަނޑު ސަބަބެކެވެ.
މަރުވެދާނެކަމުގެ ބިރު:
“އަހަރެންގެ އުމުރަކީ 35 އަހަރެވެ. ދެވަނަފަހަރަށް އަނެއްކާވެސް ތަހަމަލްކުރަން މިޖެހުނީ، އަދި ދުނިޔެ ދޫކޮށް ދާކަށް ބޭނުމެއްނޫން”
ކޮންމެ އުމުރެއްގައިވެސް ކެންސަރއާ ހަނގުރާމަ ކުރުމަކީ އުނދަގޫ ދަތިކަމެކެވެ. ހާއްސަކޮށް ޒުވާން އުމުރުގައި ކެންސަރުފަދަ ބައްޔަކާ ހަނގުރާމަކުރުމަކީ ވަރަށް އުނދަގޫކަމެކެެވެ. ސަބަބަކީ ކުރިއަށް މުސްތަގްބަލާ ދޭތެރޭދެކިފައި ހުރި ފޮނި ހުވަފެންތަކާއި ރަވާފައި ވާކަންކަން އަދި ހަގީގަތަކަށް ހެދުމަށް ވަގުތު ކުޑަތަން ވީތީއެވެ.
ޒުވާންއުމުރުގައި ޖެހޭގިނަ ކެންސަރ އަކީ އޭގެޒާތުގައި އަވަހަށް ފެތުރޭ، ބާރު ގަދަ ކެންސަރއެކެވެ. އެހެންކަމުން ބައެއްފަހަރު ފަރުވާކުރަން ދަތި ވައްތަރެއްވެސް މެއެވެ.
މަރަކީ ދުނިޔެއަށް އައުމަށް ފަހު ދެން އެންމެ ގާތް ހަގީގަތެވެ.”ދިރިހުރި ކޮންމެފުރާނައަކީ މަރުގެ ރަހަދެކޭނެއެއްޗެކެވެ”
އެހެނަސް، ގަބޫލްކުރަންވީ ހަގީގަތަކީ، އިރާދަކުރެއްވިއްޔާ، ފަރުވާއަށް އައިސްފާވާ ބަދަލާއެކު، މިފަދަ ހާލަތްތަކަށް ވެސްވަނީ ގިނަ ކުރިއެރުންތަކެއް އައިސްފައެވެ. މާނައަކީ ކެންސަރ އަލުން އައިކަމުގައި ވިޔަސް، ފަރުވާއިން ޝިފާލިބޭ ސައްތަ ވަނީ ވޭތުވެދިޔަ ދިހަ އަހަރުތެރޭގައި މުހިއްމުއަދަދަކުން އިތުރުވެފައެވެ.
އަދި ކެންސަރު “އެޑްވާންސް” ވެފައި ވީކަމުގައި ވިޔަސް ގިނަ ވައްތަރުގެ ކެންސަރއަކީ ،ދާއިމީ އެހެނިހެން ބަލިތަކަށް (މިސާލަކަށް ހަކުރުބަލި ފަދަބަލިތަކަށް) ފަރުވާ ދޭފަދައިން “ކޮންޓްރޯލް” ކުރެވޭ ބައްޔެކެވެ.
އެހެންކަމުން، އެންމެ ބުއްދިވެރި ގޮތަކީ ތިބާއަށް މެދުވެރިވި މިހާލު އަމިއްލައަށް ބަލގަބޫލް ކުރުމުގެ ކުރިން، ފަރުވާހުށަހަޅާ ޑޮކްޓަރާ މަޝްވަރާކޮށް، މިކަމަގު ހަގީގަތް އޮޅުން ފިލުވުމެވެ.
ފަހުބަސް
ލިބޭފަރުވާ އަކީ ބޭސް ގުޅައެއް ނޫނީ ކީމޯ އިންޖެކްޝަނެއްކަމުގައި ހަމައެކަނި ނުދެކޭށެވެ. ތިބާގެ ވިސްނުމާ ސިކުނޑި ދުޅަހެޔޮކޮށް ބެހެއްޓުމަކީ އެންމެ މުހިއްމު ލަނޑުދަނޑި ކަމުގައިހަދަމަތޯއެވެ.
އަދިހަނގުރާމައިގެ މައިދާނަށް ނުކުތުމުގެ ކުރިން، ބަލިގަބޫލް ކޮށް މައިދާންދޫކޮށް ނުދާށެވެ. ކެންސަރު ފަދަބައްޔަކަށް ވެސް ތިބާގެ ހިއްވަރާއި އަޒުމްގުޑުވާލިޔަ ނުދޭށެވެ. ތިމާއަށް ދިމާވީ މުހިއްމު އިމްތިޙާނެއްކަމަށް ބަލާ، މިފަދަ ދަނޑިވަޅަކީ ތިބާގެ ހުރިހާ ހިއްވަރަކާ ހަކަތައެއް ބޭނުންކޮށް ގެން ފަސޭހަވާން މަސައްކަތް ކުރަންވީ ދަނޑިވަޅެކެެވެ.
ފަރުވާއަށް ފަހުއިރާދަކުރެއްވިއްޔާ ޑޮކްޓަރުގެ އޮފީހުން ޝަރަފްވެރި ކަމާއެކު އިސްއުފުލާ، ބަލިން ޝިފާލިބިގެން އާންމު ދިރިއުޅުމަށް ނިކުންނާނެ ދުވަހާދޭތެރޭ ދެކެންވީ ވަގުތެވެ.
”އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. ތިބާއި މިދުނިޔޭގައި މިވަގުތު، މިބައްޔާހަނގުރާމަ ކުރަމުން ދާ އެތަށް މިލިއަން މީހުން ގެ ތެރެއިން ކާމިޔާބުގެ މަގުމަތީގައިވާ މީހެކެވެ. އުފާވެރި ޚަބަރަކީ މިބަލީގެ ފަރުވާއަށް ފަހު ރަނގަޅު ވަމުން އަންނަމީހުންގެމިން ވަރު، މުޅިދުނިޔޭގައި ވެސް ކޮންމެ ދުވަހަކު އަންނަނީ އިތުރުވަމުންނެވެ. އެފަދަ މީހުން ފަދައިން ތިބާ އަކީވެސް މައުނަވީ ފުރިހަމަ ޙަޔާތެއް، ކެންސަރ އަށް ފަހު ވޭތުކުރެވޭނެ ބަތަލެކެވެ..”
ރެފެރެންސްތައް:
https://www.cancer.net/survivorship/what-second-cancer