
ހުންކޮށި ނެގުމަށް ކުރާ އޮޕެރޭޝަން ދެ ގޮތަކަށް ކުރެއެވެ. ފުރަތަމަ ގޮތަކީ ބަނޑު ކަފާލައިގެން ކުރާ (އޮޕެން ސްޕްލެނެކްޓޮމީ) އޮޕެރޭޝަނެވެ. ދެވަނަ ގޮތަކީ ބަނޑުން ބޮޑުތަނެއް ކަފާނުލައި ބަނޑުގައި ލޯވަޅުތަކެއް އަޅައިގެން ކުރާ (ލެޕްރޮސްކޮޕިކް ސްޕްލެނެކްޓޮމީ) އޮޕެރޭޝަނެވެ. އޮޕެރޭޝަނަށްފަހު ރިކަވަރ ވުމުގައި މި އޮޕެރޭޝަން ކުރާގޮތް ވަރަށް ބޮޑު ތަފާތު ރޯލެއް އަދާކުރެއެވެ. ހުންކޮށި ނެގުމަކީ ނިސްބަތުން ކުޑަ އޮޕެރޭޝަނެއް ނޫނެވެ. ކުރިއްސުރެ އެކަމަށް ތައްޔާރުވެ ވެކްސިން ޖެހުމާއި އަދި ލޭގެ މައްސަލަތައް ރަގަޅުކުރުމާއި އަދި އާއްމު ސިއްހަތު ރަގަޅުކުރުމަށް މަސައްކަތް ކުރެވިއްޖެނަމަ އޮޕެރޭޝަނަށްފަހު ކުރިމަތިލާންޖެހޭ މައްސަލަތައް މަދުވެފައި އާއްމު ދިރިއުޅުމަށް އެބުރިދިއުމުގައި އަވަސްކަމެއް އަންނާނެކަން ޔަގީނެވެ.
ހުންކޮށީގެ އޮޕަރޭޝަނަށްފަހު ރަނގަޅުވުމުގެ މުއްދަތު:
ހުންކޮށި އޮޕެރޭޝަން ކުރެވުނު ގޮތް ރަނގަޅުވުމުގެ މުއްދަތުކަނޑައެޅުމުގައި ވަރަށްބޮޑު ރޯލެއް ކުޅެއެވެ. ބަނޑު ކަފާނުލައި ލޯވަޅުއަޅައިގެން އޮޕެރޭޝަން ކޮށްފައިވާނަމަ ރަގަޅުވުމުގެ މުއްދަތު ކުރުވެފައި އަވަސް ވެއެވ:
- ހޮސްޕިޓަލުގައި މަޑުކުރަންޖެހޭ މުއްދަތު: ލެޕްރޮސްކޮޕިކް ސަރޖަރީއަށްފަހު ދެތިންދުވަހުގެތެރޭގައި ގެއަށް ދެވިދާނެއެވެ. ނަމަވެސް ކަފާލައިގެން އޮޕެރޭޝަންކޮށްފައިވާނަމަ އާންމު ގޮތެއްގައި ދެ ދުވަހުން ފެށިގެން ހަ ދުވަހާ ހަމައަށް ހޮސްޕިޓަލުގައި މަޑުކުރަން ޖެހިދާނެއެވެ.
- އާންމު ދިރިއުޅުމަށް އެނބުރި ދެވޭ މުއްދަތު:
◦ ލެޕްރޮސްކޮޕިކް ސަރޖަރީ: ދެ ހަފްތާގެ ތެރޭގައި އާންމު ދިރިއުޅުމުގެ ހަރަކާތްތަކަށް އެނބުރި ދެވިދާނެއެވެ.
◦ ކަފާލައިގެން އޮޕެރޭޝަންކޮށްފައިވާނަމަ: ފުރިހަމައަށް ރަނގަޅުވެ އާންމު ހަރަކާތްތަކަށް އެނބުރި ދިއުމަށް ހަ ހަފްތާ ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ނަގާފާނެއެވެ.
- ކާނާ: ލެޕްރެސްކޮޕިކް ސާޖަރީ އަށްފަހު ކުރިން ކަމުން އައި ތަކެތި ކެއުން އަވަސްވާނެއެވެ. ނަމަވެސް ކަފާލައިގެން ކުރާ އޮޕެރޭޝަނަށްފަހު އާންމު ކާނާއަށް އެނބުރި ދިއުމަށް ތަންކޮޅެއް ގިނަ ދުވަސް ނަގާފާނެއެވެ. މިކަން ކުރާނީ ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށެވެ.
- ރިއްސުން ކޮންޓްރޯލްކުރުން: އޮޕަރޭޝަނަށްފަހު ކޮންމެވެސް ވަރަކަށް ރިއްސުން ހުންނާނެއެވެ. މިކަން ބޭސް ދީގެން ކޮންޓްރޯލްކުރެވޭނެއެވެ.
އޮޕަރޭޝަނަށްފަހު ބަލިމީހާއަށް ދޭ ލަފާ:
ހުންކޮށިނެގުމަށް ކުރާ އޮޕެރޭޝަނަށްފަހު ދިގު މުއްދަތަކަށް ފޮލޯއަޕް ކުރުމާއި ވަކި ކަންތައްތަކަށް ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ:
- ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް އެންގުން: އޮޕެރޭޝަންގެ ކުރިން ފަރުވާ ކުރަމުން ފޮލޮއަޕް ކުރަމުންއައި އެތެރެހަށީގެ ޑޮކްޓަރާއި، ދަތުގެ ޚާއްޞަ ޑޮކްޓަރާއި އަދި އެހެނިހެން ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް ބަލިމީހާގެ ހުންކޮށި ނަގާފައިވާކަން އަންގަންވާނެއެވެ. މިއީ ބަލިމީހާއަށް އިންފެކްޝަން ޖެހުމުގެ ނުރައްކާ އިތުރުވެފައިވާކަން އެފަރާތްތަކަށް އެނގުން މުހިންމު ވާތީއެވެ.
- ސިއްހީ އެލާޓް: ކުއްލި ފަރުވާދޭންޖެހޭފަދަ ހާލަތެއްގައިވެސް ބަލިމީހާގެ ހުންކޮށި ނަގާފައިވާ ކަން ފަރުވާކުރާ ޑޮކްޓަރުންނަށް އެނގޭނެފަދަ ގޮތަކަށް މެޑިކަލް މައުލޫމާތު ހިއްސާކުރަން ޖެހޭނެއެވެ. ބައެއް ގައުމުތަކުގައި ހުންކޮށި ނަގާފައިވާކަން އަންގައިދޭ މެޑިކަލް އެލާޓް ބްރޭސްލެޓެއް އަޅައި ނުވަތަ ކާޑެއް ގެންގުޅުމަށް ބަލިމީހާއަށް ލަފާދެއެވެ.
- ވެކްސިންތައް: އޮޕަރޭޝަނުގެ ކުރިން ލަފާދީފައިވާ ވެކްސިންތައް ޖަހާފައިވާކަން ޔަޤީންކުރަންވާނެއެވެ. ބައެއް ހާލަތްތަކުގައި މި ވެކްސިންތަކުގެ ބޫސްޓަރ ޝޮޓްތައް ޖެހުމަށްވެސް ލަފާ ދެއެވެ. ނަމަވެސް މިކަންކަމަކީ ފަރުވާ ކުރާ ޑޮކްޓަރު ފާހަގަ ކުރާނެ ކަންކަމެވެ.
- އެންޓިބަޔޮޓިކްސް: ހުންކޮށި ނަގާފައިވާ ބައެއް ބަލިމީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދިގުމުއްދަތަކަށް އެންޓިބަޔޮޓިކްސް ބޭނުންކުރުމަށް ލަފާދީފާނެއެވެ. ޚާއްޞަކޮށް ކުޑަކުދިންނަށް ނުވަތަ ނުރައްކާތެރި އިންފެކްޝަންތައް ޖެހުމުގެ ފުރުޞަތު އިތުރުވެފައިވާ އެހެނިހެން ހާލަތްތަކުގައިވާ މީހުންނަށް މިކަމަށް ލަފާދިނުމުގެ ފުރްޞަތު ބޮޑެވެ. އަދި ބަލިމީހާއަށް އިންފެކްޝަންގެ ނިޝާންތައް ފެނިއްޖެނަމަ ވަގުތުން ބޭނުންކުރުމަށް ގޭގައި ބަހައްޓާ އެންޓިބަޔޮޓިކްސް ވެސް ޑޮކްޓަރުންގެ ލަފާގެ ތެރޭގައި ހިމެނެއެވެ.
- ހުން އައިސްފިނަމަ ވަގުތުން މެޑިކަލް އެހީ ހޯދުން:4°F (38°C) އަށްވުރެ މަތިން ހުން އަތުވެއްޖެނަމަ ވަގުތުން ޑޮކްޓަރެއް ގެ ލަފާހޯދަން ވާނެއެވެ. މިއީ ނުރައްކާތެރި އިންފެކްޝަނެއްގެ ނިޝާނަކަށް ވެދާނެތީއެވެ. މިފަދަ ހާލަތްތަކުގައި ސިއްހީ އެހީ ހޯދުން ލަސްކުރުމަކީ ނުރައްކާތެރިކަމެކެވެ.
- ދަތުރުފަތުރުގައި ސަމާލުވުން: ދަތުރުފަތުރުގެ ޕްލޭންތަކާ ބެހޭގޮތުން ޑޮކްޓަރާ މަޝްވަރާކުރަންވާނެއެވެ. ދަތުރުކުރާ ތަނަށް ބަލައި، ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެއް ނުވަތަ ބައެއް ހާލަތްތަކުގައި އިތުރު ވެކްސިންތަކެއް ބޭނުންވުމަކީ އެކަށީގެންވާ ކަމެކެވެ.
- ޖަނަވާރަކު ދަތްއެޅުން: ގޭގައި އޮޅުކޮށްގެން ގެންގުޅޭ ޕެޓެއްކަމަށްވިއަސް ޖަނަވާރަކު ދަތްއަޅައި ޒަކަމްވެއްޖެނަމަ ވަގުތުން ސިއްހީ އެހީ ހޯދަންވާނެއެވެ. އެފަދަ ކަންކަމަކީ ހުންކޮށި ނަގާފައިވާ ބަލިމީހަކަށް ވަރަށް ނުރައްކާތެރި އިންފެކްޝަނތައް ކުރިމަތިކޮށްފާނެ ކަމަކަށްވާތީއެވެ.
- ދުޅަހެޔޮ ދިރިއުޅުމެއް ދިރިއުޅުން: ހެލިފެލިވުމާއި ރަގަޅު ކާނާ ކެއުމާއި ފުރިަހަމއަށް ނިދުން ފަދަ ދުޅަހެޔޮ ދިރިއުޅުމުގެ އާދަކާދަ ގެންގުޅުމަކީ މިފަދަ ބަލިމީހަކު ސަމާލުކަން ދޭންޖެހޭ ކަންކަމެވެ.
- ހުރިހާ ފޮލޯއަޕް އެޕޮއިންޓްމަންޓްތަކަށް ހާޒިރުވުން: ކަނޑައެޅިފައިވާ ހުރިހާ ފޮލޯއަޕް އެޕޮއިންޓްމަންޓްތަކަށް ހާޒިރުވެ ފަރުވާކުރާ ޑޮކްޓަރާއެކީ ކުރިއަށް ދިއުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ހުންކޮށި ނެގުމަށް ކުރާ އޮޕެރޭޝަނަކީ ކުޑަ އޮޕެރޭޝަނެއް ނޫނެވެ. ވުމާއެކު އެ އޮޕެރޭޝަން ކުރުމުގެ ގަރާރު ނެގުމާއި އެކަމަށް ތައްޔާރުވުމާއި އަދި އޮޕެރޭޝަނަށްފަހު ރިކަވަރީގެ އެކި މަރުހަލާތައް ކަޑައްތު ކުރުމުގައި ބަލިމީހާއާއި އާއިލާގެ އެއްބާރުލުން ފަރުވާ ކުރާ ޑޮކްޓަރުންނަށް ވަރަށް މުހިއްމެވެ. އޮޕެރޭޝަނުން ނިކުންނަ ނަތީޖާ ރަގަޅުވަނީ މި އެންމެން އެކީގައި ޓީމެއްގެގޮތުގައި ކުރާ މަސައްކަތުންނެވެ.